ނަމާދުގައި، ކީރިތި ޤުރުއާން އިސްފަސްކޮށް ކިޔެވުން



ސުވާލު

ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާއިރު، ސޫރަތްތަކާއި އާޔަތްތައް ކިޔަވަން ޖެހޭނީ ކީރިތި ޤުރުއާނުގައިވާ ތަރުތީބުންތޯއެވެ؟ މިސާލަކަށް، ފުރަތަމަ ރަކުޢަތުގައި ސޫރަތުލްކައުޘަރު ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި ކިޔަވަންވާނީ، ފުރަތަމަ ކިޔެވި ސޫރަތަށްވުރެ ފަހަތުގައިވާ ސޫރަތުއްނަޞްރު ފަދަ ސޫރަތެއްތޯއެވެ؟ އަދި ފުރަތަމަ ރަކުޢަތުގައި، ސޫރަތުލްބަޤަރާ ގެ 50 ވަނަ އާޔަތުން 60 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި އެ ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވިދާނެތޯއެވެ؟


ޖަވާބު

އިސްފަސްކޮށްގެން ނުވަތަ ތަރުތީބު އޮޅުވާލައިގެން ކިޔެވުމާ ބެހޭ މައްސަލަތަކާބެހޭ ގޮތުން ޢިލްމުވެރިން ވަނީ ވާހަކަދައްކަވާފައެވެ. ސުވާލުގައި ހުށަހަޅުއްވާފައިވާ ފަދަ މައްސަލަތައް، އޭގެ ތެރޭގައި ހިމެނެއެވެ. ތިރީގައި މިވަނީ އޭގެ ތަފުޞީލެވެ.


ކަލިމަތައް އިސްފަސްކުރުން

މީގެ މިސާލަކީ، (الرَّحْمَنِ الرَّحِيمِ) ގެ ކަލިމަތައް ތަރުތީބު އޮޅުވާލައިގެން ކިޔެވުމެވެ. މިގޮތަށް ކިޔެވުމަކީ، ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ނަމާދުގައި ކީރިތި ޤުރުއާނުގެ އާޔަތެއްގެ ކަލިމަތަކުގެ ތަރުތީބު އޮޅުވާލައިގެން ކިޔަވައިފި މީހާގެ ނަމާދު، ބާޠިލުވާނެއެވެ. މިއީ، ޢިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައިވާ ކަމެކެވެ.


އާޔަތްތައް އިސްފަސްކުރުން

މީގެ މިސާލަކީ، (الرَّحْمَنِ الرَّحِيمِ، مَالِكِ يَوْمِ الدِّينِ) މި ދެ އާޔަތުންކުރެ، ދެވަނަ އާޔަތް ކިޔެވުމަށްފަހު، ފުރަތަމަ އާޔަތް ކިޔެވުމެވެ. މި ގޮތަށް ކިޔެވުމާމެދު ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއް ވެއެވެ. އެއީ:

1. އާޔަތްތައް އިސްފަސްކޮށްގެން ކިޔެވުމަކީ، މަކުރޫހަ ކަމެކެވެ. މިއީ، ޙަންބަލީ މަޛުހަބުގެ ރައުޔެވެ.
2. އާޔަތްތައް އިސްފަސްކޮށްގެން ކިޔެވުމަކީ، ޙަރާމްކަމެކެވެ. ޞައްޙަ ރައުޔަކީ މިއެވެ. އެހެނީ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުތީބާމެދު ޢިލްމުވެރިން ވަނީ އިޖުމާޢުވެ ވަޑައިގެންފައެވެ. އަލްޤާޟީ ވިދާޅުވެފައިވެ އެވެ. "ކީރިތި ޤުރުއާނުގެ އާޔަތްތައް ތަރުތީބުން ކިޔެވުމަކީ، ވާޖިބެކެވެ."


ސޫރަތްތައް އިސްފަސްކުރުން

މީގެ މިސާލަކީ، ފުރަތަމަ ރަކުޢަތުގައި އަލްޙަމްދަށްފަހު ކިޔަވާ ސޫރަތުގެ ކުރީގައިވާ ސޫރަތެއް، ދެވަނަ ރަކުޢަތުގައި އަލްޙަމްދަށްފަހު ކިޔެވުމެވެ. މިގޮތަށް ކިޔެވުމަކީ، ޙަރާމްކަމެއް ނޫނެވެ. ނަމަވެސް، މިގޮތަށް ކިޔެވުމަކީ، މަކުރޫހަ ކަމެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ސޫރަތްތައް އިސްފަސްކުރުމަކީ، ޙަރާމްކަމެއް ނޫން ކަމުގެ އެއް ދަލީލަކީ، ޞަޙީޙު މުސްލިމުގައި، ޙުޛައިފަތުގެފާނުގެ އަރިހުން ރިވާވެފައިވާ ރިވާޔަތެކެވެ. އެ ރިވާޔަތުގައިވަނީ، "އެއްރެޔަކު، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވި އިރު، އަލްބަޤަރާ ސޫރަތް ކިޔަވާވިދާޅުވިއެވެ. ދެން އައްނިސާ ސޫރަތް ކިޔަވާވިދާޅުވިއެވެ. ދެން އާލުޢިމްރާނު ސޫރަތް ކިޔަވާވިދާޅުވިއެވެ." (ކީރިތި ޤުރުއާނުގައި މިތިން ސޫރަތުގެ ތަރުތީބަކީ: (2) އަލްބަޤަރާ، (3) އާލުޢިމްރާން، (4) އައްނިސާ، މިއެވެ.)

އަނެއް ދަލީލަކީ، ސޫރަތްތައް ތަރުތީބާމެދު ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔެވެ. އެ ރައުޔުގައިވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތައް ތަރުތީބުކުރައްވާފައި ވަނީ، އިޖުތިހާދުން ކަމަށެވެ. ނަމަވެސް، ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު އައިސްފައިވަނީ، ތައުޤީފުން ކަމަށެވެ. މިހެން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި، އަލްކަރުމާނީ އާއި އިބްނުއް ނައްޙާސާއި އިބްނުލް އަންބާރީ ހިމެނިވަޑައިގަންނަވަ އެވެ. އިބްނު ޢަޠިއްޔާ ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު އައިސްފައިވަނީ، ތައުޤީފުންނާއި އިޖުތިހާދުން ކަމަށެވެ.

والله أعلم.


ނޯޓް
“ތައުޤީފު” މި ލަފުޒު، ދެ މާނައެއްގައި ޢިލްމުވެރިން ބޭނުންކުރައްވަ އެވެ. އެއީ:

1. ކީރިތި ޤުރުއާނުގެ ނުވަތަ ޠާހިރު ސުންނަތުގެ ދަލީލު.
2. ޝަރުޢީ ދަލީލު. (ކީރިތި ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނުވަތަ އިޖުމާޢުގެ ނުވަތަ ޤިޔާސުގެ ދަލީލެވެ.)