އުމަވީ ދައުލަތާއި ޢުޘްމާނީ ދައުލަތް ވެއްޓުނު ސަބަބުތައް
1. އުމަވީ ދައުލަތް ވެއްޓެން މެދުވެރިވި ސަބަބުތައް
މުއައްރިޚުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އުމަވީ ދައުލަތް ވެއްޓުނީ، އެ ދައުލަތުގެ ވެރިންނަށް ކުރެއްވުނު ކުށްތަކެއްގެ ސަބަބުންނެވެ. ނުވަތަ އެބޭފުޅުންނަށް ކުރެއްވުނު ނޭދެވޭ ކަންތައްތަކެއްގެ ސަބަބުންނެވެ. ޢުޘްމާނީ ދައުލަތް ވެސް ހަމަ އެފަދައެވެ. މި ލިޔުމުގައި އަލިއަޅުވައިލާނީ އެ ދެ ދައުލަތް ވެއްޓުމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށެވެ.
1.1. އުމަވީ ޚަލީފާއިންގެ މެދުގައި ތަޢައްޞުބުގެ ރޫޙު ފާޅުވުން:
އުމަވަވީ
ދައުލަތް ވެއްޓެން މެދުވެރިވި އެންމެ މުހިންމު
ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ، ޢަރަބި
ޤަބީލާތަކާއި، އުމަވީ ދައުލަތުގެ ޚަލީފާއިންނާ ދެމެދުގައި
ތަޢައްޞުބުގެ ރޫޙު އުފެދުމެވެ. ޚަލީފާ ޔަޒީދު ބްނު
މުޢާވިޔަތު އަވަހާރަވުމާ ވިދިގެން އެކަން ވަނީ ވަރަށް
ފާޅުކަން ބޮޑު ގޮތެއްގައި ފާޅުވެފައެވެ. އޭގެ ސަބަބުން
އުމަވީ ޢާއިލީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދެން
ފެށިއެވެ. އޭގެ ކުރިން އެ ޕާޓީ އޮތީ އެކަތިގަނޑެއްގެ
ގޮތުގައެވެ. އެއީ، (عمر بن عبد العزيز) ޢުމަރު ބްނު
ޢަބްދުލްޢަޒީޒުގެ ވެރިކަމާ ހަމައަށެވެ.
މި
މަރްޙަލާއަކީ، އުމަވީ ދައުލަތުގެ މެންބަރުން އާރާއި
ބާރުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށްފަހު،
ބައިބައިވެ ބަލިކަށިވާން ފެށި މަރްޙަލާކަން
ފާހަގަކުރެވެއެވެ. އެއަށްފަހު އެ ދައުލަތް ވެއްޓުނީ އެ
އުފެދުނު ބަލިކަށިކަމުގެ ސަބަބުންނެވެ. (المتيم، 2018)
1.2. ދުންޔަވީ ކަންކަމުގެ ތެރެއަށް ގެނބުން
ދުނިޔޭގެ އުފަލާއި އަރާމުގެ ތެރެއަށް ގެނބިގަތުމަށާއި، އެކަމަށްޓަކައި ފަޚުރުވެރިވުމަށާއި، އެކަންކަމުގެ ދަޅަތަކަށް ބައެއް ޚަލީފާއިން ހެއްލިވަޑައިގަތްކަމީ، އުމަވީ ދައުލަތް ވެއްޓުމަށް މެދުވެރިވި ވަރަށް ބޮޑު ސަބަބެކެވެ. ޚާއްޞަކޮށް ޚަލީފާ ޔަޒީދު ބްނު މުޢާވިޔަތުގެ ޒަމާނުގައެވެ. އެމަނިކުފާނަކީ ކުޅިވަރާއި މަޖަލާއި ދުންޔަވީ ކަންތައްތަކަށް އިންތިހާ ދަރަޖައަށް ލޯބިކުރެއްވި ޚަލީފާއެކެވެ. (المتيم، 2018)
