ޙަކީމުދީދީ ގަޔަށް ބަޑިޖެހި ހާދިސާ


ގއ. މާމެންދޫގެ ތާރީޚުގައި ހިނގި މަޝްހޫރު ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އަކީ، ޙަކީމުދީދީ (ނުވަތަ ޙަކީމު) ގަޔަށް ބަޑިޖެހި ހާދިސާ އެވެ. އެ ޙަކީމުދީދީ އަކީ، މުޙައްމަދު އަމީނުގެ ދައުރުގައި ބަޑިޖަހައި މަރާލެވުނު ސިޙުރުވެރިޔާއެއް ނޫނެވެ. އެކަމަކު އެއީ މާމެންދޫގެ ރައްޔިތެކެވެ. ސިޙުރުވެރިއެއް ނޫނެވެ. އޭނާގެ ގަޔަށް ބަޑިޖެހި ހާދިސާ ހިނގާފައިވަނީ، ރަންކޮކާގެއާ ހިސާބުގަ އެވެ. އެކަން ހިނގާގައިވަނީ، ގއ. މާމެންދޫ ކަންމަތީގެ ނުވަތަ އެގެއާ ޖެހިގެން ހުޅަނގަށް ހުރި ގޭގައި ބަކަރި ގެންގުޅުނު ޒަމާނުގަ އެވެ. ރޭގަނޑެއްގެ އެގާރަ ނުވަތަ ބާރަޖަހާކަން ހާއިރު، ޙަކީމުދީދީ ދިޔައީ ހުޅަނގު ފަރާތު އަތިރިއަށެވެ. ޤަޟާޙާޖަތް ކޮށްލުމުގެ މުހުދާތުގަ އެވެ. އޭނާ އެކަންކޮށްގެން އެނބުރި ގެއަށް އައި މަގުމަތީގައި، ކަންމަތީގޭ ފާރުމައްޗަށް ފުންމައިގެން އަރާ ބަކަރިކޮށިތެރެ ބަލާލި އެވެ. ބަކަރި ކޮށި ތެރޭގައި އާދަޔާ ޚިލާފު ކަމެއް ހިނގާހެން ހީވާތީ އެވެ. އެހިނދު އޭނާއަށް ފެނުނީ، ބަކަރިތަކާއެކު ކުޑަކުއްޖަކު އުޅޭތަނެވެ. އެކުއްޖާ އުޅުނީ ބަކަރިތަކުގެ ނަޖިސް ނެގުމުގައި އަވަދިނެތި މަޝްޣޫލުވެގެންނެވެ.

ކުޑަކުއްޖަކު ރޭނގަނޑު ދަންވަރު ބަކަރި ކޮށްޓަށްވަދެ، ބަކަރިތަކުގެ ނަޖިސް ނަގަން ނޫޅޭނެކަން ޙަކީމުދީދީ އަށް ވެސް އެނގެ އެވެ. އެ މަންޒަރު ފެނުމުން، ޙަކީމުދީދީ ފާރުމަތިން ފައިބައިގެން އަވަސްއަވަހަށް ގެޔަށް ދިއުމަށްޓަކައި ބާރަށް ހިނގައިގަތެވެ. ރަށުގެ އިރުމަތީމަގުން އިރުމަތީ ކޮޅަށް ހިނގާފައި އޭނާއަށް ދެވުނީ، ރަންކޮކާގެއާ ހަމަޔަށެވެ. އޭރު ރަންކޮކާގޭ ބަދިގޭގައި، ރުކުރާ ކައްކަން ބަޔަކު އުޅެ އެވެ. މައިމަގަށް ހަމަހިމޭންކަން ވެރިފައި ވިޔަސް، އެ ބަދިގޭގެ އަލިކަން މަގުމައްޗަށް ފެނެ އެވެ. އެކަމުގެ ސަބަބުން ޙަކީމުދީދީގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް އެ ހިނދުކޮޅުވީ، ޙަކީމުދީދީގެ ގަޔަށް ބަޑިޖެހި ހިނދުކޮޅު ކަމަށެވެ! އެ ބަޑީގެ އަޑު ވަށައިގެންވާ ހުރިހައި ގެތަކަކަށް އިވުނެވެ. އޭގެ އަޑުގަދަކަމުން ނިދާފައި ތިބި މީހުންނަށް ވެސް ހޭލެވުނެވެ.

