ދީން އުނގަންނަވައިދެއްވި ޙަދީޡުފުޅު


މި ޙަދީޘުފުޅުގައި ބަޔާންކުރައްވާފައިވަނީ، ދީނުގެ ވަރަށް މުހިންމު ކަންތައްތަކެކެވެ. އެ ކަންތައްތައް، މުސްލިމުންނަށް އުނގަންނަވައި ދެއްވުމަށްޓަކައި، އެއްދުވަހަކު ޖިބުރީލު ޢަލައިހިއްސަލާމް، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވި އެވެ. އަދި މުސްލިމުންގެ ކުރިމަތީގައި، އެ ކަންތައްތަކާ ބެހޭގޮތުން، އިތުރު އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ.

މި ޙަދީޘުފުޅު ރިވާކުރައްވާފައިވަނީ، އެ ދެބަފައިކަލުންނަށް މާތް ﷲ ރުއްސުން ލެއްވި، ޢުމަރުގެފާނުގެ އަރިހުން އެކަލޭގެފާނުގެ ދަރިކަލުންނެވެ. މި ޙަދީޘުފުޅު މަޝްހޫރުވެފައިވަނީ، "ޙަދީޘް ޖިބުރީލު" ގެ ނަމުންނެވެ.

قَالَ حَدَّثَنِى أَبِى عُمَرُ بْنُ الْخَطَّابِ، قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ. وَقَالَ: يَا مُحَمَّدُ أَخْبِرْنِى عَنِ الإِسْلاَمِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَتُقِيمَ الصَّلاَةَ وَتُؤْتِىَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً. قَالَ صَدَقْتَ. قَالَ فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ. قَالَ فَأَخْبِرْنِى عَنِ الإِيمَانِ. قَالَ: أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. قَالَ صَدَقْتَ. قَالَ: فَأَخْبِرْنِى عَنِ الإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ. قَالَ: فَأَخْبِرْنِى عَنِ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ. قَالَ: فَأَخْبِرْنِى عَنْ أَمَارَتِهَا. قَالَ: أَنْ تَلِدَ الأَمَةُ رَبَّتَهَا وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِى الْبُنْيَانِ. قَالَ ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا ثُمَّ قَالَ لِى: يَا عُمَرُ أَتَدْرِى مَنِ السَّائِلُ. قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ.


ޙަދީޘުފުޅުގެ މާނަ

އިބްނު ޢުމަރު ވިދާޅުވި އެވެ. ތިމަންކަލޭގެފާނުގެ ބައްޕާފުޅު، ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވިއެވެ.
ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފިއެވެ. އެ ކަލޭގެފާނުގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލައެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލައެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެކަލޭގެފާނުގެ ކިބައިގައި ނުވެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެންމެ ބޭކަލަކަށް ވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެއެވެ. ތިމަން ބޭކަލުން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެކަލޭގެފާނުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. އަދި އެކަލޭގެފާނުގެ ދެ އަތްތިލަފުޅު، އިތުރު އެކަލޭގެފާނުގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވިއެވެ.

އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިއެވެ.
އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް ކަލަކު ވޮޑިގެން ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.

ޢުމަރުގެފާނު ވިދާޅުވިއެވެ.
އެކަލޭގެފާނުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމުއެވެ. އެއީ، އެކަލޭގެފާނު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.
އީމާންކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.
ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.

(ދެން) އެކަލޭގެފާނު ވިދާޅުވި އެވެ.
އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.
ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިވަޑައިގެނެއް ނުވެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ، އަޅުކަނބުލޭގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.

ޢުމަރުގެފާނު ވިދާޅުވިއެވެ.
ދެން އެބޭކަލަކު އެނބުރި ވަޑައިގެންފި އެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންކަލޭގެފާނު އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އޭ! ޢުމަރުގެފާނެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟

ތިމަންކަލޭގެފާނު ދެންނެވީމެވެ.
އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.


ޙަދީޘުފުޅުގެ ފައިދާތައް

1. މިއީ، ވަރަށް މުހިންމު ޙަދީޘްފުޅެކެވެ. އެހެނީ، މި ޙަދީޘުފުޅުގައި ވަރަށް ސާދާ ޢިބާރާތުން ބަޔާންކުރައްވާފައި މިވަނީ، ދީނުގައިވާ އެންމެ މުހިންމު ތިން ޙަޤީޤަތެވެ. އެއީ، އިސްލާމްކަމާއި އީމާންކަމާއި އިޙުސާންކަމެވެ.