1.3. ޢަރަބި އުމަވީންގެ ތަޢައްޞުބު
އުމަވީ ދައުލަތް ވެއްޓުމުގައި ޢަރަބި އުމަވީންގެ ދައުރު ވަރަށް ބޮޑެވެ. އެމީހުން ބުރަވެ ތަޢައްޞުބުވީ ޢަރަބީންގެ ޢަރަބިވަންތަކަމަށެވެ. ޢަރަބީން ނޫން މީހުންނާމެދު އެމީހުން ދެކެމުންދިޔައީ އެއީ ދަށުދަރަޖައިގެ ބަޔެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ޢަރަބީން ނޫން މުސްލިމުންނާއި އުމަވީ ދައުލަތުގެ ޢަރަބީންނާ ދެމެދުގައި ފިތުނައިގެ އަލިފާންގަނޑެއް ރޯވިއެވެ. ނަތީޖާއަކަށްވީ އިސްލާމީ ދައުލަތުގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު އާވެ އާލާވެ އިތުރުވެގެންދިއުމެވެ. އުމަވީ ދައުލަތުގެ ޢަރަބީންގެ އިޢުތިޤާދުގައިވީ، އެމީހުންނަކީ ދުނިޔޭގައިވާ އެންމެ މޮޅުއިތުރު، އެންމެ މާތް އުންމަތުގެ މީހުން ކަށެވެ. ފިތުނައިގެ އަޞްލު ކަމުގައިވީ އެ އިޢުތިޤާދެވެ. އެ ޤަބޫލުކުރުމެވެ. (المتيم، 2018)
1.4. ދީނީ ޤިޔާދަތުން އެއްކިބާވުން
އިސްލާމީ
އުންމަތުގައި ޚަލީފާއަކީ، އުންމަތުގެ ދީނީ ލީޑަރުކަމުގައި
ވެފައި ވިއެވެ. އުމަވީ ދައުލަތް އުފެދިގެންއައިއިރު ވެސް
ކަން އޮތީ އެގޮތަށެވެ. ކުރީކޮޅުގައި އުމަވީ ޚަލީފާއިން
ވަނީ، މީސްތަކުން ގޮވައިގެން ޙައްޖަށް ވަޑައިގެންފައެވެ.
އަދި ޢީދާއި ނަމާދުތަކުގައި އިމާމުވެވަޑައިގެން
މީސްތަކުންނާއެކު ނަމާދުކުރައްވާފައެވެ. އެކަމަކީ އިސްލާމީ
އުންމަތުގެ އަފުރާދުން ނުހަނު އެދޭ ކަމެކެވެ. އެކަމުގެ
ސަބަބުން ޚަލީފާއާއި ރައްޔިތުންނާ ދެމެދުގައިވާ ގާތްކަމުގެ
ގުޅުން އުފެދެއެވެ. ދީނީ ކަންކަމުގައި ޚަލީފާ
ފަރުވާކުޑަނުކުރައްވާނެ ކަމުގެ ޝުޢޫރު މީސްތަކުންގެ
ހިތްތަކުގައި އުފެދެއެވެ. އަބަދުވެސް އިސްލާމީ އުންމަތުގެ
އާންމު އަފުރާދުން އެންމެ އިސްކަމެއް ދެނީ
އިސްލާމްދީނަށެވެ. އުމަވީ ޚަލީފާއިން، ދީނީ ކަންކަމާ
ދުރުހެލިވެވަޑައިގަންނަވަން ފެށްޓެވި ހިސާބުން ފެށިގެން
ޚަލީފާއާއި ރައްޔިތުންނާ ދެމެދުގައިވާ ގުޅުމަށް ބުރޫއަރަން
ފެށިއެވެ. އާންމުގެ ނަޒަރުގައި ޚަލީފާގެ ޤަދަރު
