ސުމެރިއަން ޙަޟާރަތު
ސުމެރިއަން (Sumerian) ޙަޟާރަތަކީ، ބިލާދުއްރާފިދައިނި
(بلاد الرافدين) ނުވަތަ މެސޮޕޮޓޭމިއާ (Mesopotamia) ގެ
ބިމުގައި އުފެދުނު ޙަޟާރަތެކެވެ. އެ ބިމުން ބޮޑު ބަޔެއް
ހިމެނެނީ މިޒަމާނުގެ ޢިރާޤު (Iraq) ގަ އެވެ. އެ ޙަޟާރަތު
އުފެދެން ފަށާފައިވަނީ، މީލާދުގެ ކުރީގެ ހަވަނަ ސާސްކަފުގެ
ތެރޭގަ އެވެ. އެހެނީ، ޢިރާޤުގެ ދެކުނުގައި ޢުބައިދީން (Ubaidians)
ވަޒަންވެރިވެފައިވަނީ، އެ ސާސްކަފުގަ އެވެ. ސުމެރިއަނުންގެ
މައި ރަށްތައް އުފެއްދީ އެމީހުންނެވެ. ހިޖުރަކުރުމާއި
ހަނގުރާމައިގެ ޒަރީއާއިން، ޝާމުކަރައާއި، ޢަރަބި ޖަޒީރާގެ
އަހުލުންނާ، ޢުބައިދީން (Ubaidians) މައްސުނިވެގެން ދިޔަ
އެވެ.
ސުމެރިއަނުން އެމީހުންގެ ގައުމަށް ކިޔާފައިވާ ނަމަކީ،
(ken-gi) އެވެ. އެމީހުން ވާހަކަ ދެއްކި ބަހަކީ، (eme-gi)
އެވެ. އެމީހުންނަށް ޝުމަރ (Shumer) ގެ ނަމުން
ނަންދެވިފައިވަނީ އަކާޑިއަން (Akkadian) ބަހުންނެވެ.
ފަހުން އެނަން ސުމަރ (Sumer) އަށް ބަދަލުވީ އެވެ. އެ
ނަމުން ދޭހަވަނީ، އެމީހުން އުޅުނު ސަރަހައްދާއި އެ
ސަރަހައްދުގެ ވަޒަންވެރިންނެވެ. އާރާމީ ބަހުން
ކިޔާފައިވަނީ، ބައިތު ނަހުރައިނި (Beth Nahrain) އެވެ.
މެސޮޕޮޓޭމިއާ (Mesopotamia) އަކީ، ޔޫނާނީ (Greek) ބަހުން
ކިޔާފައިވާ ނަމެވެ.
ސުމެރިއަނުންގެ ތާރީޚު އޮޅުންފިލާފައިވަނީ، ކިސަޑުން
ހަދާފައިވާ ފިލާތަކުގައި، ކިއުނީފޯމު (Cuneiform) ލިއުމުން
ލިޔެފައިވާ ލިއުންތަކުންނެވެ. މީލާދުގެ ކުރީގެ ތިންވަނަ
ސާސްކަފު ފެށުނު ޒަމާނުގެ އާސާރީ ތަކެތިން، ސުމަރ (Sumer)
ގެ ނަން ފެނިފައިވެ އެވެ. އެއީ، ހިޓްޓައިޓުން (Hittites)
ފާޅުވި ޒަމާނެވެ.
ނޯޓް:
ޢަރަބި ބަހުން "ބިލާދު" އަކީ ގައުމެވެ. "ރާފިދާނި" ކިޔަނީ،
ދިޖުލާ (Tigris) ކޯރާއި ފުރާތު (Euphrates) ކޯރަށެވެ.
"ބިލާދުއް ރާފިދައިނި" (بلاد الرافدين) ގެ މާނައަކީ،
ފުރާތު ކޯރާއި، ދިޖުލާ ކޯރުގެ ގައުމެވެ. އެގައުމަށް ކިޔާ
އަނެއް ނަމަކީ، "ބިލާދު މާބައިނައް ނަހުރައިނި" (بلاد ما
بين النهرين) އެވެ. "މާބައިނަ" އަކީ، ދެމެދުގައިވާ ތަނެވެ.
"ނަހުރާނި" އަކީ، ދެ ކޯރެވެ. "ބިލާދުއްރާފިދައިނި" އާއި،
"ބިލާދު މާބައިނައް ނަހުރައިނި" ގައި، "ރާފިދާނި" އާއި
"ނަހުރާނި"، "ރާފިދައިނި" އަށާއި "ނަހުރައިނި" އަށް
ބަދަލުވެފައި އެވަނީ، ޢަރަބި ބަހުގެ ޤަވާޢިދުގެ ގޮތުން
އެބަދަލު ގެންނަންޖެހޭތީ އެވެ. އެގޮތަށް ބަދަލުވުމުގެ
ސަބަބުން އެ ދެ ލަފުޒުގެ މާނައަކަށް ބަދަލެއް ނާދެ އެވެ.
ބަސް
މިއަދާ ހަމައަށް ވެސް، ސުމެރިއަން (Sumerian) ބަހާ
ގުޅިލާމެހިފައިވާ އެހެން ބަހެއް ހޯދިފައެއް ނުވެ އެވެ.
އެހެންކަމުން، ތަޙުޤީޤުކުރެވިފައިވާ އެއްވެސް ބަހެއް
ހިމެނޭ ބަސްދަރިކޮޅެއްގައި އެ ބަހެއް ނުހިމެނެ އެވެ.
މީލާދުގެ ކުރީގެ 1700 ވަނަ އަހަރާ ހަމައަށް،
ބިލާދުއްރާފިދައިނި (بلاد الرافدين) ނުވަތަ މެސޮޕޮޓޭމިއާ
(Mesopotamia) ގައި އެ ބަސް ދިރިދެމިއޮތެވެ. މީލާދުގެ
ފުރަތަމަ ސާސްކަފާ ހަމައަށް، ދީނީ ލިއުންތަކާއި، އަދަބީ
ލިއުންތައް އެބަހުން ލިޔެފައި ވެ އެވެ. އެހެންކަމުން އެ
ބަސް ވެފައިވަނީ، އިންސާނީ ތާރީޚުގައި ލިޔެކިއުމަށް
ބޭނުންކުރެވުނު ފުރަތަމަ ބަސް ކަމަށެވެ. މީލާދުގެ ކުރީގެ
3200 ވަނަ އަހަރުއްސުރެ އެބަހުން ލިޔެފައިވެ އެވެ. އެއީ
ތިންހާސް އެތައް އަހަރެއް ވަންދެން ލިޔެކިއުމުގައި
ބޭނުންކުރެވިފައިވާ ބަހެއްކަން ކަށަވަރުވެ އެވެ. އަދި 2000
އަހަރަށްވުރެ ދިގު މުއްދަތަކަށް، މެދުއިރުމަތީގެ
ގައުމުތަކުގެ މެދުގައި، އެއްބަޔަކު އަނެއް ބަޔަކާ
މުޢާމަލާތު ކުރުމަށްޓަކައި (މިޒަމާނުގެ އިނގިރޭސި ބަސް
ފަދައިން) އެބަސް ބޭނުންކުރެވިފައިވެ އެވެ.
