ގއ. މާމެންދޫ "ކާބުލް" ފަޅުވި ވާހަކަ


ފާއިތުވެގެންދިޔަ ޖީލުގެ ކުރީކޮޅުގައި، ގއ. މާމެންދޫގައި "ކާބުލް" ގެ ނަމުން ނަންދެވިފައިވާ އަވަށެއް ވިއެވެ. މާމެންދޫ ބަހުން އެ އަވަށަށް ކިޔަނީ، "ކާބޮލާ" އެވެ. އެ އަވަށް އޮތީ، އޭރު މާމެންދޫގައި މީހުން ދިރިއުޅުނު ސަރަޙައްދުގެ ހުޅަނގު ދެކުނުގައެވެ. ހުޅަނގު ފަރާތުން މޫދާ ކައިރީގައެވެ. އެ އަވަށުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގައި އޮތީ ވަލެވެ. މުޅި ރަށުގެ ބިމަށް ބަލާއިރު، އެއީ ރަށުގެ މެދުތެރޭގައި، ރަށުގެ މޫނުމައްޗަށް ވާ ގޮތަށް އޮތް އަވަށެކެވެ.

ގއ. މާމެންދޫ ކާބުލް ދެކަމަކަށް މަޝްހޫރުވެފައި ވިއެވެ. އެއް ކަމަކީ، އެ އަވަށުގެ އަހުލުވެރިންގެ މުއްސަނދިކަމެވެ. އަނެއް ކަމަކީ، އެމީހުންގެ ބުއްދިވެރިކަމެވެ. އެ ދެ ކަމަށްޓަކައި އެމީހުންގެ މައްޗަށް ބަޔެއްގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެ ބަޔަކީ މާމެންދޫގައި އުފެދުނު ސިޙުރުވެރިންނެވެ. އެމީހުންނަކީ، އޭރު މިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ތިބި ބޮޑެތި ސިޙުރުވެރިންނަށް ދަރިވަރުވި ބަޔެއްކަމަށް ބުނެވެއެވެ. އެމީހުން ސިޙުރު ހެދުމަށް ބޭނުންކުރީ، ދުނިޔޭގެ ފެންވަރުގައި ނަންހިނގާ ބޮޑެތި ސިޙުރު ފޮތްތައް ކަމަށް ވެސް ބުނެވެއެވެ.

ގއ. މާމެންދޫގައި އުފެދުނު ސިޙުރުވެރިން، އެރަށު ކާބުލް ނުވަތަ ކާބޮލާ ފަޅުކުރީ ސިއްރިޔާތުގައެއް ނޫނެވެ. އެކަން ކުރުމަށް އެމީހުން ނިޔަތްގަތް ހިނދު، އެ އަވަށް ފަޅުކުރާނެކަމުގެ އިންޒާރު ދިނެވެ. އަދި އެ އަވަށުގެ މުއްސަނދިންގެ ގެތައް ވެއްޓި، އެ ގެތަކުގެ މަތީގައި ބަރަބޯވެޔޮ ހެދޭނެ ކަމުގެ ޚަބަރު ވެސް ދިނެވެ. އެއިން ބައެއް ގެތަކަކީ، ދިވެހި ހަކުރުގައި އުވަ ގަށައިގެން ރާނާ، އުވަޖަހާފައިވާ ގެތަކެވެ. އެހެންކަމުން، ސިޙުރުވެރިން ބުނިފަދަ ދޯހަޅި ގޮތަކަށް އެ ގެތައް ފަނާވެގެން ހިނގައިދާނެ ކަމަކަށް އޭރު މީހުން ޤަބޫލެއްވެސް ނުކުރެއެވެ.

ބުނެވޭ ގޮތުގައި، މާމެންދޫ ކާބުލް ފަޅުކޮށްލުމަށްޓަކައި ސިޙުރުވެރިން ހެދި ސިޙުރަކީ، އޮޑިހަނެއްގެ ތެރޭގައި ކުރަތްޕެއް ކަފުންކޮށްގެން ހެދި ސިޙުރެކެވެ. އެމީހުން އެ ސިޙުރު ހެދުމަށްފަހު، ކާބުލްގެ ބިމުގައި އެ އޮޑިހަން ކަފުނާއެކު ބަންޑުން ވަޅުލިއެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުގައި، ކާބުލްގެ އެތައް ގޯއްޗެއްގެ ތެރޭގައި އެ ފަދަ އެތައް އޮޑިހަނެއް ކަފުނާއެކު ބަންޑުން ވަޅުލިއެވެ. އެއަށްފަހު ހިނގި ކަންތައްތައް ދޫދޫމަތިން ވާރުތަވެފައި ވެއެވެ. އެކަންތައްތަކުގެ ތެރޭގައި، މީހުން މަރުވުމާއި، ގެތައް ފަޅުވުމާއި، މުއްސަނދިން ފަޤީރުވުމާއި، ބައެއް މީހުންނަށް ދަރިން ނުލިބި ނަސްލު މެދުކެނޑުން ފަދަ ކަންތައް ހިމެނެއެވެ. އެންމެ ޙައިރާންކުރުވަނިވި، އަދި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ހިނގައިދިޔަ ކަމެއް ކަމަށް ބުނެވެނީ، ގަސްގަހާގެއްސަށް ޖެހުނު މުޞީބާތެވެ. ވަލުތެރޭގައި އުޅޭ ބޮނޑު ފަދަ ސޫފިތައް އައިސް، އެ ގަސްތައް ކައި ސުންނާފަތިކުރުމެވެ. ގަސްގަހާގެހީގެ ފަތްތަކާއި ކުރިތައް ކައި ހުސްވުމުން، ތޮށްޓާއި ގަސްގަނޑު ވެސް އެ ސޫފިތައް ކޭ ކަމަށް ބުނެވެއެވެ.

