އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ ތިންވަނަ ޢަދަދުގެ ފުރަތަމަ އިޞްދާރެވެ. މި ޢަދަދު ނެރެފައި މިވަނީ، ފުރަތަމަ ޢަދަދާއި ދެވަނަ ޢަދަދުގެ ދެވަނަ އިޞްދާރު ނެރުނު ފޭރާމުގައެވެ. މި ފޭރާމުގައި، މި މަޖައްލާގެ ޢަދަދުތައް އެކަތިގަނޑަކަށް ހެދުމުގެ ވިސްނުން ވަނީ، މި ޢަދަދާ ހަމައިން އުފަންވެފައެވެ. އެހެނަސް އެކަމަށް ޢަމަލީ ސިފަ ގެނެވޭނީ އިތުރު ޢަދަދުތަކެއް ނެރުމަށްފަހުގައެވެ.

މި މަޖައްލާގެ މި ޢަދަދުގެ މަޒުމޫނުގެ ބައިގައި މުސްލިމުންގެ ދީނީ އަދި ސަގާފީ ބައެއް މަޢުލޫމާތު ހިމަނާފައި ވާނެއެވެ. ކިޔާލަން ފަސޭހަ އުސްލޫބަކަށް ލިޔުންތައް ބައްޓަންކުރުމަކީ، އަބަދުވެސް މި މަޖައްލާގެ އަމާޒެކެވެ. ވާހަކައިގެ ބައިގައި ޢިބްރަތްތެރި ތިން ވާހަކައެއް ހިމަނާފައިވާނެއެވެ. އިސްވެދިޔަ ދެ ޢަދަދެކޭ އެއްފަދައިން މި ޢަދަދުގެ ޅެމުގެ ބައިގައި ވެސް ހިމަނާފައިވާނީ، ތަރުޖަމާކޮށްފައިވާ ޅެންތަކެކެވެ. މިފަދަ ތަރުޖަމާ ޅެމުގެ ބޭނުމަކީ، އެހެން ސަގާފަތުގެ ޅެންވެރިންގެ ޅެމުގެ އަސަރާއި ޖަޒުބާތު، ދިވެހި ޅެންވެރިންނާ ހަމައަށް ފޯރުކޮށްދެވޭތޯ ބެލުމެވެ. މި ޢަދަދުގެ ފޫހިފިއްލީގައި ވެސް ޚިޔާލާއި ފިކުރު ތަނަވަސްކޮށްދޭނެ ފޫހިފިއްލިތަކެއް ނަކަލުކުރެވޭތޯ މަސައްކަތްކޮށްފައި ވާނެއެވެ.

ޒަމާނީ ވަސީލަތްތަކާ މުނާސިބުވާނެހެން، ދިވެހި ލިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރާ މި މަސައްކަތުގެ އެހެން އަމާޒެއް ވެސް ވެއެވެ. އެއީ ދިވެހި ލިޔުންތެރިކަމުގެ ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމެވެ. ދިވެހި ބަހުގެ މަޖުދާއި ކަރާމަތު ދެމެހެއްޓުމެވެ. މައްދިވެހި ލިޔުންތެރިކަމަކީ، އަނެކުންގެ ޙައްޤުތަކަށް އަރައިގަތުން ނޫންކަން، ފިލާވަޅެއްގެ ގޮތުގައި އަންނަނިވި ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހެއެވެ. ނޫންނަމަ، ފަހުން ކުރަންޖެހޭނެ ހިތާމަ ވަރަށްވެސް ހިތިވާނެކަން ކަށަވަރެވެ.

މި މަޖައްލާ، ތިޔަ ބޭފުޅުންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، ހިލޭ ބަހާ އެއްޗެއްގެ ގޮތުގައެވެ. ޙާޞިލުކުރަން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑިއަކީ، ތިޔަ ބޭފުޅުންގެ އަރިއަހަށް ހެޔޮ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ގަދަ ކީރިތިވަންތަ މާތް ﷲ މިކަން ހިންމަވައިދެއްވާށިއެވެ! އާމީން!
2 ޖުލައި 2010