ތަފްސީރުގައި އިބްނުޢައްބާސުގެފާނުގެ މަންހަޖު


މުޤައްދިމާ

ކީރިތި ޤުރްއާން ތަފްސީރުކުރެއްވުމުގައި އިބްނުޢައްބާސުގެފާނުގެ ޚާއްޞަ މަންހަޖެއް ވެއެވެ. އެކަލޭގެފާނު ވަނީ، އެ މަންހަޖު ބިނާކުރެއްވި އަސާސްތައް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި، މާތްﷲ، ކީރިތި ޤުރްއާން ބާވައިލައްވާފައި ވަނީ ހަތަރު ބަޔަކަށް ބައިކޮށްލެވޭނެހެންނެވެ. އެ ބައިތަކަކީ:
1. ޙަރާމާއި ޙަލާލުގެ ބައި
2. ޢިލްމުވެރިން ތަފްސީރުކުރައްވާ ބައި
3. ޢަރަބީންނަށް އެނގޭނެހެން އޮތް ބަހަވީ ބައި
4. މާތްﷲ މެނުވީ ދެނެވޮޑިގެން ނުވާނެ ބައި
ކީރިތި ޤުރްއާން ތަފްސީރުކުރެއްވުމުގައި، އިބްނު ޢައްބާސުގެފާނުގެ މަންހަޖު، އެކަލޭގެފާނު ބިނާކުރެއްވި މި ހަތަރު ބައިގެ މައްޗަށެވެ. މިއިން ކޮންމެ ބަޔެއްގައި ހިމެނޭ އާޔަތްތައް އެކަލޭގެފާނު ތަފްސީރުކުރެއްވީ، އޭގެ ޠަބީޢަތާ އެއްގޮތަށެވެ. ތިރިގައި މި ވަނީ އިތުރު ތަފުޞީލެވެ.

ޙަރާމާއި ޙަލާލުގެ ބައި

މި ބައިގައި ހިމެނޭ އާޔަތްތަކުގައި ކަންކަން ބަޔާންކުރައްވާފައި ވަނީ، އިންސާނާގެ ސަލާމަތް ބުއްދިއަށް ދޭހަވާނެ މިންވަރަށް ތިލަކޮށެވެ. އިސްލާމީ ޝަރުޢުގެ ޙުކުމްތަކާއި، ތަޥްޙީދުގެ ދަލީލުތައް، މި ބައިގައި ހިމެނޭ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މި ބައިގައި ހިމެނޭ އާޔަތްތަކުގެ ކޮންމެ ކަލިމައެއްގައި ވަނީ، ސާފުކޮށް އޮޅުންފިލާނެ މާނައެކެވެ. ކީރިތި ޤުރްއާނުގެ ބޮޑު ބަޔަކީ މި ބަޔެވެ. މި ބައިގެ އެންމެ ސާދާ މިސާލަކީ ސޫރަތުލް ފާތިޙާއެވެ. އެ ސޫރަތުގެ ކޮންމެ ކަލިމައެއްގެ މާނައަކީ، ވަރަށް ސާފުކޮށް އެނގެން އޮތް މާނައެކެވެ. ތިރީގައި މި ވަނީ އެ ސޫރަތާއި އެ ސޫރަތުގެ މާނައެވެ.

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ (1)
ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ.
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ (2)
ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ.
ٱلرَّحۡمَٰنِ ٱلرَّحِيمِ (3)
(އެކަލާނގެއީ) ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
مَٰلِكِ يَوۡمِ ٱلدِّينِ (4)
ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ (5)
އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.
ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ (6)
އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ (7)
(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.

އަލްބަޤަރާ ސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށް ހުރި އާޔަތްތައް ވެސް ހިމެނެނީ މިބައިގައެވެ.
މި ބައިގައި ހިމެނޭ އާޔަތްތަކުގެ ސާދާ މިސާލަކަށް: ހޫދު ސޫރަތުގެ 5 ވަނަ އާޔަތާއި، އެ ސޫރަތުގެ 123 ވަނަ އާޔަތް ވެސް ހިމެނެއެވެ. މިފަދަ އެތައް މިސާލުތަކެއް ކީރިތި ޤުރްއާނުގެ މޫރތި އާޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބައިގައި ހިމެނޭ އާޔަތެއްގައި ބަޔާންކުރައްވާފައިވާ ޙުކުމަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.
މި ބައިގައި ހިމެނޭ އާޔަތެއްގެ ތައުވީލުގައި އޮޅުމެއް ނެތެވެ.
މާތްﷲ މެނުވީ ޙައްޤު އިލާހަކު ނެތް ކަމަށް އަންގަވާފައިވާ އެންގެވުން ވެސް ހިމެނެނީ މި ބައިގައެވެ. އެ ކަން އަންގަވާފައިވާ އާތުގައި، އެ ކަން އަންގަވާފައިވާ ގޮތުގައި އޮޅުމެއް ނެތެވެ.
ހަމައެހެންމެ، ނަމާދުކުރުމަށާއި، ޒަކާތްދިނުން ފަދަ ކަންކަން ކުރުމަށް އަންގަވާފައި ވާ އާޔަތްތައް ވެސް ހިމެނެނީ މި ބައިގައެވެ. އެއިން އާޔަތެއްގައި ކުރުމަށް އަންގަވާފައިވާ ކަމެއް އެންގެވި ގޮތުގައި އޮޅުމެއް ނެތެވެ.

