ވިޔާނުދާ އަންހެނެއްގެ ވާހަކަ


ދެމަފިރިންގެ ޙަޔާތުގެ ކުރީކޮޅުގައި، ފިރިމީހާއަކީ ތަނަވަސްކަމެއް ލިބިފައިވާ މީހެއް ނޫނެވެ. ޙަޔާތުގެ މައިދާނަށް އޭނާ ނުކުތީ އަނބިމީހާގެ އެހީތެރިކަމުގައެވެ. އެކަމަށްޓަކައި އޭނާ ހޭދަކުރީ އަނބިމީހާގެ މުދަލާއި ފައިސާއެވެ. ހިންމަތާއެކު އޭނާ ކުރި މަސައްކަތްތައް ކާމިޔާބުވެ، ތަނަވަސްކަން ޙާޞިލުވިއެވެ. އޭނާއަށް ލިބުނު ކާމިޔާބުގައި އަނބިމީހާގެ ޙިއްޞާ ވަރަށް ބޮޑުކަން ޤަބޫލުކުރިއެވެ. އެކަމަށްޓަކައި އަނބިމީހާއަށް ތަޢުރީފުކުރެއެވެ. އަދި މަޝްހޫރު ހަރުބަސް ބުނެއުޅެއެވެ.

"ކޮންމެ ބަޠަލެއްގެ ފަހަތުގައި ވަރުގަދަ އަންހެނަކު ހުރެއެވެ!"

އެހެނަސް، ފިރިމީހާއަށް ތަނަވަސްކަން ލިބުމުން، އަނބިމީހާގެ މުޢާމަލާތުކުރުން ހުރީ އެހެން ގޮތަކަށެވެ. އަބަދުވެސް ފިރިމީހާއަކީ، އޭނާގެ އަޅެއް ފަދަ މީހެއްކަން ހަނދާންކޮށްދެއެވެ. ފިރިމީހާއަށް ލިބޭ ކޮންމެ ކުރިއެރުމަކީ، އަނބިމީހާގެ މުދަލާއި ފައިސާއިން ހޯދާ އެއްޗެއް ކަމުގައި ދަޢުވާކުރެއެވެ. އަނބިމީހާ އެހީތެރިނުވިނަމަ، ފިރިމީހާ އުޅެންޖެހޭނީ ފަޤީރު ޙާލުގައި ކަމަށް ބުނެ މަލާމާތްކުރެއެވެ.

އަނބިމީހާގެ އެ ޢަމަލުތަކާމެދު ހިތްހަމަނުޖެހޭކަން އެތައް ފަހަރަކު ފިރިމީހާ ބުންޏެވެ. އެހެނަސް އަނބިމީހާއަކަށް ބަދަލެއް ނައެވެ. ދެން އަނބިމީހާއަށް އެކުރެވެނީ ވިޔާނުދާ ކަމެއްކަމަށް ބުނެ، އެކަން ނުކުރުމަށް އޭނާގެ މަންމައާއި ބައްޕަ ވެސް ނަސޭހަތްދިނެވެ. ނަމަވެސް އޭނާ އެކަމެއް ނުހުއްޓިއެވެ. ގެދޮރުގެ އިން ފަހަނަޅައި އަނބިމީހާގެ ވާހަކަ، އަވަށްޓެރިންނާ ހަމައަށް ވެސް ފޯރިއެވެ. އެމީހުން ވެސް އޭނާއަށް ނަސޭހަތްދިނެވެ. އަދި އޭނާއަށް އެކުރެވެނީ ވަރަށް ބޮޑު ކުށެއްކަން ވެސް އަންގައިދިނެވެ. އެކަމަކު އެމީހުން ދިން ހެޔޮ ނަސޭހަތް ވެސް އޭނާ ޤަބޫލެއް ނުކުރިއެވެ.

ދުވަސްވީ ވަރަކަށް އަނބިމީހާގެ ބަސްމަގު ދިޔައީ ނުބައިވަމުންނެވެ. އެންމެފަހުން، އޭނާއާ ވަކިވުން ނޫން ގޮތެއް ފިރިމީހާއަކަށް ނެތެވެ. ފިރިމީހާގެ ތަނަވަސްކަން އޭގެ ކުންނަށް އެރި ހިނދު، އަނބިމީހާ ދޫކޮށްލަން މަޖުބޫރުވިއެވެ. އެންމެފަހުން އޭނާ އެކަން ކުރީ އަނބިމީހާގެ އަހުލުންގެ ރުހުމާވެސް އެކުގައެވެ!