(وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى)
މިއާޔަތާ ގުޅިފައިވާ ޤިރާއަތްތަކާއި ފިޤުހީ މައްސަލަތައް
1. ތަޢާރަފު
މިއީ، އަލްބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތުން ބަޔަކާ
ގުޅިފައިވާ ޤިރާއަތްތަކާއި ފިޤުހީ މައްސަލަތަކާ ބެހޭ
ގޮތުން ހޯދި ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ
ދިރާސީ މަޒުމޫނެކެވެ. މި މަޒުމޫނުގައި
އަލިއަޅުވާލާފައިވާނީ އެ އާޔަތުގެ (وَاتَّخِذُوا مِن
مَّقَامِ إِبْرَاهِيمَ مُصَلًّى) މިބައިގެ މައްޗަށެވެ.
ތިރީގައި މިވަނީ އާޔަތާއި، އާޔަތުގެ މާނައެވެ.
(وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ
وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ
مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ
وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ
وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ) މިއެވެ.
މާނައީ، "އަދި ޘަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި،
އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި
މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ކަޢުބަތުﷲ ގެފުޅު
ލެއްވި ހިނދު ހަނދުމަކުރައްވާށެވެ! އަދި އިބްރާހީމުގެފާނު
ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު
ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން
ނަމާދުކުރާ ތަނެއް ކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި
އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނަށް ތިމަންރަސްކަލާގެ
އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށް
ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށްޓަކައި ތިޔަ
ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު
ޠާހިރުކުރައްވާށެވެ!" (1)
މި ދިރާސީ މަޒުމޫނުގައި
ފުރަތަމަ އަލިއަޅުވާލާފައިވާނީ، ޤިރާއަތްތަކުގެ
މައްޗަށެވެ. އެއަށްފަހު، މި ދިރާސާގައި ހިމެނި ފިޤުހީ
މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.
2. ޤިރާއަތްތައް
އައްޠަބަރީގެ ތަފުސީރުގައި ވެއެވެ. އަބޫޖަޢުފަރު
ވިދާޅުވިއެވެ.
(وَاتَّخِذُوا مِن مَّقَامِ
إِبْرَاهِيمَ مُصَلًّى) (2)
"އަދި އިބްރާހީމުގެފާނު
ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު
ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން
ނަމާދުކުރާ ތަނެއް ކަމުގައި ބަލައި، ބޭނުން ހިފާށެވެ!"
މި އާޔަތުގެ ޤިރާއަތްތަކާމެދުގައި ވަނީ (ޚިލާފު
އުފެދި) ދޭހަ ތަފާތުވެފައެވެ. ތިރީގައި މި ބަލައިލަނީ، މި
އާޔަތާމެދު ވާރިދުވެފައިވާ އެކިއެކި ޤިރާއަތްތަކަށެވެ.
(الطبري، 2018)
2.1. (واتخذوا) ގެ (خ) ޚާގެ އިބިފިލީގެ ޤިރާއަތު
ބައެއް ބޭކަލުން ކިޔަވާވިދާޅުވަނީ، (واتخذوا) ގެ (خ)
ޚާ، އިބިފިއްޔަށެވެ. މި އަކުރުގައި އިބިފިލި ޖެހުމުން، މި
ލަފުޒަކީ، އަމުރަކަށް ވެދެއެވެ. މިއީ، މިޞްރުގެ ޢާންމުންގެ
މެދުގައި ފެތުރިފައިވާ ޤިރާއަތެވެ. އަދި ކޫފާއާއި
އަލްބަޞްރާގެ ޤިރާއަތު ވެސްމެއެވެ. މައްކާގެ
އަހުލުވެރިންނާއި، މަދީނާގެ ބައެއް އަހުލުވެރިންގެ
ޤިރާއަތަކީ ވެސް މިއީއެވެ. އަދި (أنس بن مالك)
(3)
އަނަސްގެފާނުގެ އަރިއަހުން ރިވާވެފައިވާ، މި އާޔަތް
ބާވައިލެއްވި ސަބަބަށް ބުރަވެވަޑައިގެންނެވި
ޢިލްމުވެރިންގެ ޤިރާއަތަކީ ވެސް (واتخذوا) ގެ (خ) ޚާ،
އިބިފިއްޔަށް ކިޔެވުމުގެ ޤިރާއަތެވެ.
(أبو جعفر)
(4)
އަބޫޖަޢުފަރު ވިދާޅުވެފައި ވެއެވެ. "ޞައްޙަ ޤިރާއަތަކީ،
(واتخذوا) ގެ (خ) ޚާގައި އިބިފިލި ޖަހައިގެން ކިޔަވާ
ޤިރާއަތެވެ.
އަނަސްގެފާނުގެ އަރިއަހުން
ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިއަހުގައި ޢުމަރުގެފާނު ދެންނެވިއެވެ. "އޭ! ﷲ ގެ
ރަސޫލާއެވެ! ސަލާމްލެއްވި އިބްރާހީމުގެ މަޤާމުފުޅަކީ
ނަމާދުކުރާ ތަނެއް ކަމުގައި ކަލޭގެފާނު
ހިއްޕަވާނެނަމައެވެ!" އިތުރުއެކަލޭގެފާނުގެ އަރިއަހުގައި
އެކަލޭގެފާނު މިހެން ދަންނަވާފައި ވަނިކޮށް، މާތް ﷲ މި
އާޔަތް ބާވައިލެއްވިއެވެ. (الطبري، 2018)
(معاني
القرآن) "މަޢާނިލް ޤުރުއާން" ގައި، (الأخفش) (5) އަލްއަޚުފަޝް
ވިދާޅުވެފައި ވެއެވެ. "މޮޅުއިތުރު ގޮތަކީ، (واتخذوا) ގެ
(خ) ޚާގައި އިބިފިލި ޖަހައިގެން ކިޔެވުމެވެ. (ގިނައިން)
ކިޔެވެނީ ވެސް އެގޮތަށެވެ. އެހެނީ، (އާޔަތުގެ
ސިޔާޤުގައިވާ) އޭގެ ލަނޑުދަނޑިއަށް ދަލީލުކުރެވެނީ ވެސް
އެގޮތަށް ކިޔެވުމުންނެވެ." (الخزامي، 1987)
(القرطبي) އަލްޤުރުޠުބީ ވިދާޅުވެފައި ވެއެވެ.
"ޤާރީވެރިންގެ ޖުމްހޫރު (އަޣުލަބިއްޔަތު)
ކިޔަވާވިދާޅުވެފައިވަނީ (واتخذوا) ގެ (خ) ޚާ،
އިބިފިއްޔަށެވެ." (القرطبي، 2018)
2.2. (واتخذوا) ގެ (خ) ޚާގެ އަބަފިލީގެ ޤިރާއަތު
މަދީނާގެ ބައެއް އަހުލުވެރިންނާއި، ޝާމުކަރައިގެ ބައެއް
އަހުލުވެރިންގެ ޤިރާއަތުގައި، (واتخذوا) ގެ (خ) ޚާގައި
ޖަހަނީ އަބަފިއްޔެވެ. (الطبري، 2018)
(واتخذوا) ގެ
(خ) ޚާގައި އަބަފިލި ޖެހުމުން، މި ލަފުޒުގެ
ބަދަލުވެގެންދަނީ (فعل ماضي) ވެނިމުނު ކަމަމަކަށެވެ.
(اتَّخَذَ) ގެ ލަފުޒީ މާނައަކީ، "ހިފައިފި" އެވެ.
