ފުވައްމުލަކުން ފެނުނު މިޞްރުގެ އާސާރު
ދިވެހިރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަލްމަރްޙޫމު
އަޙްމަދު ޝަފީޤުގެ އަރިއަހުގައި، ކުރެހުމުގެ
މަސައްކަތްކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. އެއީ
ވިހި ވަނަ ޤަރުނުގެ އަށްޑިހައިގެ ދަހަރުގެ ކުރީކޮޅެވެ. އެ
ދުވަސްވަރު އަޅުގަނޑު ކުރެހީ، ދިވެހި ސަގާފަތުގެ ތެރެއިން
ޝަފީޤު ވިދާޅުވާ ތަކެއްޗެވެ. އޭގެ ތެރޭގައި މަޑީގެ
ބާވަތްތައް ހިމެނެއެވެ. އެ ދުވަސްވަރު، ދިވެހި ތާރީޚާއި
ސަގާފަތާ ބެހޭ ބައެއް ވާހަކަތައް ވެސް އޭނާ
ވިދާޅުވެދެއްވައެވެ. ދިވެހި ސަގާފަތުގައި ބޭނުންކުރެވުނު
އަކުރުތައް އަޅުގަނޑަށް ދަސްކޮށްދެއްވީ ވެސް އޭނާއެވެ. އެ
އަކުރުތަކުގެ ތެރޭގައި، ތާނައިގެ ބާވަތްތައް ހިމެނެއެވެ.
ގަބުޅި ތާނައާއި ފުރޯދަނޑި ތާނައެވެ. އޮޅިފޮޅި ތާނައާއި
ހޯރަފިޔަ ތާނައެވެ. މީގެ ތެރެއިން ގަބުޅި ތާނައަކީ
(ދިވެހިން) ޤަބޫލުކުރި ތާނައެވެ.
އެންމެ އަސަރާއެކު
ޝަފީޤު ވިދާޅުވެދެއްވި އެއް ވާހަކައަކީ، ފުވައްމުލަކުގައި
އޭނާ ހުންނެވި ދުވަސްވަރު، އޮޅުއަލައިގެ ސައިންޓިފިކް
ދިރާސާއެއް ކުރެއްވި ވާހަކައެވެ. އޮޅުއަލައިގެ
ބާވަތްތަކާއި، އެ ހެދޭ ގޮތާއި، އެ ހެދޭ ބިމާ ބެހޭ ގޮތުން
އޭނާ ދިރާސާކުރެއްވިއެވެ. އެ މަސައްކަތްކުރެއްވި
ދުވަސްވަރު އޭނާ އެންމެ ޢަޖާއިބުވެ ވަޑައިގެންނެވި
ކަމެއްގެ ގޮތުގައި ވިދާޅުވީ، ފުވައްމުލަކުގެ ބިމުން،
މިޞްރުގެ އާސާރީތަކެތި ފެނިވަޑައިގަތް ވާހަކައެވެ. އޭނާ ވިދާޅުވީ،
މިޞްރުގެ ފިރުޢައުނުންގެ އަކުރުން ލިޔެފައިވާ ހިލަ
ފެނިވަޑައިގަތް ކަމަށެވެ. އެ ހިލަ ފެނިވަޑައިގަތީ،
ފުވައްމުލަކުގެ ބިން ކޮނުމުގެ ތެރޭގައި ކަމަށެވެ.
މިޞްރުގެ ފިރުޢައުނުންގެ ޒަމާނުގައި ލިޔެއުޅުނީ ކޮންކަހަލަ
އަކުރަކުން ކަމެއް، އޭރު އަޅުގަނޑަކަށެއް ނޭނގެއެވެ.
އެހެންކަމުން، އެ އަކުރު ހުންނަ ގޮތް ވެސް އޭނާ
ވިދާޅުވެދެއްވިއެވެ. އެއަށްފަހު، ތާނަ އަކުރުގެ ބާވަތްތައް
އަޅުގަނޑަށް ދަސްކޮށްދެއްވިއިރުގައި ވެސް އެ ވާހަކަ
ތަކުރާރުކުރެއްވިއެވެ. ނަމަވެސް، އޭރު އެ ވާހަކައިގެ
މުހިންމުކަމާއި ބުރަދަނެއް ނުވިސްނެއެވެ.
މިޞްރުގެ
ފިރުޢައުނުންގެ ޒަމާނުގައި ލިޔެއުޅުނު އަކުރުތަކުގެ އަކުރު
ސެޓް، އެންމެ ފުރަތަމަ އަޅުގަނޑަށް ފެނުނީ، ޤަޠަރުގެ ފޮތް
ފިހާރައަކުންނެވެ. އެއަށްފަހު އެ އަކުރުތައް ބޮޑަށް
އޮޅުންފިލީ، މިޞްރުގައި އާކިޓެކްޗަރ ކިޔަވަންއުޅުނު
ދުވަސްވަރުގައެވެ. ޑރ. ނަދީމުއް ސައްޔާރު ލިޔުއްވާފައިވާ
ފޮތަކުން، އެ އަކުރުތަކުން ލިޔުމާބެހޭ ބައެއް ހަމަތަކާއި
އެއާ ބެހޭ އިތުރު މަޢުލޫމާތު ލިބުނެވެ.
