ގއ. މާމެންދޫގައި ހިނގި ޤިޔާމަތުގެ ހާދިސާ


ހުވަދު އަތޮޅު މާމެންދޫގައި ހިނގި ޤިޔާމަތްވުމުގެ ހާދިސާގެ ވާހަކައަކީ، އާންމު ވާހަކައެއް ނޫނެވެ. އެވާހަކަ އާންމު ނުވުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށް ބެލެވެނީ، އެވާހަކައިގެ ބަޠަލުންނެވެ. އެއީ، އޭރު އެރަށުގައި ތިއްބެވި އެންމެ ހަރުކުލައިގެ ކަމުވޮށިވެގެންވާ ބޭކަލުން ކަމުގައި ވީކަމެވެ. އެފަދަ އިސް ބަޔެއްގެ ކިބައިން ހިނގާފައިވާ ދޯހަޅި ހާދިސާއެއްގެ ވާހަކަ އާންމުކޮށް ދައްކަން ނުކެރުމެވެ. އެހެނަސް އެއީ ގއ. މާމެންދޫގެ ތާރީޚަށްޓަކައި ލިޔެލަން އެންމެ ރަނގަޅު ވާހަކައެއް ކަމުގައި ދެކެމެވެ.

އޭރު ގއ. މާމެންދޫގައި ގަޑިއަކީ އާންމު އެއްޗެއް ނޫނެވެ. ކަމުވޮށިގެންވާ މަދު ގެތަކެއްގައި ނޫނީ ބޮޑު ގަޑިއެއް ނުހުރެއެވެ. އެއިން އެއް ގެއަކީ، ޗާންދަނީގެއެވެ. އެއީ، އަލްމަރްޙޫމް މުޙައްމަދު ކަލޭގެފާނުގެ ގެއެވެ. އަނެއް ގެއަކީ ފިނިފެންމާގެއެވެ. އެއީ، އަލްމަރްޙޫމް ޙަސަންކަލޭގެފާނުގެ ގެއެވެ. މާތް ﷲ އެ ދެ ކަލުންނަށް ސުވަރުގޭގެ ތަނަވަސް ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

އެދުވަސްވަރު ގަޑި މަދުކަމާއެކު، ގަޑި ހަމަކުރަން ދަންނަ މީހުންނަކީ ވެސް މަދު ބަޔެކެވެ. އޭރު ހުންނަނީ ޗާބީދީގެން ހިންގާ ގަޑި ކަމަށް ވާތީ، ގަޑި ހުއްޓޭ ކޮންމެ ފަހަރަކު ޗާބި ދީފައި، ގަޑި ހަމަކުރަންޖެހެއެވެ. އެގޮތުގެމަތިން، ޗާންދަނީގޭ ގަޑި ހަމަކުރަނީ އެކަމަށް ކުޅަދާނަ ހުނަރުވެރިއެކެވެ. ޗާންދަނީގޭ ވެރިފަރާތް ކަމަށްވާ އަލްމަރްޙޫމް މުޙައްމަދު ކަލޭގެފާނު، އޭނާއަށް ނުހަނު އިތުބާރުކުރައްވައެވެ. އެ ގެއަކީ، އޭރު މާމެންދޫގައި ހުރި އެންމެ ކަމުވޮށިވެގެންވާ އެންމެ ތަނަވަސް ގެއެވެ. އެހެންކަމުން އެ ގޭ ގަޑި ދޮގުކުރުމަކީ، އާންމުންގެ މީހަކާ ލާއިގުވެގެންވާނެ ކަމެއް ކަމުގައި ނުވެއެވެ.

އެއްފަހަރަކު ޗާންދަނީގޭ ގަޑި ހުއްޓުމުން، ގަޑި ހަމަކުރުމަށް ޙަވާލުކުރެވިފައިވާ މީހާ، އާދަކާދައިގެމަތިން ގަޑިއަށް ޗާބީދީ ގަޑި ހަމަކުރިއެވެ. އެހެނަސް އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އޭނާއަށް ވަރަށް ބޮޑު އޮޅުމެއް އެރިއެވެ. އެ ދުވަހު އޭނާ ރޯދައަށް ހުރުމާއި، މާބޮޑަށް ވަރުބަލިވެފައި ވުމާއެކު، ގަޑީގެ ދެކަށީގެ ފަރަގަށް ދޭންޖެހޭ މަޤާމު އޭނާގެ އަތުން ކައްސާލިއެވެ. ދިގުކަށްޓަށް ކުރުކަށީގެ މަޤާމު ދެވި، ކުރުކަށްޓަށް ދިގުކަށީގެ މަޤާމު ދެވުނެވެ. މިކަމުގެ ނަތީޖާއަކަށްވީ، މެންދަމު ބާރަޖަހާ ވަތުތަކީ، ހެނދުނު ހަޔެއް ޖަހާއިރު ކަމަށް ގަޑިން ދެއްކުމެވެ! އެދުވަހު މިގޮތަށް ގަޑި ހަމަކުރެވިފައިވާކަން އެއްވެސް މީހަކަށް ފާހަގަނުކުރެވި ވަނިކޮށް، އިރުއޮއްސި އަނދިރިވެއްޖެއެވެ. ޢިޝާނަމާދަށްފަހު ގިނަ އިރުތަކެއް ނުކޮށް، މުޅި ރަށް އެއްކޮށް ނިދައިފިއެވެ.