ޢިލްމުވެރިން ތަފްސީރުކުރައްވާ ބައި

މި ބައިގައި ހިމެނޭ އާޔަތްތަކުގެ ތަފްސީރު އޮޅުންފިލާނީ، ޢިލްމުވެރިންގެ އިޖްތިހާދުންނެވެ. ތައުވީލުކުރެވެނީ، މި ބައިގައި ހިމެނޭ އާޔަތްތަކެވެ. މި ބައިގައި ހިމެނޭ އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ގިނަ ޙުކުމްތަކާމެދު، ފިޤުހުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ވެއެވެ. އެހެނީ، އެ އާޔަތްތަކުން ޙުކުމްތައް ދެނެގަނެވެނީ، ޡައްނުގެ މަގުންނާއި އިޖްތިހާދުގެ މަގުންނެވެ. ތިރީގައި މި ވަނީ، މި ބައިގައި ހިމެނޭ އާޔަތްތަކުގެ ބައެއް މިސާލެވެ.

(وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ) އަލްބަޤަރާ: 228
މާނައީ "އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ޤުރުއު ވަންދެން އިންތިޒާރު ކުރާހުށިކަމެވެ!"
މި އާޔަތުގައި ވާ ޤުރުއު އާ މެދު، ފިޤުހުވެރިންގެ މެދުގައި ވަނީ އިޚްތިލާފު އުފެދިފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ޠުހުރު ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ޙައިޟު ކަމަށެވެ.

(لَا يَمَسُّهُ إِلَّا الْمُطَهَّرُونَ) އަލްޥާޤިޢާ: 79
މާނައީ "ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ."
މި އާޔަތުގައި އިޝާރާތްކުރައްވާފައި ވާ ފޮތަކީ، ޠާހިރުވެގެންވާ މަލާއިކަތުން މެނުވީ ބީހިވަޑައިނުގަންނަވާނެ، ލައުޙުލްމަޙްފޫޡުގައި ލައްވާފައިވާ ކީރިތި ޤުރުއާން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ އަޅުގަނޑުމެންގެ އަތުގައި ވާ ކީރިތި ޤުރްއާނުގެ މުޞްޙަފު ކަމަށެވެ.

ޢަރަބީންނަށް އެނގޭނެހެން އޮތް ބައި

މި ބައިގައި ހިމެނޭ އާޔަތްތަކުގެ ތަފްސީރު އެނގޭނީ، ޢަރަބީން ވާހަކަދެއްކި ޢަރަބީންގެ ބަހުންނެވެ. އެ ބަހުގެ ޤަޥާޢިދުގެ ހަމަތަކާއި އިޢުރާބުންނެވެ. މި ކަމުގެ ދަލީލަކީ އިބްރާހީމް ސޫރަތުގެ 4 ވަނަ އާޔަތެވެ. އެ އާޔަތުގައި އަންގަވާފައި ވެއެވެ.

(وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ)
މާނައީ "ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު އެބޭކަލެއްގެ ޤައުމުގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ."

މި ބައިގައި ހިމެނޭ އާޔަތްތައް ތަފްސީރުކުރުމަށް ޓަކައި، ޢަރަބި ބަހުގެ ބަހަވީ ޢިލްމުތައް އެނގެންޖެހެއެވެ. އެ ޢިލްމުތަކުގެ ތެރޭގައި، ޢިލްމުލްމަޢާނީ އާއި، ޢިލްމުލްޣަރީބާއި، ޢުލޫމުލްބަލާޣާ ހިމެނެއެވެ. މީގެ ތެރެއިން ޢުލޫމުލްބަލާޣާގައި ތިން ގޮތްޕެއް ހިމެނެއެވެ. އެއީ އަލްމަޢާނީ އާއި އަލްބަޔާނާއި އަލްބަދީޢެވެ. ހަމައެހެންމެ، ޢަރަބި ބަހުގެ އަދަބިއްޔާތުގެ ތެރެއިން ޅެންވެރިކަމާއި، ނަޘްރުގެ ލިޔުންތެރިކަމާއި، މަޤާމާތުގެ ފަންނާއި، ނަޙުވު ޢިލްމާއި، އިޢުރާބުކުރުން ވެސް އެނގެންޖެހެއެވެ.
މި ބައިގައި ހިމެނޭ އާޔަތްތައް ތަފްސީރުކުރެއްވުމުގައި، ޢަރަބި ބަހުގެ ޅެންބައިތުތަކުން އިބްނުޢައްބާސުގެފާނު މިސާލުޖެއްސެވި ކަމަށް ރިވާވެފައި ވެއެވެ.