ބަޑީގެ އަޑު އިވުނު އެންމެން، އަޑު އިވުނު ދިމާއަށް ބައްތިތައް ހިފައިގެން ނިކުތެވެ. އޭރު އެމީހުންނަށް ފެނުނީ، ޙަކީމުދީދީ މަގުމައްޗަށް ވެއްޓިފައި ވަނިކޮށެވެ. އޭނާގެ ގަޔަކު ހަމެއް ނެތެވެ. އަލިފާނުން އަނދާފައިވާ މީހެއްގެ ގައިން ހަން ނޮޅައިގެން ދާ ބީދައިން އޭނާގެ ގައިން ވަނީ ހަން ނޮޅިފަ އެވެ. އެތަނަށް އެއްވި މީހުން، ޙަކީމުދީދީ އެނދަކަށް ލައިގެން އޭނާގެ ގެޔަށް ގެންދިޔަ އެވެ. އޭނާ ނިޔާވީ އެބަލީގަ އެވެ. ނިޔާވިއިރު، ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެހެންކަމުން، އާންމުކޮށް މައްޔިތުން ހިނަވާ މީހުންނަށް އޭނާ ހިނަވާކަށް ވެސް ނުކެރުނެވެ. އޭނާ ހިނެވީ، ގއ. މާމެންދޫ ދޮންތައްކާނުކަތީބާ (ދޮން ތައްޚާނު ކަތީބު) އެވެ. ދޮން ތައްޚާނު ކަތީބަކީ، ޢިލްމުވެރި، ޖެހިލުންކުޑަ، އިލްހާމުގެ ބާރެއް ލިބިލައްވާފައިވާ ތަޤުވާވެރި ޝަޚުޞިއްޔަތެއް ކަން ފާހަގަކުރެވިފައި ވެ އެވެ.

ޙަކީމުދީދީގެ ވާހަކަ ކިޔައިއުޅޭ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، އަދި އޭނާގެ ގަޔަށް ބަޑިޖަހާފައި ވަނިކޮށް ދުށް މީހުން ބުނެއުޅޭ ގޮތުގައި، އޭނާގެ ގަޔަށް ބަޑިޖެހީ ބަޑިފުރޭތަ އެވެ. ބަޑިފުރޭތައަކީ، ހަޑި މުޑުދާރު ތަންތަނުގައި އުޅޭ ކަމަށް މީހުން ޤަބޫލުކުރާ ބިރުވެރި ޖިންނިއެކެވެ. ނުވަތަ ނުރައްކާތެރި ދެތްވެކެވެ. ބަޑިފުރޭތައަށް ބަޑިއެދުރު ވެސް ކިޔަ އެވެ. ޙަކީމުދީދީ ނޫން މީހުންނަށް ވެސް ބަޑިއެދުރު ފެނިފައި ވެ އެވެ. އެހެނަސް، އޭނާ ނޫން މީހެއްގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށް ބުނާ އަޑެއް ނާހަމެވެ.

ހަނދާން ކުށްކަމުގައި ނުވަނީނަމަ، ޙަކީމުދީދީ ގަޔަށް ބަޑިޖެހިރޭ، އެ ހާދިސާ ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން، އެ ހާދިސާ ހިނގި ތާނަގައި، ގއ. މާމެންދޫ އަލްމަރްޙޫމް ތުއްތު ކަތީބު (ޢަލީ ފިކުރީ)، ފަށްޖެހި އެނދެއްގައި އޮންނެވި އެވެ. ރަންކޮކާގޭގައި ދަންވަންދެން ރުކުރާ ކައްކާތީ، އެކަމުގައި މަޝްޣޫލުވެގެން އުޅުނު ބައެއް މީހުން ވެސް އޭރު އެތާނގައި އުޅުނެވެ. ހާދިސާ ހިނގީ ތުއްތު ކަތީބު، ގެއަށް ވެންނެވިތާ މާގިނައިރެއް ނުވަނީހެވެ. އެ ހާދިސާ ހިނގިއިރު އޭނާ ވެސް ނިދިނުކުރައްވަ އެވެ. އެ ހާދިސާގެ އަޑަށް މަގުމައްޗަށް އެންމެ ފުރަތަމަ ނިކުންނެވި އެއް ބޭކަލަކީ، އޭނާ އެވެ. ހާދިސާ ހިނގާފައިވާ ތަން، ރަންކޮކާގެ އަށްވުރެ ބޮޑަށް ކައިރީ އޭނާގެ ގެޔާ އެވެ.

