"އަފުނޯސްކަށްޓެއްގެ މަތީގައި ތިއްބެވޭނެ މަލާއިކަތުން"
މިހާރުގެ އިސްތަންބޯލު ކުރީގެ ޤުސްޠަންޠީނިއްޔާ
ފަތަޙަކުރެއްވުމަށް މުޙައްމަދުލްފާތިޙު
ވަޑައިގެންނެވިއިރު، އެ ސަހަރުގެ އަހުލުވެރިންގެ މެދުގައި
ވަރަށް ބޮޑު އަރައިރުމެއް ހިނގަމުންދިޔައެވެ. އެ
އަރައިރުން ފެށުނީ އެ ސަހަރުގެ އަހުލުވެރިންގެ މެދުގައި
އުފެދުނު ޖަދަލެއްގެ ސަބަބުންނެވެ. އެ ޖަދަލުގައި އެއް
ބަޔަކު ބުނަމުންދިޔައީ މަލާއިކަތުންގެ ޖިންސަކީ ފިރިހެން
ޖިންސު ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ
މަލާއިކަތުންގެ ޖިންސަކީ އަންހެން ޖިންސު ކަމަށެވެ.
މަލާއިކަތުންގެ ޖިންސާމެދު އެއްބަސްނުވެވުމުގެ
ސަބަބުން، އެންމެފަހުން އެ މީހުންގެ މެދުގައި
ތަޅައިފޮޅުމާއި މާރާމާރީ ހިންގަން ފެށުނެވެ. އެ
ހަނގުރާމައިގެ ލީޑަރުންނަކީ ފަރުދާގެ ނިވަލުގައި ތިބި،
ނަޞާރާދީނުގެ ފާދިރީންނެވެ. އަނިޔާލިބި ޒަޚަމުވަމުން
ދިޔައީ މާރާމާރީގެ ބައިވެރިންނެވެ. އެއީ ޢާންމު
ރައްޔިތުންނާއި ޢަސްކަރިއްޔާގެ ސިފައިންނެވެ.
ކަމުގެ ނުރައްކާތެރިކަން ވިސްނުނު ފާދިރީއަކު، އެ ޖަދަލުގެ
މިޞްރާބު އެހެން އަތަކަށް ފުރޮޅައިލުމަށް
މަސައްކަތްކުރިއެވެ. އެ ކަމަށް ޓަކައި އޭނާ ނެރުނީ އެހެން
ސުވާލެކެވެ. އޭނާ އުފެއްދި ސުވާލުގައި ވަނީ:
"އަފުނޯސްކަށްޓެއްގެ ބޮލުގެ މަތީގައި ތިބެވޭނީ ކިތައް
މަލާއިކަތުންނަށް ހެއްޔެވެ؟" މި ސުވާލު ރަށުތެރެއަށް
ނެރުމުން، ޢާންމު ރައްޔިތުންނާއި ސިފައިންގެ ތެރެއިން ގިނަ
ބަޔަކު މި ސުވާލުގެ ޖަވާބާމެދު އަރައިރުންވާން ފެށިއެވެ.
އެއް ބަޔަކު ބުންޏެވެ. އަފުނޯސްކަށްޓެއްގެ ބޮލުގެ
މަތީގައި ތިއްބެވޭނީ މިތައް މަލާއިކަތުންނަށެވެ. އެ މީހުން
އެ ޢަދަދުގެ ދިފާޢުގައި ޖަދަލުކޮށް އަރައިރުންވިއެވެ.
އަނެއް ބަޔަކު ބުންޏެވެ. ތިޔަ ޢަދަދު ރަނގަޅެއް
ނޫނެވެ. ރަނގަޅު ޢަދަދަކީ މިވެނި ޢަދަދެކެވެ. އެ މީހުން އެ
ޢަދަދު ބަޔާންކުރުމުގައި ޖަދަލުކޮށް އަރައިރުންވިއެވެ.
އެހެން ބަޔަކު ބުންޏެވެ. އަފުނޯސްކަށީގެ މަތީގައި
މަލާއިކަތުން ތިއްބަވާނަމަ، އަފުނޯސްކަށްޓަކީ
އާދަމުގެދަރީން ފަދަ ޙުރުމަތްތެރި އެއްޗެކެވެ.
އަފުނޯސްކަށްޓަށް ޙުރުމަތްތެރިކޮށް ހިތުން ވާޖިބުވާނެއެވެ.
ދެންފަހެ، އެ މީހުން، އަފުނޯސްކަށްޓަށް ޙުރުމަތްތެރިކޮށް
ނުހިތާ މީހުންނާ ދެކޮޅުވެރިވެ އަރައިރުންވިއެވެ.
ޤުސްޠަންޠީނިއްޔާގެ ރައްޔިތުން އެ އަރައިރުންވުމާއި
ތަޅައިފޮޅުމާއި މާރާމާރީ ހިންގުމުގައި އުޅެނިކޮށް،
މުޙައްދުލްފާތިޙް އެ ސަހަރު މުޅިން ޙިޞާރުކުރެއްވިއެވެ.
