ޠަބާރިސްގެ ވާހަކަ ބަޔާންވެފައިވާ ރިވާޔަތް


ޠަބަރް އާއި ޠަބާރް އާއި ޠަބާރިސް އާއި ޠީބާރީ އާއި ޠައްޔާރާ އެވެ، ކިޔާ މީހެއްގެ ވާހަކަ ވާރިދުވެފައި ވެއެވެ. އޭނާ އަންނާނެ ކަމަށް ބެލެވެނީ ފަހު ޒަމާނުގައެވެ. އެ ރިވާޔަތް ތަޙްލީލުކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެ ރިޔާވަތުގައި ބަޔާންވެފައިވާ މީހަކީ ޓްރަމްޕް އެވެ. އެއިން އެއް ރިވާޔަތަކީ، ކަޢުބުލްއަޙްބާރް ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެ ބަސްފުޅުގެ މާނައީ "ފަހުޒަމާނުގެ މަލްޙަމާތައް ފާޅުވާނީ، ހިރަޤުލްގެ ދަރިކޮޅުން އަންނަ މީހެއްގެ އަތްމަތީގައެވެ. އޭނާގެ ތަރުތީބު ނަންބަރަކީ ހަތަރަކާއި ފަހެކެވެ. (އެބަހީ: 45 އެވެ.) "އުދުހޭ އެތީގެ ވެރިޔާ" އޭ އޭނާއަށް ކިޔޭނެއެވެ."

މަލްޙަމާ އަކީ ބޮޑު ހަނގުރާމައެވެ. މަލްޙަމާތަކަކީ ބޮޑެތި ހަނގުރާމަތަކެވެ.
ޓްރަމްޕްގެ އަމިއްލަ މަތިންދާބޯޓެއް ވެއެވެ. އެ މަތިންދާބޯޓުގައި އޭނާގެ ނަން ލިޔެފައި ވެއެވެ. އެއަށް ޓަކައި އޭނާ ފަޚުރުވެރިވެއެވެ. އޭނާއަކީ، ޖައްވުގެ މަގުން ދަތުރުކުރުމަށް ލޯބިކުރާ މީހެއް ކަމަށް ވެސް ބުނެވެއެވެ.

ކަޢުބުލްއަޙްބާރު ވިދާޅުވެފައިވާ އެހެން ބަސްފުޅެއްގައި ވެއެވެ.
"ޠަބާރިސް އަކީ ހަށިގަނޑު ބިޔަ މީހެކެވެ. އޭނާއަކީ ދަތްޕިލަ ހުތުރު މީހެކެވެ. އޭނާ ނުކުންނާނީ (އެބަހީ: އޭނާ ސިޔާސީ މައިދާނަށް ނުކުންނާނީ) އޭނާގެ ޢުމުރުން ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައެވެ. ފެންފޮދެއް ބޯލާ ފަދައިން އޭނާ ލޭ ބޯނެއެވެ. (އެބަހީ: މީސްތަކުންނަށް އަނިޔާވެރިވާނެއެވެ.) އޭނާ ބުނާނެއެވެ. "ޖަމަލު މަސް ކާ މީހުން، ތިމަންމެންގެ ޤައުމުގައި އުޅެން ދޫކޮށްލާނީ، ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟ (އެބަހީ: އެ މީހުން ތިމަންމެންގެ ޤައުމުން ބޭރުކުރާށެވެ!) ޖަމަލު މަސް ކާ މީހުންގެ ބިންތަކަށް ދަމާ ހިނގާށެވެ! އެ މީހުންގެ އަތުގައި ވާހައި އެއްޗެއް ނިގުޅައިގަތުމަށެވެ."

ޓްރަމްޕް ވަނީ އޭނާގެ ހުތުރު ދަތްޕިލައިގެ ބަދަލުގައި ރީތި ދަތްޕިލައެއް ޖަހާފައި ކަމަށް ބުނެވެއެވެ.
އަދި އޭނާގެ ބޯ ތަލަވުމުން، ބޮލުގައި އިސްތަށި އިންދާފައި ކަމަށް ވެސް ބުނެވެއެވެ.
ޖަމަލު މަސް ކާ މީހުންނަކީ، ޢަރަބީންނެވެ.

ނަންގަނެވިދިޔަ ރިވާޔަތް ފަދަ އެތައް ރިވާޔަތެއް ވެއެވެ. އެ ރިވާޔަތްތަކުގައި ވަނީ، ޓްރަމްޕް ކަމަށް، މި ޒަމާނުގައި ބައެއް ފަރާތްތަކުން ބުނެއެވެ. އެ ރިވާޔަތްތަކުގައި، އޭނާގެ ނަން، އެތައް ގޮތަކަށް ނަންގަނެވިފައި ވެއެވެ. އޭގެތެރޭގައި: ޠަބަރް އާއި ޠަބާރް އާއި ޠަބާރިސް އާއި ޠީބާރީ އާއި ޠައްޔާރާ ހިމެނެއެވެ. މި ނަންތަކުގައި، ޓްރަމްޕް ގެ ނަމުގައި ވާ އަކުރުތައް ވާކަން ފާހަގަކުރެވެއެވެ. ޓްރަމްޕް ގެ ޢަރަބި ގޮތަކީ "ޠްރަމްބް" އެވެ. ޓްރަމްޕްގެ އަޞްލަކީ ރޫމީ ދަރިކޮޅުތަކުގެ ތެރެއިން ޠީބާރީ ދަރިކޮޅެއް ކަމަށް ވެސް ބުނެވެއެވެ.

މަޞްދަރު

ކިތާބުލްފިތަނި (كتاب الفتن)