ވަރިކުރެވިފައިވާ އަންހެނާގެ މީރާސް


ކާވެނީގެ ޢަޤުދަކީ، ވާރުތަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި މާތް ﷲ ވަނީ ލައްވާފައެވެ. މިކަން ބަޔާންކުރައްވައި، އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

(وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ )
އައްނިސާ: 12

މާނައީ، "ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކު ވާނަމަ އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ."

އެހެންވީމާ، ކާވެނީގެ ޢަޤުދު ދެމިއޮތްހައި ހިނދަކު، ވާރުތަވުން ދެމިއޮންނާނެއެވެ. ވާރުތަވުން މަނާކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިނުވާހައި ހިނދަކުއެވެ.

ބާއިން ވަރިއަކުން ވަރިކޮށް، ކާވެނީގެ ޢަޤުދު މުޅިން ރޫޅިއްޖެނަމަ، ވާރުތަވުން ނަފީވާނެއެވެ. ސަބަބު ނެތިދާ ހިނދު، ސަބަބުގެ ނަތީޖާ ނެތިދާތީއެވެ. ނަމަވެސް، ވަރިއާމެދު ސުވާލު އުފެދޭ ކަންތައްތަކެއް މެދުވެރިވުމުން، ވާރުތަވުން މަނާ ނުވެދާ ޙާލަތު އާދެއެވެ. އަދި ކާވެނީގެ ޢަޤުދު މުޅިން ރޫޅިގެން ނުދާ ޙާލަތުގައި ވެސް ދެމަފރިންގެ ދެމެދުގައި ވާރުތަވުން ނަފީވެގެނެއް ނުދެއެވެ. އެއީ، ވަރިކުރެވުނު އަނބިމީހާ ޢިއްދައިގައިވާ ޙާލަތެވެ. އެ ޙާލަތުގެ ވަރިއަށް ކިޔަނީ ރަޖުޢީ ވަރިއެވެ. މިހެންވެ، ފިޤުހުވެރިން ވަނީ، ފިޤުހު ޢިލްމުގައި އެކަމަށް ބާބެއް ކަނޑައަޅުއްވާފައެވެ. އެ ބާބުގެ ނަމަކީ، "ވަރިކުރެވިފައިވާ އަންހެނާގެ މީރާޘުގެ ބާބު" (بَابُ مِيْرَاثِ اْلمُطَلَّقَةِ) އެވެ.

ވަރިކުރެވިފައިވާ އަންހެނުންގެ މައިގަނޑު ތިން ބާވަތެއް ވެއެވެ.

ފުރަތަމަ ބާވަތަކީ: ވަރިކުރި މީހާ ގަދަވެ ހެޔޮ ޙާލުގައި ހުރެ، ނުވަތަ ބައްޔެއް ޖެހިފައިވާ ޙާލުގައި ހުރެ، ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއެވެ.

ދެވަނަ ބާވަތަކީ: ވަރިކުރި މީހާ ގަދަވެ ހެޔޮޙާލުގައި ހުރެ، ބާއިން ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއެވެ.

ތިންވަނަ ބާވަތަކީ: ވަރިކުރި މީހާ މަރު ބަލީގައި އޮވެ، ބާއިން ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއެވެ.

ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާ ޢިއްދައިގައި ވަނިކޮށް، ވަރިކުރި މީހާ މަރުވެއްޖެނަމަ، އޭނާއަށް ވާރުތަވާނެ ކަމަށް ދަންނަބޭކަލުން ވަނީ ޢިޖުމާޢުވެވަޑައިގެންފައެވެ. އެހެނީ، އެކަނބުލޭގެ ޢިއްދައިގައިވާ ހިނދު، އެކަނބުލޭގެއަށް އަނބީންގެ ޙައްޤުތައް ލިބިގެންވެއެވެ.

ވަރިކުރި މީހާ ގަދަވެ ހެޔޮޙާލުގައި ހުރެ، ބާއިން ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއަށް ވާރުތައެއް ނުވާނެ ކަމަށް ދަންނަބޭކަލުން ވަނީ ޢިޖުމާޢުވެވަޑައިގެންފައެވެ. އެއީ، ކާވެނީގެ ގުޅުން ދެމިއޮތްކަމާމެދު ފިރިމީހާގެ މައްޗަށް ކުރެވިދާނެ ތުހުމަތެއް ނެތި، ކާވެނީގެ ގުޅުން ކެނޑިފައިވާ ކަމަށްޓަކައެވެ. އަދި ފިރިމީހާ އެކަނބުލޭގެ ވަރިކޮށްފައިވަނީ، މަރުވެދާނެ ފަދަ ބައްޔެއް ނޫން ބައްޔެއް (ފިރިމީހާއަށް) ޖެހިފައިވާ ޙާލުގައި ކަމަށްވާނަމަ ވެސް ހަމައެފަދައެވެ. (އެބަހީ: މި ޙާލަތުގައި ވެސް އެކަނބުލޭގެއަށް ވާރުތައެއް ނުވާނެއެވެ.)

ފިރިމީހާގެ މަރުބަލީގައި ބާއިން ވަރިއަކުން އަނބިމީހާ ވަރިކުރިއިރު، އޭނާ އެކަނބުލޭގެ ވަރިކުރީ ވާރުތައިން މަޙުރޫމުކުރުމުގެ ޤަޞްދުގައި ކަމަށް ތުހުމަތުކުރެވެން ނެތް ޙާލަތުގައި ވެސް އެކަނބުލޭގެއަށް ވާރުތައެއް ނުވާނެއެވެ.