(اتَّخَذُوا) އަކީ، އޭގެ ޖަމްޢެވެ. މާނައަކީ،
"އެބައިމީހުން ހިފައިފި" އެވެ. އެހެންވީމާ، (واتخذوا) ގެ
(خ) ޚާގައި އަބަފިލި ޖެހުމުން، އެއިން "އަމުރު" ގެ މާނަ
ނެތިގެންދާކަން އެބައެނގެއެވެ.
جابر) (6))
ޖާބިރުގެފާނުގެ އަރިއަހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ (مقَام إِبْرَاهِيم) ގެ
އަރިއަހަށް ވަޑައިގެންނެވިއެވެ. އެހިނދު
އިތުރުއެކަލޭގެފާނުގެ އަރިއަހަށް ވަޑައިގެން ޢުމަރުގެފާނު
ދެންނެވިއެވެ. "އޭ! ﷲ ގެ ރަސޫލާއެވެ! މިއީ ކަލޭގެފާނުގެ
ބަފައިކަލުން އިބްރާހީމުގެފާނުގެ މަޤާމުފުޅެވެ. މި
މަޤާމުފުޅާމެދު ﷲ (وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ
مُصَلًّى) (7) މިއާޔަތް ބާވައިލެއްވި މަޤާމުފުޅެވެ." އެހިނދު
އިތުރުއެކަލޭގެފާނު އެކަން ކަށަވަރުކޮށްދެއްވިއެވެ.
ޢުމަރުގެފާނުގެ މި ބަސްފުޅަށް ބަލާއިރު، މި
އާޔަތުގައިވާ (واتخذوا) ގެ (خ) ޚާގައި އަބަފިލި ނޫން
ފިއްޔެއް ޖެހޭނެ ކަމަކަށް ނުބެލެވެއެވެ. އެހެނީ، (مقَام
إِبْرَاهِيم) އަކީ (مُصَلّى) "ނަމާދުކުރާ ތަނެއް" ކަމުގައި
ހެއްދެވުމަށް، ޢުމަރުގެފާނު ވަނީ އިތުރުއެކަލޭގެފާނުގެ
އަރިއަހުގައި ކުރިން ދަންނަވާފައެވެ. އާޔަތް
ބާވައިލެއްވުމުގެ ސަބަބަކީ ވެސް އެއީއެވެ. (الهرري، 1986)
(الشاطبي) އައްޝާޠިބީ (އަވަހާރަވީ: 509 ހ.)
އެކަލޭގެފާނު ހެއްދެވި ޅެމުގައި ވިދާޅުވެފައި ވެއެވެ.
(واتَّخَذُوا بِالفَتْحِ عَمَّ وَأَوغَلا) މި ބަސްފުޅު
ޝަރަޙަކުރައްވަމުން (أبو شامة) އަބޫޝާމާ (އަވަހާރަވީ: 665
ހ.) ވިދާޅުވެފައި ވެއެވެ. "އެކަލޭގެފާނު ވިދާޅުވެފައި
އެވަނީ، ޝާމިލުކަން ބޮޑު ގޮތަކީ، އަބަފިލިޖެހުން ކަމަށެވެ.
އެހެނީ، ޟަމީރު ރުޖޫޢަވަނީ އެންމެހައި މީސްތަކުންނަށެވެ.
އެހެންކަމުން އެއިން އަންގަވާފައިވާ ކަން (އެކަމަކީ،
މުޞައްލާއެއް ކަމުގައި އިބްރާހީމުގެފާނުގެ މަޤާމުފުޅު
ހެދުމެވެ.) ނައްޞުން ތައުޖީހުކުރައްވާފައިވަނީ،
އަހުރެމެންނަށްވުރެ ކުރީގެ އުންމަތްތަކުގެ މީހުންނަށެވެ.
އަދި އަހުރެމެންނަށް އެ ބަސްފުޅު
ތައުޖީހުކުރައްވާފައިވަނީ، އެ އުންމަތްތަކުގެ މީހުންނާ
ތަބާވުމުގެ ގޮތުންނެވެ. އެހެނީ، މަންސޫޚުކުރައްވާފައި
ނުވާހައި ހިނދަކު، ކުރީގެ އުންމަތްތަކުގެ މީހުންނަށް
ޝަރުޢުކުރައްވާފައިވާ ކަންކަމަކީ، އަހުރެމެންނަށް ވެސް
ޝަރުޢުކުރައްވާފައިވާ ކަންކަމެވެ. އަދި ދަންނައެ،
އިބިފިލީގެ ޤިރާއަތް ޚާއްޞަކުރައްވާފައިވަނީ، އެކަމަށް
އަމުރުކުރެއްވިގެންވާ މީހުންނަށެވެ." (محمد، 1997)
(ابنُ خالَوَيْهِ) (8) އިބްނު ޚާލަވައިހިގެ ވިސްނުންފުޅު
މުޅިން ތަފާތެވެ. އެކަލޭގެފާނުގެ އަރިއަހަށް ހުށަހެޅުނު
ސުވާލަކަށް ދެއްވާފައިވާ ޖަވާބުން އެކަން އެނގެއެވެ. އެ
ސުވާލަކީ، "ކީރިތި ޤުރުއާނުގެ ކަލިމައިގައި ކަމަކާއި އޭގެ
އިދިކޮޅުކަން ހިމެނުއްވިފައިވަނީ ކޮންމަގަކުންތޯއެވެ؟"
މިސުވާލަށް ޖަވާބުދެއްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ.
"ﷲ ތަޢާލާ ކަމަކަށް އެއުރެންނަށް އިބްތިދާއީ ގޮތެއްގައި
އަމުރުކުރައްވައެވެ. އެކަލާނގެ އެމީހުންނަށް
އަމުރުކުރައްވާ ކަމެއް އެމީހުން ކުރެއެވެ. އެކަމަށްޓަކައި
އެމީހުންނަށް ތަޢުރީފުކުރައްވައި، ދެވަނަ
ޢަރުޟުކުރެއްވުމުގައި (ހުށަހެޅުއްވުމުގައި) އެބަސްފުޅު
ބާވައިލައްވައެވެ." (محمد، 1997)
(القرطبي)
އަލްޤުރުޠުބީ ވިދާޅުވެފައި ވެއެވެ. (نافع) (9) ނާފިޢާއި، (ابن
عامر) (10) އިބްނު ޢާމިރު ކިޔަވާވިދާޅުވެފައިވަނީ، (واتخذوا) ގެ
(خ) އަބަފިއްޔަށެވެ. (القرطبي، 2018)
3. ފިޤުހީ މައްސަލަތައް
މި މަޒުމޫނުގައި އަލިއަޅުވާލާފައިވާ ފިޤުހީ މައްސަލަތަކުގެ ތެރޭގައި، ފިޤުހީ އަދި ބަހަވީ ނަޒަރަކުން (مقَام إِبْرَاهِيم) އާއި (مُصَلّى) ގެ މާނައާއި އެތާނގައި ކުރާ ދެ ރަކުޢަތް ނަމާދުގެ ޙުކުމާއިދެ ރަކުޢަތް ނަމާދު ކުރާތަނާއި މަޤާމްފުޅުގެ އަރިއަހުގައި ދުޢާކުރުމާއި މަޤާމްފުޅުގެ އަރިއަހުގައި ސުންނަތް ނަމާދު ކުރުން ހިމެނެއެވެ.
