އަޅުކަން ފާސިދުކުރާ ވަސްވާހުން ސަލާމަތްވުން



ސުވާލު

އަޅުގަނޑުކުރާ އަޅުކަން ފާސިދުކުރާ ވަސްވާސްތަކެއް، އަޅުގަނޑުގެ ހިތަށް ވެރިވެއެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ވިސްނުމާއި ފިކުރު ވިއްސިވިހާލިވެ، އެއްވެސް އަޅުކަމެއް އެދެވޭ ގޮތެއްގައި ނުކުރެވެއެވެ. މިހެންވެ، ވުޟޫއާއި ނަމާދާއި ހިނައިގަތުން ފަދަ ކަންތައްތައް އިޢާދަކޮށް ކުރަން އެބަޖެހެ އެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟


ޖަވާބު

بِسْمِ اللهِ، وَالْحَمْدُ لهِޭ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، وَبَعْدُ:
ވަސްވާހަކީ، އިހުޒަމާނުގައި ވެސް މީހުންނަށް ވެސް ޖެހުނު ބައްޔެކެވެ. އެބަލި މިޒަމާނުގައި ވަނީ، އާވެ، މަޝްހޫރުވެފައެވެ. މި ޒަމާނުގައި އެބަލި ޖެހޭ މީހުންގެ ޢަދަދު މަދެއް ނޫނެވެ. އެބަލިވަނީ، އެތައް ބަޔަކަށް ޖެހިފައެވެ. ޚާއްޞަކޮށް ޠަހާރަތާއި ނަމާދާ ގުޅުންހުރި ކަންކަމުގައެވެ. އަދި ކައިވެންޏާއި ވަރީގެ ކަންތަކުގައި ވެސް އެބަލީގެ ނުރައްކާތެރިކަން ވަނީ ކުރިމަތިވެފައެވެ.

ވަސްވާހުގައި ޖެހިފައިވާ މީހާ ވާނީ، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ހަރުކަށިވެފައެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ވުޟޫކުރުމާއި، ތަކުރާރުކޮށް އެއް ނަމާދެއް އެތައް ފަހަރަކު އޭނާ ކުރަމުން ގެންދަނީ، އެ ކަންތައްތައް ރަނގަޅަށް އަދާކުރުމުގެ ނިޔަތުގައެވެ. އެފަދަ މީހުންގެ މި ޢަމަލަކީ، އިސްލާމްދީނުގެ ހުރިހައި މަޛުހަބުތަކެއްގެ ޢިލްމުވެރިން އިންކާރުކުރައްވާފައިވާ ކަމެކެވެ. ތަކުރާރުކޮށް ވުޟޫކޮށްގެން ނަމާދު ނުކުރިޔަސް އެމީހުންނަށް މާތް ﷲ ޢަޛާބެއް ނުދެއްވާނެއެވެ. މީސްތަކުންނަށް އެކަލާނގެ އެދިވޮޑިގަންނަވަނީ، ލުއިފަސޭހަ ގޮތްތަކެވެ. މީސްތަކުންނަށް ދަތި އުނދަގޫ ގޮތްތައް އެކަލާނގެ އެދިވޮޑިނުގަންނަވައެވެ.

ވަސްވާހުގައި ނުޖެހުމަށް އެންމެ ފުރަތަމަ މީސްތަކުން ހޭލުންތެރިކުރެއްވި އެއް ޢިލްމުވެރިޔަކީ، އިމާމު އަބޫ މުޙައްމަދު އަލްޖުވައިނީއެވެ. އޭނާއަކީ ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިއެކެވެ. ހަތަރު މަޛުހަބުގެ ތެރެއިން، ޝާފިޢީ މަޛުހަބަކީ، ޠަހާރަތާއި ނަޖިހުން ތާހިރުވުމުގެ ކަންތައްތަކުގައި ދޫ ދޭ މަޛުހަބެއް ނޫނެވެ. އެހެން ކަމާއެކު ވެސް އިމާމު ޖުވައިނީ ފަދަ ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިން ވެސް ވަނީ، ދީނުގެ ކަންތައްތަކުގައި ހަރުކަށިވުމާމެދު އިންކާރުކުރައްވާފައެވެ. އިންފަހަނަޅައި ދާ މީހުންނަށް ސީދާވެގެންވާ ތެދުމަގަށް އެނބުރި އައުމަށް އެބޭކަލުންވަނީ ގޮވާލައްވާފައެވެ.

ޢާއްމު ނަޒަރަކުން ބަލާއިރު، ވަސްވާސް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއްބަޔަކީ، ޝައިޠާނީ ވަސްވާހެވެ. އަނެއް ބަޔަކީ މާއްދީ ވަސްވާހެވެ.

ޝައިޠާނީ ވަސްވާހުން ސަލާމަތްވުމަށްޓަކައި، ކުރެވިދާނެ ކަންކަމަކީ، އަޢޫޛުކިއުމާއި މާތް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަން ލިބުމަށް އެދި ދެންނެވުމާއި ޛިކުރުކުރުމެވެ. އަދި ވަސްވާސް ނެތިކޮށްލާ ޝަރުޢީ ރުޤާތަކުގެ ބޭނުންހިފުމެވެ. ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އެދި ދެންނެވުމަށް މާތް ﷲ ވަނީ އަންގަވާފައެވެ.

(مِن شَرِّ الْوَسْوَاسِ الْخَنَّاسِ)
އައްނާސް: 4

މިއާޔަތުންނެވެ. މާނައީ، "ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަން ލިބިގަންނަމެވެ."

މާއްދީ ވަސްވާހުގެ ސަބަބަކީ، ބޭސްފަރުވާއާ ގުޅިފައިވާ ބައްޔެއް ކަމުގައިވާނަމަ، ސަލާމަތްތެރިކަމަށް އެދި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރާ ޙާލު، ކަމާބެހޭ ޑަކުޓަރެއްގެ ފަރުވާ ހޯދާނީ އެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

(وَلا يُنَبِّئُكَ مِثْلُ خَبِيرٍ)
ފާޠިރު: 14

މާނައީ، "ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ފަދައިން ކަލޭގެފާނަށް ޚަބަރުދޭނެ ހަމަ އެކަކުވެސް ނެތެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

(يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)
ފާޠިރު: 15

މާނައީ، "އޭ މީސްތަކުންނޭވެ! ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ، ތިޔަބައިމީހުންނެވެ. އަދި ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."