ބަޣަލާއި ނަޣަލު ނުވަތަ ބަގަލާއި ނަގަލު


ބަގަލާއި ނަގަލަކީ ދެ ޖަނަވާރެކެވެ. ނަމުން ދާދި އެއްގޮތްވާ ފަދައިން މި ދެ ޖަނަވާރުގެ ތިމާގެކަން ވެސް ވަރަށް ބޮޑެވެ. މި ދެ ޖަނަވާރު އުފެދެނީ، އަހާއި ޙިމާރުގެ ދަރިކޮޅުންނެވެ. ބަގަލަކީ، ނަސަބުގެ ގޮތުން ޙިމާރުގެ ދަރިކޮޅަށް ނިސްބަތްވާ އެއްޗެކެވެ. އެއީ، ފިރިހެން ޙިމާރާއި އަންހެން އަހުގެ ދަރި އެވެ. ނަގަލަކީ، ނަސަބުގެ ގޮތުން އަހުގެ ދަރިކޮޅަށް ނިސްބަތްވާ ޖަނަވާރެކެވެ. އެއީ، ފިރިހެން އަހާއި އަންހެން ޙިމާރުގެ ދަރި އެވެ.


ބަގަލު


ބަގަލުގެ ކިބައިގައި، ޙިމާރާއި އަހުގެ ވަރަށް ގިނަ މޮޅު ސިފަތައް އެކުލެވިފައި ވެ އެވެ. ޙިމާރުގެ ކެތްތެރިކަމާއި، އަހުގެ ބާރު އޭގެ ކިބައިގައިވެ އެވެ. އެއީ ބަލިމަޑުކަމާ ވެސް ދުރު، ޞިއްޙަތު ރަނގަޅު ޖަނަވާރެކެވެ. އަދި އެއީ ލޮލުގެ ފެނުން ވަރުގަދަ ޖަނަވާރެއް ވެސް މެ އެވެ.

ބަގަލުގެ ނަމުގެ އަޞްލަކީ، ޙަބަޝީ ބަހުގެ "ބަގްލް" އެވެ.

ބަގަލަކީ، ބާރުގަދަ، ޙަރަކާތް އަވަސް، އަހަށްވުރެ ހަށިގަނޑު ކުޑަ، ޖަނަވާރެކެވެ. އެންމެ މޮޅު ސިފަތައް ލިބިފައިވަނީ ސައިޕްރަސްގެ ބަގަލަށެވެ. އަހަށް ނުކުރެވޭ މަސައްކަތްތައް ބަގަލު ކުރެ އެވެ.

ބަގަލަކީ، ލަޝްކަރުތަކުގައި ބޭނުންކުރާ ޖަނަވާރެކެވެ. ޚާއްޞަކޮށް ފަރުބަދަމަތީ ސަރަހައްދުތަކާއި، އަޑިގުޑަންތައް ހުންނަ މަގުތަކުގައި ތަކެތި އުފުލުމަށް އޭގެ ބޭނުންކުރެވެ އެވެ. މިޒަމާނުގެ އެއްގަމު އުޅަނދުތަކަށް ދަތުރުނުކުރެވޭ ތަންތަނުގައި ބަޣަލު ދަތުރުކުރެ އެވެ. އެފަދަ ތަންތަނުގައި އެއްތަނުން އަނެއް ތަނަށް ތަކެތި އުފުލާދެ އެވެ.

ބަގަލަކީ ރުޅިގަދަ، ގޮތް ދޫނުކުރާ ޖަނަވާރެކެވެ. ބަގަލު ގެންގުޅޭ މީހާ، އެއާއެކު ފަރުބަދަމަތީގައި ދަތުރުކުރާއިރު، އެއަށް އަނިޔާކޮށްފިނަމަ ނުވަތަ ހަރުކަށިކޮށް މުޢާމަލާތް ކޮށްފިނަމަ، އޭގެ ބުރަކަށިމަތީގައިވާ ތަކެތި އުކާލަ އެވެ. އެއަށްފަހު، ފަރުބަދަމަތިން ގަސްދުގައި ވެއްޓި، އަމިއްލައަށް މަރުވެ އެވެ.