2. އެންމެ ފުޅާ ދާއިރާއެއް ޝާމިލުވެފައިވަނީ، އިސްލާމްކަމުގައެވެ. ދެން އީމާންކަމުގައެވެ. ދެން އިޙުސާންކަމުގައެވެ. މި ތިން ދާއިރާ، ޙަދީޘްފުޅުގައި ބަޔާންކުރައްވާފައިވަނީ، ތަރުތީބުންނެވެ.

3. ކޮންމެ އިޙުސާންތެރިޔަކު، އީމާންކަމުގެ ދާއިރާގައި ޝާމިލުވާނެއެވެ. ކޮންމެ މުއުމިނަކު، އިސްލާމްކަމުގެ ދާއިރާގައި ޝާމިލުވާނެއެވެ.

4. މި ޙަދީޘުފުޅުގައި އިސްލާމްކަން ބަޔާންކުރައްވާފައިވަނީ، ޢަމަލީގޮތުން ކުރާ ކަންތައްތަކަކުންނެވެ. އީމާންކަން ބަޔާންކުރައްވާފައިވަނީ، ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރާ ކަންތައްތަކަކުންނެވެ.

5. އިސްލާމްކަމަކީ، މާތް ﷲ ޝަރުޢުކުރައްވާފައިވާ ފަދައިން އެކަލާނގެއަށް އަޅުކަންކުރުމާއި، ސިއްރާއި ފާޅުގައި އެކަލާނގެ ޙަޟުރަތަށް ބޯލަނބައި ކިޔަމަންގަތުމެވެ.

6. އީމާންކަމުގައި ތިންކަމެއް އެކުލެވިފައިވެއެވެ. އެއީ، ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމާއި، ދުލުން ކިޔުމާއި، ޢަމަލުން ސާބިތުކޮށްދިނުމެވެ.

7. އިޙުސާންކަމަކީ، ސިއްރާއި ފާޅުގައި ތިމާ ކުރާ ހުރިހައި ކަމެއް، މާތް ﷲ ދެކެދެނެވޮޑިގެންވާ ކަން، ބަހާއި ޢަމަލާއި ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ. އަދި، މާތް ﷲ ގެ ރުހިވޮޑިގަތުމަށް އެދިގެން، ހެޔޮކަންތައްތައް ކުރެވެން އޮތް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ.

8. ޤިޔާމަތްވާނެ އިރެއް ދެނެވޮޑިގަންނަވަނީ، މާތް ﷲ އެވެ.

9. ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ، އަޅު އަންހެނާގެ ބަނޑުން، އެކަނބުލޭގެ ސާހިބު ކަމަނާ އުފަންވުމެވެ. އެކިއެކި ޢިލްމުވެރިން، އެ ބޭކަލުންގެ ޒަމާނުގެ ޙާލަތަށް ބައްލަވައިގެން މި ބަސްފުޅު ޝަރަޙަކުރައްވާފައި ވެއެވެ. މިޒަމާނުގައި މިވަނީ، ރަޙިމު ކުއްޔަށް ދިނުމުގެ ވިޔަފާރި ފާޅުވެފައެވެ. އަދި އަޅުވެތިކުރުމުގެ އާ ގޮތްތައް ވެސް އައިސްފައެވެ. ރަޙިމު ކުއްޔަށްދޭ ފަޤީރު އަންހެނެއްގެ ބަނޑުން، މުއްސަންޖެއްގެ ދަރިޔަކު އުފަންވުމަކީ، މިޒަމާނުގައި ހިނގާ ކަމެކެވެ. ޙަދީޘުފުޅުގައި ވަނީ، މިވާހަކަ ކަމަކަށް ނުދަންނަވަމެވެ. ނަމަވެސް، ޚިޔާލާއި ފިކުރު ތަނަވަސްކޮށްލުމުގެ ގޮތުން، މިނުކުތާ ފާހަގަކޮށްލީއެވެ.

10. ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އަނެއް ޢަލާމާތަކީ، ފަޤީރު ޙާލުގައި ދިރިއުޅުނު މީހުންނަށް ތަނަވަސްކަން ލިބި، އެބައިމީހުން ހައިބަތުހުރި ބޮޑެތި ބިޔަ އުސް ޢިމާރާތްތައް ބިނާކުރުމެވެ. ހުއިހައްޕާ މީހުންކަމަށް އޮތް ބަސްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޖަނަވާރުތަކަށް ކާންދީ ހުއިހެއްޕުމުގެ މަސައްކަތަކީ، ޢާއްމުގޮތެއްގައި ފަޤީރުން ކޮށްއުޅޭ މަސައްކަތެކެވެ. އެމީހުން އެމަސައްކަތް ކޮށްއުޅެނީ، އުޖޫރައަށެވެ.