އަޞްލު
ސުމެރިއަނުން (Sumerians) ގެ އަޞްލަކީ ކޮބައިކަން
އެނގިފައެއް ނުވެ އެވެ. އެމީހުންގެ ވާހަކަދެއްކި ބަހުން
އެނގޭ ގޮތުގައި، އެމީހުންނަކީ، އަވަށްޓެރި ސާމީންނާއި،
ޢީލާމީންނާ ޚިލާފު ގޮތަކަށް އުފެދިފައިވާ ބަޔެކެވެ.
ބިލާދުއްރާފިދައިނި (بلاد الرافدين) ނުވަތަ މެސޮޕޮޓޭމިއާ
(Mesopotamia) ގައި އެމީހުން އުފެދުނު ގޮތާއި، ތަރައްޤީވި
ގޮތް ބުނެދޭ ފަރުޒިއްޔާ (Hypothesis) ތަކާއި
ނަޒަރިއްޔާތައް ވެ އެވެ. ނަމަވެސް އެއިން އެއްވެސް
އެއްޗެއް ބިނާވެފައިވަނީ، ތާރީޚީ، ނުވަތަ އާސާރީ
ހެތްކެއްގެ މައްޗަކަށެއް ނޫނެވެ. އެހެން ފަރުޒިއްޔާތަކެއް
ބުނާ ގޮތުގައި އެމީހުން އުފެދުނީ، މެދުތެރޭ އޭޝިއާގަ އެވެ.
އެއަށްފަހު، އެމީހުން މެސޮޕޮޓޭމިއާ (Mesopotamia) އަށް
ހިޖުރަކުރީ އެވެ. ނަމަވެސް އެއްވެސް ތާރީޚީ ނުވަތަ އާސާރީ
ހޯދުމަކުން މިކަމެއް ސާބިތެއް ނުވެ އެވެ. އެމީހުންގެ
އަސްލު ބުނެދޭން މަސައްކަތްކުރާ ގިނަ ފަރުޒިއްޔާތައް
ބިނާކޮށްފައިވަނީ، އެމީހުންގެ ބަހާބެހޭ ގޮތުން
ކުރެވިފައިވާ ތަޙުޤީޤުތަކުގެ މައްޗަށެވެ. ނަމަވެސް
އެމީހުންގެ ބަސް އުފެދުނީ ކޮންތަނެއްގައިކަން މިއަދާ
ހަމައަށް ވެސް އެނގިފައެއް ނުވެ އެވެ.
ތާރީޚު
ސުމެރިއަން (Sumerian) ޙަޟާރަތު ފެށިފައިވަނީ މީލާދުގެ
ކުރީގެ ހަތަރުވަނަ ސާސްކަފު ފެށުނު ހިސާބުގަ އެވެ. އެއީ،
އުރަކް (Uruk) ނުވަތަ ވަރުކާ (Warka) ސަހަރު އުފެދުނު
ޒަމާނެވެ. އެންމެ ފުރަތަމަ އުފެދުނު ސިޓީ ސްޓޭޓްތައް
(City-state) އުފެދެން ފަށާފައިވަނީ އެ ޒަމާނުގަ އެވެ. އެ
ޒަމާނުގައި މުށި ކަންވާރު ހަދައިއުޅުނީ ވަކި ސިފައަކަށެވެ.
އެއަށް ޚާއްޞަ ކުލަތަކަކަކާއި ބައްޓަންތަކެއް ވެސް
ލިބިފައިވި އެވެ.
ތާރީޚީ ގޮތުން ބަލާއިރު، ސުމެރިއަނުންނަކީ، (Sumerians)
މީލާދުގެ ކުރީގެ ހަވަނަ ސާސްކަފުގައި އުފެދުނު
ޢުބައިދިއްޔަ ދަނޑުވެރިން ޢިރާޤު (Iraq) ގެ ދެކުނުގައި
ވަޒަންވެރިވެ، އެމީހުންގެ ތެރެއިން އުފެދިގެން އައި ބަޔެއް
ކަމަށް ބެލެވެ އެވެ.
އުރަކުގެ ޒަމާން
ސުމެރިއަނުންގެ ތާރީޚު ފެށިފައިވަނީ، އުރަކް (Uruk)
ޒަމާނުގެ ނަމުން ނަންދެވިފައިވާ ދުވަސްވަރުގަ އެވެ. އެ
ޒަމާން ދެމިއޮތީ، ގާތްގަނޑަކަށް މީލާދުގެ ކުރީގެ 4000 ވަނަ
އަހަރުން ފެށިގެން، މީލާދުގެ ކުރީގެ 3000 ވަނަ އަހަރާ
ހަމައަށެވެ. އެ ޒަމާނުގައި ވަނީ، ފުރާތުކޯރުގެ
އައްސޭރީގައި ދަނޑުވެރިންގެ އެތައް އަވަށްތަކެއް އުފެދިފަ
އެވެ. ފަހުން އެއިން ބައެއް އަވަށްތައް ބޮޑެތި
ސަހަރުތަކަށް ތަރައްގީވެގެން ދިޔަ އެވެ. އެގޮތުން އުފެދުނު
އެންމެ މުހިންމު، އަދި އެންމެ މަޝްހޫރު އެއް ސަހަރަކީ،
އުރަކް (Uruk) އެވެ. (އެ ސަހަރަށް "އުރުކު" ވެސް ކިޔަ
އެވެ.) ނަންގަނެވިދިޔަ ފަދައިން އެ ސަހަރު އުފެދުނީ،
ފުރާތުކޯރުގެ އައްސޭރީގައި އޮތް އަވަށެއް
ތަރައްޤީވެގެންނެވެ. އެ ސަހަރުގެ އާބާދީއަކީ، 50000 އާއި
80000 އާ ދެމެދުގެ ޢަދަދެކެވެ. އޭރިއާއަކީ ގާތްގަނޑަކަށް 6
އަކަ ކިލޯމީޓަރެވެ. އެސަހަރުގައިވާ އެންމެ މަޝްހޫރު
ތަނަކީ، އިނަނާ ފައްޅި (Inanna temple) އެވެ.