އަޅުގަނޑު ކުޑައިރު، ކާބުލްގެ ގެތަކުގެ ތެރެއިން ވެއްޓިފައިވާ ގެއެއް ދުށީމެވެ. އެއީ އެ އަވަށުގެ މުއްސަންޖެއްގެ ގެއެވެ. އެ ގޭގެ ވެއްޓިފައިވާ ފާރުތަކުގައި ޖަހާފައިވާ އުވައިގެ ހުދުކަމާއި އޮފުކަން އޭރުވެސް ކެނޑިގެނެއް ނުދެއެވެ. އެ ފާރުތަކުގެ މަތީގައި ހެދިފައިވާ ބަރަބޯ ވެލެއް ވެސް ދުށީމެވެ. އަދި އެތާނގައި ކެކުރިއާއި މުރާކިއާއި ދިގުތިޔަރަ ވެސް ހެދިފައި ވަނިކޮށް ދުށީމެވެ. ވަލުތެރޭގައި ހެދޭ އެނޫން ގަސްތައް ވެސް އެތާނގައި ހެދިފައި ވިއެވެ.

އަޅުގަނޑުމެންގެ ޒަމާނާ ހަމައަށް އައިއިރު، ގއ. މާމެންދޫ ކާބުލްގައި ވަނީ އެންމެ ދެ ގެއެވެ. އެއީ، މަރްޙޫމް ޙަސަން ކަލޭގެފާނުގެ ފިނިފެންމާގެ އާއި، މަރްޙޫމް ޢަބްދުﷲ ޞާދިޤުގެ ނަސީމީވިލާއެވެ. ޙަސަން ކަލޭގެފާނުގެ ދެ ދަރިކަނބަލުން އޭނާގެ ޙަޔާތުގައި ވަނީ ނިޔާވެފައެވެ. އެ ދެ ދަރިކަނބަލުންގެ ނަސްލު ދުނިޔޭގައި އެބައޮތެވެ. އެހެނަސް އެއިން ނަސްލެއްގެ މީހަކު، ކާބުލްގެ ބިމުގައި ވަޒަންވެރިވި ކަމެއް އެނގިފައެއް ނެތެވެ. ޢަބްދުﷲ ޞާދިޤުގެ ފުށުން ނަސްލެއް ނުއުފެދެއެވެ.

މިހާރު، ގއ. މާމެންދޫގެ ޢުމްރާނީ ވިއުގަ ވަނީ ކާބުލް ފަހަނަޅައި ގޮސްފައެވެ. ކާބުލްގައި ކުރިން ފަޅުވެފައިވާ ގޯތިތަކުގައި މިހާރު ވަނީ ގެދޮރު އެޅިފައެވެ. އެހެނަސް އެއީ، ކާބުލްގެ އަހުލުވެރިންގެ ގެތަކެއް ނޫނެވެ. ރަށުގެ ޢުމްރާނީ ވިއުގަ ގެތެމުންދިޔައިރު ބިނާކުރެވިފައިވާ އެހެން ބަޔެއްގެ ގެތަކެކެވެ. މިހާރު ކާބުލްގެ ބިން އޮތްތަން އެނގުނަސް، އެ އަވަށުގެ އިންތައް ފާހަގަކުރެވޭކަށެއް ނެތެވެ. މިދެންނެވީ، ރަށުގެ ބިން ރަނގަޅަށް ދަންނަ، ރަށަށް ފަރިތަ މީހަކަށް އެކަން ނުކުރެވޭނެ ވާހަކައެއް ނޫނެވެ. ތާރީޚީ ޙަޤީޤަތެއްގެ ގޮތުގައި ދެމިއޮންނާނީ، ގއ. މާމެންދޫގައި އޮތް ކާބުލް އެވެ، ކިޔާ އަވަށްގަނޑު ފަޅުވިކަމެވެ. އެއަށްފަހު އެ އަވަށް އެ ނަމުގައި އަލުން އާބާދުނުވާ ކަމެވެ.