ފިރިމީހާގެ މަރުބަލީގައި ބާއިން ވަރިއަކުން އަނބިމީހާ ވަރިކުރިއިރު، އޭނާ އެކަނބުލޭގެ ވަރިކުރީ ވާރުތައިން މަޙުރޫމުކުރުމުގެ ޤަޞްދުގައި ކަމަށް ތުހުމަތުކުރެވޭ ޙާލަތުގައި، ޢިއްދައިގެ މުއްދަތުގައްޔާއި، އެ މުއްދަތަށް ފަހުގައި ވެސް ވާރުތަވާނެއެވެ. އެކަނބުލޭގެ އެހެން މީހަކާ ކާވެނިނުކުރާނަމައެވެ. ނުވަތަ މުރުތައްދުނުވާނަމައެވެ.

ފިރިމީހާގެ މަރުބަލީގައި އަނބިމީހާ ބާއިން ވަރިއަކުން ވަރިކުރީ، އެކަނބުލޭގެ ވާރުތައިން މަޙުރޫމުގެ ކުރުމުގެ މަޤުޞަދުގައި ކަމަށް ތުހުމަތުކުރެވޭ ޙާލަތުގައި އެކަނބުލޭގެއަށް ވާރުތަވާނެ ކަމުގެ ދަލީލަކީ، ޢަބްދުއްރަޙްމާނު ބްނު ޢައުފުގެ އަނބިކަނބަލުންގެ ހާދިސާއެވެ. ޢުޘްމާނުގެފާނު ވަނީ، އެކަމަނާއަށް ވާރުތަވާނެ ކަމަށް ނިޔާކަނޑައަޅުއްވާފައެވެ. ޢަބްދުއްރަޙުމާނު ބްނު ޢައުފު، އެކަމަނާ ވަރިކުރެއްވީ އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވިއިރުގައެވެ. އެކަލޭގެފާނު އެކަމަނާގެ ކާވެނި ރުޖޫޢައެއް ނުކުރައްވައެވެ. މިކަމުގައި ޢުޘްމާނުގެފާނު ކަނޑައެޅުއްވި ނިޔާފުޅަކީ، އަޞްޙާބުބޭކަލުންގެ މެދުގައި މަޝްހޫރުވި ނިޔާފުޅެކެވެ. އެއްވެސް އަޞްޙާބުބޭކަލަކު އެ ނިޔާފުޅާމެދު އިންކާރެއް ނުކުރައްވައެވެ. އެއީ، "ޛަރީޢާ މަނާކުރުމުގެ" އުސޫލުންނެވެ. އެހެނީ، އެއީ، ވާރުތަވުން ފާސިދުކޮށްފަނިވި ޤަޞްދެއްވާ ވަރިއެކެވެ. އެހެންކަމުން އެ ވަރިއާމެދު ޢަމަލުކުރެވުނީ، އޭގެ މަޤުޞަދާ ޚިލާފަށެވެ. މި މާނަ ޙިޞާރުވެފައިވަނީ ވަކި މުއްދަތަކަށެއް ނޫނެވެ. އެހެންކަމުން، ވާރުތަވުން ވަނީ، ހަމައެކަނި ޢިއްދައިގެ މުއްދަތުގެ ތެރޭގައި ޙިޞާރުވެފައެއް ނޫނެވެ. والله أعلم.

ކާވެނީގެ ޢަޤުދުކުރުމަށްފަހު، ދެމަފިރިން އެއްދާންކުރުމުގެ ކުރިން އެކަކު މަރުވިޔަސް، އެ ދެމީހުންގެ ދެމެދުގައި ވާރުތަވުން ދެމިއޮވެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

(وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ)
އައްނިސާ: 12

މާނައީ، "ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކު ވާނަމަ އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޒުކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ."

މިހެނީ، ކާވެންޏަކީ، ޝަރަފުވެރި މާތް ބަދަހި ގުޅުމެކެވެ. އޭގެ މައްޗަށް ޙުކުމްތަކެއް ތަރުތީބުވެއެވެ. އޭގެ މައްޗަށް ބޮޑެތި މަޞްލަޙަތުތަކެއް ބިނާވެއެވެ. މިހެންވެ، މާތް ﷲ ވަނީ، ދެމަފިރިންކުރެ އެކަކު މަރުވެއްޖެނަމަ އޭނާގެ މުދަލުން އަނެކަކަށް ލިބެންޖެހޭ ޙިއްޞާގެ މިންވަރު ކަނޑައަޅުއްވާފައެވެ. އޭނާގެ މުދަލުން ގާތްތިމާގެ މީހުންނަށް ލިބެންޖެހޭ ޙިއްޞާ ކަނޑައެޅުއްވި ފަދައިންނެވެ. މިކަންކަމުން ކަށަވަރުވެގެންދަނީ، ދެމަފިރިންކުރެ ކޮންމެ މީހަކުމެ، އެކަކު އަނެކަކަށް އިޙުތިރާމުކޮށް، އެކަކު އަނެކަކަށް ކަމޭހިތަންޖެހޭނެ ކަމެވެ.

މި ބަޔާންކުރެވުނީ، މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ ޙުކުމްތަކެކެވެ. މި ޙުކުމްތަކުގައި ވަނީ، މުޅިންވެސް ހެޔޮކަމާއި ބަރަކާތެވެ.