މިޞްރުން
އެނބުރި ރާއްޖެއަށް އައިފަހުން، މަޢުހަދުއް ދިރާސާތިލް
އިސްލާމިއްޔާގެ ލައިބްރަރީ އިން އާ ފޮތެއް ފެނުނެވެ. އެއީ
ޛުލްޤަރްނައިނި ރަސްގެފާނު، ކުރެއްވި ދަތުރުފުޅާ ބެހޭ
ގޮތުން ލިޔެވިފައިވާ ފޮތެކެވެ. ފޮތުގެ މުޞަންނިފަކީ،
ސަޢޫދީ ޢަރަބިއްޔާގެ މަޖްލިސުއްޝޫރާގެ މެންބަރެކެވެ.
އެހެންކަމުން، އޭނާ އިތުރުފުޅު ހައްދަވައިގެން ފޮތެއް
ލިޔުއްވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެ ފޮތް
ލިޔުއްވުމަށް ޓަކައި، އޭނާ ކުރައްވާފައިވާ ބުރަ
މަސައްކަތްޕުޅުގެ ބޮޑުކަން އެނގުމުން ފޮތާމެދު އިތުބާރު
އިތުރުވިއެވެ. ނަމަވެސް ފޮތް ކިޔަން ފެށުމުން ބައެއް
ކުށްތައް ފާހަގަކުރެވުނެވެ. ފަހުން އެނގުނު ގޮތުގައި އެއީ
އިމްލާ ކުށްތަކެކެވެ. ފުރަތަމަ ޗާޕަށްފަހު ނެރުއްވި
ފޮތްތަކުން އެ ކުށްތައް އިޞްލާޙުކުރެއްވުމަށް
މަސައްކަތްކުރައްވާފައި ވެއެވެ.
އެ ފޮތުގައި
ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔެވިފައިވާ ބައި
ތަރުޖަމާކޮށްދިނުމަށް، އަލްމަރްޙޫމު ޢަލީ ޙުސައިން
އެދިވަޑައިގަތެވެ. އެ ބައި ތަރުޖަމާކުރީމެވެ. ފޮތުގެ
މުޞަންނިފު އިޝާރާތްކުރައްވާ ގޮތުގައި، ޛުލްޤަރްނައިނި
ރަސްގެފާނު، ދުނިޔޭގެ އިރުމަތީ ބިތަށް ދަތުކުރެއްވިއިރު،
ރާއްޖެއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި އެ
ރަސްގެފާނު ވަނީ ފުވައްމުލަކާ ހިސާބަށް ވަޑައިގެންފައެވެ.
ފޮތުގެ މުޞަންނިފު ވިދާޅުވާ ގޮތުގައި، ޛުލްޤަރްނައިނި
ރަސްގެފާނު ދަތުރުފުޅު ފެށްޓެވީ މިޞްރުންނެވެ. ރަތްކަނޑު
ހުރަސްކުރައްވައި، ދުނިޔޭގެ އިރުމަތީ ބިތަށް ކުރެއްވި
ދަތުރުފުޅުގައި، ދިވެހިރާއްޖެ ހުރަސްކުރެއްވިއެވެ.
މި ދެންނެވި ފޮތުގައި ބަޔާންވެފައިވާ ވާހަކަތަކާ، ޝަފީޤު
ވިދާޅުވި ވާހަކައާ ގުޅުމެއް ވެއެވެ. މިޞްރުގެ
ފިރުޢައުނުންގެ ޒަމާނުގައި، މިޞްރުން ވަޑައިގެންނެވި
ރަސްކަލަކު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ނަމަ، އެ
ރަސްކަލެއްގެ އާސާރީތަކެތި ރާއްޖޭގައި ހުރުމަކީ ވެދާނެ
ކަމެކެވެ. މިޞްރު މީހުން އިހުޒަމާނުގައި ލިޔެއުޅުނީ
ހިލައިގައެވެ. އެ ފަދަ ހިލަ، ރާއްޖެއިން ފެނިފައި ވާނަމަ،
މީލާދުގެ ކުރީގެ ޒަމާނެއްގައި މިޞްރުގެ ބަޔަކު ރާއްޖެއަށް
އައިސްފައިވާ ކަމަށް ބެލެވެއެވެ. ފުވައްމުލަކުން ފެނުނު
މިޞްރުގެ ހިލަ، ރާއްޖެއަށް ވާޞިލުވި ގޮތެއް، ޝަފީޤު
ވިދާޅެއް ނުވެއެވެ. އެ ހިލަ ރާއްޖެއަށް ވާޞިލުވި ގޮތް
އެނގެނީ ނަންގަނެވިދިޔަ ފޮތުންނެވެ.
މަޞްދަރު
އަލްމަރްޙޫމު އަޙްމަދު ޝަފީޤު އާއި އަލްއުސްތާޛު ޙަމްޒާ ލިޔުއްވި ފޮތް