ޖަމްދަތު ނަޞްރު ގެ ޒަމާން
"ޖަމްދަތު ނަޞްރު" (جمدة نصر)، (Jemdet Nasr) އަކީ،
ޢިރާޤުގެ ބާބިލް ޕްރޮވިންސްގައި އޮންނަ އާސާރީ ސައިޓެކެވެ.
އެތަން އޮންނަނީ، ބާބިލް (Babylon) ސަހަރާއި،
އިބްރާހީމިއްޔަ އުސްބިމުގެ އިރު އުތުރުގައެވެ. އެތަނުން
ފެނިފައިވާ ލިއުމަކީ، ދުނިޔޭގައިވާ އެންމެ ބޯދާ ލިއުން
ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ.
ޖަމްދަތު ނަޞްރަކީ، ބިލާދުއް ރާފިދައިނި (بلاد الرافدين)
ނުވަތަ މެސޮޕޮޓޭމިއާ (Mesopotamia) ގެ ޙަޟާރަތު ދައްކައިދޭ
ނަމޫނާއެކެވެ. އެއީ، "ބްރޯންޒް އޭޖް" (Bronze Age)، (3300
މކ. އިން 1200 މކ. އަށް) ގެ ކުރީކޮޅުގައި މެސޮޕޮޓޭމިއާ
(Mesopotamia) ގެ ޙަޟާރަތު ކުރިއަރާފައިވާ މިންވަރު
ދައްކައިދޭ ހެކިތަކުގެ ބިމެވެ. އެ ބިން އާރާސްތުވެ،
އެބިމުގައި ޙަޟާރަތެއް އުފެދުނީ، މީލާދުގެ ކުރީގެ 3100
ވަނަ އަހަރުގަ އެވެ. އެ ޙަޟާރަތުގައި ލިޔެކިއުން
ތަރައްޤީވެގެން ދިޔަ އެވެ. މީސްކޮޅު މަދު އާބާދީތައް،
މީހުން ގިނަ ބޮޑެތި އާބާދީތަކަށް ބަދަލުވެ، ކުދިކުދި
އަވަށްތައް ބޮޑެތި ސަހަރުތައް ބަދަލުވެ، އިންސާނީ
ޙަޔާތަށް، "ޙަޟާރަތުގެ އިންޤިލާބެއް" އައީ ވެސް އެ
ޒަމާނުގަ އެވެ. އާދޭހެވެ. މީލާދުގެ ކުރީގެ 3100 ވަނަ
އަހަރު، ދަނޑުވެރިކަމުގެ މައިދާނުގައި މަސައްކަތްކުރާ
މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ. އެ
ޒަމާނުގައި ރަށްތަކުގެ މަރުކަޒުތައް، މާތް މުޤައްދަސް
ތަންތަން ކަމުގައި ވެގެންދިޔަ އެވެ. "ޖަމްދަތު ނަޞްރު" (جمدة
نصر)، (Jemdet Nasr) ގެ ޒަމާން ނިމިގެން ދިޔައީ،
ގާތްގަނޑަކަށް މީލާދުގެ ކުރީގެ 2900 ވަނަ އަހަރުގަ އެވެ.
ޤަދީމީ ސުމެރިއަނުންގެ ޒަމާން
ވެރިކަންކުރި ދަރިކޮޅުތައް އުފެދިގެން އައީ، ގާތްގަނޑަކަށް
މީލާދުގެ ކުރީގެ 2900 ވަނަ އަހަރުން ފެށިގެންނެވެ. އެ
ޒަމާނުގެ ކުރީކޮޅުގައި، ރަށްތަކެއް އުފެދުނެވެ.
އެރަށްތަކުގެ ތެރޭގައި، އާދާބު (Adab) އާއި، އެރިޑާ ނުވަތަ
އިރިޑޫ (Eridu) އާއި، އީސިން ނުވަތަ އައިސިން (Isin) އާއި،
ކިޝް (Kish) އާއި، ލަގާޝް (Lagash) އާއި، ނައިޕޫރު ނުވަތަ
ނިޕޮރ (Nippur) އާއި، ލަރސާ (Larsa) އާއި، އުއަރ (Ur)
އާއި، އުރުކު ނުވަތަ އުރަކު (Uruk) ހިމެނެ އެވެ. މީލާދުގެ
ކުރީގެ 2800 ވަނަ އަހަރުން ފެށިގެން އެ ރަށްތައް އެއް
ދައުލަތެއްގެ ބާރުގެ ދަށަށް ދިޔަ އެވެ. އެ ދައުލަތަކީ،
ޤަދީމީ ސުމަރ ދައުލަތެވެ. އެ ދައުލަތުގައި ވެރިކަންކުރީ،
ރަށްތަކަކަށާއި، ތަފާތު ޚާންދާންތަކަކަށް ނިސްބަތްވެފައިވާ
ވެރިންތަކެކެވެ. އެއިން ބައެއް ވެރިންނަކީ:
1. ކިޝް ސަހަރުގެ ރަސްގެފާނު
ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފޮނުއްވި
ޠޫފާނަށްފަހު، ދުނިޔޭގައި ރަސްކަންކުރި މަޝްހޫރު
ރަސްރަސްކަލުންގެ ތެރެއިން އެކަކީ، ސުމެރިއަނުންގެ
ރަސްގެފާނު، އެޓާނާ (Etana) އެވެ. އޭނާ 400 އަހަރު
ރަސްކަންކުރި ކަމަށް ބުނެވެ އެވެ. އޭނާ އުޑަށް އެރިކަމަށް
ބުނާ ލިއުމެއް ވެސް ވާތީ، އޭނާ އަކީ، ކަލާނގެ ކަމަށް
ދައުވާކޮށްފާނެ މީހެއް ކަމަށް ވެސް ގަބޫލުކުރެވެ އެވެ. އެ
ލިއުން ބުނާ ގޮތުގައި، ހުރިހައި ސަހަރުތަކެއް އެއްކޮށް،
އޭނާ ބޮޑު ދައުލަތެއް އުފެއްދީ އުޑަށް އެރުމަށްފަހުގަ
އެވެ.
