ތަބްރީޒު ސަހަރަށް ތާރީޚީ ނަޒަރެއް


މިހާރުގެ ތަބްރީޒު ސަހަރު އޮންނަ ތަނުގައި ބަޔަކު ދިރިއުޅުނުކަމަށް އިޝާރާތްކުރެވިފައިވާ އެންމެ އިހުގެ މަޞްދަރަކީ، މީލާދުގެ ކުރީގެ 714 ވަނަ އަހަރުގެ ފުރޭފެކެވެ. އެއީ އާޝޫރު ރާޖާ ސާގަން: 2 ވަނަ (ސަރުޖޫން: 2 ވަނަ) ގެ ޒަމާނުގައި ބިންވަޅު ނަގައިގެން ލިޔެވިފައިވާ ފުރޭފެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ، އިސްލާމްދީނާއިގެން ވަޑައިގެންނެވިއިރު، ތަބްރީޒަކީ މަޝްހޫރު ސަހަރެއް ނޫނެވެ. އެހެނީ، ހިޖުރައިން 22 ވަނަ އަހަރު (މީލާދީން 643 ވަނަ އަހަރު) އިސްލާމީ ފުތޫޙާތުގެ ތެރެއަށް ތަބްރީޒު އައި އިރު، އެއީ ކުޑަކުޑަ އަވަށެކެވެ. އޭރު އޮތީ ޢުމަރުގެފާނުގެ ޚިލާފަތެވެ. އިސްލާމީ ދައުލަތުގެ ތެރެއަށް އެ އަވަށް ގެނެސްދެއްވީ، ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނަކީ، އައްނުޢުމާން ބްނު މުޤައްރިން އަލްމުޒަނީ އެވެ. އޭރު އެ އަވަށުގެ ކުޑަ ކަމަށް ޓަކައި "ފުތޫޙުލްބުލްދާން" އެވެ، ކިޔާ ފޮތުގައި ވެސް އެ އަވަށް ހިމެނިފައެއް ނުވެއެވެ. އޭރު އެއީ މަދަނިއްޔަތާއި ޙަޟާރަތުގެ ގޮތުން މުހިންމު ކަމެއް އޮތް އަވަށެއް ނޫނެވެ.

އުމަޥީ ދައުލަތުގެ ޒަމާން ނިމިގެންދިޔައިރު ވެސް، ތަބްރީޒު އޮތީ ކުޑަކުޑަ އަވަށެއްގެ ގޮތުގައެވެ. އެ އަވަށް ކުރިއަރައިގެންދިޔައީ، ޢައްބާސީ ދައުލަތުގެ ޒަމާނުގައެވެ. ޚަލީފާ ޖަޢުފަރް އަލްމުތަޥައްކިލު ޢަލަﷲ ގެ ޒަމާނުގައި ޔަމަނުކަރައިގެ ބަޔަކު ތަބްރީޒަށް ހިޖުރަކުރިއެވެ. އެ މީހުންނަކީ ޔަމަނުކަރައިގެ އަޒްދު ޤަބީލާގެ ބަޔެކެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ، އެ މީހުންގެ ލީޑަރު އައްރައްޥާދު އެވެ.

ޚަލީފާ ޖަޢުފަރް އަލްމުތަޥައްކިލު ޢަލަﷲ ގެ ޚިލާފަތު ދެމިއޮތީ ހިޖުރީ ސަނަތުން 232 ވަނަ އަހަރުން ފެށިގެން 247 ވަނަ އަހަރަށެވެ. އެއީ މީލާދީ ސަނަތުން 847 އިން ފެށިގެން 861 އަށެވެ. އޭރު ދިވެހިރާއްޖޭގައި އޮތީ ބުޑިޒަމެވެ.

އައްރައްޥާދުގެ ޒަޢާމަތުގައި ތަބްރީޒަށް ހިޖުރަކުރި ޔަމަނުކަރައިގެ އަޒްދު ޤަބީލާގެ މީހުން، އެ އަވަށް ތަރައްޤީކޮށް، ބޮޑު ސަހަރަކަށް ހެދިއެވެ. އެ ސަހަރުގައި ރީތި ބިނާތަކާއި ގަނޑުވަރުތައް އެ މީހުން އާރާސްތުކުރިއެވެ. އަދި އެ ސަހަރު ޙިމާޔަތްކުރުމަށް ޓަކައި، އެ ސަހަރުގެ ވަށައިގެން ބިޔަ ފާރެއް ބިނާކުރިއެވެ. އެކަމުގެ ސަބަބުން، މީސްތަކުން އެ ސަހަރަށް ހިޖުރަކޮށް، އެ ސަހަރުގައި ވަޒަންވެރިވިއެވެ. އެއަށްފަހު، ވިޔަފާރީގެ މައި މަރުކަޒަކަށް އެ ސަހަރު ވެގެންދިޔައެވެ. އަދި އެ ސަހަރުގައި ވަޒަންވެރިވި ޔަމަނުކަރައިގެ މީހުންނަކީ، ޒަމާންތަކަކަށްފަހު، ޤައުމިއްޔަތުގެ ގޮތުން ކުރުދީން ކަމުގައި ވެގެންދިޔައެވެ.