ބަޣަލަކީ، ދަރިމައިނުވާ ޖަނަވާރެއް ކަމަށް ބުނެވެ އެވެ. ނަމަވެސް ވަރަށް ނާދިރު ޙާލަތްތަކުގައި އެއަށް ދަރިން ލިބިފައިވާ ކަމަށް ބުނެވެ އެވެ. މަޣުރިބުކަރައިގެ ފާސް ސަހަރުގައި އަންހެން ބަޣަލެއްގެ ބަނޑުން ޙިމާރެއް އުފަންވެފައިވެ އެވެ. އެއީ އުމުރުން 14 އަހަރުގެ އަންހެން ބަޣަލެކެވެ. ކަމާބެހޭ މާރިރުން ހާމަކުރެއްވި ގޮތުގައި، އެއަށް ދަރިއެއް ލިބިފައިވަނީ، ފިރިހެން ޙިމާރެއްގެ ފުށުންނެވެ.

އަހުގެ ދަރިކޮޅުން، މިޒަމާނުގައި އެންމެ ފުރަތަމަ ކްލޯންކުރެވުނު ޖަނަވާރަކީ ބަގަލެވެ. މިބާވަތުގެ ޖަނަވާރު ކްލޯންކޮށްގެން އުފެއްދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކުރެވިފައިވާ ތަޖުރިބާތަކުން އެނގުނު ގޮތުގައި، ކްލޯންކުރެވޭ ކޮންމެ 300 އަކުން ކާމިޔާބުވަނީ އެންމެ ތިނެއްޗެވެ.

ބަގަލަކީ، ވިނަކާ މަންމަލި ޖަނަވާރެކެވެ. އިހުޒަމާނުގައި ދުނިޔޭގެ ކަންކޮޅުތަކުގައި މަސައްކަތްކުރަން އެންމެ ރަނގަޅު ޖަނަވާރަކީ ބަގަލު ކަމަށް ބެލެވުނެވެ. އަހުގެ ކިބައިން ހަށިގަނޑުގެ ބައްޓަމާއި، ކުލައާއި، ބާރު، އެއަށް ލިބިފައި ވެ އެވެ. ނިގުލުގެ ކުރުކަމާއި، ނިގުލުގެ ކޮޅުގައިވާ ކެހެރިތަކާއި، ބޮލުގެ ސައިޒު ކުޑަކަމާއި، ފައިކުރުކަން، ޙިމާރުގެ ކިބައިން އެއަށް ލިބިފައި ވެ އެވެ.

ބަގަލުގެ ތެރޭގައި އަންހެން ބަގަލާއި، ފިރިހެން ބަގަލު ވެ އެވެ. އާންމު ގޮތެއްގައި އެއަށް ދަރިން ނުލިބެ އެވެ. ބަގަލުގެ އަންހެން ވައްތަރަށް ބަގަލާ ކިޔެ އެވެ. އަދި ސަފުވާ ވެސް ކިޔެ އެވެ.


ނަގަލު


ބަޣަލަށްވުރެ، ނަޣަލުގެ ހަށިގަނޑު ކުޑަވެފައި، ބާރުވެސް ދަށްވާނެ އެވެ. މިހެންވެ، ދަނޑުވެރިން، މި ޖަނަވާރު އުފައްދާކަށް ނޫޅެ އެވެ. ބަގަލުގެ އަޑާ، ނަގަލުގެ އަޑު ވެސް ތަފާތެވެ. ނަގަލު ބޮޑަށް ވައްތަރީ ޙިމާރާ އެވެ. ޙިމާރު ފަދައިން އޭގެ ކަންފަތް ދިގެވެ.

ނަގަލު އުފައްދަނީ، މެދުތެރޭ ކަނޑުގެ ގައުމުތަކާއި ބައެއް އޭޝިއާގެ ގައުމުތަކުގަ އެވެ. ނަގަލު އުފެއްދުމަކީ، ބަގަލު އުފެއްދުމަށްވުރެ އުނދަގޫ ކަމެކެވެ. އެހެނީ، ފިރިހެން ޙިމާރެއް އަންހެން އަހަކާމެދު ޝައުޤުވެރިވަނީ ވަރަށް މަސައްކަތުންނެވެ. މިނޫން ސަބަބުތައް ވެސް ހުރުމާއެކު ނަގަލު އުފެއްދެނީ ވަރަށް މަދުންނެވެ.

އާންމު ގޮތެއްގައި ނަގަލު ބޭނުންކުރެވެނީ، ތަކެތި އުފުލުމާއި، ގާޑިޔާ ދެމުމުގަ އެވެ. އެމެރިކާގެ ބައްރުގެ ބައެއް ގައުމުތަކުގައި ބޯޓްދެލި ނަގާ ތަންތަނުގައި ވެސް މި ޖަނަވާރު ގެންގުޅެ އެވެ. އަދި ޖަނަވާރަށް ސަވާރުވާ މީހުން ހޮބީއެއްގެ ގޮތުގައި ވެސް މި ޖަނަވާރު ގެންގުޅެ އެވެ.