މާތްﷲ ދެނެވޮޑިގެންވާ ބައި

މި ބައިގައި ހިމެނޭ އާޔަތްތަކުގެ ތަފްސީރު ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް، މި ބައިގައި ހިމެނޭ އާޔަތްތަކުގެ ތަފްސީރު އެނގިގެނެއް ނުވެއެވެ.
މި ބައިގައި ހިމެނޭ އާޔަތްތަކުގެ އެއް މިސާލަކީ ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތަކުގެ ފެށުމުގައި ވާ (الم) (المر) (كهيعص) ފަދަ "އަލްޙުރޫފުލް މުޤައްޠަޢާ" ގެ އަކުރުތަކެވެ. އޭގެ ތަފްސީރާއި ތައުޥީލު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. މި ބައިގައި ހިމެނޭ އާޔަތްތަކުގެ އަނެއް މިސާލަކީ، އެކަލާނގެ ޣައިބުގައި ލައްވާފައިވާ ކަންކަމަށް އިޝާރާތްކުރައްވާފައި ވާ އާޔަތްތަކެވެ. އެކަލާނގެ ޥަޙީކުރައްވާފައި ވެއެވެ.

(إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ) ލުޤްމާން: 34
މާނައީ "ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲގެ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."

މި އާޔަތުގައި މި ވަނީ މާތްﷲ އެކަލާނގެ ޛާތުފުޅަށް ޚާއްޞަކުރައްވާފައިވާ ކަންކަމެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެއިން ކަމެއް އެނގިގެނެއް ނުވެއެވެ.

އެހެން އާޔަތެއްގައި ޥަޙީކުރައްވާފައި ވެއެވެ.
(وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا) އަލްއިސްރާއު: 85
މާނައީ "ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ."

މާތްﷲ ޥަޙީކުރައްވާފައި ވެއެވެ.
(وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ) އާލުޢިމްރާން: 7
މާނައީ "އެ އާޔަތްތަކުގެ ޙަޤީޤީ މާނަ، ﷲއަށް މެނުވީ އެނގިގެނެއް ނުވެތެވެ."
މި އާޔަތުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގައި ވާ ބައެއް އާޔަތްތަކުގެ ޙަޤީޤީ މާނަ، މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލައަށް އެ އާޔަތްތަކުން އެނގިވަޑައިގެންފައި ވަނީ، އެކަލާނގެ އެންގެވި މިންވަރެކެވެ.

ފަހުބަސް

ބަޔާންވެދިޔައީ، ކީރިތި ޤުރްއާން ތަފްސީރުކުރެއްވުމުގައި އިބްނުޢައްބާސުގެފާނުގެ މަންހަޖު ބިނާކުރެއްވި މައިގަނޑު ހަތަރު ބައެވެ. މި ހަތަރު ބައިގެ މައްޗަށް ނަޒަރު ހިންގައި ބަލާއިރު، އިބްނުޢައްބާސުގެފާނުގެ މަންހަޖަކީ ހަރުދަނާ މަންހަޖެއްކަން އެނގެއެވެ. އެހެނީ، އެ މަންހަޖު އެކަށައެޅުއްވުމުގައި އެކަލޭގެފާނު ހިއްޕަވާފައިވާ ހަތަރު އަސާސަކީ، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން ބަޔާންވެ އެނގެން އޮތް ހަތަރު އަސާސެކެވެ.
އިބްނު ޢައްބާސުގެފާނުގެ މަންހަޖުން އެނގޭ ގޮތުގައި:
ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކަކީ، ރަނގަޅަށް ޢަރަބި ބަސް ދަންނަ މުސްލިމުންނަށް ދޭހަވާނެހެން ބާވައިލައްވާފައި ވާ އާޔަތްތަކެކެވެ. ކީރިތި ޤުރްއާނުގެ ބޮޑުބައިގައި ވަނީ އެފަދަ އާޔަތްތަކެވެ. ޙަރާމާއި ޙަލާލާއި ތަޥްޙީދާއި ޝަރުޢީ ޙުކުމްތައް އެ ބައިގައި ހިމެނެއެވެ.
ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ތަފްސީރު އެނގިވަޑައިގަންނަވާނީ ޢިލްމުވެރިންނަށެވެ.
ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ތަފްސީރު އެނގޭނީ ޢަރަބި ބަހުގެ ބަހަވީ ޢިލްމުތައް އެނގިގެންނެވެ.
އަދި ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ތަފްސީރު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ އާޔަތްތަކުގެ ތަފްސީރު އެނގިގެނެއް ނުވެއެވެ.