ޔަހޫދީންނާއި، ކްރިސްޓިއަނުންނާއި، މުސްލިމުންގެ ގާތުގައި،
އޭނާގެ ނަމަކީ، ނިމްރޫދު (Nimrod) އެވެ. ނޫޙުގެފާނުގެ
ޒަމާނުން ފެށިގެން އިބްރާހީމުގެފާނުގެ ޒަމާނާ ހަމައަށް،
އޭނާއަށް ވުރެ ބޮޑަށް މަޝްހޫރުވެފައިވާ އެފަދަ އެހެން
މީހަކު ދުނިޔޭގައި އުޅެފައެއް ނުވެ އެވެ. ދީނީ ވާހަކަތައް
ބުނާ ގޮތުގައި، މާތް ﷲ ވޮޑިގެންވާ ކަމާމެދު ދެކޮޅުހަދައި،
އޭނާއަކީ، ކަލާނގެ ކަމަށް ދަޢުވާކުރި އެވެ. ސަލާމްލެއްވި
އިބްރާހީމުގެފާނާއި، އޭނާއާ ދެމެދުގައި ހިނގި
ކަންތައްތަކުގެ ވާހަކަ، ކީރިތި ޤުރުއާނުގައި
ބަޔާންކުރައްވާފައިވެ އެވެ.
އެޓާނާ (Etana) އަކީ، ސުމެރިއަން ބަހުން ނިމްރޫދު (Nimrod)
އަށް ކިޔާ ނަމެވެ. ސުމެރިއަނުންގެ ފުރަތަމަ ވެރިއަކީ، އޭނާ
ކަމަށް ބުނެވެ އެވެ. އޭނާ ދުނިޔޭގައި އުޅެފައިވަނީ،
މީލާދުގެ ކުރީގެ 2800 ގެ އަހަރުތަކުގެ ތެރޭގަ އެވެ.
އޭނާއަކީ، ކިޝް (Kish) ސަހަރުގެ ރަސްގެފާނެވެ. އެ
ސަރަހައްދުގެ ހުރިހާ ރަށްތަކެއް އޭނާގެ ބާރުގެ ދަށަށް
ގެންގޮސް، އެންމެ ފުރަތަމަ އެމްޕަޔަރ (Empire) އުފެއްދީ
ވެސް އޭނާ އެވެ.
2. އުރަކް ސަހަރުގެ ރަސްގެފާނު
ކިޝް (Kish) ސަހަރުގެ ވެރިކަމަށްފަހު، ސުމަރ (Sumer) ގެ
ވެރިކަމަށް އިސްވީ އުރަކް ސަހަރުގެ ރަސްގެފާނެވެ. އެއީ،
މެޝްކިއަންގގާޝާ (Mesh-ki-ang-gasher) އެވެ. ކިޝް ސަހަރުގެ
ދެކުނު ފަރާތުން ވެރިކަމަށް ވާދަކުރާނޭ ޚާންދާނެއް އޭނާ
އުފެއްދި އެވެ. އޭނާގެ ވެރިކަމުގެ އާރާއި ބާރު އިތުރުކޮށް،
ވެރިކަން ކުރާ ސަރަހައްދު ފުޅާކޮށް، މެސޮޕޮޓޭމިއާ
(Mesopotamia) ގެ އިތުރުން، މުޅި "ފަރޓަލް ކްރެސެންޓް"
(Fertile Crescent) އެއްކޮށް ކަހަލަ ގޮތަކަށް އެ
ވެރިކަމުގެ ދަށަށް ގެންދިޔަ އެވެ. އޭނާ ވެރިކަން
ކޮށްފައިވަނީ، މީލާދުގެ ކުރީގެ 27 ވަނަ ޤަރުނުގެ ތެރޭގަ
އެވެ. އޭނާއަށްފަހު ވެރިކަމަށް އިސްވީ، އޭނާގެ ފިރިހެން
ދަރި، އެންމެކަރ (Enmerkar) އެވެ.
މި ޚާންދާނުގެ ވެރިކަމަށްފަހު، އަނެއްކާވެސް، ކިޝް
ސަހަރުގެ ޚާންދާނަށް ވެރިކަން ލިބުނެވެ.
3. އަކާޑިއަން އެމްޕަޔަރ
އަކާޑިއަނުންނަކީ، ސުމަރ ގެ އުތުރު ރަށްތަކުގައި
ދިރިއުޅުނު ބަޔެކެވެ. އަކާޑިއަން އެމްޕަޔަރގެ
މުއައްސިސަކީ، ސަރގަން (Sargon) އެވެ. ސުމެރިއަން ރަށްތައް
އެއް ވެރިކަމެއްގެ ދަށަށް ގެނެސް އެއް ޚާންދާނަކުން
ވެރިކަންކުރާ ގޮތަށް ހަމަޖެހިގެން ދިޔައީ، އޭނާގެ
ޒަޢާމަތުގަ އެވެ. އޭނާ އުފެއްދި އަކަޑިއަން އެމްޕަޔަރ (Akkadian
Empire) މީލާދުގެ ކުރީގެ 2371 ވަނަ އަހަރުން ފެށިގެން،
މީލާދުގެ ކުރީގެ 2191 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ.
އޭރު ރަސްމީ ބަހަކީ، އަކާޑިއަން ބަހެވެ. އެ އެމްޕަޔަރ
ވެއްޓި، އެ ޒަމާން ނިމުމަކަށް އައީ، ގުޓިއަނުން (Gutians)
ގެ އާރާއި ބާރުގަދަވެ، އެމީހުން ދެމުން ގެންދިޔަ ޢަސްކަރީ
ހަމަލަތަކުންނެވެ.
ފަހުގެ ސުމެރިއަން އެމްޕަޔަރ
ފަހުގެ ސުމެރިއަން އެމްޕަޔަރ ދެމިއޮތީ، މީލާދުގެ ކުރީގެ
2111 ން، މީލާދުގެ ކުރީގެ 2003 އަށެވެ. އެ އެމްޕަޔަރގެ
ވެރިރަށަކީ، އުއަރ (Ur) އެވެ. އެއީ ސަލާމްލެއްވި
އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގެންނެވި ރަށެވެ.
