ޒާހިދު އިމާމެއްގެ އަގުހުރި ބަސްފުޅެއް


އަލްއިމާމު އިބްރާހީމް ބްނު އަދުހަމަކީ ތާބިޢީއެކެވެ. އެކަލޭގެފާނަކީ ނުހަނު ތަޤުވާވެރި ޒާހިދު ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނު ވިދާޅުވިއެވެ.

"ތިމަންބޭކަލުންނަށް ލިބިވަޑައިގެންފައިވާ ބާއްޖަވެރިކަން، ރަސްކަލުންނާއި، ރަސްރަސްކަލުންގެ ދަރިދަރިކަލުންނަށް އެނގިވަޑައިގެންފި ނަމަ، އެމީހުން ތިމަންބޭކަލުންގެ މައްޗަށް ކަނޑިތައް އުފުލާލާނެކަން ކަށަވަރެވެ."

މިބަސްފުޅުގެ މައްޗަށް ވާހަކަދައްކަވަމުން، އިބްނުލްޖައުޒީ ވިދާޅުވެފައިވެއެވެ.

އިބްނު އަދުހަމު ވިދާޅުވެފައިވަނީ ތެދުފުޅެކެވެ. ރަސްކަލަކު އެއްޗެއް ފަރިއްކުޅުއްވާއިރު، ފަރިއްކޮޅަށް ޒަހަރު ލާފައިވެދާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނެއެވެ. އަވަހާރަފުޅު ލައްޕަވާއިރު، މީހަކު، އެމަނިކުފާނު ޤަތުލުކޮށްފާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނެއެވެ. ރަސްކަލަކު އުޅުއްވަން ޖެހިވަޑައިގަންނަވާނީ ތަޅުލައި ބަންދުކޮށްފައިވާ ތަންތަނުގެ ތެރޭގައެވެ. ބޭރަށް ނުކުމެވަޑައިގަތުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. ބޭރަށް ނުކުމެވަޑައިގެންފިނަމަ، އެންމެ ކައިރީގައި ހުންނަ މީހާގެ ފުށުންވެސް އަނިޔާއެއް ލިބިވަޑައިގެންފާނެތީ ކަންބޮޑުވެވަޑައިގަންނަވާނެއެވެ. ތާޒާކަމާއެކު ދުނިޔޭގެ ފޮނި މީރުކަން ރަސްކަލަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ.

މީރު ބާވަތްބާވަތުގެ ކާބޯތަކެތި ހޯއްދަވަން އުޅުއްވާ ރަސްކަލަކަށް އެއިން ލައްޒަތާއި އަރާމު ލިބިވަޑައެއް ނުގަންނަވާނެއެވެ. އޭގެ ބޮޑުބައިވާނީ، އެމަނިކުފާނުގެ ބަނޑުފުޅު ފަސާދަކޮށްލާ އެއްޗެއް ކަމަށެވެ. ޖާރިޔާއިން ގިނަކުރެއްވި ވަރަކަށް، އެމަނިކުފާނުގެ ހަށިކޮޅުގެ ބާރު ދަށްވަމުން ދާނެއެވެ. މީހަކަށް ކާބޯތަކެތީގެ ލައްޒަތު ވެސް ލިބެނީ، ބަނޑުހައިވެފައިވާ ޙާލު ކައިބޮއިއުޅޭނަމައެވެ.

ބަނޑުހައި ނުވަނީސް ކައިބޮއި އުޅޭ މީހުންނަކަށް، އަދި ބޭނުން ނުޖެހެނީސް ތަންމަތީގެ އަރާމު ލިބިގަންނަ ބަޔަކަށް، ލައްޒަތެއް ނުލިބޭނެއެވެ. ފަޤީރުންނާއި އަލަތު ކާވެނިކުރާ މީހުންނަށް އެކަންކަމުން ލިބޭ ލައްޒަތާއި އަރާމު، އެމީހުންނަކަށް ނުލިބޭނެއެވެ. ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! ރޭގަނޑު ދަންވަރު ފަޤީރުން އަމާންކަމާއެކު މަގުމަތީގައި ނިދާފައި ތިބޭއިރު، މުއްސަނދީން އެވަނީ އަމާންކަމުން މަޙުރޫމުވެފައެވެ. މުއްސަނދީންނަށް ލިބޭ އަރާމުން ވަނީ ބައެއް އުނިވެފައެވެ.

ޤަދަރު އުފުލިގެންވާ މީހުންގެ ތެރޭގައި ފުރިހަމަ ލައްޒަތާއި އަރާމު ލިބިވަޑައިގެންވާ ބަޔަކީ، އިޚުލާޞްތެރި ޢިލްމުވެރިންނެވެ. މިދުނިޔޭގައިވާ ހުރިހައި އެއްޗަކުން ލިބޭ ލައްޒަތާއި އަރާމަށްވުރެ، ޢިލްމުން ލިބޭ ލައްޒަތާއި އަރާމު މާ ބޮޑެވެ.