ކުޑަވެގެންދިޔައެވެ. (المتيم، 2018)
1.5. ސިފައިންގެ މުސާރަ ލަސްވުން
އުމަވީ ދައުލަތުގެ އިޤުތިޞާދީ ޙާލަތު ދަށަށް ދިއުމުގެ ސަބަބުން، ބައެއް ފަހަރު، ސިފައިންނަށް މުސާރަދިނުން ލަސްވުމުގެ މައްސަލަ ފެންމަތިވިއެވެ. ޚާއްޞަކޮށް ޚަލީފާ މަރްވާން ބްނު މުޙައްމަދުގެ ޒަމާނުގައެވެ. އެދުވަސްވަރު ގިނަ ރީޖަންތަކުން (دار الخلافة) ދާރުލްޚިލާފާއަށް މުދާ ފޮނުވުން ހުއްޓާލިއެވެ. އެއީ އެ ރީޖަންތައް ދައުލަތުގެ މަރުކަޒީ ބާރުގެ ދަށުން ވީއްލިފައިވާތީއެވެ. އޭރު އެ ރީޖަންތައް ވީ ޚަވާރިޖުންގެ ދިދައިގެ ހިޔަލުގައެވެ. އެހެންކަމުން، އެ ރީޖަންތަކުގެ އަހުލުވެރިން، އިސްލާމީ ދައުލަތުގެ މައި މަރުކަޒަށް ކިޔަމަންގަތުމުން އެއްކިބާވިއެވެ. މިކަން ވެސް ވެގެންދިޔައީ އުމަވީ ދައުލަތް ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބެއް ކަމުގައެވެ. (المتيم، 2018)
2. އެހެން ދައުލަތަކަށް ނަޒަރެއް
އުމަވީ ދައުލަތް ވެއްޓުނު ސަބަބުތަކާއެކު،
އެހެން ދައުލަތެއް ވެއްޓުނު ސަބަބުތަކުގެ މައްޗަށް ނަޒަރު
ހިންގައިލާނަމެވެ. މިކަމަށްޓަކައި އިޚުތިޔާރުކުރީ،
ޢުޘްމާނީ ދައުލަތެވެ. (نادية أبو رميس) ނާދިޔާ (20
ޖެނުއަރީ 2018) ވިދާޅުވާ ގޮތުގައި، ޢުޘްމާނީ ދައުލަތް
ވެއްޓުނު ސަބަބުތަކަކީ:
1. ޢުޘްމާނީ ދައުލަތުގެ
ދިދައިގެ ދަށުގައި ހިމެނިފައިވީ ސަގާފަތުތަކުގެ
ރައްޔިތުންގެ މެދުގައި އިއްތިފާގުވުން ނެތުން (ނުވަތަ
އެމީހުން އެއްގަލަކަށް ނޭރުން). މިކަމުގެ ނަތީޖާއަކަށްވީ،
ޢުޘްމާނީ ދައުލަތުގައި ހިމެނޭ ބައެއް ސަހަރުތަކާއި
ރީޖަންތަކުގެ ވެރިން، މައި ދައުލަތުން ވަކިވެ، ވަކި
ސަރުކާރުތައް އުފެއްދުމެވެ.
2. ޢުޘްމާނީ ދައުލަތް
އިސްލާމީ ޝަރީޢަތާ ދުރަށް ދިއުން. މިކަމުގެ
ނަތީޖާއަކަށްވީ، ޢަލްމާނީންނާއި ޔަހޫދީންނާއި ނަޞާރާއިންގެ
ތެރޭގައި ހިމެނޭ މީހުންގެ އަތްމައްޗަށް ދައުލަތުގެ
ބާރުތައް ދޫކޮށްލެވުމެވެ. އެމީހުން ދިޔައީ އެމީހުންގެ
އެދުމާ އެއްގޮތަށް ދައުލަތް ވައްޓާލުމުގެ ކެހިވެރި
ރޭވުންތައް ރާވައި ތަންފީޒުކުރަމުންނެވެ. މައި ސަރުކާރު
އޮތީ އެކަމާމެދު ޣާފިލުވެފައެވެ.