ދެން އެ ސަހަރުގެ އަހުލުވެރިން ސަލާމަތަށް އެދި
ދުޢާކުރަންފެށިއެވެ.
މަލާއިކަތުންގެ ޖިންސާމެދު
އަރައިރުންވި އެއް ބަޔަކު ކިޔަންފެށިއެވެ. "ނިޢުމަތްތައް
ފަތުރުއްވަވާ މަލާއިކަތުންނޭވެ! މި ޙިޞާރުން އަޅަމެންނާއި
އަޅަމެންގެ ސަހަރު ސަލާމަތްކޮށްދެއްވާންދޭވެ!"
މަލާއިކަތުންގެ ޖިންސާމެދު އަރައިރުންވި އަނެއް ބަޔަކު
ކިޔަމުންދިޔައެވެ. "ރައްބުވަންތަ ރަސްކަލާނގެ ދެއްވާ
ޢަޛާބާއިގެން ވަޑައިގަންނަވާ ޠާހިރު މަލާއިކަތުންނޭވެ!
އަޅަމެންގެ ސަހަރު ޙިޞާރުކުރި ޢަދާވާތްތެރިޔާގެ ކިބައިން
އަޅަމެން ނަޖާކުރައްވާންދޭވެ!
އަފުނޯސްކަށީގެ
އަހުލުވެރިންގެ ދެންނެވުން ތަފާތެވެ. އެ މީހުން ﷲގެ
ޙަޟުރަތުގައި ދެންނެވިއެވެ. "ރައްބުވަންތަ ރަސްކަލާކޯއެވެ!
މަލާއިކަތުން އިށީނދެވަޑައިގަންނަވާ އަފުނޯސްކަށިތައް
މުޙައްމަދުލްފާތިޙްގެ ލޮލަށް ހަރުއްވާންދޭވެ!"
ދެންފަހެ، އެ ތިން ބައިމީހުން، އެ މީހުން ކުރަމުންގެންދިޔަ
ދުޢާތަކާމެދުގައި ވެސް އަރައިރުންވާން ފެށިއެވެ. އެންމެ
މޮޅުއިތުރު ދުޢާއަކީ އެ ބަޔަކު ކުރާ ދުޢާ ކަމަށް، އެ
މީހުންގެ ތެރެއިން ކޮންމެ ބަޔަކުމެ ދަޢުވާކުރިއެވެ!!!
ޤުސްޠަންޠީނިއްޔާގެ އަހުލުވެރިން އެ ޙާލަތުގައި
ތިއްބައި، މުޙައްމަދުލްފާތިޙް އެ ސަހަރު ފަތަޙަކުރައްވައި،
އެ ސަހަރަށް ވަންނަވައިފިއެވެ. އޭރު ވެސް އެ ސަހަރުގެ
އަހުލުވެރިން ތިބީ އެ މީހުންގެ މެދުގައި އޮތް
އަރައިރުންވުމާއި ތަޅައިފޮޅުމުގެ ތެރޭގައެވެ. އެ މަންޒަރު
ފެނިވަޑައިގަތުމުން މުޙައްމަދުލްފާތިޙް އެ މީހުންނަށް
އެންގެވިއެވެ.
1. މާތްﷲ، މަލާއިކަތުން
ހައްދަވާފައިވަނީ އަންހެން ޖިންސާއި ފިރިހެން ޖިންސުގައެއް
ނޫނެވެ. މި ކަމުގެ ދަލީލަކީ މަލާއިކަތުން ދަރިމައިވެ
ވަޑައިނުގަންނަވާ ކަމެވެ.
2. އަފުނޯސްކަށްޓެއްގެ
މައްޗަށް މަލާއިކަތަކު ވަޑައިގެންފި ނަމަ، އެ މަލާއިކަތާގެ
ފައިންޕުޅަށް އެ އަފުނޯސްކަށި ހެރޭނެއެވެ. އެ ކަމުގެ
ސަބަބުން އެ މަލާއިކަތާގެ ވާޖިބުތައް އަދާކުރެއްވުމަށް
ހުރަސްއެޅޭނެއެވެ.
މުޙައްމަދުލްފާތިޙްގެ
ޙިކުމަތްތެރި މި އެންގެވުން ވެގެންދިޔައީ،
ޤުޞްޠަންޠީނިއްޔާގެ އަހުލުވެރިންގެ ގަބު ސިނކުޑިތަކަށް
ދޭހަވާނެވަރުގެ އެންގެވުމަކަށެވެ!!! ދެންފަހެ، އެ މީހުން
އެ އެންގެވުން ޤަބޫލުކޮށް ޖަދަލުކުރުން ހުއްޓައިލިއެވެ!!!
އޭރު އެ މީހުންގެ ސަހަރު ވަނީ އެ މީހުންގެ އަތުން
ބީވެފައެވެ!!!
މަޞްދަރު
އިސްލާމީ ތާރީޚު