ގާޒީއެއްގެ ކުޅަދާނަކަން


އެއްދުވަހަކު މީހަކު ކުކުޅެއް ކަތިލައިގެން އޭތި ކޮށުމަށްޓަކައި ކުކުޅު ކޮށައިދޭ ފިހާރައަކަށް ގެންދިޔައެވެ. ފިހާރައިގެ ސޭޓު އަތަށް އެ ކުކުޅު ދިއްކޮށްލަމުން އޭނާ ބުންޏެވެ. "މި ކުކުޅު ނިކަން އަވަހަށް ކޮށައިދީބަލާށެވެ!

ސޭޓު ބުންޏެވެ. "ފަނަރަ ވަރަކަށް މިނެޓް ފަހުން އަންނާށެވެ!"

މިހެން ބުނެ، ކުކުޅު ބަލައިގަތްކަމުގެ ރަސީދު ދިއްކޮށްލިއެވެ. އޭގައި ލިޔެފައިވަނީ، ފަނަރަ މިނެޓް ފަހުން ކުކުޅު ބަލާ އައުމަށެވެ. ކުކުޅުގެ ވެރިމީހާ އެ ރަސީދު ހިފައިގެން ދިޔަތަނާ، އެ ފިހާރައަށް އެރަށު ގާޒީ ވަދެ ސޭޓު ގާތުގައި ބުންޏެވެ. "ކުކުޅެއް ނެތް ހެއްޔެވެ؟"

ސޭޓު: "މި ފިހާރައިގައި މިއޮތް ކުކުޅަކީ މީހަކު ކޮށަން ގެނެސްފައިވާ ކުކުޅެކެވެ. ފަނަރަ މިނެޓް ފަހުން އޭނާ މި ކުކުޅު ބަލާ އަންނާނެއެވެ. ވިއްކާ ކުކުޅެއް މި ފިހާރަޔަކު ނެތެވެ."

ގާޒީ: "ތިޔަ ކުކުޅު ތިމަންނައަށް ދޭށެވެ!"

ސޭޓު: "ގާޒީއަށް މި ކުކުޅު ދީފައި، މި ކުކުޅުގެ ވެރިމީހާގެ ގާތުގައި ތިމަންނަ ބުނާނީ ކީކޭހެއްޔެވެ؟"

ގާޒީ: "ކުކުޅު ކޮށަން އުޅެނިކޮށް، ކުކުޅު އުދުހިގެން ހިނގައްޖެ ކަމަށް އޭނާގެ ގާތުގައި ބުނާށެވެ!"

ގާޒީ މިހެން ބުނުމުން ސޭޓު ވަރަށް ބޮޑަށް ހައިރާންވިއެވެ. ގާޒީ ފަދަ ޤަދަރުވެރި މީހަކު އެ މޭރުމުން ވާހަކަދައްކާތީއެވެ. ސޭޓު ކުޑަކޮށް ވިސްނާލާފައި ބުންޏެވެ.

"ކުކުޅު އުދުހިގެން ހިނގައްޖެ ކަމަށް ތިމަންނަ ބުންޏަސް ކުކުޅުގެ ވެރިމީހާ އެކަމެއް ގަބޫލެއް ނުކުރާނެއެވެ. އޭނާ ކުކުޅު ގެނައީ ކަތިލައިގެންނެވެ."

ސޭޓު މިހެން ބުނުމުން، ބަވައިލުމުގެ ރާގެއްގައި ގާޒީ ބުންޏެވެ.

"އޭނާ ގަބޫލުނުކުރިޔަސް އޭނާގެ ގާތުގައި އެހެން ބުނާށެވެ! އޭނާ މައްސަލަޖައްސަން ދާނީ ކޯޓަށް ނޫންހެއްޔެވެ؟ ކޯޓުގައި މައްސަލަ ބަލައި ޝަރީޢަތްކުރަން އިންނާނީ ތިމަންނަ ނޫންހެއްޔެވެ؟"

ގާޒީ މިހެން ބުނުމުން، ގާޒީދެކެ ބިރުން ސޭޓު ކުކުޅު ކޮތަޅަކަށް ލާފައި ގާޒީއަށް ދިނެވެ. ގާޒީ އެކުކުޅު ހިފައިގެން ދިޔަފަހުން، ކުކުޅުގެ ވެރިމީހާ ފިހާރައަށް ގޮސް ބުންޏެވެ.