3.1. (مقَام إِبْرَاهِيم) ގެ މާނަ
އާޔަތުގައިވާ (مقَام إِبْرَاهِيم) ގެ މާނައަކީ،
"އިބްރާހީމުގެފާނު ހުންނެވި ތަން" އެވެ. އެތަނާމެދު
ތައުވީލުގެ އަހުލުވެރިންގެ މެދުގައި (ޚިލާފު އުފެދި)
ދޭހަތަފާތުވެފައި ވެއެވެ. ބައެއް ޢިލްމުވެރިން
ވިދާޅުވެފައިވަނީ، (مقَام إِبْرَاهِيم) އަކީ، މުޅި ޙައްޖު
ކަމަށެވެ. "މަޤާމު އިބްރާހީމަކީ، މުޅި ޙައްޖު" ކަމުގައި
އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވާ ކަމަށް
ރިވާވެފައިވާތީއެވެ. މި ނަޒަރުން ބަލާއިރު، ޙައްޖުގެ
އަޅުކަމުގައި ޝާމިލުވާ ހުރިހައި ބިމެއް، އެ ބަސްފުޅުގެ
މާނައިގައި ހިމެނެއެވެ. އަދި (مقَام إِبْرَاهِيم) އަކީ،
ޢަރަފާތު ކަމަށް ވެސް އިބްނު ޢައްބާސްގެފާނުގެ އަރިއަހުން
ވާރިދުވެފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، (مقَام
إِبْرَاهِيم) އަކީ، ޢަރަފާތާއި މުޒުދަލިފާއާއި ޖަމްރާތައް
ކަމަށެވެ. މި ގޮތަށް ވިޅުވާ ޢިލްމުވެރިންގެ ތެރޭގައި،
މުޖާހިދު ހިމެނިވަޑައިގަންނަވައެވެ.
(الشعبي) (11) ގެ
އަރިއަހުން ވާރިދުވެފައިވެއެވެ. ދީން ފުރިހަމަކުރެއްވި
ކަމަށް އެންގެވި އާޔަތް ކަމުގައިވާ އަލްމާއިދާ ސޫރަތުގެ 3
ވަނަ އާޔަތް ބާވައިލެއްވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ، (مقَام إِبْرَاهِيم) ގައި ހުންނަވަނިކޮށެވެ.
އޭރު އިތުރުއެކަލޭގެފާނު ހުންނެވީ ޢަރަފާގުގެ ބިމުގައެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، (مقَام
إِبْرَاهِيم) އަކީ، މައްކާގެ މުޅި ޙަރަމްފުޅު ކަމަށެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، (مقَام
إِبْرَاهِيم) އަކީ، ގެފުޅު ބިނާކުރެއްވިއިރު، ގެފުޅުގެ
ފާރުކޮޅުތައް އުސްވުމުން، ސަލާމްލެއްވި އިބްރާހީމުގެފާނު
އަރާވަޑައިގެން ހުންނެވި ހިލަކޮޅު ކަމަށެވެ. ބައެއް
ޢިލްމުވެރިން ވިދާޅުވެފައިވަނީ، (مقَام إِبْرَاهِيم) އަކީ،
އަލްމަސްޖިދުލްޙަރާމްގައިވާ މަޤާމުފުޅު ކަމަށެވެ.
އަބޫ ޖަޢުފަރު ވިދާޅުވެފައި ވެއެވެ. "(مقَام إِبْرَاهِيم)
އާ ބެހޭ ގޮތުން ވާރިދުވެފައިވާ ރައުޔުތަކުގެ ތެރެއިން
ތިމަންކަލޭގެފާނުގެ އަރިއަހުގައި އެންމެ ޞައްޙަ ރައުޔަކީ،
އެއީ އެ ނަމުން އެނގި މަޝްހޫރުވެފައިވާ މަޤާމުފުޅެވެ. އެ
މަޤާމުފުޅު ވަނީ، އަލްމަސްޖިދުލްޙަރާމްގައެވެ."
ޖާބިރުގެފާނުގެ އަރިއަހުން ރިވާވެފައި ވެއެވެ. "ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރުކުނުގައި
އިސްތިލާމްކުރެއްވިއެވެ. ފަހެ، (ގެފުޅުގެ ވަށައިގެން
ޠަވާފުކުރެއްވުމުގައި އިތުރުއެކަލޭގެފާނު) ތިންފަހަރު
ރަމްލުކުރެއްވިއެވެ. އަދި ހަތަރުފަހަރު ހިންގެވިއެވެ. ދެން
(مقَام إِبْرَاهِيم) ގެ އަރިއަހަށް ވަޑައިގެން
ކިޔަވާވިދާޅުވިއެވެ. (وَاتَّخِذُوا مِن مَّقَامِ
إِبْرَاهِيمَ مُصَلًّى) (12) ދެން އިތުރުއެކަލޭގެފާނާއި ގެފުޅާ
ދެމެދުގައި މަޤާމުފުޅު ވާނެހެން ހުންނަވައިގެން ދެ
ރަކުޢަތް ނަމާދުފުޅެއް ކުރެއްވިއެވެ."
އިތުރުއެކަލޭގެފާނުގެ މި ޢަމަލުފުޅުން އެނގޭ ގޮތުގައި
(مقَام إِبْرَاهِيم) އަކީ، އެތަނުގެ ފަހަތުގައި
ނަމާދުކުރުމަށް މާތް ﷲ އަންގަވާފައިވާ ތަނެވެ. (الطبري،
2018)
(ابن عثيمين) (13) އިބްނު ޢުޘައިމީން ވިދާޅުވެފައި
ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޔަމާނިއްޔަ
ރުކުނަށް އިސްތިލާމްކުރެއްވިއެވެ. އެކަމަކު ތަކުބީރު
ވިދާޅެއްނުވެއެވެ. (الألباني) އަލްއަލްބާނީ ވިދާޅުވެފައި
ވެއެވެ. ޔަމާނިއްޔަ ރުކުނުގައި އަތްތިލައިން
އިސްތިލާމުކުރުމަކީ ކޮންމެ ޠަވާފެއްގައި ކުރާ ކަމެކެވެ. އެ
ރުކުނުގައި ބޮސްދިނުމެއް ނެތެވެ. އިސްތިލާމުކުރުމުގެ
ފުރުޞަތު ނުލިބިއްޖެނަމަ، އެ ރުކުނަށް އަތުން
އިޝާރާތްކުރުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ.
(IslamQA، 2018)
އާޔަތުގައިވާ (مِن مَّقَامِ)
އާމެދު (القرطبي) އަލްޤުރުޠުބީ ވިދާޅުވެފައި ވެއެވެ.
ޢަރަބި ބަހުގައި (المقام) މަޤާމަކީ، ދެ ފައިތިލަ ބަހައްޓާ
ތަނެވެ. (النَّحَّاس) (14) އައްނައްޙާސް ވިދާޅުވެފައި ވެއެވެ.
(مقام) މަޤާމަކީ، (قام) ޤާމަ، (يقوم) ޔަޤޫމު އިން
އައިސްފައިވާ ލަފުޒެކެވެ. (مقام) "މަޤާމު" މަޞްދަރެއްގެ
ގޮތުގައްޔާއި، ނަމެއްގެ ގޮތުގައި ބޭނުންކުރެވެއެވެ.
