ޞިއްދީޤާއި ކައްޛާބު


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(إنَّ الصِّدْقَ يَهْدِي إلى البِرِّ، وإنَّ البِرَّ يَهْدِي إلى الجَنَّةِ، وإنَّ الرَّجُلَ لَيَصْدُقُ حتَّى يَكونَ صِدِّيقًا. وإنَّ الكَذِبَ يَهْدِي إلى الفُجُورِ، وإنَّ الفُجُورَ يَهْدِي إلى النَّارِ، وإنَّ الرَّجُلَ لَيَكْذِبُ حتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا.)
މާނައީ "ހަމަކަށަވަރުން ތެދުބަސް މަގުދައްކައިދެނީ ހެޔޮ ކަންކަމަށެވެ. އަދި ހަމަކަށަވަރުން ހެޔޮ ކަންކަން މަގުދައްކައިދެނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން ފިރިހެނާ ތެދުބަސް ބުނާކަން ކަށަވަރެވެ. އޭނާއަކީ ތެދުބުނާ ޞިއްދީޤެއް ކަމުގައި ވެއްޖައުމަށް ދާންދެނެވެ. އަދި ހަމަކަށަވަރުން ދޮގުބަސް މަގުދައްކައިދެނީ ނުބައި ކަންކަމަށެވެ. އަދި ހަމަކަށަވަރުން ނުބައި ކަންކަން މަގުދައްކައިދެނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން ފިރިހެނާ ދޮގުހަދާކަން ކަށަވަރެވެ. އޭނާއަކީ ދޮގުވެރި ކައްޛާބެއް ކަމަށް ﷲ ގެ ޙަޟުރަތުގައި ލިޔުއްވިއްޖައުމަށް ދާންދެނެވެ."

ރިވާކުރެއްވީ: ޢަބްދުﷲ ބްނި މަސްޢޫދް، މުޙައްދިޘް: އަލްބުޚާރީ، މަޞްދަރު: ޞަޙީޙުލްބުޚާރީ، ނަންބަރު: 6094، ޙުކުމް: ޞަޙީޙު.

މި ޙަދީޘް ބަސްފުޅުގެ ޝަރަޙައިގައި ވެއެވެ.
ތެދުބަސް ބުނުމަކީ، އެންމެ މަތިވެރި އަޚުލާޤީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބާއި ނަސީބު ލިބުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ތެދުބަސް ބުނުމުގެ މުހިންމުކަން ބޮޑު ކަމަށް ޓަކައި، ތެދުބަސް ބުނުމަށް، މާތްﷲ ވަނީ އަންގަވައި އަމުރުކުރައްވާފައެވެ. އައްތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގައި އެކަލާނގެ އަންގަފާވައި ވެއެވެ.
(يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّٰدِقِينَ)
މާނައީ "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"

ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

މި ޙަދީޘް ބަސްފުޅުގައި ވާ، (البِرّ) އަކީ، ހުރިހައި ހެޔޮ ކަންކަމެއްގެ މާނަ އެކުލެވޭ ކަލިމައެކެވެ. (الصِّدْق) އަކީ ދުލުން ބުނާ ތެދުބަހެވެ. (الصِّدْق) ގެ މާނަތަކުގެ ތެރޭގައި، ނިޔަތް ތެދުވެރިވުމާއި، ޢަމަލު ތެދުވެރިވުމާއި، ޢަޒުމު ތެދުވެރިވުމާއި، އިޚުލާޞްތެރިވުން ވެސް ހިމެނެއެވެ. ބައެއް ކަންކަމުގައި ތެދުވެރިވެއްޖެ މީހާއަށް ކިޔަނީ "ޞާދިޤު" އެވެ. ހުރިހައި ހެޔޮ ކަންކަމެއްގައި ތެދުވެރިވެއްޖެ މީހާއަށް ކިޔަނީ "ޞިއްދީޤު" އެވެ. މާތްﷲ، ޞިއްދީޤުންނަށް މިންވަރުކުރައްވާފައިވާ ހެޔޮ ޖަޒާއަކީ ސުވަރުގެއެވެ.

މި ޙަދީޘް ބަސްފުޅުގައި ވާ ދޮގުހެދުމަކީ، އެންމެ ނުބައި ސިފަތަކުގެ ތެރެއިން ސިފައެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ނާކާމިޔާބާއި ބަދުނަސީބު ލިބުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ދޮގުހަދާ މީހުންނަކީ، މާތްﷲގެ އާޔަތްތަކަށް އީމާންނުވާ ބަޔެކެވެ. އައްނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުގައި މާތްﷲ ޥަޙީކުރައްވާފައި ވެއެވެ.
(إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ ۖ وَأُوْلَٰٓئِكَ هُمُ ٱلْكَٰذِبُونَ)
މާނައީ "ދޮގުހަދާކަން ކަށަވަރީ، ﷲގެ އާޔަތްތަކަށް އީމާން ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ."

ޙަދީޘް ބަސްފުޅުގައި ވާ (الكَذِب) އަކީ، ޙަޤީޤަތާ ޚިލާފު ދޮގުވާހަކައެވެ. އެއީ ބާޠިލު އެއްޗެކެވެ. ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގަކީ، މާތްﷲ ސުބްޙާނަހޫ ޥަތަޢާލާ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހަދާ ދޮގެވެ. (الفُجور) އަކީ ހުރިހައި ނުބައި ކަންކަމެއްގެ މާނަ އެކުލެވޭ ކަލިމައެކެވެ. "ކައްޛާބު" (كَذَّاب) އަކީ ގިނަގިނައިން ދޮގުހަދާ މީހާއެވެ. ދޮގުހެދުމަކީ ހުރިހައި ނުބައި ކަންކަމަށް ވާޞިލުކޮށްދޭ ނުބައި ކަމެކެވެ. ދޮގުހަދާ މީހާ، މާތްﷲ އަށް އުރެދޭނެއެވެ. އަދި އެ ނޫން ނުބައި ކަންކަން ވެސް އޭނާ ކުރާނެއެވެ. މާތްﷲ ގެ ޙަޟްރަތުގައި، ބޮޑުވެގެންވާ ކައްޛާބެއް ކަމުގައި ލިޔުއްވިއްޖައުމަށް ދާންދެން، އޭނާ ދޮގުހަދައި، ނުބައި ކަންކަން ކުރާނެއެވެ. މާތްﷲ، ކައްޛާބުންނަށް މިންވަރުކުރައްވާފައިވާ ނުބައި ޖަޒާއަކީ ނަރަކައެވެ.

މަޞްދަރު:

https://dorar.net/hadith/sharh/151182