3. ޞަލީބީ
ހަނގުރާމަ: ޢުޘްމާނީ ދައުލަތުގެ އާރާއި ބާރު ނެތިވެގެން
ދިއުމުގެ މައިގަނޑު ސަބަބެއް ކަމުގައި މިކަން ވިއެވެ. އޭރު
ފަރަންސޭސިވިލާތުން ވަނީ މަޣުރިބުކަރަ ހިފާފައެވެ.
އިނގިރޭސިވިލާތުން ވަނީ މިޞްރު ހިފާފައެވެ. އިޓަލީވިލާތް
ވަނީ ލީބިޔާގެ މައްޗަށް އޮތް ނުރައްކާތެރި ބޮޑު ބިރަކަށް
ވެފައެވެ. މީގެ އިތުރުން ހުޅަނގުގެ ޤައުމުތަކުން ދިޔައީ،
މުސްލިމުންގެ ތެރެއަށް ތަބްޝީރީ ޖަމާޢަތްތައް
ފޮނުވަމުންނެވެ. އެ ޖަމާޢަތްތަކުގެ މަސައްކަތަކަށް
ވެފައިވީ، މުސްލިމުން އިސްލާމްދީނާ ދުރުކުރުމާއި
ނަޞާރާދީނަށް ވެއްދުމެވެ.
4. ބަލްޤާން ހަނގުރާމަ:
މި ހަނގުރާމައިގައި، ހިޖުރީ ސަނަތުން 1330 ވަނަ އަހަރު،
ހަނގުރާމައިގައި ފުރަތަމަ ފަހަރު މަތިންދާބޯޓު
ބޭނުންކުރެވުނެވެ. މި ހަނގުރާމައިގައި ހިނގި އެންމެ ބޮޑު
އެއްކަމަކީ، ޢުޘްމާނީ ދައުލަތުން އަލްބޭނިއާ ވަކިވުމެވެ.
5. ދާޚިލީ ގަނޑުބަޑު: ޢުޘްމާނީ ދައުލަތް ވެއްޓުމަށް
މެދުވެރިވި އެންމެ ނުރައްކާތެރި އެއް ސަބަބަކީ، އެ
ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ދާޚިލީ
ގަނޑުބަޑުތަކެވެ. އެ ގަނޑުބަޑުތައް ހިންގުމުގައި
އިސްވެތިބީ އިސްލާމްދީނާ އިދިކޮޅު ލާދީނީ ޢަލްމާނީންނެވެ.
އޭގެތެރެއިން އަރާހުރި އެކަކީ، ކަމާލު އަތާތުރުކެވެ.
6. ޢުޘްމާނީ ދައުލަތުގެ ޚަލީފާގެ މަޤާމަށް
ޢަބްދުލްމަޖީދުއް ޘާނީ އިސްވެވަޑައިގަތްތާ ތިންދުވަހުގެ
ތެރޭގައި، ހިޖުރީ ސަނަތުން 1341 ވަނަ އަހަރު (لوزان)
ލޫޒާން މަހާސިންތާ ބޭއްވުނެވެ. އެ މަހާސިންތާއަކީ ސީދާ
ޢުޘްމާނީ ދައުލަތް ވައްޓާލުމަށްޓަކައި ބޭއްވުނު
މަހާސިންތާއެކެވެ. އެ މަހާސިންތާއިން ޢުޘްމާނީ ދައުލަތާ
ދެކޮޅަށް ނިންމި އެންމެ ބޮޑު ނިންމުމަކީ، ޢުޘްމާނީ
ޚިލާފަތު އުވައިލުމަށް ނިންމި ނިންމުމެވެ. އެ މަހާސިންތާގެ
ނިންމުންތަކުގެ ތެރޭގައި، ދައުލަތުގެ ދުސްތޫރުގެ އަސާސަކީ،
އިސްލާމްދީން ކަމުގައި އޮންނަ އޮތުން ބަދަލުކުރުމާއި، އެ
ދުސްތޫރު މަދަނީ ދުސްތޫރަކަށް ބަދަލުކުރުމާއި،
އިސްލާމްދީނާ ގުޅުން ހުރި ކޮންމެ ކަމެއް އުވައިލުމާއި،
މުސްލިމުންނާއި މުސްލިމުންނަށް އެއްބާރުލުންދޭ އެންމެން
ދައުލަތުން ބޭރުކުރުން ހިމެނެއެވެ.