"ކުކުޅު ކޮށައި ނިމިއްޖެ ހެއްޔެވެ؟"

އޭނާ މިހެން އެހުމުން ސޭޓުގެ މޫނަށް ލަދުވެތިކަން ވެރިވިއެވެ. ގާޒީއަށް ކުކުޅު ދީފައި ދޮގެއް ހަދަން ޖެހޭތީއެވެ. ސޭޓު ބުންޏެވެ. "ޙާލަތު ނިޔާކުރީ ހީވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. ކުކުޅު ކޮށަން އުޅެނިކޮށް، ކުކުޅު އުދުހިގެން ހިނގައްޖެއެވެ!"

ކުކުޅުގެ ވެރިމީހާ: "ތިޔަ ވާހަކަ ގަބޫލުކުރާނީ ކާކުހެއްޔެވެ؟ ތިމަންނަ ކުކުޅު ގެނައީ ކަތިލައިގެން ނޫންހެއްޔެވެ؟ މަރުވެފައިވާ ކުކުޅެއް ދިރިގެން އުދުހޭނީ ކިހިނަކުންހެއްޔެވެ؟"

ދެން އެކަމާމެދު އެދެމީހުންގެ މެދުގައި އިރުގަނޑެއް ވަންދެން ޒުވާބުކުރުމާއި ދެބަސްވުން ހިނގިއެވެ. އެއަށްފަހު ކުކުޅުގެ ވެރިމީހާ ބުންޏެވެ.

"މައްސަލަ ނިންމާނީ ކޯޓުންނެވެ. ތިމަންނައާއެކު ކޯޓަށް ހިނގާށެވެ!"

މިހެން ބުނެ ސޭޓުގެ އަތުގައި ހިފައި ދަމާކޫއްތާފައި އޭނާ ފިހާރައިން ނެރުނެވެ. ސޭޓު ފިހާރަ ތަޅުލާފައި ކުކުޅުގެ ވެރިމީހާއާއެކު ކޯޓަށް ދާން ހިނގައިގަތެވެ. އެ ދެމީހުން ކޯޓަށް ދިޔަ މަގުމަތީގައި، އަރައިރުންވެ މާރާމާރީ ހިންގަމުންގެންދިޔަ ދެމީހަކާ ދިމާވިއެވެ. އެއިން އެކަކީ މުސްލިމެކެވެ. އަނެކަކަކީ ޔަހޫދީއެކެވެ. ދެން ސޭޓާއި ކުކުޅުގެ ވެރިމީހާ، އެ ދެމީހުންގެ ދެމެދަށް ވަދެ، އެ ދެމީހުން ދުރުކުރަން އުޅުނެވެ. އެކަމުގެ ތެރޭގައި ޔަހޫދީގެ ލޮލަށް ސޭޓުގެ އިނގިލި ހެރި، އޭނާގެ އެއްލޯ ކަނުވިއެވެ.

ޔަހޫދީގެ ލޮލަށް ވީތަދުން އޭނާ މާބާރަށް ރޮއިހޭރިގަތެވެ. އެ އަޑަށް އެތަނަށް އެތައް ބަޔަކު އެއްވިއެވެ. އެމީހުން ސޭޓު ގޮވައިގެން ކޯޓަށްދާން އުޅުމުން، އެމީހުންގެ އަތުން ފިރުކިގަނެގެން ސޭޓު ފިލަން ދުއްވައިގަތެވެ. އެމީހުން ސޭޓު އަތުލައިގަންނަންވެގެން ސޭޓު ފަހައިގަތެވެ. އެމީހުންގެ އަތްދަށުން ސަލާމަތްވާންވެގެން ދުވަމުންދުވަމުން ގޮސް ސޭޓު އެރީ މިސްކިތެއްގެ މުންނާރަށެވެ. ސޭޓުގެ ފަހަތުން ދުވަމުން ދިޔަ ބަޔަކަށް އެކަން އެނގިގެން އެމީހުން މުންނާރަށް އެރިއެވެ. އެހިނދު ސޭޓު މުންނާރުގެ އެންމެ މަތިން ފުންމާލިއެވެ. ސޭޓު ގޮސް ޖެހުނީ، އެވަގުތު މިސްކިތުން ނިކުމެގެން ދިޔަ މުސްކުޅިއެއްގެ ބޯމަތީގައެވެ. އެކަމުގެ ސަބަބުން އެ މުސްކުޅިޔާ ވަގުތުން މަރުވިއެވެ. ސޭޓަކަށް މާކަބޮޑު އަނިޔާއެއް ނުވެއެވެ. މަރުވި މުސްކުޅިޔާގެ ދަރީންނަށް ޚަބަރު ލިބުމުން އެމީހުން އައިސް، ސޭޓު ގޮވައިގެން ކޯޓަށް ދިޔައެވެ.