އެރަށުން ސިޔާސީ މައިދާނަށް ނިކުތް ޚާންދާނުން
ސުމެރިއަނުންގެ ދީނާއި ޤައުމިއްޔަތު ދިރުވައި އާލާކުރި
އެވެ. އެ ޚާންދާނުގެ މުއައްސިސަކީ، އުއަރ ނަމޫ (Ur-Nammu)
އެވެ. އެ ޚާންދާނުން ފަސް ރަސްކަލަކު ރަސްކަންކޮށްފައިވެ
އެވެ. ރަސްމީ ބަހަކީ، ސުމެރިއަން ބަސް ކަމުގައި ހަމަޖެއްސީ
އެ ޚާންދާނުންނެވެ. އެ ޚާންދާނުގެ ޒަމާނަށް މުއައްރިޚުން
ދީފައިވާ ނަމަކީ، (Third Dynasty of Ur) އެވެ.
"އުއަރ ގެ ތިންވަނަ ޚާންދާނު" ގެ ޒަމާން
މަޝްހޫރުވެފައިވަނީ، ދީނީ ގޮތުންނާއި، ޢުމްރާނީ
ގޮތުންނާއި، ސަގާފީ ގޮތުން ކުރިއަރައިގެން ދިޔަ ޒަމާނެއްގެ
ގޮތުގަ އެވެ. ދީނީ ގޮތުން އިހުގެ ކަލާނގެތަކަށް
އިސްކަންދީ، ދީނީ ޝިޢާރުތައް ފާޅުކޮށް، ކާބަފައިން
އަޅުކަމުގެ ގޮތުގައި ކުރި ކަންތައްތައް ދިރުވި އެވެ.
ބޮޑެތި ބިނާތައް އާރާސްތުކޮށް، ރަށްތަކަށް ޢުމްރާނީ
ތަރައްޤީ ގެނަ އެވެ. މަޝްހޫރު ޒިގުރަޓްތައް (Ziggurats)
ބިނާކުރީ އެމީހުންނެވެ. އެއީ، ދީނީ ބިނާތަކެކެވެ. އޭރު
އުއަރ (Ur) ވެފައިވަނީ، ޢުލޫމާއި، ފަންނާއި،
އަދަބިއްޔާތުގެ މައިދާނުގައި ދުނިޔޭގެ އިރުމަތީގައިވާ
ޤިބުލަ ކަމަށެވެ.
އެންމެ ފުރަތަމަ ޤާނޫނެއް ވެސް އެކުލަވައިލީ، "އުއަރ ގެ
ތިންވަނަ ޚާންދާނު" ގެ މުއައްސިސް ކަމަށްވާ، އުއަރ ނަމޫ
(Ur-Nammu) އެވެ. މަޝްހޫރު ހަމުރާބީ (Hammurabi)، ޤާނޫނެއް
އެކުލަވައިލީ، އޭގެ 300 އަހަރު ފަހުންނެވެ. (ހަމުރާބީ
އަކީ، ބާބިލުގެ ރަސްރަސްކަލުންގެ ތެރެއިން އެންމެ މަޝްހޫރު
ރަސްގެފާނެވެ. އޭނާ ރަސްކަން ކޮށްފައިވަނީ، މީލާދުގެ
ކުރީގެ 1792 އިން 1750 އަށެވެ. އޭނާގެ ނަމުން
ނަންދެވިފައިވާ މަޝްހޫރު "ހަމުރާބީގެ ޤާނޫނު" ނެރުނީ،
އޭނާގެ ރަސްކަމުގެ 30 ވަނަ އަހަރުގަ އެވެ.)
"އުއަރ ގެ ތިންވަނަ ޚާންދާނު" ގެ ޒަމާން ނިމުމަކަށް ގެނައީ
(Elamites) އީލާމީންނެވެ. އެއަށްފަހު، ސުމަރ (Sumer) އޮތީ
އެކިއެކި ދައުލަތްތަކުގެ ދަށުގަ އެވެ.
ސުމެރިއަނުންގެ މުޖުތަމަޢު
ސުމެރިއަނުންގެ ޙަޟާރަތުން އެންމެ ފާހަގަކޮށްލެވޭ
މީޒާއަކީ، ޙާލަތު ބަދަލުކޮށްލި ކަމެވެ. ގުދުރަތީ
ވެށްޓެއްގައި އާދައިގެ ގޮތަކަށް ދިރިއުޅެމުން ގެންދިޔަ
ދިރިއުޅުން ބަދަލުކޮށް، ކުރިއަރާފައިވާ މަދަނިއްޔަތެއް
އުފެއްދީ އެ ޙަޟާރަތެވެ. އެކަމަށްޓަކައި ފިކުރާއި،
ހުނަރާއި، މަސައްކަތްތެރިކަން ނުހަނު މަތީ ދަރަޖައަކަށް
ބޭނުންވާނެކަން ކަށަވަރެވެ. އެމީހުން ތަރައްޤީގެ ރޭހުގައި
ކުރިއަށް ދިޔައީ، އޭރު އައިސްފައިވާ ދަނޑުވެރިކަމުގެ
އިންޤިލާބާ އެމުނިއެކުލެވިގެންވާ ޙާލު، އެ
އިންޤިލާބާއެކުގަ އެވެ. އެއިންޤިލާބު އައީ، ފަހުގެ "ސްޓޯން
އޭޖް" (Stone Age) ގައި "ފަރޓަލް ކްރެސެންޓް" (Fertile
Crescent) އަށެވެ. "ސްޓޯން އޭޖް" ގެ ޒަމާނުން، ޙަޟާރަތާއި
މަދަނިއްޔަތުގެ ޒަމާނަށް އިންސާނުން ނެރެދިން އިންޤިލާބު
ގެނައީ، ސުމެރިއަނުންނެވެ. ޙަޤީޤަތުގައި، މިޒަމާނުގެ
ކުރިއެރުމާއި ތަރައްޤީ ގެ ކުންނުތަކަށް ވާޞިލުވުމުގެ
މަގުތައް ކޮށައިދިނީ އެމީހުންނެވެ. އެހެންކަމުން
އެމީހުންނާމެދު ބެލެވެނީ، މިޒަމާނުގައި ދުނިޔެއަށް
އައިސްފައިވާ އިންސާނީ ޙަޟާރަތާއި ތަހުޒީބާއި ތަމައްދުނާއި
ތަރައްޤީގެ ބާނީން ކަމަށެވެ. އެމީހުންގެ ތެރޭގައި އުފެދި
ތަރައްޤީވި ކަންތައްތަކަށް ބަލައިލުމުން މިކަން އެނގެ
އެވެ. އެއިން ބައެއް ކަންތައްތަކަކީ:
1. ލިއުން
މިޞްރާއި، ޗައިނާއާއި، މާޔާ ފަދަ ބައެއް ޙަޟާރަތްތަކުގައި
ލިޔެކިއުން އުފެދި ތަރައްޤީވެގެން ދިޔައީ، އަމިއްލަ
ފައިމަތީގަ އެވެ. ނަމަވެސް އެންމެ ފުރަތަމަ އެ ބީދައިން
އުފެދި ތަރައްޤީވި އެންމެ އިހުގެ ލިއުމަކީ ސުމެރިއަނުންގެ
ލިއުމެވެ. އެލިއުމަށް ކިޔަނީ ކިއުނީފޯމް (Cuneiform)
ލިއުމެވެ. ޢަރަބި ބަހުން ކިޔަނީ މިސްމާރީ (مسماري)
ލިއުމެވެ. އެ ލިއުން ފެތުރުމުގައި، (Akkadians)
އަކާޑިއަނުންނާއި، (Hittites) ހިޓްޓައިޓުން ވަރަށް ބޮޑު
ދައުރެއް އަދާކޮށްފައިވެ އެވެ. އެ ދެބައިމީހުންގެ ބަސް
ކިއުނީފޯމް (Cuneiform) އަކުރުން ލިއުނެވެ. އަލިފުބާތަކުގެ
އަޞްލަކީ ވެސް ކިއުނީފޯމް އަލިފުބާ އެވެ.
