ރަށުން ޢާއިލާއެއް ބޭރުކޮށްލި ބޮޑު ސިޙުރު


ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ އަކީ މަޝްހޫރު ސިޙުރުވެރިންތަކެއް އުފެދުނު ރަށެކެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ސިޙުރުވެރިންގެ ތިން ޖީލެއް އެރަށުން ފާޅުވެފައި ވެއެވެ. ފުރަތަމަ ޖީލުގެ މުޢައްލިމު ސިޙުރުވެރިންނަކީ، ޢަރަބި ބަހާއި އުރުދޫ ބަހާއި ސިންގަޅަ ބަސް ދަންނަ ބަޔެކެވެ. އެހެންކަމުން އެމީހުންނަކީ، ސީދާ ބޭރު ބަސްބަހުގެ ސިޙުރު ފޮތްފޮތުން ސިޙުރުގެ ޢިލްމުތައް ޙާޞިލުކޮށްފައިވާ ބަޔެކެވެ. ދެވަނަ ޖީލުގެ ދަރިވަރު ސިޙުރުވެރިންނަށް ކޮންމެވެސް ވަރަކަށް ޢަރަބި ބަސް އެނގެއެވެ. އެހެނަސް، ފުރިހަމައަށް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ޤާބިލުކަން އެމީހުންނަށް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. ތިންވަނަ ޖީލުގެ ކުދި ސިޙުރުވެރިންނަކީ، ބޭރު ބަހެއް ދަތުމުގެ ނަސީބު ލިބިފައިވާ ބަޔެއް ނޫނެވެ. އެކަމަކު، އެމީހުންނަކީ ވެސް މުޖައްރިބު ސިޙުރުތަކެއް ހަދާފައިވާ ބަޔެކެވެ. ލިޔަން މިއުޅެނީ، އެ ޖީލުގެ ސިޙުރުވެރިޔަކު ހެދި ސިޙުރެއްގެ ވާހަކައެވެ.

އޭނާ އެ ސިޙުރު ހެދި ކަމަށް ބެލެވޭ ދުވަސްވަރަކީ، މާމެންދޫގައި ޢާއިލީ ވެރިކަމެއްގެ ކޮޅުމަތި ފެންނަމުންދިޔަ ދުވަސްވަރެކެވެ. އޭރު އޮތް ސަގާފަތަށް ބަލާއިރު، ޢާއިލީ ވެރިކަން ދަމަހައްޓަން މަސައްކަތްކުރުމަކީ، އެކަމާމެދު ބަދު ބަހެއް ބުނެވޭނެ ކަމެއް ނޫނެވެ. ދަރީންނަށް ވެރިކަން ވާރުތަކުރުމަކީ، ދުނިޔޭގެ ވަރަށް ގިނަ ސަގާފަތުތަކުގައި އަށަގެންފައިވާ ކަމެކެވެ. އެހެންނޫނަސް، އެބަޔެއްގެ އަތުގައި އޮތް އެއްޗެއް އެބަޔެއްގެ ދަރިންނަށް ވާރުތަކޮށްދެވޭތޯ މަސައްކަތްކުރުމަކީ، އިންސާނީ ހަމަތަކުން ބަލާއިރު ވެސް ޠަބީޢީ ކަމެއްތާއެވެ!

ކޮންމެއަކަސް ދަރިފަސްކޮޅުގައި ގއ. މާމެންދޫގެ ވެރިކަން ދަމަހައްޓަން އުޅުނު ފަރާތަކުން ހެދި އެ ސިޙުރުގެ ވާހަކަ ނީރިފައި ވެއެވެ. މިތާނގައި އެވާހަކަ ނަކަލުކޮށްފައި މިވަނީ އަޑުއިވުނު ގޮތަށެވެ.

"މާމެންދޫގެ ވެރިކަން (ކަތީބުކަން) ޢާއިލާގައި ދަމަހައްޓަން ބޭނުންވި ހިނދު، މާމެންދޫގެ މިވެނި ގެއެއްގެ ކުދިން ރަށުން ބޭރުކޮށްލުމަށްޓަކައި ސިޙުރެއް ހެދިއެވެ. އެއީ، މާމެންދޫގެ ޤަދަރުވެރި ޢާއިލާއެއްގެ ބަޔަކަށް ވީތީއެވެ. އެމީހުން މާމެންދޫގެ ބިމުގައި ތިބެ ބޮޑެތިވެއްޖެނަމަ، މާމެންދޫގެ ވެރިކަން އެމީހުންގެ އަތްމައްޗަށް ފުރޮޅިގެން ހިނގައިދާނެތީއެވެ. އެ މީހުން ރަށުން ބޭރުކޮށްލުމަށްޓަކައި މޫދުން ފަސް މަސް ހިފިއެވެ. (ކޮން ބާވަތެއްގެ، ކިހާވަރެއްގެ މަސްތަކެއްކަމެއް ނޭނގެއެވެ.) ދެން އެ ފަސް މަސް ފެނަށް ދިރުވައި، އެއަށް ސިޙުރުހެދިއެވެ. އެއަށްފަހު، ރޭގަނޑެއްގެ ދަންވަރު، އެ މަސްތައް ރަށުގެ ވަކި ފަރާތަކުން ކަނޑަށް ދޫކޮށްލިއެވެ."

އެ ސިޙުރުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ، އެބުނާ ގެއެއްގެ ނުވަތަ ޢާއިލާއެއްގެ ކުދިން ވަނީ ރަށުން ބޭރުވެފައެވެ. ސިޙުރު ހެދި ޒަމާން ފާއިތުވެ، އެ ޖީލުގެ މީހުން ވެސް ވަނީ ނިޔާވެފައެވެ. އެހެންކަމުން، މިވާހަކަ ވަނީ ތާރީޚީ ވާހަކައަކަށް ވެފައެވެ. އެ ޒަމާނުގައި އޮތް ސަގާފަތަށް ބަލާއިރު، ސިޙުރުގެ އެ ޢަމަލަކީ، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ސިޙުރުހެދި ފަރާތާމެދު ބަދުބަސް ބުނެ، އެ ފަރާތަށް ނަފުރަތުކުރުމުގެ ޖާގައެއް ނެތެވެ. މީހެއްގެ ޢަމަލުތައް ބައްޓަންކުރުމުގައި އެމީހަކު ދިރިއުޅޭ މުޖުތަމަޢުގެ އާދަކާދައާއި ސަގާފަތު އަދާކުރާ ދައުރު ވަރަށްވެސް ބޮޑެވެ. އިހުގެ ހާދިސާތައް ދިރާސާކޮށް، އެއާމެދު ވާހަކަދައްކާއިރު، މިނުކުތާ އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ، އޭނާގެ ފާފަތައް ފުއްސަވައި އޭނާއަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުމެވެ. މާތް ﷲ، މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!