ގާޒީއަށް ސޭޓު ފެނުމުން އެއީ، އޭނާއަށް ކުކުޅު ދިން ސޭޓުކަން އެނގުނެވެ. ދެން ސޭޓުގެ މައްޗަށް ހުށަހެޅޭ މައްސަލައަކީ ކޮބައިތޯ ގާޒީ ބެލިއެވެ. އޭރު ސޭޓުގެ މައްޗަށް ވަނީ ތިން މައްސަލައެއް ހުށަހެޅިފައެވެ. ފުރަތަމަ މައްސަލައަކީ، ކުކުޅުގެ ވެރިމީހާ ހުށަހަޅާފައިވާ މައްސަލައެވެ. އެއީ، ކަތިލާފައި އޮތް ކުކުޅެއް އުދުހިގެން ހިނގައްޖެ ކަމަށް ސޭޓު ބުނާތީ ހުށަހަޅާފައިވާ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ، ޔަހޫދީ ހުށަހަޅާފައިވާ މައްސަލައެވެ. އެއީ، ސޭޓުގެ އިނގިލި ހެރުމުގެ ސަބަބުން ޔަހޫދީގެ އެއްލޯ ކަނުވެފައިވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ. ތިންވަނަ މައްސަލައަކީ، މުސްކުޅިޔާގެ ދަރިން ހުށަހެޅި މައްސަލައެވެ. އެއީ، ސޭޓު މުންނާރެއްގެ މަތިން، އެމީހުންގެ ބައްޕަގެ ބޮލަށް ފުންމާލުމުގެ ސަބަބުން އެމީހުންގެ ބައްޕަ މަރުވެފައިވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ގާޒީ މި ތިން މައްސަލައަށް ބެލުމަށްފަހު ބުންޏެވެ. "ފަހަރަކު ބަލާނީ މައްސަލައެކެވެ. ފުރަތަމަ ބަލާނީ ފުރަތަމަ ހުށަހަޅާފައިވާ މައްސަލައެވެ."

އެ މައްސަލަ ބެލުމަށްޓަކައި ކުކުޅުގެ ވެރިމީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމަށްފަހު ގާޒީ ބުންޏެވެ. "ތިބާގެ މައްސަލަ ހުށަހަޅާށެވެ!"

ކުކުޅުގެ ވެރިމީހާ: "ޢިއްޒަތްތެރި ގާޒީއެވެ! ތިމަންނާގެ ކުކުޅު ސޭޓުގެ ފިހާރައަށް ގެންދިޔައީ ކަތިލައިގެންނެވެ. ނަމަވެސް ސޭޓު ބުނަނީ، އެ ކުކުޅު ކޮށަން އުޅެނިކޮށް އުދުހިގެން ހިނގައްޖެ ކަމަށެވެ! މި މައްސަލަ ބައްލަވައި ތިމަންނާއަށް ޙައްޤު ހޯއްދަވައިދެއްވާށެވެ!"