ތަބްރީޒު ސަހަރު އާރާސްތުވިތާ 200 ވަރަކަށް އަހަރު ފަހުން ހިޖުރީ ސަނަތުން 434 ވަނަ އަހަރު، އެ ސަހަރަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގެ ސަބަބުން، އެ ސަހަރުގެ ބޮޑު ބައެއް ހަލާލުވިއެވެ. ހިޖުރީ ސަނަތުން 438 ވަނަ އަހަރު އެ ސަހަރަށް ޒިޔާރަތްކުރި ދަތުރުވެރިއެއް ކަމުގައިވާ ނާޞިރު ބްނު ޚުސްރޫ ލިޔެފައި ވެއެވެ.

"ތަބްރީޒަށް އަހުރެންނަށް ދެވުނީ، 438 ވަނަ އަހަރުގެ ޞަފަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އޭރު އެއީ އަޒްރަބައިޖާނުގެ ސަހަރެކެވެ. އެ ސަހަރުގެ ބިނާވެށި އާރާސްތުވެފައި ވަނިކޮށް، ހިޖުރައިން 434 ވަނަ އަހަރު ބިންހެލުމެއް އައިކަމުގެ ޚަބަރު ލިބުނެވެ. އެ ބިންހެލުން އައީ ރޭގަނޑެއްގެ ޢިޝާ ނަމާދަށްފަހުގައެވެ. އެ ބިންހެލުމުގެ ސަބަބުން އެ ސަހަރުގެ ބައެއް ހަލާކުވިއެވެ. އަދި އެ ސަހަރުގެ އަހުލުވެރިންގެ ތެރެއިން ސާޅީސް ހާސް މީހުން މަރުވިއެވެ."

ހިޖުރީ ސަނަތުން 422 ވަނަ އަހަރު، މީލާދީ ސަނަތުން 1031 ވަނަ އަހަރު، ތަބްރީޒުގެ ސަރަޙައްދަށް، ތުރުކީންގެ ހަނގުރާމަވެރި ޤަބީލާތަކުގެ މީހުން ފެތުރެންފެށިއެވެ. ތަބްރީޒަށް ދިޔަ އެ ޤަބީލާތަކުގެ މީހުންނާ އިސްތިޤުބާލުކޮށް އެ މީހުންނާމެދު ހެޔޮކޮށް މުޢާމަލާތުކުރެވުނެވެ. އަދި ތަބްރީޒުގެ އަހުލުވެރިން އެ މީހުންނާ ކާވެނިކޮށް، އެ ދެ ބައިމީހުންނީ އެއް ބަޔެއް ކަމުގައި ވެގެންދިޔައެވެ.

ހިޖުރީ ސަނަތުން 446 ވަނަ އަހަރުގައި ތަބްރީޒުގެ ވެރިންނަކީ ތުރުކީން ކަމުގައި ވެގެންދިޔައެވެ. އެއީ މީލާދީ ސަނަތުން 1054 ވަނަ އަހަރެވެ. އެކަން ހިނގައިދިޔަ ގޮތަކީ، ސަލްޖޫޤީ ދައުލަތުގެ ބާނީ ޠުޣުރުލްބެކް (ވެރިކަން ކުރެއްވީ ހިޖުރީ ސަނަތުން 385 އިން 455 އަށެވެ. މީލާދީ ސަނަތުން 995 އިން 1063 އަށެވެ.) ޢިރާޤަށް ކުރެއްވި ދަތުރުފުޅުގައި، އެ މަނިކުފާނު ތަބްރީޒަށް ވަޑައިގެންނެވުމުން، ތަބްރީޒުގެ ވެރިންނާއި އަހުލުވެރިން އެ މަނިކުފާނަށް މަރްޙަބާ ދަންނަވައި، އެ މަނިކުފާނުގެ ވެރިކަމަށް ބޯލަބައި ކިޔަމަންވުމުންނެވެ. ތަބްރީޒުގައި ވެރިކަންކުރަމުންދިޔަ ޔަމަނުކަރައިގެ ރައްޥާދީންނާއި އެ މީހުންނާ އެކުގައި ތިބި ޣަޒުނަވީންގެ ވެރިކަން މުޅިން ނިމިގެންދިޔައީ، އަލްބްއަރްސަލާންގެ ބާރުގެ ދަށަށް ތަބްރީޒު ދިއުމުންނެވެ.