އެރޭ ދަންވަރު މުޙައްމަދު ކަލޭގެފާނު ދަމު ނަމާދަށް ތެދުވަންނަވައި ގަޑި ބެއްލެވިއިރު، ހެނދުނު ހަޔެއް ޖަހަނީއެވެ! އެހެނަސް ދުނިޔެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ! ދެން އޭނާގެ އަނބިކަނބަލުން ރެކީފާނު ހޭލައްވައި، އޭނާއަށް ގަޑި ދެއްކެވިއެވެ! ރެކީފާނު ވިދާޅުވީ ރަށުގެ އެހެން މީހެއްގެ ގަޑި ބެލުމަށެވެ. އެސާހިތަކު، ދެން އެންމެ އިތުބާރުކުރެވޭ ގަޑިއެއް ހުރި ގެއަށް މީހަކު ފޮނުވައިގެން އެ ގޭ ގަޑި ބެލުނެވެ. އެއީ ފިނިފެންމާގޭ ގަޑިއެވެ. ކަންދިމާކުރި ގޮތުން، ޗާންދަނީގޭ ގަޑި ހުއްޓުނު ދުވަހު ފިނިފެންމާގޭ ގަޑި ހުއްޓިގެން، އެ ދެ ގޭ ގަޑި ވެސް ހަމަކުރީ ހަމަ އެކެކެވެ. އެއީ ވަރުބަލިވެފައިވާ ރޯދަވެރިޔާއެވެ. އެހެންކަމުން އޭނާއަށް އެ ދެ ގޭ ގަޑި ވެސް ހަމަކުރެވިފައިވަނީ ހަމަ އެއްގޮތަކަށެވެ.

ދެ ގޭގައި ހުރި ދެ ގަޑި އެއްގޮތްކަން އެނގުމުން، ދަމުނަމާދަށް މިސްކިތްދޮށަށް ގޮސްތިބި މީހުންގެ މެދުގައި ކަންބޮޑުވުން ފާޅުވާންފެށިއެވެ. ހެނދުނު ހަޔެއްޖެހިއިރު ވެސް، އިރުގެ ދޯއްޖެއް ދުނިޔެއަށް ދައްކައިނުލާތީއެވެ. އެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކަކަށްފަހު، އެމީހުން ނިންމީ، ދުނިޔެ ޤިޔާމަތްވަނީ ކަމަށެވެ. ހެނދު އިރުމަތީ ފަރާތުން އިރު ނާރައިފިނަމަ، ދެން އިރު އަރާނީ ހުޅަނގު ފަރާތުން ކަމަށެވެ. މި ފިކުރުގައި އެމީހުންކުރެ ކޮންމެ މީހަކު ވުޟޫކޮށްގެން މިސްކިތަށް އަރައި، އެމީހަކަށް ކުރެވުނު ހެޔޮކަމެއް ކުރަން ތިބީއެވެ.

އެމީހުން އެ ޙާލުގައި ތިއްބައި، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރިން، އޮޅެތައްޚާނު މިސްކިތަށް ދުރުވިއެވެ. އޭނާއަކީ، ތަންދޮރު ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭކަލެކެވެ. އޭނާ މިސްކިތަށް ދުރުވުމުން، މިސްކިތުގައި ތިބި މީހުން، އެމީހުންގެ ޝުޢޫރުތައް އޭނާގެ ކުރިމައްޗަށް ބަންޑުންޖަހާލިއެވެ. އެހިނދު އޭނާ ބުނުއްވި ކަމަށް ވެއެވެ.

"ތިޔަ ގޮވަނީ ކޮން ހާސަރުތަކެއް ހެއްޔެވެ؟ މިއީ ރޭގަނޑެވެ. ހެނދުނު ވުމުން އިރު އަރާނެއެވެ."

ޗާންދަނީގެއާއި ފިނިފެންމާގޭ ގަޑި ފިޔަވައި އެހެން ގެއެއްގެ ގަޑި ބެލުމަށް އޮޅެތައްޚާނު ބުނުއްވި ކަމަށް ވެއެވެ. ދެން ބައެއް މީހުން ގަޑިހުރި އެހެން ގެތަކަށް ގޮސް ބެލިއިރު، އޭނާ ބުނުއްވި ފަދައިން އެއީ ރޭގަނޑެވެ. ދެން އެމީހުން މިސްކިތަށް ގޮސް ތިއްބައި ފަތިސްވެއްޖެއެވެ. ފަތިސްނަމާދު ކޮށްގެން މިސްކިތުގައި އަޅުކަންކުރަން ތިއްބައި އިރުއަރައްޖެއެވެ. ބައެއް މީހުން، ދުނިޔެ ޤިޔާމަތް ނުވާކަން ހިތުގެ އަޑިން ޤަބޫލުކުރީ އިރުއެރުމުން ކަމަށް ބުނެވެއެވެ.

މިއީ، މާމެންދޫގެ ތާރީޚުގައި ހިނގައި މާޒީވެފައިވާ ހާދިސާއެކެވެ. މި ހާދިސާ ހިނގީ، އެރަށުގެ ޤަދަރުވެރި ދެ ގެއެއްގެ ގަޑި ހަމަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޮޅެތައްޚާނަކީ، މާމެންދޫގެ ބިމުން އުފެދުނު ތޫނުފިލި ޢިލްމުވެރި ޙިކުމަތްތެރިއެއްކަން ވެސް ފާހަގަކުރަމެވެ. މާތް ﷲ، އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙުމަތް މިންވަރުކުރައްވާށިއެވެ! އާމީން!