އާޔަތުގައި ބަޔާންކުރައްވާފައިވާ މަޤާމްފުޅަކީ،
ކޮންތަނެއްކަން ކަނޑައެޅުމާމެދު ޢިލްމުވެރިންގެ މެދުގައި
ވަނީ (ޚިލާފު އުފެދި) ދޭހަތަފާތުވެފައެވެ. އެންމެ ޞައްޙަ
ރައުޔުގައިވަނީ، އެއީ އެ ހިލަކޮޅެއް އޮންނަ ތަނުގައި
ޠަވާފުލްޤުދޫމްގެ ދެރަކުޢަތް ކުރާ ތަން ކަމުގައެވެ. ޖާބިރު
ބްނު ޢަބްދުﷲ އާއި، އިބްނު ޢައްބާސްގެފާނާއި، ޤަތާދަތުފާނު
ފަދަ ޢިލްމުވެރިން ވިދާޅުވަނީ މިފަދައިންނެވެ. (އެ
ހިލަކޮޅަކީ، މަޤާމު އިބްރާހީމުގައި މިހާރު އެއޮންނަ
ހިލަކޮޅެވެ.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ގެފުޅު
ފެނިވަޑައިގަތުމުން (ގެފުޅުގެ އަރިއަހަށް ވަޑައިގެން)
ރުކުނުގައި އިސްތިލާމްކުރެއްވުމަށްފަހު،
(ޠަވާފުކުރެއްވިއިރު) ތިން ފަހަރު ރަމްލުކުރެއްވި
ކަމަށާއި، ހަތަރު ފަހަރު ހިންގެވި ކަމަށް ޞަޙީޙު
މުސްލިމުގައި ވާރިދުވެފައިވާ ދިގު ޙަދީޘްފުޅެއްގައި
ވެއެވެ. އަދި އެއަށްފަހު، (مقَام إِبْرَاهِيم)
އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ އަރިހަށް ވަޑައިގެން
(وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى) މި
އާޔަތް ކިޔަވާ ވިދާޅުވެ، އެތާނގައި ދެ ރަކުޢަތް
ނަމާދުފުޅެއް ކުރެއްވިއެވެ. އަލްބުޚާރީގައި ވެއެވެ.
(مقَام) މަޤާމްފުޅަކީ، ސަލާމްލެއްވި އިބްރާހީމުގެފާނު
ގެފުޅު ބިނާކުރެއްވިއިރު، އޭގެ މައްޗަށް އަރާވަޑައިގެން
ހުންނެވި ހިލަކޮޅެވެ. އެ ހިލަކޮޅުގައި އެކަލޭގެފާނުގެ
ފައިންޕުޅު ވަނީ ބިންވަޅުނެގިފައެވެ.
އަނަސްގެފާނު
ވިދާޅުވެފައިވެއެވެ. ސަލާމްލެއްވި އިބްރާހީމުގެފާނުގެ
ފުންނާބުފުޅާއި، ފައިތިލަފުޅުގެ ބަނޑުދަށާއި،
ފުންނާބުފުޅާއި، އިނގިލިފުޅުތަކުގެ އަސަރު، އެހިލަކޮޅުގައި
ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެއިން އެ
އަސަރު ފިލައިގެންދިޔައީ މީސްތަކުން އޭގައި އަތުން
ބީހުމުގެ ސަބަބުންނެވެ.
އިބްނުޢައްބާސްގެފާނާއި
މުޖާހިދާއި ޢިކްރިމާ ފަދަ ބޭކަލުންގެ އަރިއަހުން
ރިވާވެފައިވަނީ، މަޤާމްފުޅަކީ މުޅި ޙައްޖު ކަމަށެވެ.
(عطاء) (15) ޢަޠާގެ އަރިއަހުން ވާރިދުވެފައިވަނީ، އެއީ،
ޢަރަފާތާއި މުޒުދަލިފާއާއި ޖަމްރާތައް ކަމަށެވެ. (النخعي)
(16) އައްނަޚަޢީ ވިދާޅުވެފައިވަނީ، ސަލާމްލެއްވި
އިބްރާހީމުގެފާނުގެ މަޤާމްފުޅަކީ، މުޅި ޙަރަމްފުޅު
ކަމަށެވެ.
މިވާހަކަތައް ބަޔާންކުރެއްވުމަށްފަހު
(القرطبي) އަލްޤުރުޠުބީ ވިދާޅުވެފައިވަނީ، އެކަލޭގެފާނުގެ
އަރިއަހުގައި އެންމެ ޞައްޙަ ރައުޔަކީ، ސަލާމްލެއްވިއ
އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ ގޮތުގައި އެނގިފައިވާ
ތަން ކަމަށެވެ. (އެއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ، ގެފުޅުގެ ވަށައިގެން ޠަވާފުކުރެއްވުމަށްފަހު
ދެރަކުޢަތް ނަމާދުފުޅު ކުރެއްވި އިރު
އިތުރުއެކަލޭގެފާނާއި، ގެފުޅާ ދެމެދުގައިވާ ތަނެވެ.)
(القرطبي، 2018)
3.2. (مُصَلّى) ގެ މާނަ
(أبو جعفر) އަބޫޖަޢުފަރު ވިދާޅުވެފައި ވެއެވެ.
ތައުވީލުގެ އަހުލުވެރިންގެ މެދުގައި ވަނީ، (مُصَلّى) ގެ
މާނައާމެދު (ޚިލާފު އުފެދި) ދޭހަތަފާތުވެފައެވެ. ބައެއް
ބޭކަލުން ވިދާޅުވެފައިވަނީ، އޭގެ މާނައަކީ (المدعى)
ކަމަށެވެ.
(مجاهد) މުޖާހިދުގެ އަރިއަހުން
ރިވާވެފައި ވެއެވެ. (وَاتَّخِذُوا مِن مَّقَامِ
إِبْرَاهِيمَ مُصَلًّى) (17) މި އާޔަތުގައިވާ (إِبْرَاهِيمَ
مُصَلًّى) ގެ މާނައަކީ، (إبراهيم مُدَّعًى) އެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އޭގެ މާނައަކީ،
އެތަނަކީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި
ބަލައި، އެތާނގައި ނަމާދުކުރާށެވެ!
قتادة) (18))
ޤަތާދަތުގެފާނު ވިދާޅުވި ކަމަށް ރިވާވެފައި ވެއެވެ.
"މީސްތަކުންނަށް އަމުރުކުރެއްވިގެންވަނީ އެތާނގައި
ނަމާދުކުރުމަށެވެ."
(السدي) (19) އައްސުދައްޔު
ވިދާޅުވެފައި ވެއެވެ. "އެއީ އެ މަޤާމުފުޅުގެ ފަހަތުގައި
ނަމާދުކުރުމެވެ."
އަބޫޖަޢުފަރު ވިދާޅުވެފައިވާ
ގޮތުގައި، (مُصَلّى) "ނަމާދުކުރާތަން" އަކީ (المدعى)
"ދުޢާކުރާތަން" ކަމަށް ތައުވީލުކުރެވިފައިވަނީ، (صليتُ)
"އަހުރެން ނަމާދުކޮށްފިން" ގެ މާނައަކީ، (دعوتُ) "އަހުރެން
ދުޢާކޮށްފިން" ކަމަށް މާނަކުރާ ބީދައިންނެވެ. މިގޮތަށް
މާނަކުރެއްވި ޢިލްމުވެރިންނަކީ، "މުޅި ޙައްޖަކީ، (مقَام
إِبْرَاهِيم) ކަމަށް" މާނަކުރެއްވި ޢިލްމުވެރިންނެވެ.
(الطبري، 2018)
އަލްޤުރުޠުބީ ވިދާޅުވެފައި ވެއެވެ.