7. ބައެއް
ނަތީޖާތައް: ޢުޘްމާނީ ދައުލަތް ވެއްޓުމުގެ ނަތީޖާއަކީ،
ތުރުކީވިލާތް އުފެދުމެވެ. ކަމާލު އަތާތުރުކު އިސްވެހުރެ،
މުސްލިމުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގިއެވެ.
ޢުޘްމާނީ ދައުލަތުގެ ވަސްވެސް ފޮހެލުމަށްޓަކައި ދައުލަތް
އޮތްފުށުން އަނެއް ފުށަށް ޖެހިއެވެ. އެގޮތުން، ޢަރަބި
އަކުރުން ލިޔުން ހުއްޓުވައި ލެޓިން އަކުރުން ލިޔަން
ފެށްޓިއެވެ. ބުރުގާއެޅުން މަނާކުރިއެވެ. މިސްކިތްތަކުގައި
ޢަރަބި ބަހުން ބަންގި ގޮވުން އުވާލިއެވެ....
އެގޮތުގެމަތިން ތުރުކީވިލާތުން އިސްލާމްދީނުގެ އަސަރު
ފޮހެލުމަށްޓަކައި ކުރެވެންހުރި ހުރިހައި މަސައްކަތެއް
ކުރިއެވެ. (رميس، 2018)
3. ޚުލާޞާ
ބަޔާންވެދިޔަ ނުކުތާތަކަށް ބަލާއިރު، މިޒަމާނުގައި ބައެއް ޤައުމުތަކުގެ ސަރުކާރު ވެއްޓެން މެދުވެރިވަމުންދަނީ ވެސް ހަމަ އެފަދަ ސަބަބުތަކެއްކަން ފާހަގަކުރެވެއެވެ. މިޒަމާނުގައި އެ ދައުލަތްތަކެއްގެ ސަރުކާރުތައް ވެއްޓި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާ، ޓިއުނީޝިއާ އާއި ލީބިޔާއާއި ޔަމަނުކަރަ ފަދަ ޤައުމުތައް ފާހަގަކޮށްލެވެއެވެ. އެ ޤައުމުތަކުގެ ވެރިކަން ވެއްޓުމުގައި ބައިވެރިވާ ދާދި އެއްގޮތް ބަހާތަކެއް ވެއެވެ. އެއީ ހަމަ އުމަވީ ދައުލަތާއި ޢުޘްމާނީ ދައުލަތް ވެއްޓެން މެދުވެރިވި ސަބަބުތަކުގައި ބައިވެރިވާ ބަހާތަކެކެވެ. ތަފާތަކީ ކަން ހިނގާފައިވާ ޒަމާނުގެ ގޮތުން އައިސްފައިވާ ތަފާތުތަކެކެވެ.
4. ޙަވާލާ ލިސްޓު
منى
المتيم. (23 أبريل, 2018). أسباب سقوط الدولة الأموية. تم
الاسترداد من المرسال:
https://www.almrsal.com/post/497255
نادية أبو رميس.
(23 أبريل, 2018). أسباب سقوط الدولة العثمانية. تم
الاسترداد من موضوع:
http://mawdoo3.com/أسباب_سقوط_الدولة_العثمانية