2. ޓެކްނޮލޮޖީ
އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ، ފުރޮޅު އުފެއްދީ
ސުމެރިއަނުންނެވެ. އެއީ އިންސާނުން އުފެއްދި އެންމެ
މުހިންމު އުފެއްދުމެވެ. އޭގެ ސަބަބުން ޖަނަވާރުތަކުގެ
ބޭނުން ހިފާނެ އާ ގޮތްތައް އީޖާދުވެގެން ދިޔަ އެވެ. ކުރިން
އިންސާނުން ޖަނަވާރުތަކުގެ ބޭނުންކުރަމުން ގެންދިޔައީ،
ކެއިންބުއިމާއި، އުފެއްދުންތެރިކަމުގަ އެވެ. އޭގެ މަހާއި
ކިރު ފަދަ ތަކެތި ކެއިންބުއިމުގައި ބޭނުންކުރެވުނެވެ. އޭގެ
ހަމާއި ކަށި ފަދަ ތަކެތި އުފެއްދުންތަކުގައި
ބޭނުންކުރެވުނެވެ. ނަމަވެސް ފުރޮޅު އުފެއްދުމުން،
ޖަނަވާރަކީ، އުފެއްދުންތެރިކަމުގައި ބައިވެރިވާ
މަސައްކަތްތެރިއަކަށް ވެސް ވެގެން ދިޔަ އެވެ.
ދަނޑުބިންތަކުގެ ފަސްގަނޑު ޖެހުމަށާއި، ބަރު ތަކެތި
ދަމާފައި ގެންދިއުމުގެ މަސައްކަތް ޖަނަވާރުތައް ލައްވައި
ކުރުވަން ފެށުނެވެ. އެއަށްފަހު، ގާޑިއާ އުފައްދައި، ގާޑިއާ
ދެމުމަށް ވެސް ޖަނަވާރުގެ ބޭނުންކުރެވުނެވެ. ގާޑިއާ
އުފެއްދީ، ދަނޑުވެރި ރަށްރަށުގައި މީހުން ގިނަވެ،
މަސައްކަތްތައް އިތުރުވެގެން ދިއުމުންނެވެ.
3. ދަޑުވެރިކަމާއި ފެންދިނުން
ދަނޑުވެރިކަމުގެ މައިދާނަށް ބަލާއިރު، "ފަރޓަލް
ކްރެސެންޓް" (Fertile Crescent) ގައި ނެތް އާ ބާވަތެއްގެ
ގޮވާމެއް ނުވަތަ އާ ބާވަތެއްގެ ޖަނަވާރެއް ސުމެރިއަނުން
ގެންގުޅެފައެއް ނުވެ އެވެ. ނަމަވެސް އެމީހުން ވަނީ،
ދަނޑުބިންތަކަށް ފެންދިނުމުގެ އާ ގޮތްތައް އީޖާދުކޮށް
ތަރައްޤީކޮށްފަ އެވެ. އަދި ޖަނަވާރުގެ ކިރުން އާ
ބާވަތްބާވަތުގެ ކާނާ ވެސް އުފައްދާފައި ވެ އެވެ. އެމީހުން
ދަނޑުބިންތަކަށް ފެންދިނުމަށްޓަކައި، ކާނުތައް ކޮނެ، އެ
ކާނުތަކުގެ ޒަރީއާއިން ދުރު ހިސާބުތަކަށް ފެން ގެންދިޔަ
އެވެ. އެކަމުގެ ސަބަބުން ދަނޑުބިންތަކުގައި ފެން ތިޔާގިވެ،
ދަނޑުވެރިކަން ރަނގަޅުވެގެން ދިޔަ އެވެ. ނަމަވެސް އެކަމުގެ
ސަބަބުން ފަހުން އެ ބިންތަކުގައި ލޮނު ގިނަވެ،
ދަނޑުވެރިކަން ހީނަރުވި އެވެ. ނަތީޖާއަކަށްވީ،
ސުމެރިއަނުންގެ ވަރަށް ގިނަ ރަށްތަކުގެ އިޤުތިޞާދު ދަށްވެ،
އިޖުތިމާޢީ ގޮތުން ނޭދެވޭ ކަންތައްތަކަކާ
ކުރިމަތިލާންޖެހުމެވެ.
މިޒަމާނުގައި ކުރެވިފައިވާ ތަޙުޤީޤުތަކުން އެނގޭ ގޮތުގައި،
ސުމެރިއަނުންގެ ކާނާ މައިގަނޑު ގޮތެއްގައި ބިނާވެފައިވީ،
އޮށްޓަރު ގޮވާމުގެ މައްޗަށެވެ. އެމީހުންނަށް ޕްރޮޓީން
ލިބިފައިވަނީ، ބިހާއި، ޗީޒާއި، އަސްދޫންޏާއި، ރޭރާއި،
ކުކުޅާއި، ގޮށްފުޅަނގިންނެވެ. އަދި ގެރިއާއި، ޙިމާރާއި،
އޫރާއި، ބަކަރި ފަދަ ބޮޑެތި ޖަނަވާރުތަކުގެ މަސް ވަރަށް
މަދުން އެމީހުންގެ ކެއިންބުއިމުގައި ހިމެނިފައި ވެ އެވެ.