(مُصَلّى) ގެ މާނައަކީ، ދުޢާކުރާ މީހާ ދުޢާކުރަން ހުންނަ
ތަނެވެ. މުޖާހިދު ވިދާޅުވެފައި ވެއެވެ. އެއީ އެތަނެއްގައި
ނަމާދުކުރެވޭ ތަނެކެވެ. މިފައިން ޤަތާދަތުގެފާނު ވެސް
ވިދާޅުވެފައި ވެއެވެ. އަދި އަލްޙަސަނު ވިދާޅުވެފައި
ވެއެވެ. (مُصَلّى) އަކީ، ނަމާދުކުރާއިރު ޤިބުލަ ފަރާތުގައި
އިމާމުމީހާ ހުންނަ ތަނެވެ. (القرطبي، 2018)
3.3. ދެ ރަކުޢަތް ނަމާދުގެ ޙުކުމް
(وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى) މި
އާޔަތާއި މިއާޔަތުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ އެހެން
ދަލީލުތަކުގެ މައްޗަށް ބަލައި، މުސްލިމުން
އިޖުމާޢުވެފައިވަނީ، ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން
ޠަވާފުކޮށްފި މީހާ، އެއަށްފަހު ސަލާމްލެއްވި
އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ އަރިއަހުގައިހުރެ ދެ
ރަކުޢަތް ނަމާދެއް ކުރަންޖެހޭނެ ކަމަށެވެ. މިކަމުގައި
ސުވާލު އުފެދޭ މައްސަލައަކީ، އެ ދެ ރަކުޢަތް ނަމާދު
ކުރުމަކީ، ވާޖިބެއް ހެއްޔެވެ؟ ނުވަތަ އެއީ ސުންނަތެއް
ހެއްޔެވެ؟
މި މައްސަލައާ ބެހޭ މަޝްހޫރު ދެ ރައުޔެއް
ވެއެވެ. އެ ދެ ރައުޔު ތިރީގައި މިވަނީއެވެ.
1. އެ
ދެ ރަކުޢަތް ނަމާދު ކުރުމަކީ ސުންނަތެކެވެ.
2. އެ ދެ
ރަކުޢަތް ނަމާދު ކުރުމަކީ ވާޖިބެކެވެ.
މި ދެ ރައުޔު
ވާރިދުވެފައިވަނީ، ފަރުޟު ޠަވާފާއި ސުންނަތް ޠަވާފު
ވާތީއެވެ.
(إمام الحرمين) (20) އިމާމުލްޙަރަމައިނި
ވިދާޅުވެފައި ވެއެވެ. "ސުންނަތް ޠަވާފެއްނަމަ، ޞައްޙަ
ގޮތަކީ، އެ ޠަވާފަށްފަހު ދެ ރަކުޢަތްކުރުން
ވާޖިބުނުވުމެވެ. އެ ދެ ރަކުއަތަކީ ވާޖިބެއް ކަމުގައި (ابن
الحداد) (21) އިންބުލްޙައްދާދު ވިދާޅުވި ކަމަށް ޝާފިޢީ
މަޛުހަބުގެ ޢިލްމުވެރިން ނަޤުލުކުރައްވާފައި ވެއެވެ.
ނަމަވެސް އެކަލޭގެފާނު އެހެން ވިދާޅުވެފައިވަނީ، އެ ދެ
ރަކުޢަތަކީ، ޠަވާފުގެ ބަޔެއް ކަމަށް ބައްލަވައިގެންނެވެ.
އައްރާފިޢީ ވިދާޅުވެފައި ވެއެވެ. ޠަވާފުގެ ދެ ރަކުޢަތް
ވާޖިބުކުރިކަމުގައި ވިޔަސް، އެ ދެ ރަކުޢަތަކީ، ޠަވާފު
ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ. އަދި ޠަވާފުގެ ރުކުނެއް
ވެސް ނޫނެވެ. އެ ދެ ރަކުޢަތާ ނުލައި ޠަވާފު
ޞައްޙަވާނެއެވެ. (النووي، -)
3.4. ދެ ރަކުޢަތް ނަމާދު ކުރާތަން
ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބަޔާންވެދިޔަ ދެ
ރަކުޢަތް ނަމާދު ކުރުން ސުނަތްވެގެންވަނީ، (مقَام
إِبْرَاهِيم) ގެ ފަހަތުގައެވެ. (އެބަހީ:
އިބްރާހީމުގެފާނުގެ މަޤާމުފުޅު، ގެފުޅާއި ނަމާދުކުރާ
މީހާއާ ދެމެދުގައިވާނެހެން ހުރެ ނަމާދުކުރުމެވެ.)
އެތާނގައި ނަމާދު ނުކުރެވިއްޖެނަމަ، ފަހެ، މީޒާބުކޮޅުގެ
ދަށުގައިވާ ޙިޖުރުގައެވެ. ނޫންނަމަ މިސްކިތުގައެވެ.
ނޫންނަމަ ޙަރަމްފުޅުގައެވެ. ޙަރަމްފުޅުން ބޭރުގައި އެ ދެ
ރަކުޢަތް ކުރިޔަސް ޞައްޙަވާނެއެވެ. (النووي، -)
(الشنقيطي) އައްޝިންޤީޠީ ވިދާޅުވެފައި ވެއެވެ.
"ޢިލްމުވެރިންގެ ޖުމްހޫރު (އަޣުލަބިއްޔަތު) ގެ ރައުޔުގައި
ވަނީ، އިބްރާހީމުގެފާނުގެ މަޤާމުފުޅުގެ ފަހަތުގައި،
ޠަވާފުގެ ދެ ރަކުޢަތް ކުރުން ޝަރުޠުކޮށްފައެއް ނުވެއެވެ.
ކިއެއްތޯއެވެ. އެނޫން ކޮންމެ ތަނެއްގައި އެ ދެ ރަކުޢަތް
ކުރިޔަސް ޞައްޙަވާނެއެވެ." (الصمعاني، 2013)
ޢުމަރުގެފާނު، ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން
ޠަވާފުކުރެއްވުމަށްފަހު، ޙަރަމްފުޅުން
ނިކުމެވަޑައިގަތުމަށްފަހުގައި ނޫނީ، ޠަވާފުގެ ދެ ރަކުޢަތް
ނުކުރައްވާ ކަމަށް ޞައްޙަ ރިވާޔަތުން ރިވާވެފައި ވެއެވެ.
ޢަބްދުﷲ ބްނު ޢުމަރު، ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން
ހަތްފަހަރު ޠަވާފުކުރެއްވުމަށްފަހު، އެކަލޭގެފާނުގެ
ގެކޮޅަށް ވަޑައިގަންނަވާ ކަމަށާއި، ޠަވާފުގެ ދެ ރަކުޢަތް
ކުރައްވަނީ ގެކޮޅުގައި ކަމަށް ރިވާވެފައި ވެއެވެ.
(الصمعاني، 2013)
3.5. މަޤާމްފުޅުގެ އަރިއަހުގައި ދުޢާކުރުން
(مقَام إِبْرَاهِيم) ގެ ފަހަތުގައި ނަމާދުކުރުމަށްފަހު،
ދުނިޔެއާއި އާޚިރަތު ކަންކަމަށް އެދިގެން ހެޔޮދުޢާކުރުމަކީ
ސުންނަތްވެގެންވާ ކަމެކެވެ. (الحاوي) (22) އަލްޙާވީގައި ވެއެވެ.
(جابر) ޖާބިރުގެފާނުގެ އަރިއަހުން ރިވާވެފައި ވެއެވެ.
"ހަމަކަށަވަރުން ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަ،
އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ ފަހަތުގައި ދެ ރަކުޢަތް
ނަމާދުފުޅެއް ކުރެއްވިއެވެ. ދެން ދުޢާފުޅުކުރެއްވިއެވެ.
