ތަރިކަ މުދަލާބެހޭ އާޔަތްތައް


ތަރިކަ މުދަލާބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވާފައިވާ މައިގަނޑު އާޔަތްތަކަކީ:

1. އައްނިސާ ސޫރަތުގެ 7 ވަނަ އާޔަތް.
2. އައްނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި، 12 ވަނަ އާޔަތް.
3. އައްނިސާ ސޫރަތުގެ 176 ވަނަ އާޔަތް.

ތިރީގައި މިވަނީ މި އާޔަތްތަކާއި، އޭގެ މާނައެވެ.

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا
އައްނިސާ (النساء): 7

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ
މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބައެއް ވެއެވެ.

وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ
އަދި މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބައެއް ވެއެވެ.

مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا
އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުން ވެސް ކަނޑައެޅިގެންވާ ބައެއްގެ ގޮތުގައެވެ.

يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
އައްނިސާ (النساء): 11

يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ
ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ.

لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ
އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބައެއް ފިރިހެން ދަރިޔަކަށް ވެއެވެ.

فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ
އެ ދަރިންނަކީ ދޭކަށްވުރެ މަތީ ޢަދަދެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ.

وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ
އަދި، އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބައެވެ.

وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ
އަދި، މަރުވި މީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބައެވެ.

فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ
ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބައެވެ. (ދެން ހުރި އެއްޗެއް ބައްޕަޔަށެވެ.)

فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ
ފަހެ، އެ މަރުވި މީހާޔަށް އަޚުންނާއި، އުޚުތުން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބައެވެ.

مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ
ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ.

آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ
ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ.

فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
(ބަޔާންވެދިޔަ ގޮތަށް މުދާ ބެހުން އޮތީ) ﷲ ގެ ޙަޟުރަތުން ކަނޑައަޅުއްވައި އަންގަވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ ރަސްކަލާނގެއެވެ.


وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَلِيمٌ
އައްނިސާ (النساء): 12

وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ
ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ.

فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ
ފަހެ، އެކަނބަލުންނަށް ދަރިޔަކު ވާނަމަ އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ.

مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ
އެއީ، އެކަނބަލުން ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ.

وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ
އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ.

فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ
ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކު ވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ.

مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ
އެއީ، ތިޔަބައިމީހުން ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ.

وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ
ކަލާލަކުގެ ގޮތުން (އެބަހީ: އަޞްލެއް ފަރުޢެއް ނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި އޭނާގެ އަޚަކު ނުވަތަ އުޚުތަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބައެވެ.

فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ
ފަހެ، އެ އަޚުންނާއި އުޚުތުން އެއަށްވުރެ ގިނަނަމަ، އެއުރެން ވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ.

مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِّنَ اللَّهِ ۗ
އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭ ގޮތުގައި ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. ﷲ ގެ ޙަޟުރަތުން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ.

وَاللَّهُ عَلِيمٌ حَلِيمٌ
ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަލީމުވަންތަ ރަސްކަލާނގެއެވެ.


يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۗ يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
އައްނިސާ (النساء): 176

يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ
(ކަލާލަތާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން ފަތުވާއަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލާލަތާމެދު (އެބަހީ: އަޞްލެއް ފަރުޢެއް ނެތި މަރުވާ މީހާގެ ތަރިކަޔާމެދު) ﷲ، ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަތެވެ.

إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ
އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) އުޚުތަކު ވާ ޙާލު، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅަ އެއްބައި، އެ އުޚުތަށެވެ.

وَهُوَ يَرِثُهَا إِن لَّمْ يَكُن لَّهَا وَلَدٌ ۚ
އަދި އެ އުޚުތަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ އުޚުތު ވާރުތަކުރާނެއެވެ.

فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ
(މަރުވި މީހާގެ ވާރިޘުންނަށް ތިބީ) ދެ އުޚުތުން ކަމުގައި ވާނަމަ، ފަހެ، އެ ދެ އުޚުތުންނަށް (އެ އަޚު) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ.

وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۗ
(ވާރިޘުންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައި ވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބައެއް ފިރިހެނަކަށެވެ.

يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ۗ
ތިޔަބައިމީހުންނަށް މަގު އޮޅިދާނެ ކަމަށްޓަކައި، ތިޔަބައިމީހުންނަށް ﷲ، ބަޔާންކޮށްދެއްވަތެވެ.

وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
ﷲ އީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.