އަލްއުސްތާޛުގެ ލަޤަބު ދެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟
ޢަރަބި ބަހުގެ ބަސްފޮތްތަކުން އެނގޭ ގޮތުގައި އުސްތާޛު
(أُسْتَاذ) އަކީ ފިރިހެން ނަމެކެވެ. އުސްތާޛުގެ އަންހެން
ނަމަކީ އުސްތާޛާ (أُستاذة) އެވެ. އުސްތާޛު (أُسْتَاذ) ގެ
ގިނަ ގޮތަކީ އަސާތިޛާ (أَساتذة) އެވެ. އުސްތާޛާ (أُستاذة)
ގެ ގިނަ ގޮތަކީ އުސްތާޛާތު (أُستاذات) އެވެ. ޢަރަބި
ބަހުގައި މި ނޫން ގޮތްގޮތަށް ވެސް އުސްތާޛު (أُسْتَاذ)
އާއި އުސްތާޛާ (أُستاذة) ގިނަކުރެވެއެވެ.
އުސްތާޛު
(أُسْتَاذ) އަކީ އިސްލާމީ ސަގާފަތުގެ ލަފުޒެކެވެ. އެއީ
ކާފިރު ފަރަންޖީންގެ ލަފުޒެއް ނޫނެވެ. ޢަރަބި ބަހުގައި
އުސްތާޛު (أُسْتَاذ) ގެ މާނައަކީ މުޢައްލިމު (مُعلِّم)
އެވެ. ޢަރަބި ބަހުގައި މުޢައްލިމު (مُعلِّم) އަކީ ވަކި
ޢިލްމެއް ނުވަތަ ވަކި ފަންނެއް ކިޔަވައިދެއްވާ އެދުރެވެ.
މިސާލަކަށް ހިސާބު ކިޔަވައިދެއްވާ އެދުރަކީ ހިސާބުގެ
އުސްތާޛެވެ.
އިސްލާމީ ފިޤުހުގައި މުޢައްލިމު
(مُعلِّم) އަކީ ކިޔަވައިދޭ މީހާއެވެ. އޭނާ ކޮންމެ އެއްޗެއް
ކިޔަވައިދިނަސް އޭނާއަކީ މުޢައްލިމެކެވެ. އިސްލާމީ
ފިޤުހުގައި އުސްތާޛު (أُسْتَاذ) އަކީ ކަމެއް ރަނގަޅަށް
ދަންނަ، އެ ކަމަށް މޮޅު މީހާއެވެ. އޭނާއަކީ އޭނާއަށް އެނގޭ
އެއްޗެއް، އެހެން މީހުންނަށް އުނގަންނައިދޭ މީހާއެވެ.
އޭނާގެ ކިބައިގައި މި ސިފަތައް ފުރިހަމަވެއްޖެ ނަމަ،
އިސްލާމީ ފިޤުހުގައި އޭނާއަކީ އުސްތާޛެކެވެ.
އިސްލާމީ ސަގާފަތުގައި "އަލްއުސްތާޛު" ގެ ލަޤަބު
ދެވިފައިވާ މަޝްހޫރު ދެ ގޮތެއް ވެއެވެ. އެއް ގޮތަކީ،
އަށާރަ ޢިލްމެއް ޙާޞިލުކުރުމެވެ. މީހަކު އެ އަށާރަ ޢިލްމު
ޙާޞިލުކޮށްފި ނަމަ، އޭނާއަށް "އަލްއުސްތާޛު" ގެ ލަޤަބު
ދެވެއެވެ. އަނެއް ގޮތަކީ ބާރަ ޢިލްމެއް ޙާޞިލުކުރުމެވެ.
މީހަކު އެ ބާރަ ޢިލްމު ޙާޞިލުކޮށްފި ނަމަ، އޭނާއަށް
"އަލްއުސްތާޛު" ގެ ލަޤަބު ދެވެއެވެ. އެ ޢިލްމުތަކުގެ
ތެރޭގައި: ނަޙުޥާއި ޞަރްފާއި ބަޔާނާއި ބަދީޢާއި މަޢާނީއާއި
އާދާބާއި މަންޠިޤާއި ކަލާމާއި ހައިއަތާއި އުޞޫލާއި
ފިޤުހާއި ތަފްސީރާއި ޙަދީޘް ހިމެނެއެވެ.
އިސްލާމީ
ތާރީޚުގެ މަޞްދަރުތަކުން އެނގޭ ގޮތުގައި، އެންމެ ފުރަތަމަ
އުސްތާޛުގެ ލަޤަބު ދެވުނީ، ސުލްޠާނުންގެ
ދަރިދަރިކަލުންނަށް ކިޔަވައިދެއްވާ މުޢައްލިމުންނަށެވެ.
އަދި ކުޑަކުދިންނަށް ކިޔަވައިދެއްވާ މުޢައްލިމުންނަށް ވެސް
އެ ލަޤަބު ދެވުނެވެ. އެންމެ ފުރަތަމަ މުޢައްލިމަކަށް އެ
ލަޤަބު ދެއްވީ، މިޞްރާއި ޝާމުކަރައިގެ ވެރިޔާ
ކާފޫރުލްއިޚްޝީދީ އެވެ. އެއަށްފަހު ޢާންމުންގެ ދޫތަކުން
އުސްތާޛުގެ ލަޤަބު ދެވުނީ ކުޑަކުދިން ތަރުބިއްޔަތުކުރައްވާ
މުޢައްލިމުންނަށެވެ. އަދި ކަންކަމުގެ އިސް ވެރިންނަށް ވެސް
އުސްތާޛުގެ ލަޤަބު ދެވުނެވެ.