އެމީހުން މުސަޅާއި، ވަލު އޫރާއި، ވަލު ބަކަރި އާއި،
އޮރެކްސް އާއި، ފުއްލާ ފަދަ ޖަނަވާރުތައް ސިކާރަކޮށްފައި
ވެ އެވެ. ސިންގާ ސިކާރަކުރުމަކީ، ހަމައެކަނި
ރަސްރަސްކަލުން ކޮށްއުޅުނު ކަމެކެވެ. އަދި އެމީހުން ފުޅާ
ދާއިރާއެއްގައި ކެއުޅުކަން ކޮށް، ގިނަ ޢަދަދަކަށް މަސް
ހިފާފައިވާކަން ވެސް އެނގެ އެވެ.
4. މަސައްކަތްތައް
ސުމެރިއަން ރަށްތަކުގެ ބިން ކޮނެގެންނާއި، އެހެނިހެން
ގޮތްގޮތުން ހޯދިފައިވާ ލިއުންތަކުން އެނގޭ ގޮތުގައި،
އެމީހުންގެ އަންހެނުންނާއި ފިރިހެނުންނަކީ ތަފާތު
މަސައްކަތްތައް ކޮށްއުޅުނު ހީވާގި ބަޔެކެވެ. އޭގެ ތެރޭގައި
ބުރަ މަސައްކަތްތަކާއި، ކަވި މަސައްކަތްތައް ވެސް ހިމެނެ
އެވެ. އެއިން ބައެއް މަސައްކަތްތަކަކީ:
1. ފުށުގެ މަސައްކަތް (ފުށް މޮޑުން).
2. މަހުގެ މަސައްކަތް (މަސްކޮށުމާއި ވިއްކުން).
3. ކެއްކުން.
4. އުއްދަނޑީގެ މަސައްކަތް.
5. މުށިން ތަކެތި އުފެއްދުން.
6. ހިލަ ކެނޑުމާއި، ހިލަ އޮމާންކުރުން.
7. ނަޙުތުކުރުން (ބިންވަޅުނެގުމާއި، ބުދުހެދުން ފަދަ
މަސައްކަތް).
8. ވަޑާންކުރުން.
9. ކިރަން ބޭނުންކުރާ ތަކެތި އުފެއްދުން.
10. ފުރާދުއްވާ އުޅަނދު ހެދުން.
11. ފެހުން.
12. ބޯކޮށުން.
13. ބޭސްފަރުވާކުރުން.
14. ކިޔަވައިދިނުން.
15. ލިއުން (އަތުލިއުމުގެ މަސައްކަތް).
16. ގެދޮރާއި ޢިމާރާތްތައް ބިނާކުރުން (އާކިޓެކްޗަރ އާއި
އިންޖިނިއަރިންގ).
17. އިދާރާތަކުގެ ވެރިން:
17.1. ރަށް ބަލަހައްޓާ މީހުންގެ ވެރިކަން.
17.2. ސިފައިންގެ ކޮމާންޑަރުކަން.
17.3. އެމްބެސެޑަރުކަން.
17.4. ފައްޅީގެ އިދާރީ ވެރިކަން.
17.5. ކަހީނުކަން (އެންމެ އިސް ދީނީ މަޤާމު).
17.6. ލައިބްރަރީގެ ވެރިކަން.
17.7. މަސައްކަތު މީހުންގެ ވެރިކަން.
5. ސްކޫލްތައް
ސުމެރިއަން ސަގާފަތުގައި ސްކޫލްތަކަށް ކިޔަނީ، (Edubbas)
އެވެ. ނުވަތަ "ފިލާ ގެ" (Tablet houses) އެވެ.
ފަރަންސޭސިވިލާތުގެ އާސާރީ ތަކެތި ހޯދާ ޓީމަކުން، ދެ
"ފިލާގެ" ހޯދާފައިވެ އެވެ. ފިލާގޭގައި ދަރިވަރުން ކިޔަވަން
ތިބެނީ، މުށިން ހަދާފައިވާ ގޮނޑިތަކެއްގަ އެވެ. އާސާރީ
ހޯދުންތަކުން އެނގިފައިވާ ގޮތުގައި، މީލާދުގެ ކުރީގެ
ހަތަރުވަނަ ސާސްކަފުގައި ވެސް، ފިލާގެތަކުގައި ވަނީ ނިޒާމީ
ތަޢުލީމު ދެވިފަ އެވެ. މީލާދުގެ ކުރީގެ ތިންވަނަ
ސާސްކަފުގެ މެދުތެރޭގައި ވެސް އެ ނިޒާމު އޮތްކަން، އާސާރީ
ލިއުންތަކުން ސާބިތުވެ އެވެ. ފިލާ ގެތަކުގައި ފިލާގައި
ލިޔެފައިވާ ދަރިވަރުންގެ މަޢުލޫމާތުގެ ތެރޭގައި،
ދަރިވަރުގެ ނަމާއި، ބެލެނިވެރިޔާ (ބައްޕަ) ގެ ނަން ހިމެނެ
އެވެ. ޚާއްޞަކޮށް، އިސްމަޤާމުތަކުގައި ވަޒީފާ އަދާކުރާ
މީހުންގެ ނަންތަކާއި، އެމީހުންގެ ދަރިންގެ ނަންތައް ނުހަނު
ފަރުވާތެރިކަމާއެކު ލިޔެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ފިލާގޭގައި ކިޔަވަން ފަށާއިރު، އެންމެ ފުރަތަމަ ދަރިވަރުން
ދަސްކުރަން ޖެހެނީ، ކިއުނީފޯމު (Cuneiform) ގެ 2000
ރަމްޒެވެ. ދަރިވަރުންނަށް ކިޔަވާދީފައިވަނީ، ނިޒާމީ
ގޮތެއްގައި، ވަކި ހަމަތަކެއްގެ މަތިންނެވެ. ކިޔަވައިދޭ
ޓިޗަރުންނަށް ކިޔާފައިވާ ނަމަކީ، "ބައްޕައިން" ނެވެ.