ޙަކީމުދީދީ ގަޔަށް ބަޑިޖެހި ހާދިސާއަކީ، ސާފުކޮށް އޮޅުންނުފިލާ ހާދިސާއެކެވެ. އެ ހާދިސާއަށްފަހު، ޖިންނިއެއް އިންސިއެއްގެ ގަޔަށް ބަޑިޖެހި އެހެން ހާދިސާއެއް ހިނގާފައިވާ ވާހަކައެއް މާމެންދޫގައި ނުދައްކަ އެވެ. އުފެދޭ ސުވާލަކީ، އެ ހާދިސާއަށްފަހު ބަޑިއެދުރު އެހެން ރަށަކަށް ދިޔައީތޯ އެވެ؟ ނުވަތަ ބަޑިއެދުރު މާބޮޑަށް ހިތްހަމަނުޖެހޭ ފަދަ ކަމެއް، ޙަކީމުދީދީ އަށް ކުރެވުނީތޯ އެވެ؟ ނުވަތަ ޙަކީމުދީދީގެ ބަލި ފަސޭހަކުރުމަށްޓަކައި ފަންޑިތަހެއެއްދެވި ބޭކަލުންގެ ފަންޑިތައިން ބަޑިއެދުރު އަނދައިއަޅިއަށް ވީތޯ އެވެ؟

މިޒަމާނުގެ ފިކުރުން ނަޒަރު ހިންގާއިރު، ޙަކީމުދީދީ އަށް ކުރިމަތިވި ހާދިސާ އަކީ، ގއ. މާމެންދޫ އަށް އޭލިއަނުން އައިކަމުގެ ހެއްކެއް ކަމަށް ވެސް ބުނެވިދާނެ އެވެ. އެހެނަސް، މިކަމާމެދު ސައިންޓިފިކް ޢިލްމީ ނަޒަރަކުން ވަކި ގޮތެއް ކަނޑައަޅާކަށް ނެތީމެވެ. އެކަން ކުރުން ދޫކޮށްލާނީ، އެކަމަށް ޤާބިލު ފަރާތްތަކަށެވެ. އަޅުގަނޑުގެ މަޤުޞަދަކީ، އަޑުއިވިފައިވާ މިންވަރުގެ މައްޗަށް ބުރަވެހުރެ، ތާރީޚަށްޓަކައި މިވާހަކަ ރައްކާތެރިކުރުމެވެ. މި ވާހަކައިން ގއ. މާމެންދޫގެ ތާރީޚަށް ޚިދުމަތެއް ކުރެވިއްޖެނަމަ، މަޤުޞަދު ޙާޞިލުވީ އެވެ.

މާތް ﷲ، ޙަކީމުދީދީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އަދި އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްދެއްވި ދޮން ތައްޚާނު ކަތީބަށް ވެސް އެފަދަ މަތިވެރި ނިޢުމަތް ލައްވާށި އެވެ! އާމީން!



ތިރީގައި މިވަނީ، ޙަކީމުދީދީ ގަޔަށް ބަޑިޖެހި ހާދިސާ ހިނގި ސަރަހައްދު ދައްކައިދޭ ގއ. މާމެންދޫގެ ޗާޓެކެވެ.

1. ބަކަރިކޮށި ހުރި ހިސާބު.
2. ރަންކޮކާގެ.
3. ޢަލީ ފިކުރީ (ތުއްތު ކަތީބު) ގެ ގެ.
4. ޙަކީމްދީދީ ގަޔަށް ބަޑިޖެހިއިރު އޭނާ ހުރި ތަން.