އުސްތާޛުގެ ލަޤަބު
ޢާންމުވެގެންދިޔައިރު، ޢިލްމުވެރި މުޢައްލިމުންނަށާއި،
ކިޔަވައިދެއްވާ އެދުރުންނަށާއި، ޔުނިވަރސިޓީތަކުގައި
ކިޔަވައިދެއްވާ ބޭފުޅުންނަށް އެ ލަޤަބު ދެވުނެވެ. އަދި
ޔުނިވަރސިޓީތަކުގައި އުސްތާޛުންގެ އެކި ދަރަޖަތައް
އުފެދުނެވެ. އޭގެތެރޭގައި "އުސްތާޛު މުތަފައްރިޣު" އާއި
"އުސްތާޛު ޒާއިރު" އާއި "އުސްތާޛު މުސާޢިދު" ހިމެނެއެވެ.
އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވަނީ،
ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ ބޭފުޅުނަށް
އުސްތާޛުކަމުގެ އެކި ދަރަޖަތައް ދެވޭނެ ގޮތުގެ އުޞޫލުތައް
އެކަށައަޅާފައެވެ. ނަމަވެސް އޭގެ މާނައަކީ،
ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ބޭފުޅުން ފިޔަވައި އެހެން
ބޭފުޅުންނަށް އުސްތާޛުގެ ލަޤަބު ނުދެވުމެއް ނޫނެވެ. ވަކި
ޢިލްމަކުން ނުވަތަ ވަކި ރޮނގަކުން ތަޢުލީމު
ޙާޞިލުކުރައްވައި، ޢިލްމީ ނުވަތަ އަދަބީ މަސައްކަތްތައް
ކުރައްވާ ބޭފުޅުންނަށް ވެސް އުސްތާޛުގެ ލަޤަބު ދެވެއެވެ.
ދަންނައެ! އިސްލާމީ ދުނިޔޭގައި ޝާމިލުވާ
ދިވެހިރާއްޖޭގައި "އަލްއުސްތާޛު" ގެ ލަޤަބު ދެވެނީ،
އިސްލާމީ ސަގާފަތުގައި އެ ކަން ކުރެވޭ އުސޫލުންނެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ޤާނޫނީ ރޮނގުން
ކިޔަވާވިދާޅުވި ބޭފުޅެއް ނޫނެވެ. އަލްއުސްތާޛު މުޙައްމަދު
ޒާހިރު ޙުސައިނަކީ ޤާނޫނީ ރޮނގުން ކިޔަވާވިދާޅުވި ބޭފުޅެއް
ނޫނެވެ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލަކީ ޤާނޫނީ ރޮނގުން
ކިޔަވާވިދާޅުވި ބޭފުޅެއް ނޫނެވެ. އުސްތާޛުލްޖީލު
ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ
އަކީ ޤާނޫނީ ރޮނގުން ކިޔަވާވިދާޅުވި ބޭފުޅެއް ނޫނެވެ.
ނަމަވެސް އެ ބޭފުޅުންނަށް އަލްއުސްތާޛުގެ ލަޤަބު
ދެވިފައިވަނީ، އިސްލާމީ ސަގާފަތުގައި އެ ލަޤަބު ދެވޭ
އުޞޫލުންނެވެ. މި އެންމެ ބޭފުޅުންނަކީ، އިސްލާމީ
ސަގާފަތުގައި އުސްތާޛުގެ ލަޤަބު ޙައްޤުވުމަށް
ކަނޑައެޅިފައިވާ ޢިލްމުތައް ދެނެވަޑައިގަންނަވާ
ބޭފުޅުންނެވެ.
"އަލްއުސްތާޛު" އަކީ އިސްލާމީ
ސަގާފަތުގެ ލަޤަބެކެވެ. "އަލްއުސްތާޛު" ގެ އަންހެން ގޮތަކީ
"އަލްއުސްތާޛާ" އެވެ. އުސްތާޛިއްޔަ ކަމުގެ ލަޤަބު
ޙައްޤުވަނީ ކޮން ބަޔަކަށްކަން އިސްލާމީ ސަގާފަތުގައި ވަނީ
ކަނޑައެޅިފައެވެ. އެއީ ހަމައެކަނި ޤާނޫނީ ރޮނގުން ތަޢުލީމު
ޙާޞިލުކުރާ މީހުންނަށް ޙައްޤުވާނެ ލަޤަބެއް ނޫނެވެ.
އިސްލާމީ ސަގާފަތުގެ މިންގަނޑުން ބަލާއިރު، ޢަރަބި ބަހާއި
އިސްލާމީ ޢުލޫމުތައް ނުދަންނަ މީހަކަށް، އެ ލަޤަބު
ޙައްޤެއް ނުވާނެއެވެ. ހަމައެކަނި ޤާނޫނީ ރޮނގުން ތަޢުލީމު
ޙާޞިލުކުރާ މީހުންނަށް ޙައްޤުވާނީ، އަލްޥަކީލު އާއި
އަލްޥަކީލާ އެވެ. ފިރިހެނަކަށް ނަމަ އަލްޥަކީލު އެވެ.
އަންހެނަކަށް ނަމަ އަލްޥަކީލާ އެވެ.
މަޞްދަރު
އިސްލާމީ ތާރީޚު