(اَلَّلهُمَّ هَذَا بَلَدُكَ الحَرَام وَالمسْجِدُ
الحَرَام وَبَيتُكَ الحَرَام وَأَنَا عَبْدُكَ وابْن
عَبْدِكَ وابن أَمتِك، أتَيْتُكَ بِذُنُوبٍ كَثِيرَةٍ
وَخَطَايَا جَمَّة وَأَعْمَالٍ سَيِّئَة وَهَذَا مَقَامُ
العَائِذِ بِكَ مِنَ النَّارِ فَاغْفِرْ لِي ِإنَّكَ
أَنْتَ الغَفُورُ الرَّحِيم، اَلَّلهُمَّ إِنَّكَ دَعَوتَ
عِبَادَكَ إِلى بَيْتِكَ الحَرَام وَقَد جِئْتُ طَالِباً
رَحْمَتَكَ مُبْتَغِياً مَرْضَاتَكَ وَأنْتَ الغَفُور،
وَأنْتَ مَنَنْتَ عَلَيَّ بِذَلِكَ فَاغْفِرْ لِي
وَارْحَمْنِي إنَّكَ عَلَى كُلِّ شَيْءٍ قَدِيْر) (النووي،
-)
މާނައީ: "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ!
މިއީ ޙުރުމަތްތެރިވެގެންވާ އިބަރަސްކަލާނގެ ރަށާއި،
ޙުރުމަތްތެރިވެގެންވާ މިސްކިތެވެ. ޙުރުމަތްތެރިވެގެންވާ
އިބަރަސްކަލާނގެ ގެކޮޅެވެ. މިއީ އިބަރަސްކަލާނގެ އަޅާއެވެ.
އިބަރަސްކަލާނގެ (އަޅުތަކުގެންގެ ތެރެއިން) ފިރިހެން
އަޅަކާއި އަންހެން އަޅެއްގެ ދަރިއެކެވެ. އިބަރަސްކަލާނގެ
ޙަޟުރަތަށް ކުއްތަންވާން މިއަޅާ މިއައީ ގިނަގުނަ
ފާފަތަކާއި ކުށްތަކާ އަދި ނުބައި ޢަމަލުތައް ކުރެވިފައިވާ
ޙާލުގައެވެ. މިއީ، ނަރަކައިން މުއްތިކޮށްދެއްވުން އެދި
އިބަރަސްކަލާނގެ ޙަޟުރަތުގައި ދެންނެވުމުގެ މަޤާމެވެ.
ފަހެ، މިއަޅާގެ ފާފަ ފުއްސަވައިފާނދޭވެ! ހަމަކަށަވަރުން
އިބަރަސްކަލާނގެއީ ފާފަ ފުއްސަވާ ރަޙީމުވަންތަ
ރަސްކަލާނގެއެވެ.
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ!
ހަމަކަށަވަރުން އިބަރަސްކަލާނގެ ވަނީ، އިބަރަސްކަލާނގެ
ގެފުޅަށް އައުމަށް، އިބަރަސްކަލާނގެ އަޅުތަކުންނަށް
ދަޢުވަތުދެއްވާފައެވެ. ހަމަކަށަވަރުން މިއަޅާ މިއަކީ،
އިބަރަސްކަލާނގެ ރަޙުމަތަށް އެދިގެންނެވެ. އިބަރަސްކަލާނގެ
ރުއްސަވައިވޮޑިގަތުމަށް އެދިގެންނެވެ. އިބަރަސްކަލާނގެއީ
ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. މި މަތިވެރި ތަނަށް
އައުމުގެ ނިޢުމަތް މިއަޅާއަށް ދެއްވީ އިބަރަސްކަލާނގެއެވެ.
ފަހެ، މިއަޅާގެ ފާފަ ފުއްސަވައި، މިއަޅާއަށް ރަޙުމަތް
ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެ
ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
3.6. މަޤާމްފުޅުގެ ފަހަތުގައި ސުންނަތް ނަމާދު ކުރުން
(وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى)
(23) މި
އާޔަތާމެދު ވާހަކަދައްކަވަމުން (إلكيا) އިލްކިޔާ
ވިދާޅުވެފައި ވެއެވެ. "ޠަވާފުގެ ދެ ރަކުޢަތާއި، އެ ދެ
ރަކުޢަތް ފިޔަވައި އެހެން ނަމާދުތައް ވެސް މި އާޔަތުން
ދަލީލުކުރެވެއެވެ."
(الصمعاني)
(24) އައްޞަމްޢާނީ
ވިދާޅުވެފައިވެއެވެ. "މި އާޔަތް ފިޔަވައި (އެބަހީ:
އަލްބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތް ފިޔަވައި)
އިބްރާހީމުގެފާނުގެ މަޤާމުފުޅުގެ ފަހަތުގައި ސުންނަތް
ނަމާދުކުރުން އިސްތިޙުބާބުކުރައްވާފައިވާ އެހެން ޞަރީޙަ
ދަލީލެއް ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ."
(نافع)
ނާފިޢުގެ އަރިއަހުން ރިވާވެފައި ވެއެވެ.
"މަސްޖިދުލްޙަރާމްގައި އިބްނު ޢުމަރު ނަމާދުކުރައްވާ
ހިނދު، އެކަލޭގެފާނާއި ގެފުޅާ ދެމެދުގައި
އިބްރާހީމުގެފާނުގެ މަޤާމްފުޅު ވަނިކޮށް މެނުވީ
ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ."
(أبو الجويرية الجرمي) އަބުލްޖުވައިރިއްޔާގެ އަރިއަހުން
ރިވާވެފައި ވެއެވެ. "އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ
ފަހަތުގައި، އިބްނު ޢައްބާސްގެފާނު ނަމާދުކުރައްވަނިކޮށް
ތިމަން ބޭކަލުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި
އިށީނދެވަޑައިގެން ތިއްބެވީމުއެވެ."
(عثمان
التميمي) ޢުޘްމާނުއް ތަމީމީ ވިދާޅުވެފައި ވެއެވެ.
"އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ ފަހަތުގައި އިސްވެ
ނަމާދުކުރެއްވުމުގެ ނިޔަތުގައި އެއްރެޔަކު
ތިމަންކަލޭގެފާނު ތެދުވަޑައިގަތީމެވެ. އެ ރޭ
(ތިމަންކަލޭގެފާނު ފަދަ) އެއްވެސް ބޭކަލަކު
ތިމަންކަލޭގެފާނަށްވުރެ ކުރިއަށް ވަޑައިނުގެންނެވުމުގެ
ޝައުޤުވެރިކަމުގައެވެ. ނަމަވެސް މީހަކު ތިމަންކަލޭގެފާނަށް
އިޝާރާތެއް ކުރައްވާތީ ބެއްލެވީމެވެ. އެހިނދު
ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ (عثمان بن عفان)
ޢުޘްމާނުގެފާނެވެ. އެހިނދު ތިމަންކަލޭގެފާނު
އެއްފަރާތަކަށް ޖެހިވަޑައިގަތީމެވެ. ދެން ޢުޘްމާނުގެފާނު
ކުރިއަށް ވަޑައިގެން ނަމާދުކުރެއްވިއެވެ."
ސަލާމްލެއްވި އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ ފަހަތުގައި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު
ކުރެއްވިއެވެ. އަދި އިތުރުއެކަލޭގެފާނުގެ
އަޞްޙާބުބޭކަލުންނާއި، ސަލަފުއްޞާލިޙުގެ ބޭކަލުން
އެފަދައިން ޢަމަލުކުރެއްވިއެވެ. ނަމަވެސް، ޠަވާފުކުރާ
މީހުންނަށް ދަތިވާނެހެން އެކަން ކުރުމަކީ، ކޮށްގެން ނުވާނެ
ކަމެއްކަމަށް (الصمعاني) އައްޞަމްޢާނީ ފާހަގަކުރައްވާފައި
ވެއެވެ. (الصمعاني، 2013)
4. ޚުލާޞާ
މި ދިރާސީ މަޒުމޫނު ލިޔުމަށްޓަކައި ހޯދި މަޢުލޫމާތުގެ
އަލީގައި އެތައް ކަންތައްތަކެއް އޮޅުންފިލިއެވެ. ތިރީގައި
މިވަނީ އެކަންތައްތަކުގެ ތެރެއިން މުހިންމު ކަމަށް
ފާހަގަކުރެވުނު ކަންތައްތަކުގެ ކުރު ޚުލާޞާއެކެވެ.
