ލިޔުމުގެ ބާވަތްތައް
ލިޔުންތެރިޔާގެ އުސްލޫބަކީ، އޭނާގެ ޝަޚުޞިއްޔަތު
ހާމަކޮށްދޭ އެއްޗެކެވެ.
އެއީ، އޭނާގެ ލާމަސީލުކަން
ދައްކައިދޭ މޫނުބަލާ ލޯގަނޑެވެ.
އެއީ، އޭނާ
ކިޔުންތެރިންނާ ހަމައަށް ވާޞިލުވާ ވައްޓަފާޅިއެވެ.
ލިޔުމުގެ ބާވަތްތަކުގެ ތެރޭގައި މައިގަނޑު ހަތަރު ބަޔެއް
ވެއެވެ. އެއީ:
އޮޅުންފިލުވައިދެނިވި (Expository)
ލިޔުމާއި،
ސިފަކޮށްދެނިވި (Descriptive) ލިޔުމާއި،
ޤަބޫލުކުރުވަނިވި (Persuasive) ލިޔުމާއި،
ކިޔައިދެނިވި
(Narrative) ލިޔުމެވެ.
1. އޮޅުންފިލުވައިދެނިވި
(Expository) ލިޔުން:
މި ބާވަތުގެ ލިޔުމުގެ
ބޭނުމަކީ، އޮޅުންފިލުވައިދިނުމަށްޓަކައި
ޝަރަޙަކޮށްދިނުމެވެ.
މި ބާވަތުގެ ލިޔުން އަމާޒުކުރެވެނީ
މައުޟޫޢީ ގޮތެއްގަ (subject-oriented) އެވެ.
މި
ބާވަތުގެ ލިޔުމުގައި ލިޔުންތެރިޔާގެ އަމިއްލަ ރައުޔު
ހާމައެއް ނުކުރާނެއެވެ.
މި ބާވަތުގެ ލިޔުމުގެ ތެރޭގައި
ހިމެނެނީ ޙަޤީޤަތްތަކާއި ޢަދަދުތައް ހާމަކޮށްދޭ ލިޔުމެވެ.
މިއީ، ލިޔުމުގެ ވަރަށް އާންމު ބާވަތެކެވެ.
އެންމެ
ފަސޭހައިން މި ބާވަތުގެ ލިޔުން ފެންނާނީ މަދްރަސީ
ފޮތްތަކުންނެވެ.
މައިގަނޑު ނުކުތާތައް:
ކަމެއް ކުރާނެ ގޮތް ޝަރަޙަކޮށްދިނުން.
ޙަޤީޤަތްތަކާއި
ޢަދަދުތައް ގެނެސްދިނުން.
މަންޠިޤީ ތަރުތީބަކުން
ސިލްސިލާކޮށް ބަޔާންކޮށްދިނުން.
ބޭނުންކުރެވޭ
މައިގަނޑު ދާއިރާ:
މަދްރަސީ ފޮތްތައް.
އިރުޝާދީ
މަޒުމޫނު.
ރެސިޕީ.
ޚަބަރު.
ވިޔަފާރި، ފަންނީ އަދި
ޢުލޫމީ (ސައިންސީ) ލިޔުން.
2. ސިފަކޮށްދެނިވި
(Descriptive) ލިޔުން:
މި ބާވަތުގެ ލިޔުމުގެ
ބޭނުމަކީ، ސިފަކޮށްދިނުމެވެ.
އެއީ، ގިނަގުނަ
ތަފުޞީލާއެކު، ޝަޚުޞިއްޔަތެއް، ހާދިސާއެއް ނުވަތަ ތަނެއް
ސިފަކޮށްދޭ ލިޔުމުގެ އުސްލޫބެކެވެ.
މުޞަންނިފު ވަގުތު
ހޭދަކޮށްގެން ޝައުޤުވެރިކަމާއެކު މި ބާވަތުގެ ލިޔުން
ލިޔާއިރު، ޝާޢިރީ އުސްލޫބަކުން ވެސް ގެނެސްދީފާނެއެވެ.
