ފެން ފަދައިން ވާށެވެ!


އޭގެ ހިތާއި މޭ، ވަރަށް ތަނަވަހެވެ.
ޒިޔާރަތްކުރުމާއި ދީލަތިވުމުގައި އެންމެން ހަމަހަމަކުރެއެވެ.
މަހުޖަނުންގެ ގަނޑުވަރުތަކާއި ފަޤީރުންގެ ޖިފުޓިތަކަށެވެ.
މަހުޖަނުންގެ ބަގީޗާތަކާއި ފަޤީރުންގެ ދަނޑުތަކަށެވެ.

ފެން ފަދައިން މަޑުމޮޅިވާށެވެ!
ތަފާތު ސިފަސިފައިގައިވާ ތަށިތަކުގެ ތެރެއަށް ފެން އޮއްސާލެވެއެވެ.
ތަށީގެ ބައްޓަމާ އެއްގޮތަށް ފެން ބަދަލުވެއެވެ.
އެކަމަކު، ފެނުގެ އަޞްލު ތަރުކީބަކަށް ބަދަލެއް ނާދެއެވެ.

ފެން ފަދައިން ސާފުވާށެވެ!
ކަނޑުގައިވާ ފެނަކީ، ޠާހިރު، މުޠައްހަރު އެއްޗެކެވެ.
އެއްވެސް އެއްޗަކަށް، ކަނޑުގެ ލޮނުގަނޑު ތަޣައްޔަރެއް ނުކުރެވޭނެއެވެ.
ގާބުރިއެއް ކަނޑަށް އެއްލާލައިފިނަމަ އުފެދޭ ރާޅުބާނިކޮޅު ދެމިހުންނާނީ ހިނދުކޮޅަކަށެވެ.
އެސާހިތަކު، ކަނޑު އޭގެ އަޞްލު ސިފައަށް ބަދަލުވެދާނެއެވެ.

ފެން ފަދައިން ޙިކުމަތްތެރިވާށެވެ!
ހޫނު ގަދަވެއްޖެނަމަ، ފެން، އާތްވަށް ވެގެން މައްޗަށް އަރާނެއެވެ.
ނަމަވެސް، ޖައްވު ފިނިވާ ހިނދު، އަލުން އެނބުރި ބިމަށް އިޢާދަވާނެއެވެ.
ދުނިޔެއަށް ދިރުމާއި އާރޯކަން ލިއްބައިދޭ ވާރޭގެ ސިފައިގައެވެ.

ފެންފަދައިން ކެތްތެރިވާށެވެ!
މިއަދު، ރާޅަކަށްފަހު ރާޅެއް، ހަރު ހިލަތަކަށް އެބަޖަހައެވެ.
މާދަމާ ވެސް ވެސް އެކަން ތަކުރާރުވަމުންދާނެއެވެ.
އަންނަން އޮތް ހަފުތާގައި ވެސް އެކަން ތަކުރާރުވަމުންދާނެއެވެ.
ޤަރުނަކަށްފަހު ޤަރުނެއް ފާއިތުވަމުން ދާއިރު ވެސް އެކަން ތަކުރާރުވަމުންދާނެއެވެ.
ހަރު ހިލަތަކުގައި އޭގެ އަސަރު ބިންވަޅު ނަގައިފުމަށްދާންދެނެވެ.
ރާޅުތައް އެކަންކުރަނީ، ނުހަނު ކެތްތެރިކަމާއެކުގައެވެ.

ފެން ފަދައިން ލޯބިވެތިވާށެވެ!
ފަތިހު ފައިބާ ޝަބުނަމްތިކި ކިހާ ލޯބިވެތިހެއްޔެވެ؟
ފަތިހުގެ ލުއިލުއި ވައިރޯޅިތަކާއެކު ދަތުރުކުރެއެވެ.
ޝަބުނަމްތިކި، ފަތްތަކުގެ މަތީގައި ވާއިރު، ޔާޤޫތަށްވުރެ ވެސް މާރީއްޗެވެ.

ފެން ފަދައިން ތަވާޟުޢުވެރިވާށެވެ!
އުޑުގައިވާ ވިލާތަކުގެ ފެން ފައިބާތަން ނުދެކެން ހެއްޔެވެ؟
އެއަށްފަހު، ނުހަނު މަޑުމޮޅިކަމާއެކު ބިމުގެ އަޑިޔަށް ހިނދިގެން ދެއެވެ.

މާތްﷲ ޥަޙީކުރައްވާފައިވެއެވެ.
"وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ "
"އަދި ތިމަން ރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ."
މާތް ﷲ ޚަލްޤުކުރައްވާފައިވާ ތަކެއްޗާމެދު ވިސްނައި ފިކުރު ހިންގާށެވެ!
އެކަލާނގެ ޚަލްޤުކުރައްވާފައިވާ ކޮންމެ އެއްޗަކުން ދަރުސެއް ލިބޭތޯ ބަލާށެވެ!
އަދި އެއިން ޢިބްރަތް ޙާޞިލުކުރާށެވެ!