1. (وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى)
މިއާޔަތުގައިވާ (واتخذوا) ގެ (خ) ޚާގެ ދެ ޤިރާއަތެއް
ވެއެވެ. އެއް ޤިރާއަތުގައި ކިޔަވެނީ، އެ އަކުރުގައި
އިބިފިލި ޖަހައިގެންނެވެ. އެގޮތަށް ކިޔަވާއިރު އެއީ މާތް ﷲ
ކުރައްވާފައިވާ އަމުރުފުޅެކެވެ. އަނެއް ޤިރާއަތުގައި
ކިޔަވެނީ އެ އަކުރުގައި އަބަފިލި ޖަހައިގެންނެވެ. އެގޮތަށް
ކިޔަވާއިރު އެއީ (فعل ماضي) ފިޢުލު މާޟީއެކެވެ. ނުވަތަ
ވެނިމުނު ކަމެކެވެ.
2. (مقَام إِبْرَاهِيم) ގެ
މާނައަކީ، "އިބްރާހީމުގެފާނު ހުންނެވި ތަން" ކަމުގައި
ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ގެފުޅު
ބިނާކުރެއްވިއިރު އެކަލޭގެފާނު އަރާވަޑައިގެން ހުންނެވި
ހިލަކޮޅު އޮންނަ މަޤާމްފުޅު ކަމަށް ވާރިދުވެފައި ވެއެވެ.
(ޞައްޙަ ރައުޔަކީ މި ރައުޔެވެ.) އަދި އެއީ މުޅި ޙައްޖު
ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
3. (مُصَلّى) ގެ މާނައާމެދު (ޚިލާފު އުފެދި)
ދޭހަތަފާތުވެފައެވެ. އެއީ ދުޢާކުރުމަށް ހުންނަ ތަން ކަމަށް
ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޞައްޙަ
ރައުޔުގައިވަނީ، އެއީ ސަލާމްލެއްވި އިބްރާހީމުގެފާނުގެ
މަޤާމްފުޅުގެ ފަހަތް ކަމަށެވެ.
4. (وَاتَّخِذُوا
مِن مَّقَامِ إِبْرَاهِيمَ مُصَلًّى) މި އާޔަތާއި
މިއާޔަތުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ އެހެން
ދަލީލުތަކުގެ މައްޗަށް ބަލައި، މުސްލިމުން
އިޖުމާޢުވެފައިވަނީ، ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން
ޠަވާފުކޮށްފި މީހާ، އެއަށްފަހު ސަލާމްލެއްވި
އިބްރާހީމުގެފާނުގެ މަޤާމްފުޅުގެ އަރިއަހުގައިހުރެ ދެ
ރަކުޢަތް ނަމާދެއް ކުރަންޖެހޭނެ ކަމަށެވެ. މިކަމުގައި
ސުވާލު އުފެދޭ މައްސަލައަކީ، އެ ދެ ރަކުޢަތް ނަމާދު
ކުރުމަކީ، ވާޖިބެއް ހެއްޔެވެ؟ ނުވަތަ އެއީ ސުންނަތެއް
ހެއްޔެވެ؟ މި މައްސަލައާ ބެހޭ މަޝްހޫރު ދެ ރައުޔެއް
ވެއެވެ. އެއް ރައުޔުގައި ވަނީ، އެ ދެ ރަކުޢަތް ނަމާދު
ކުރުމަކީ ސުންނަތެކެވެ. އަނެއް ރައުޔުގައި ވަނީ، އެ ދެ
ރަކުޢަތް ނަމާދު ކުރުމަކީ ވާޖިބެކެވެ. މި ދެ ރައުޔު
ވާރިދުވެފައިވަނީ، ފަރުޟު ޠަވާފާއި ސުންނަތް ޠަވާފު ވާތީ
ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
5. ސުންނަތްވެގެންވަނީ، ބަޔާންވެދިޔަ ދެ ރަކުޢަތް ނަމާދު،
(مقَام إِبْرَاهِيم) ގެ ފަހަތުގައި ކުރުމެވެ. އެތާނގައި އެ
ނަމާދު ނުކުރެވިއްޖެނަމަ ކުރާނީ މީޒާބުކޮޅުގެ ދަށުގައިވާ
ޙިޖުރުގައެވެ. ނޫންނަމަ މިސްކިތުގައެވެ. ނޫންނަމަ
ޙަރަމްފުޅުގައެވެ. ޙަރަމްފުޅުން ބޭރުގައި އެ ދެ ރަކުޢަތް
ކުރިޔަސް ޞައްޙަވާނެއެވެ.
6. (مقَام إِبْرَاهِيم)
ގެ ފަހަތުގައި ނަމާދުކުރުމަށްފަހު، ދުނިޔެއާއި އާޚިރަތު
ކަންކަމަށް އެދިގެން ހެޔޮދުޢާކުރުމަކީ ސުންނަތްވެގެންވާ
ކަމެކެވެ.
7. (مقَام إِبْرَاهِيم) ގެ ފަހަތުގައި
ޠަވާފުގެ ދެ ރަކުޢަތާއި، އެ ދެ ރަކުޢަތް ފިޔަވައި އެހެން
ނަމާދުތައް ކުރުން ސުންނަތްވެގެންވާ ކަމަށް ޢިލްމުވެރިން
ވިދާޅުވެފައި ވެއެވެ. އެބޭކަލުން ގެންނަވާފައިވާ ދަލީލަކީ
(وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى) "އަދި
އިބްރާހީމުގެފާނު ހުންނެވިތަން (އެބަހީ: ނަމާދު
ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވި
ތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއް ކަމުގައި
ބަލައި، ބޭނުން ހިފާށެވެ!" މި އާޔަތެވެ.
މިހިސާބަށް
މި ދިރާސީ މަޒުމޫނު ނިމުނީއެވެ.
ހަވާސާ
1. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ)
2. އަލްބަޤަރާ: 125
3. މިއީ، ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ޚާދިމުކަން ކުރެއްވި މާތް
ޞަޙާބީއެވެ. މިކަލޭގެފާނަކީ، ގިނަގުނަ ޙަދީޘްފުޅުތައް
ރިވާކުރައްވާފައިވާ މާތް ބޭކަލެކެވެ.
4. މިއީ
ބަހަވީ ޢިލްމުވެރިއެކެވެ. ނަންފުޅަކީ (أبو جعفر النَّحَّاس
أحمد بن محمد بن إسماعيل بن يونس المرادي النحوي) އެވެ.
އަވަހާރަވީ، ހިޖުރީ ސަނަތުން 338 (950 މ.) ގައެވެ.
5. މި ނަމުން މަޝްހޫރުވެފައިވާ ބަހަވީ 11 ޢިލްމުވެރިން
ވެއެވެ. މިތާނގައި ނަންގަނެވިފައިވާ ޢިލްމުވެރިޔަކީ، (أبو
الحسن سعيد بن مسعدة الأخفش الأوسط) އެވެ. އަވަހާރަވީ
ހިޖުރީ ސަނަތުން 215 ވަނަ އަހަރުގައެވެ.
6. މިއީ
އަޞްޙާބު ބޭކަލުންގެ ތެރެއިން އަންޞާރިއްޔަ ބޭކަލެކެވެ.