މި ބާވަތުގެ ލިޔުމެއްގައި، "ލޭ ބޯ މީހަކު، ލޯބިވެރިޔާ
މަރާލި ކަމަކަށް" މުޞަންނިފު ނުބުނާނެއެވެ.
އެކަމަކު
އިތުރު ތަފުޞީލާއެކު އެ ވާހަކަ އޭނާ ބުނާނީ، "އަނގުރު
އަލިފާން ލޮލުގެ ބިރުވެރި، ކޮބަޑި ދަތްތަކުގެ މުޑުދާރު،
ލެއިން ތަތްތެޅިފައިވާ، އަނިޔާވެރި ލޭބޯމީހާ، ތިމަންނާގެ
ލޫޅާފަތި، މަލާއިކީ، މަޢުޞޫމު ޢާޝިޤާގެ ފުރާނަ
ޝިކާރަކޮށްފި" ކަމަށެވެ.
މައިގަނޑު ނުކުތާތައް:
އޭގެ ޠަބީޢަތުގައި ޝާޢިރީ ޠަބީޢަތެއް ވުން.
މީހުންނާއި، ހާދިސާތަކާއި، ހާލަތްތަކާއި، ތަންތަން
(ޚާއްޞަ، ޢާންމު) ތަފުޞީލުކޮށް ސިފަކުރުން.
މުޞަންނިފަށް ފެންނަ، އަޑުއިވޭ، ރަހަލިބޭ، ވަސްދުވާ،
އިޙުސާސްކުރެވޭ އެއްޗެހި ތަސްވީރުކުރުން.
ބޭނުންކުރެވޭ މައިގަނޑު ދާއިރާ:
ޅެންވެރިކަން.
މަޖައްލާ (Journal) ނުވަތަ ޑައިރީ ލިޔުން.
ޤުދުރަތީ
ވެށި (Nature) ސިފަކޮށްދޭ ލިޔުން.
ޚިޔާލީ މަންޒަރުތައް
ސިފަކޮށްދޭ ލިޔުން.
3. ޤަބޫލުކުރުވަނިވި
(Persuasive) ލިޔުން:
މި ބާވަތުގެ ލިޔުމުގެ
މައިގަނޑު ބޭނުމަކީ، ޤަބޫލުކުރުވުމެވެ.
އޮޅުންފިލުވައިދެނިވި (Expository) ލިޔުމާ ޚިލާފަށް، މި
ބާވަތުގެ ލިޔުމުގައި މުޞަންނިފުގެ ރައުޔު ވާނެއެވެ.
މުޞަންނިފުގެ ރައުޔަށް ކިޔުންތެރިން ލެންބުވުމަށްޓަކައި،
ސަބަބުތަކާއި، ޝަރަޙަތައް މި ބާވަތުގެ ލިޔުމުގައި
ވާނެއެވެ.
އާންމު ގޮތެއްގައި މި ބާވަތް ބޭނުންކުރަނީ،
ޝަކުވާ، އިޢުލާން، އިޝްތިހާރު، ނޫހެއްގެ ރައުޔު،
އެޑިޓަރުގެ މަޒުމޫނު ފަދަ ލިޔުމުގައެވެ.
މައިގަނޑު ނުކުތާތައް:
ސަބަބާއި، ޙުއްޖަތާއި،
ޝަރަޙަތައް ބޭނުންކުރުން.
މުޞަންނިފު ވަކި ރައުޔެއްގެ
މައްޗަށް ބުރަވެހުރެ، އެ ރައުޔު އެހެން މީހުން
އެއްބަސްކުރުވުން.
ގެނެސްދޭ މައްސަލައާމެދު
ކިޔުންތެރިން ކަމެއް ކުރުމަށް އެދުން.
މިއަށް ކިޔަނީ،
"ޙަރަކާތްތެރިވުމަށް ގޮވާލުން".
ބޭނުންކުރެވޭ
މައިގަނޑު ދާއިރާ:
ރައުޔު ބަޔާންކުރުމާއި،
އެޑިޓޯރިއަލް ލިޔުން.
އިޢުލާނާއި އިޝްތިހާރު.