ގާޒީ: "އޭ ކުކުޅުގެ ވެރިމީހާއެވެ! މާތް ﷲ ގެ ކުޅަދުންވަންތަކަމަށް ތިބާ އީމާންނުވަން ހެއްޔެވެ؟"

ކުކުޅުގެ ވެރިމީހާ: "ނޫނެކެވެ. ތިމަންނާއަކީ މާތް ﷲ ގެ ކުޅަދުންވަންތަކަމަށް އީމާންވާ މީހަކީމެވެ."

ގާޒީ: "އެހެންކަމަށްވަނީނަމަ، މަރުވެފައިވާ އެއްޗެހި އެކަލާނގެ ދިރުއްވާ ކަމަށް އީމާންވަން ހެއްޔެވެ؟"

ކުކުޅުގެ ވެރިމީހާ: "އާދޭހެވެ. ތިމަންނާ އެކަމަށް އީމާންވަމެވެ."

ގާޒީ: "އެހެންކަމަށްވަނީނަމަ، ފިހާރައިގެ ސޭޓުގެ އަތުން ތިބާއަށް ލިބެންޖެހޭ އެއްޗެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފީމެވެ."

ދެން ދެވަނަ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ހުށަހެޅި ޔަހޫދީ، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމަށްފަހު ގާޒީ ބުންޏެވެ. "ތިބާގެ މައްސަލަ ހުށަހަޅާށެވެ!"

ޔަހޫދީ: "ޢިއްޒަތްތެރި ގާޒީއެވެ! ތިމަންނާގެ ވާތު ލޯ މިވަނީ ކަނުވެފައެވެ. މި ލޯ ކަނުވީ، މިހިރަ ސޭޓު އިނގިލި ހެރުމުގެ ސަބަބުންނެވެ. މި މައްސަލަ ބައްލަވައި ތިމަންނާއަށް ޙައްޤު ހޯއްދަވައިދެއްވާށެވެ!"

ގާޒީ: "އޭ ޔަހޫދީއެވެ! އިސްލާމީ ނަޒަރަކުން ބަލާއިރު ތިބާއަކީ ކާފިރެކެވެ. އިސްލާމީ ޝަރީޢަތުގައި، ކާފިރަކަށް މުސްލިމަކު ދޭންޖެހެނީ ބައިދިޔައެވެ. އެހެންކަމުން ތިބާއަށް ޙައްޤުވާ ބައިދިޔަ ހޯދައިދިނުމަށްޓަކައި ތިބާގެ އަނެއް ލޯ ސޭޓު ލައްވައި ކަނުކޮށްލަން އެބަޖެހެއެވެ. ތިބާއަށް ސޭޓުގެ އެއް ލޯ ކަނުކޮށްލެވޭނީ އޭރުންތާއެވެ!"

ގާޒީ މިހެން ބުނުމުން ޔަހޫދީ ބިރުން ތުރުތުރުއަޅައިގެންފައި ބުންޏެވެ. "ޢިއްޒަތްތެރި ގާޒީއެވެ! ތިމަންނާ ސޭޓަށް މަޢާފުކޮށްފީމެވެ. އަދި ތިމަންނާގެ ޙައްޤު ދޫކޮށްލައިފީމެވެ."

ގާޒީ: "ސޭޓަށް ޔަހޫދީ މަޢާފުކުރުމާއި، އަދި ޔަހޫދީ އޭނާގެ ޙައްޤު ދޫކޮށްލައިފި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުމާއެކު، ސޭޓުގެ ކިބައިން ހިފަންޖެހޭ ޤިޞާޞެއް ނެތް ކަމަށާއި، ޔަހޫދީއަށް ލިބެންޖެހޭ އެއްވެސް ޙައްޤެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފީމެވެ."

ދެން ތިންވަނަ މައްސަލަ ބެލުމަށްޓަކައި، މުސްކުޅިޔާގެ ދަރިފުޅު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމަށްފަހު ގާޒީ ބުންޏެވެ. "ތިބާގެ މައްސަލަ ހުށަހަޅާށެވެ!"