ނަންފުޅަކީ (جابر بن عبد الله بن عمرو بن حرام) އެވެ.
7. އަލްބަޤަރާ: 125
8. މިއީ ފުންނާބުއުސް
ބަހަވީ ޢިލްމުވެރިއެކެވެ. ކީރިތި ޤުރުއާނުގެ ޤިރާއަތްތައް
ދެނެވަޑައިގަންނަވައެވެ. ނަންފުޅަކީ (أبو عبد الله الحسين
بن أحمد بن خالويه) އެވެ. އަވަހާރަވީ، ހިޖުރީ ސަނަތުން 370
(980 މ.) ގައެވެ.
9. މިއީ، މަދީނާގެ ޤާރީވެރިންގެ
އިމާމު ކަމުގައި ވިއެވެ. ނަންފުޅަކީ (نافع بن عبد الرحمن
بن أبي نُعيم الليثي الكناني) އެވެ. ދުނިޔޭގެ އަލިކަން
ދެކެވަޑައިގަތީ، 70 ހ. ވަނަ އަހަރު، އިޞްފަހާނުގައެވެ.
މަދީނާގައި އަވަހާރަވީ، 169 ހ. ގައެވެ.
10. މިއީ
ޝާމުކަރައިގެ ޤާރީއެވެ. ނަންފުޅަކީ (ابن عامر الشامي،
عبدالله بن عامر بن يزيد بن تميم بن ربيعة اليحصبي) އެވެ.
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 21 ހ. ގައެވެ.
ދިމަޝްޤުގައި އަވަހާރަވީ 118 ހ. ގައެވެ.
11. މިއީ
ސަލަފުއްޞާލިޙުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފިޤުހު
ޢިލްމުވެރިއެކެވެ. މުޙައްދިޘެކެވެ. ނަންފުޅަކީ (عامر بن
شراحيل بن عبد بن ذي كبار أبو عمرو الهمداني الشعبي) އެވެ.
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢުމަރުގެފާނުގެ
ޚިލާފަތުގައެވެ. ކޫފާގައި އަވަހާރަވީ 103 ހ. ގައެވެ.
12. އަލްބަޤަރާ: 125
13. މިއީ މިޒަމާނުގެ ދީނީ
ޢިލްމުވެރިއެކެވެ. ނަންފުޅަކީ، (أبو عَبد الله مُحَمّد بن
صَالِح بن مُحَمَّد بن سُلَيْمَان بن عبد الرَّحْمن
العُثَيْمِين الوهيبي التميمي) އެވެ. ދުނިޔޭގެ އަލިކަން
ދެކެވަޑައިގަތީ 29 މާރިޗު 1929 ގައެވެ. އަވަހާރަވީ 11
ޖަނަވަރީ 2001 ގައެވެ.
14. މިއީ ބަހަވީ
ޢިލްމުވެރިއެކެވެ. ނަންފުޅަކީ (أبو جعفر النَّحَّاس أحمد
بن محمد بن إسماعيل بن يونس المرادي النحوي) އެވެ.
އަވަހާރަވީ، ހިޖުރީ ސަނަތުން 338 (950 މ.) ގައެވެ.
15. މިނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ތިން
ޢިލްމުވެރިޔަކު ވެއެވެ. މިތާނގައި ބަޔާންކުރެވިފައިވަނީ
(أبو محمد عطاء بن أبي رباح أسلم بن صفوان (27-114 ހ.))
އެވެ.
16. މިއީ ޤާރީވެރިއެކެވެ. ފިޤުހު
ޢިލްމުވެރިއެކެވެ. ޙަދީޘް ރިވާކުރެއްވި ބޭކަލެކެވެ.
ނަންފުޅަކީ (إبراهيم بن يزيد بن قيس بن الأسود النخعي)
އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 39 ނުވަތަ 47 ހ.
ގައެވެ. އަވަހާރަވީ 96 ހ. ގައެވެ.
17. އަލްބަޤަރާ:
125
18. މިއީ ޢަރަބިބަހާއި ނަސަބާއި ތަފުސީރާއި
ޙަދީޘްގެ ރޮނގުތަކުން ފުންނާބުއުސް ޢިލްމުވެރިއެކެވެ.
ނަންފުޅަކީ (أبو الخطاب قتادة بن دعامة بن قتادة بن عزيز)
އެވެ.
19. މިއީ ތަފުސީރު ޢިލްމުވެރިއެކެވެ.
ނަންފުޅަކީ (إسماعيل بن عبد الرحمن السدي) އެވެ.
20. އިމާމުލްޙަރަމައިނި (419-478 ހ.) އަކީ، أبو المعالي
عبد الملك بن عبد الله بن يوسف بن محمد بن عبد الله بن
حيوة الجويني އެވެ. ޝާފިޢީ މަޛުހަބުގެ ފިޤުހުވެރިއެކެވެ.
ސުންނަތްޖަމާޢަތުގެ ފުންނާބުއުސް ޢިލްމުވެރިއެކެވެ.
21. އިބްނުލްޙައްދާދު (264-345 ހ.) އަކީ، ޝާފިޢީ މަޛުހަބުގެ
ފިޤުހު ޢިލްމުވެރިއެކެވެ.
22. އަލްޙާވީ އަކީ،
ޝާފިޢީ މަޒުހަބުގެ ފިޤުހު ފޮތްބަޔެކެވެ. އެ ފޮތްބައިގެ
މުޞަންނިފަކީ، أبو الحسن علي بن محمد بن حبيب الماوردي
البصري އެވެ. އެ ފޮތްބައިގައި 18 މުޖައްލަދު ހިމެނެއެވެ.
23. އަލްބަޤަރާ: 125
24. މިއީ، (مقام إبراهيم
عليه السلام – تاريخه وأحكامه وما ورد فيه من آثار) މި
ފޮތުގެ މުޞަންނިފެވެ.
ޙަވާލާ ލިސްޓު
IslamQA. (5 أبريل, 2018). الإسلام سؤال وجواب. تم
الاسترداد من الركن اليماني:
https://islamqa.info/ar/20425
أبو جعفر محمد بن
جرير الطبري. (5 أبريل, 2018). تفسير الطبري، سورة البقرة،
الآية: 125. تم الاسترداد من جامعة الملك سعود، المصحف
الإلكتروني:
http://quran.ksu.edu.sa/tafseer/tabary/sura2-aya125.html
أبو زكريا محي الدين بن شرف النووي. (-). كتاب المجموع
(المجلد 8). (محمد نجيب المطيعي، المحرر) جدة: مكتبة
الإرشاد.
القرطبي. (11 أبريل, 2018). جامعة الملك
سعود، المصحف الإلكتروني. تم الاسترداد من تفسير القرطبي:
http://quran.ksu.edu.sa/tafseer/qortobi/sura2-aya125.html#qortobi
رقية محمد صالح إبراهيم الخزامي. (1987). القراءات
واللغويات في معاني القران للزجاج. مكة المكرمة: جامعة أم
القرى.
محمد عثمان موسى الهرري. (1986). القراءات
المتواترة التي أنكرها ابن جرير الطبري في تفسيره والرد
عليه. المدينة المنورة: الجامعة الإسلامية بالمدينة
المنورة.
محمد, أ. س. (1997). التوجيه البلاغي
للقراءات القرآنية. القاهرة: مكتبة الآداب.
يوسف بن
عبد الله بن محمد الصمعاني. (2013). مقام إبراهيم تاريخه
وأحكامه وما ورد فيه من آثار. المدينة المنورة: دار
المأثور للنشر والتوزيع.