އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 11 ވަނަ ޢަދަދުގެ ފުރަތަމަ އިޞްދާރެވެ. މި ޢަދަދުގެ މަޒުމޫނުގެ ބައި ޚާއްޞަކޮށްފައި ވަނީ، ގއ. މާމެންދޫ އަށެވެ. އެ ރަށާއި އެ ރަށުގެ ސަގާފަތާ ގުޅުން ހުރި، 10 މަޒުމޫނެއް މި މަޖައްލާގައި ހިމަނާފައިވާނެއެވެ. މި މަޒުމޫނުތަކުން، އެ ރަށާއި ހުވަދުއަތޮޅުގެ ތާރީޚާއި ސަގާފަތަށް އަލިކަމެއް ލިއްބައިދޭނެއެވެ.

މަޒުމޫނުގެ ބައިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަޒުމޫނަކީ، ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހިނގާފައިވާ ހާދިސާއެކެވެ. އެއީ އެމަނިކުފާނު، ގއ. ދާންދޫ އަށް ވަޑައިގެންނެވި ހިނދު، އެރަށުގެ ކަމުވޮށިވެގެންވާ ބޭކަނބަލަކާ ބައްދަލުވެވަޑައިގަތް ހާދިސާއެވެ. ރޭގަނޑެއްގެ ފަތިހު މުޅި ރަށް ނިދާފައި އޮއްވާ ހިނގި އެ ހާދިސާގެ އަސަރު ވަރަށްވެސް ގަދައެވެ. އާދޭހެވެ. ދާންދޫ ދޮނެރެކެދިޔެގެ ރިހި ދުލުން، ޖިންސްލަޠީފުންނާ ގުޅުން ބަދަހި ރައީސް މުޙައްމަދު އަމީނަށް، ހުވަދުއަތޮޅު އޮތް ގޮތް ވަރަށް ސާފުކޮށް ދަންނަވައިދިނެވެ. ދެން ފެނިގެންދިޔައީ، ފިރިހެނުންގެ މައްޗަށް ކޯފާ ގަދަ ރައީސް މުޙައްމަދު އަމީން ކޯފާއިސްކުރައްވައި، އެތައް ކަމެއް އެފުށްމިފުށަށް ޖައްސަވައިލެއްވި މަންޒަރެވެ!!!

ހުވަދުއަތޮޅުގެ ސަގާފަތުގެ މާޒީގައި ފުނަށް މޫލާފައިވި ސިޙުރުގެ ބައެއް ހާދިސާތައް ވެސް މަޒުމޫނުގެ ބައިގައި ގެނެސްދެވިފައި ވާނެއެވެ. މުޅި އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް ގެނުވި ސިޙުރެއްގެ ވާހަކައާއި، އަވަށެއް ފަޅުކޮށްލި ހާދިސާ އޭގެތެރޭގައި ހިމެނެއެވެ. ސިޙުރުގެ ސަބަބުން ހިނގާފައިވާ ކަމަށް ބުނެވޭ ކޮންމެ ކަމެއްގެ އަނެއް ފަރާތަށް ބަލާއިރު، އެކަމެއް ހިނގާފައިވަނީ ސިޙުރުގެ ބާރުން ނޫންކަން ދޭހަވާ މަންޒަރެއް ފެނެއެވެ. މިސާލަކަށް އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް ގެނުވި ސިޙުރުގެ ވާހަކައަށް ބަލާއިރު، އެ ބިންހެލުމަކީ ޤުދުރަތީ ގޮތުން ހިނގާފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެ ހާދިސާގައި ގެއްލުނު އޮޑި އިންޑިއާ ކަނޑަށް ފެތިފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދެވުނު ހަމަލާއެއްގެ ސަބަބުންކަން މޭރުންވެއެވެ.

މި ޢަދަދުގައި ވެސް މަޒުމޫނުގެ އިތުރުން، ވާހަކަ އާއި، ޅެމާއި، ފޫހިފިއްލި ހިމަނާފައި ވާނެއެވެ. ބަޙުރު އީމަޖައްލާގެ މި ޢަދަދަކީ ވެސް ދިވެހި އަދަބިއްޔާތާއި ލިއުންތެރިކަން ތަރައްޤީކޮށް، ސަގާފަތު ޙިމާޔަތްކުރުމަށްޓަކައި ގަތަމުންދާ ބަޙުރު ސިލްސިލާގެ ބޮޅުތަކުގެ ތެރެއިން މަޤުބޫލު ބޮޅެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ، ބަޙުރު އީމަޖައްލާގެ ޢަދަދުތަކުން، ކިއުންތެރިންނަށް މަޢުލޫމާތާއި މަންފާ މިންވަރުކުރެއްވުމެވެ. މި މަޖައްލާގެ ފާއިތުވެދިޔަ ޢަދަދުތަކަށްވުރެ، ކުރިއަށްހުރި ޢަދަދުތަކުގެ މަޢުލޫމާތު މުއްސަނދިވުމަށް އިރާދަކުރެއްވުމެވެ. މާތް ﷲ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!