އެމީހުން ކިޔަވާދޭއިރު، ދަރިވަރުންގެ ސަމާލުކަން
ހޯދުމަށާއި، ދަރިވަރުންނަށް ފަހުމުކޮށްދިނުމަށްޓަކައި
ޖޯކުތައް ކިޔައިދީފައި ވެ އެވެ. އަދި މަޢުލޫމާތު
ފޯރުކޮށްދިނުމަށްޓަކައި، ކުރުވާހަކަތައް ވެސް ކިޔައިދީފައި
ވެ އެވެ. އެފަދަ ވާހަކަތަކުގެ ތެރޭގައި، "ބުއްދިވެރި
މިނިކާވަގާއި، ގަބު ނުވަ މިނިކާވަގުގެ ވާހަކަ" ހިމެނެ
އެވެ. މިވާހަކަ ކިޔައިދީފައިވަނީ، އެއްކުރަން
ދަސްކޮށްދިނުމަށްޓަކަ އެވެ. ކުރުކޮށް ބުނާނަމަ، އެންމެ
ފުރަތަމަ ސްކޫލްތަކުގެ ނިޒާމު އުފައްދައި، ފިލާގޭގައި
ދަރިވަރުންނަށް ނިޒާމީ ތަޢުލީމު ދޭންފެށީ
ސުމެރިއަނުންނެވެ. ފިލާގެ އަކީ، މިޒަމާނުގެ ސްކޫލްތައް
ފަދައިން، ހެދިބޮޑުވަމުން އަންނަ ޖީލުގެ ދަރިންނަށް
ތަޢުލީމު ދޭ މުއައްސަސާއެކެވެ.
ބޮޑަށް ބުރަވެވޭ ގޮތުގައި، ދަރިވަރުން އެންމެ ބޮޑަށް
ދަސްކުރަންޖެހޭ އެއްޗަކީ، ލިއުން ރީތިކުރުމާއި، ސުމެރިއަން
ބަހެވެ. އެއީ، ލިޔެކިއުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކަ
އެވެ. ތަޢުލީމީ ވާހަކަ އާއި، ޙިކުމަތްތަކާއި، ޅެމާއި،
ޑްރާމާތައް ލިއުމަކީ އޭރު ނުހަނު ބޭނުންތެރިކަމެއް ކަމަށް
ވަނީ ވެފަ އެވެ.
6. ހިސާބާއި ފަލަކީ ޢިލްމު
ސުމެރިއަނުންގެ ޙަޟާރަތުގައި ހިސާބު ޢިލްމަށް ވަރަށް ބޮޑު
އަހަންމިއްޔަތެއް ދެވިފައި ވި އެވެ. އެންމެ އިހުގެ ހިސާބު
ޢިލްމު ފެންނަން އޮތީ އެ ޙަޟާރަތުންނެވެ. ގުނުމުގައި
ބޭނުންކުރެވުނު ފަސްދޮޅަހުގެ ނިޒާމު ތަރައްޤީކުރީ އެ
ޙަޟާރަތުގެ އަހުލުވެރިންނެވެ. އެންމެ ފުރަތަމަ ޤުއްބު
ހަދަންފެށީ ވެސް އެމީހުންނެވެ. އެންމެ ފުރަތަމަ ބޮޑެތި
އުސް ޢިމާރާތްތައް ބިނާކުރަން ފެށީ ވެސް އެމީހުންނެވެ.
އުއަރ (Ur) އާއި، އުރަކު (Uruk) އާއި، ލަގާޝް (Lagash)
ގައިވާ ޒިގުރަޓްތައް (Ziggurats) ބިނާކުރީ އެމީހުންނެވެ.
އެފަދަ ބިޔަ، އުސް ޢިމާރާތްތައް ބިނާކުރުމަށްޓަކައި ހިސާބު
ޢިލްމާއި، ޖިއޮމެޓްރީ ބޭނުންވާނެ އެވެ. އެމީހުންގެ
ތެރޭގައި މި ދެ ޢިލްމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް
ދެވިފައިވި އެވެ. ފަލަކީ މައިދާނަށް ބަލާއިރު، ތަރިތަކާއި
ބައެއް ޕްލެނެޓްތައް ވެސް އެމީހުންނަށް އެނގިފައިވާކަން
ފާހަގަކޮށްލަން ޖެހެ އެވެ. އެއިން އެއް ޕްލެނެޓަކީ، މާކަރީ
(Mercury) އެވެ.
7. ދީން
އިންސާނީ ތާރީޚުގައި، ލިޔެކިއުމުން އެނގެން އޮތް އެންމެ
ބޯދާ ދީނަކީ، ސުމެރިއަނުންގެ ދީނެވެ. "ފަރޓަލް ކްރެސެންޓް"
(Fertile Crescent) އާއި، އެ ސަރަހައްދުގެ ވަށައިގެންވާ
ރަށްތަކުގެ ދީންތަކަށް، ސުމެރިއަނުންގެ ދީނުގެ ނުފޫޒު
ފޯރާފައިވެ އެވެ. އެންމެ އިސް ކަލާނގެތަކުގެ އިތުރުން،
ކޮންމެ ރަށަކަށް ޚާއްޞަ ކަލާނގެއަކަށް ވެސް ސުމެރިއަނުން
އީމާންވި އެވެ. އެއިން ކޮންމެ ކަލާނގެއަކަށް ވަކި
ސިފަތަކެއް ދެވިފައިވި އެވެ. ފަހުން އެ ކަލާނގެތަކުގެ
މެދުގައި ވާދަވެރިކަން އުފެއްދުނެވެ. އެއްގޮތް ސިފަތައް
ދެވިފައިވާ ކަލާނގެތަކުގެ ތެރެއިން އެއް ކަލެއްގެ
ބަދަލުގައި އަނެއް ކަލަކު އިސްކުރެވެމުން ދިޔަ އެވެ.
މިކަންތައްތައް އޮޅުންފިލާ އެއް މަޞްދަރަކީ، "ގިލްގަމެޝް
ގެ މަލްޙަމާ" (Epic of Gilgamesh) އެވެ. އޭގެ އަޞްލު
ލިޔެވުނީ، ސުމެރިއަނުންގެ ޒަމާނުގަ އެވެ. އެއަށްފަހު، އެކި
ޒަމާންތަކުގައި، އެކި ސަގާފަތުތަކުގެ އަހުލުވެރިން އެއަށް
ބަދަލުތައް ގެނެސްފައިވެ އެވެ. އެހެންކަމާއެކު ވެސް،
ސުމެރިއަނުންގެ ވަރަށް ގިނަ ކަލާނގެތައް އޭގައި
ހިމެނިފައިވެ އެވެ.