އަލްބްއަރްސަލާން އަކީ ސަލްޖޫޤީ ދައުލަތުގެ ދެވަނަ ވެރިޔާއެވެ. އެ މަނިކުފާނު ވެރިކަމަށް އިސްވެވަޑައިގަތީ، ހިޖުރައިން 455 ވަނަ އަހަރު (މީލާދީން 1063 ވަނަ އަހަރު) ޠުޣުރުލްބެކް އަވަހާރަވުމުންނެވެ. އެ މަނިކުފާނު ވެރިކަމަށް އިސްވެވަޑައިގަތީ 8 ރަމަޟާން 455 ހ. ގައެވެ. (މީލާދީ ސަނަތުން 4 ސެޕްޓެންބަރު 1063 ގައެވެ.) އެމަނިކުފާނު އަވަހާރަވީ 10 ރަބީޢުލްއައްޥަލް 465 ހ. ގައެވެ. (މީލާދީ ސަނަތުން 29 ނޮވެންބަރު 1072 ގައެވެ.) އެމަނިކުފާނަށްފަހު ވެރިކަމަށް އިސްވެވަޑައިގަތީ، އެ މަނިކުފާނުގެ ދަރިކަލުން މަލިކުޝާހު އެވެ. ހިޖުރައިން 485 ވަނަ އަހަރު، މަލިކުޝާހު އަވަހަރާވެއްޖައުމަށްދާންދެން ސަލްޖޫޤީ ދައުލަތަކީ ބާރުގަދަ ދައުލަތެއްގެ ގޮތުގައި ދެމިއޮތެވެ. އެއަށްފަހު ޤަރުނަކަށްވުރެ ދިގު މުއްދަތަށް އެ ދައުލަތް ދެމިއޮތަސް، އެ މުއްދަތުގެ ތެރޭގައި އެ ދައުލަތް ވަނީ، ބައިބައިވެ ބަލިކަށިވެފައެވެ. މެދުތެރޭ އޭޝިޔާގައި އުފެދުނު ސަލްޖޫޤީ ދައުލަތް ނިމިގެންދިޔައީ ހިޖުރީ ސަނަތުން 580 ގައެވެ.

މި ތާރީޚުތަކަށް ނަޒަރު ހިންގައިލުމުން މޭރުންވާ ޙަޤީޤަތަކީ، ދިވެހިރާއްޖެ އިސްލާމްވިއިރު، ތުރުކީންގެ ސަލްޖޫޤީ ދައުލަތް ދެމިއޮތްކަމެވެ. އެހެނީ ދިވެހިރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ތެރޭގައެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. މިއާއެކު ފާހަގަކޮށްލަންޖެހޭ ތާރީޚަކީ، އީރާނުގައި އުފެދުނޫ ޞަފަޥީ ދައުލަތުން، ތަބްރީޒުގެ މައްޗަށް އަތްގަދަކުރި ތާރީޚެވެ. އެ ދައުލަތުން ތަބްރީޒުގެ މައްޗަށް އަތްގަދަކޮށްފައިވަނީ، މީލާދީ ސަނަތުން 1511 ވަނަ އަހަރާއި 1514 ވަނަ އަހަރާ ދެމެދުގައެވެ. އޭގެކުރިން ތަބްރީޒަކީ ތުރުކީ ސަގާފަތުގެ ސަހަރެކެވެ.

ނޯޓު

މަތީގައި ލިޔެވިދިޔަ ތާރީޚުތަކަށް ބަލައިލުމުން ހާމަވާ ވަރަށް މުހިންމު ޙަޤީޤަތެއް ވެއެވެ. އެއީ ދިވެހިރާއްޖެ އިސްލާމްކުރެއްވި ޔޫސުފުގެ ނަންފުޅުގެ ފަހަތަށް އައްތަބްރީޒީ ގެނައުމުން ވާ ގޮތެވެ. އާދޭހެވެ. އެކަލޭގެފާނު ތަބްރީޒަށް ނިސްބަތްކުރުމުން ވާ ގޮތެވެ. އެކަލޭގެފާނަކީ ތަބްރީޒުގެ ބޭކަލެއް ކަމުގައި ވާނަމަ، އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާނީ، ތުރުކީ ސަގާފަތަށެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ، މަޖޫސީ ފާރިސީ ސަގާފަތަކަށެއް ނޫނެވެ. އެކަލޭގެފާނަކީ، ތަބްރީޒުގެ ބޭކަލެއް ކަމުގައި ވާނަމަ، ނަސަބުގެ ގޮތުން އެކަލޭގެފާނާ ޔަމަނުކަރައާ ގުޅިފައި ވުމަކީ ގާތް ކަމެއްކަން ވެސް އެނގެއެވެ. އެހެނީ، ތަބްރީޒު ސަހަރު އާރާސްތުކުރީ ޔަމަނުކަރައިގެ އަޒްދު ޤަބީލާގެ ބަޔެކެވެ.

މަޞްދަރު

އިސްލާމީ ތާރީޚު