މަހްރަޖާނުގެ މައްޗަށް ނަޒަރެއް


ޢަރަބި ބަހުން މަހްރަޖާން ދެ ގޮތަކަށް ލިޔެވެއެވެ. އެއް ގޮތަކީ މަހްރަޖާން (مَهْرَجَان) އެވެ. އަނެއް ގޮތަކީ މިހްރަޖާން (مِهْرَجَان) އެވެ. މަހްރަޖާން ނުވަތަ މިހްރަޖާން އަކީ މަޖޫސީ ބަހުގެ ދެ ލަފުޒަކުން އުފެދިފައިވާ ނަމެކެވެ. އެއިން އެއް ލަފުޒަކީ މިހްރަ (مِهْر) އެވެ. އަނެއް ލަފުޒަކީ ޖާން (جَان) އެވެ.

މިހްރަ (مِهْر) ގެ މާނަތަކުގެ ތެރޭގައި "އިރު" ހިމެނެއެވެ. ޖާން (جَان) ގެ މާނަތަކުގެ ތެރޭގައި ދިރުމާއި ޙަޔާތާއި ރޫޙާއި ފުރާނަ ހިމެނެއެވެ. މި މާނަތަކަށް ނަޒަރު ހިންގައިލުމުން، މަހްރަޖާން (مَهْرَجَان) ގައި ހިމެނޭ މަޖޫސީ ފަލްސަފާ އޮޅުންފިލައެވެ. އާދޭހެވެ. އެ މީހުންނަކީ އަލިފާނަށް އަޅުކަންކުރާ ބަޔެކެވެ. މިހްރަ (مِهْر) ގެ މާނައިގައި ހިމެނޭ އިރާއި އިރުގެ ހޫނުކަން ގުޅެނީ، މަޖޫސީން އަޅުކަންކުރާ އަލިފާނާއެވެ. މިހްރަ (مِهْر) ގެ އަޞްލަކީ މީރާ (مِيْرَا) އެވެ. މީރާ (مِيْرَا) އަކީ ކާފިރުންގެ އިލާހުންގެ ތެރެއިން މިޘްރާ (miθra) އިލާހުގެ ނަމެކެވެ. މިޘްރާ އަކީ އަލިވިލުމާއި އަލިކަމާއި އިރުއެރުމާއި އިރުގެ މާނަ ވެސް ހިމެނޭ ލަފުޒެކެވެ. މަޖޫސީންގެ ދީނީ ފަލްސަފާގައި އަލިފާނުން އެ މީހުންނަށް ލިއްބައިދޭ ދިރުން ތަމްސީލުވަނީ، ޖާން (جَان) ގެ މާނައިގައެވެ.

މަހްރަޖާން (مَهْرَجَان) އަކީ މަޖޫސީންގެ ޢީދަކަށް ކިޔާ ނަމެކެވެ. އެއީ އެ މީހުން ފާހަގަކުރާ ޚަރީފު މޫސުމުގެ ޢީދެވެ. އިސްލާމީ ފިޤުހުގައި ވެސް މަހްރަޖާން (مَهْرَجَان) ގެ ނަންދެވިފައި ވަނީ، މަޖޫސީން ފާހަގަކުރާ ޚަރީފު މޫސުމުގެ ޢީދަށެވެ. އެހެންވީމާ، ޞައްޙަ އިސްލާމީ މަފްހޫމުގައި މަހްރަޖާން (مَهْرَجَان) އަކީ، މަޖޫސީންގެ ފާސިދު ޢަޤީދާއާ ގުޅިފައިވާ މަޖޫސީ ޢީދަކަށް ކިޔާ ނަމެއްކަން އެބަ އެނގެއެވެ.

ދިވެހިބަހުގެ ބަސްފޮތުން އެނގޭ ގޮތުގައި، ޚަރީފު މޫސުމަކީ ގަސްގަހާގެހީގެ ފަތްތައް ވެރޭ މޫސުމެވެ. އެއީ ހޫނުމޫސުމާއި ފިނިމޫސުމާ ދެމެދުގައި އަންނަ ވީރާނާވުމުގެ މޫސުމެކެވެ. ދުނިޔޭގެ އުތުރުގައި ވާ ތަންތަނަށް ޚަރީފު މޫސުން އަންނަނީ ސެޕްޓެންބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. ދުނިޔޭގެ ދެކުނުގައި ވާ ތަންތަނަށް އެ މޫސުން އަންނަނީ މާރިޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

މަޖޫސީންގެ ދީނީ ޢަޤީދާއާ އެއްގޮތްވާ ގޮތުގެމަތިން އެ މީހުން ފާހަގަކުރާ ޚަރީފުމޫސުމުގެ ޢީދުގެ ނަމުން ނަންކިޔައިގެން، ދުންޔަވީ ފިކުރުގެ މީހުންނާއި ލާދީނީ މީހުން އެކިއެކި ކަންކަން ފާހަގަކުރެއެވެ. އެ ފަދަ ކަންކަމުގެ ތެރޭގައި މާމެލާމެލީގެ މަހްރަޖާން (مَهْرَجَان) އާއި، ޒުވާނުންގެ މަހްރަޖާން (مَهْرَجَان) އާއި، ފާޙިޝް ޢަމަލުތަކުގެ މަހްރަޖާން (مَهْرَجَان) ހިމެނެއެވެ. އިސްލާމީ ނަޒަރުން ބަލާއިރު، ކީރިތި ޤުރްއާން ކިޔެވުން ފަދަ ހެޔޮ ކަންކަން ކުރާ މަޖިލީހަކަށް، މަހްރަޖާން (مَهْرَجَان) ގެ ނަމުން ނަންކިޔުމަކީ، ޤަބޫލުކުރަން ދަތި ކަމެކެވެ. އެހެނީ އެއީ މަޖޫސީންގެ ސަގާފަތު ދިރުވައި، މަޖޫސީންގެ ފާސިދު ޢަޤީދާ ޤަބޫލުކުރުމުގެ މާނަ ހިމެނޭ ކަމެކެވެ. މިއަށްވުރެ ސީރިއަސްކަން ކުޑަ ގޮތަކަށް ނުވަތަ މަޖާ ގޮތަކަށް ބުނާނަމަ، އެއީ މަޑަވެލީ މީހުން "މަޑަވެލީ ކުއްލުހުމް ކުސާލާ" ލަވަ ކިޔުން ފަދަ ކަމެކެވެ.