މުރާޖަޢާކުރުން (ފޮތް، މިއުޒިކު، ފިލްމު، ރެސްޓޯރެންޓް،
....)
ނަލަފަހި (Recommendation) ސިޓީ.
ޝަކުވާގެ
ސިޓީ.
ހީރަސް (Cover) ސިޓީ.
4. ކިޔައިދެނިވި
(Narrative) ލިޔުން:
މި ބާވަތުގެ ލިޔުމުގެ
މައިގަނޑު ބޭނުމަކީ، ވާހަކައެއް ކިޔައިދިނުމެވެ.
މުޞަންނިފު، ތަފާތު ޝަޚުޞިއްޔަތު އުފައްދައި، އެމީހުންނަށް
ވާނުވާ ގޮތްތައް ކިޔައިދެއެވެ.
ބައެއްފަހަރު އެއިން
ޝަޚުޞިއްޔަތެއްގެ ރައުޔު ލިޔަމުންގެންދެއެވެ.
(first-person narrative)
މި ބާވަތުގެ ލިޔުމުގެ
ތެރޭގައި، ނާވިލާއި، ކުރުވާހަކައާއި، ޅެމާއި، އޮޓޯ
ބަޔޮގްރަފީ ފަދަ ލިޔުންތައް ހިމެނެއެވެ.
ސާދާކޮށް
ބުނާނަމަ، "ކިޔައިދެނިވި ލިޔުމަކީ، "ދެން ހިނގީ ކޮން
ކަމެއް؟" މި ސުވާލަށް ޖަވާބުދޭ އެއްޗެކެވެ.
މައިގަނޑު ނުކުތާތައް:
މީހަކު، ވާހަކައެއް ނުވަތަ
ހާދިސާއެއް ކިޔައިދިނުން.
އޭގައި އެތައް ވާހަކަތަކަކާއި
މީހުންނެއް ވުން.
ފެށުމާއި، މެދުތެރެއާއި، ނިމުން
ހިމެނުން.
އާންމު ގޮތެއްގައި، ޙާލަތްތަކެއްގެ މައްޗަށް
ބިނާވުން.
(އެ ޙާލަތްތަކުގެ ތެރޭގައި، (actions)
އިޖުރާއާތުތަކާއި، (motivational events) ކަމަކަށް
ބާރުއަޅާ ހާދިސާތަކާއި، (disputes) ދެބަސްވުންތައް ނުވަތަ
(conflicts) ފުށުއެރުންތައް ހިމެނި، އާޚިރުގައި އެއަށް
ޙައްލެއް ހޯދެއެވެ.)
ބޭނުންކުރެވޭ މައިގަނޑު
ދާއިރާ:
ދިގު ވާހަކަ
ކުރުވާހަކަ
ނާވިލު
ޅެން
އޮޓޯ ބަޔޮގްރަފީ
ނަވާދިރު، ޖޯކު
ދޫދޫމަތިން
ވާރުތަވާ ތާރީޚު.
ޙާޞިލު ނަތީޖާ:
ބަޔާންވެދިޔައީ، އާންމު ގޮތެއްގައި ބޭނުންކުރެވޭ
ލިޔުންތެރިކަމުގެ ހަތަރު ބާވަތެކެވެ.
އޭގެ އިތުރުން
ގޮފި ބާވަތްތައް (sub-types) ވެސް ވެއެވެ.
މަންޒިލްމަޤުޞޫދަށް ލިޔުން އަމާޒުކުރާއިރު، ލިޔުމުގެ
ތަފާތު ބާވަތްތައް ދެނެގަތުމަކީ މުޞަންނިފަށް ނުހަނު
ބޭނުންތެރިކަމެކެވެ.
އެއީ، އޭނާ ލިޔާ އެއްޗަކީ
ކިޔުންތެރިންގެ ގާތުގައި މަޤުބޫލުވާނެ އެއްޗެއްކަން
ކަށަވަރުކުރުމަށްޓަކައެވެ.
މަޞްދަރު:
https://letterpile.com/writing/Four-Types-of-Writing
އިތުރު މަޞްދަރު.