މުސްކުޅިޔާގެ ދަރިފުޅު: "ޢިއްޒަތްތެރި ގާޒީއެވެ! ތިމަންނާގެ ބައްޕަ މިސްކިތުން ނިކުމެގެންދަނިކޮށް، މިހިރަ ސޭޓު މުންނާރު މަތިން ފުންމާލީ ތިމަންނާގެ ބައްޕަގެ ބޮލަށެވެ. އެކަމުގެ ސަބަބުން ބައްޕަ މަރުވެއްޖެއެވެ. މި މައްސަލަ ބައްލަވައި މަރަށް މަރުހިއްޕަވައިދެއްވާށެވެ!"

ގާޒީ އިރުކޮޅަކު އިސްދަށަށް ޖައްސަވައިގެން އިންނެވުމަށްފަހު ވިދާޅުވިއެވެ.

"ތިޔަ އެދޭ ފަދައިން މަރަށް މަރުހިފައިދެވެން އެބައޮތެވެ. އެގޮތަކީ، ސޭޓު ގެންގޮސް މުންނާރު ކައިރީގައި ބެހެއްޓުމުން، ތިބާ މުންނާރަށް އެރުމަށްފަހު އޭނާގެ ބޮލަށް ފުންމާލައި، އޭނާ މަރައިލުމެވެ. މިގޮތާމެދު އެއްބަސްވާނަމަ، މަރަށް މަރުހިފައިދިނުމަށް ނިޔާކަނޑައެޅިދާނެއެވެ."

މުސްކުޅިޔާގެ ދަރިފުޅު: "ޢިއްޒަތްތެރި ގާޒީއެވެ! މުންނާރު މަތިން ތިމަންނާ ފުންމާލީމާ، ތިމަންނާ ސީދާ ސޭޓުގެ ބޮލަށް ވެއްޓުމުގެ ބަދަލުގައި، އޭނާގެ ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް ވެއްޓި މަރުވެސްވެދާނެ ނޫންތޯއެވެ؟ މިކަމާމެދު ގާޒީ ވިދާޅުވަނީ ކީކޭތޯއެވެ؟"

ގާޒީ: "މުސްކުޅިޔާގެ ދަރިޔާއެވެ! ތިޔައީ މި މަޖިލީހުގައި ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. ޝަރީޢަތުގެ މި މަޖިލީހުގައި ބަލައި ގޮތެއް ކަނޑައަޅަންޖެހެނީ، ތިބާ ހުށަހެޅި މައްސަލައާމެދުގައެވެ. އެއީ، ތިބާގެ ބައްޕަގެ ޤާތިލުގެ ކިބައިން މަރަށް މަރުހިފުމެވެ. އެކަން ކުރެވެން އޮތްގޮތް ތިބާއަށް އިއްވައިފީމެވެ. ތިބާގެ ބައްޕަގެ ބޮލަށް ސޭޓު ވެއްޓުނުއިރު، ތިބާގެ ބައްޕަ ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް ޖެހި މަރުން ސަލާމަތްނުވީ ކީއްވެހެއްޔެވެ؟"

ގާޒީ މިހެން ބުނުމުން މުސްކުޅިޔާގެ ދަރިފުޅަށް މަރު ނޫން އެހެން ޙުކުމެއް ނެތްކަން މޭރުންވިއެވެ. ދެން އޭނާ ބުންޏެވެ. "ޢިއްޒަތްތެރި ގާޒީއެވެ! ސޭޓަށް މަޢާފުކޮށްފީމެވެ. ތިމަންނަ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފީމެވެ."

ގާޒީ: "ސޭޓަށް މުސްކުޅިޔާގެ ދަރިފުޅު މަޢާފުކުރުމާއި، އަދި މުސްކުޅިޔާގެ ދަރިފުޅު ހުށަހެޅި މައްސަލަ އޭނާ އަނބުރާ ގެންދިއުމުން، ދެން މި މައްސަލަ އިތުރަށް ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފީމެވެ."

<><><>

ވާހަކައިގެ ޙިކުމަތް:
ކިތަންމެ ބޮޑު ކުށަކުން ވެސް، ކުޅަދާނަ ގާޒީއަކު ތިބާ ބަރީއަކޮށްދީފާނެއެވެ! އެކަމަކު، ތިބާގެ އަތުގައި އޭނާއަށް ދޭނެ "ކުކުޅެއް" ވާނަމައެވެ!

<><><>