ގާޒީއަށް ވީވަރު


އަންހެނަކު އޭނގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްޓަކައި އެ ދެމަފިރިން ކޯޓަށް ހާޒިރުކުރެވުނެވެ. ދެންފަހެ، ޝަރީޢަތުގެ މަޖިލީހުގައި އަނބިމީހާ ބުންޏެވެ.

"ޢިއްޒަތްތެރި ގާޒީއެވެ! ތިމަންނާގެ ފިރިމީހާގެ ކިބައިން ވަރިވާން ބޭނުންވަނީ، އޭނާ ކޮންމެ ރެޔަކު ތަންމައްޗަށް ކުޑަގެފިލިކުރާތީއެވެ."

އެހިނދު ފިރިމީހާ ބުންޏެވެ.

"ޢިއްޒަތްތެރި ގާޒީއެވެ! އަޅުގަނޑަށް ވާގޮތް ބައްލަވައިލެއްވުމެއް ނެތި މި މައްސަލަ ނުނިންމެވުން އެދެމެވެ."

ޤާޟީ ބުންޏެވެ.

"ތިބާއަށް ވާ ގޮތް ކިޔައިދޭށެވެ!"

ފިރިމީހާ ބުންޏެވެ.

"ޢިއްޒަތްތެރި ގާޒީއެވެ! ކޮންމެ ރެޔަކު ތިމަންނައަށް ހުވަފެނެއް ފެނެއެވެ. އެ ހުވަފެނުގައި ފެންނަނީ، މާކަނޑުގެ މެދުގައިވާ ކުޑަކުޑަ ފިނޮޅެކެވެ. އެކަމަކު އެ ފިނޮޅުގައި ވަރަށް އުސް ގަނޑުވަރެއް ވެއެވެ. އެ ގަނޑުވަރުގެ އެންމެ މަތީގައި ވަރަށް ރީތި ގުއްބެއް ވެއެވެ. އެ ގުއްބުގެ މަތީގައި ބޮޑު ޖަމަލެއް ވެއެވެ. ތިމަންނާ ވަނީ އެ ޖަމަލުގެ މަތީގައެވެ. އެ ޖަމަލަށް، ވަށައިގެންވާ ކަނޑު ފެނުމުން ކަނޑުން ލޮނު ބޯންވެގެން ބޯތިރިކުރެއެވެ. ދެން އެސޮރުގެ ދެފައި ގުއްބުމަތިން ކައްސާލައިގެން މާކަނޑަށް ވެއްޓެންއުޅެއެވެ. އެކަން އެހެންވާންފެށުމުން ގަންނަ ބިރެއްގެ ބޮޑުކަމުން ތަންމަތި ތެމިގެންދަނީއެވެ!"

ފިރިމީހާގެ ވާހަކަ އަޑުއިވިފައި ގަތް ބިރުން ގާޒީ އިށީނދެގެން އިން ގޮނޑި ވެސް އެންމެންގެ ކުރިމަތީގައި ތެމިއްޖެއެވެ. އެހިނދު ގާޒީ ވިދާޅުވިއެވެ.

"ތިބާގެ ފިރިމީހާއަށް ފެންނަ ހުވަފެން އަޑުއިވުމުން ތިމަންނާއަށް ވީވަރު، އެންމެންގެ ކުރިމަތީގައި ހާމަވެގެން މިދިޔައީއެވެ. އެ ބިރުވެރި މަންޒަރު ސީދާ ލޮލަށް ފެނި، އެ ހާދިސާގެ ތެރޭގައި އުޅޭ މީހަކަށް ވާނެވަރު ނިކަން ވިސްނައިލަބަލާށެވެ!"