ޙައްޖާޖާއި ރޯދަވެރިޔާ


ޙައްޖާޖު ބިން ޔޫސުފާ އެކު، އޭނާގެ މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވާނެ ފަޤީރަކު ހޯދައިދިނުމަށް އޭނާގެ އެދިވަޑައިގަތެވެ. އެއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ދެން އޭނާގެ ޚާދިމުން ފަޤީރަކު ފެނޭތޯ ހޯދަމުން ދަނިކޮށް ފެނުނު ފަޤީރު އަޢުރާބީންގެ މީހަކު އޭނާގެ އަރިހަށް ގެންދިޔައެވެ. (އަޢުރާބީންނަކީ ޢަރަބިކަރައިގެ ރަށްފުށު މީހުންނެވެ.) ޙައްޖާޖާއި އެ އަޢުރާބީއާ ދެމެދުގައި އެދުވަހު ހިނގި މުޙާވަރާއެއްގައި ވެއެވެ.

ޙައްޖާޖު: ތިމަންމަނިކުފާނާ އެކު މި ޖާފަތުގައި ބައިވެރިވެލަން އަންނާށެވެ!
އަޢުރާބީ: މަނިކުފާނަށްވުރެ މާ ދީލަތި ފަރާތަކުން ދެއްވި ދަޢުވަތަކަށް، އަޅުގަނޑު މިހުރީ އިޖާބަދީގެންނެވެ.

ޙައްޖާޖު: އެއީ ކޮން ފަރާތެއްހެއްޔެވެ؟
އަޢުރާބީ: އެއީ ކީރިތިވަންތަ މާތް ﷲ އެވެ. ރޯދަހިފުމަށް އެކަލާނގެ އެންވިއެވެ. އަޅުގަނޑު މިހުރީ މިއަދު ރޯދައަށެވެ.

ޙައްޖާޖު: މިހައި ހޫނުގަދަ ދުވަހެއްގައި ތިބާ ރޯދައަށް ހުންނަންވީ ކީއްވެހެއްޔެވެ؟
އަޢުރާބީ: މިއަށްވުރެ ހޫނުގަދަ ދުވަހަކުން ސަލާމަތްވުމަށްޓަކައެވެ.

ޙައްޖާޖު: މިއަދު މި ޖާފަތުގައި ބައިވެރިވެލާފައި، މާދަމާ ރޯދަހިފާށެވެ!
އަޢުރާބީ: އަޅުގަނޑު މާދަމާ ދުނިޔޭގައި ދިރި ހުންނާނެކަމަށް މަނިކުފާނު ޖާމިނުވެވަޑައިގެންފާނަންތޯއެވެ؟

ޙައްޖާޖު: ތިބާ މާދަމާ ދުނިޔޭގައި ދިރި ހުންނާނެކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
އަޢުރާބީ: މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމެއްގައި އަޅުގަނޑު ވަކި ގޮތަކަށް ޢަމަލުކުރުމަށް ތިޔަ ވިދާޅުވަނީ ކީއްވެތޯއެވެ؟

ޙައްޖާޖު: މި ޖާފަތުގައިވަނީ ވަރަށް މީރު ކާއެއްޗިއްސެވެ.
އަޢުރާބީ: ތިޔަ ކާނާ، މީރު އެއްޗެއް ކަމުގައި ހެދީ މަނިކުފާނަށް ފަރީއްކޮޅު ތައްޔާރުކޮށްދޭ މީހާއެއް ނޫނެވެ. އެކަމަކު ތިޔަ ކާނާގައި މީރުރަހަ ލެއްވީ ޚާލިޤުވަންތަ މާތްރަސްކަލާނގެއެވެ.

ޙައްޖާޖު: ތިބާ ފަދަ ބުއްދިވެރިއަކު ދުވަހަކުވެސް ތިމަންނާ ދެކެވަޑައެއްނުގަންނަވަމެވެ.

ދެން އެ އަޢުރާބީއާ މެދު އިތުރު ހެޔޮ ބަސްތައް ވިދާޅުވެ، އޭނާއަށް އިނާމެއް ދިނުމަށް ޙައްޖާޖު އެންގެވިއެވެ.