ދެ އިޚުތިޔާރު


ރެސްޓޯރެންޓެއްގެ މެނޭޖަރެކެވެ. އޭނާ އަބަދުވެސް ހުންނަވަނީ ރަނގަޅު މޫޑެއްގަ އެވެ. ކިހިނެއްހޭ މީހަކު އަހައިފިނަމަ، ހިނިތުންވެލައްވާފައި ބުނުއްވާނެ އެވެ. ވަރަށް ބަރާބަރެވެ!.... އޭނާ އެހެން ރެސްޓޯރެންޓެއްގެ މެނޭޖަރަކަށް ބަދަލުވެލެއްވުމުން، އޭނާއާއެކު، އެ ރެސްޓޯރެންޓަށް ގިނަ މުވައްޒަފުންތަކެއް ބަދަލުވިއެވެ. އެމީހުން ބަދަލުވީ، އޭނާއާއެކުގައި މަސައްކަތްކުރާހިތްވާތީއެވެ.

ސުވާލަކީ، އެމީހުން އޭނާއާއެކުގައި މަސައްކަތްކުރާހިތްވަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ، އޭނާއާއެކުގައި މަސައްކަތްކުރާ މީހުންނަށް އޭނާ ރަޙުމްކުރައްވައެވެ. އަދި އެމީހުންނަށް ނިކަން ހިތްވަރުދެއްވައެވެ!

އެއްދުވަހަކު، ރެސްޓޯރެންޓްގައި ވަރަށް ގޯސްކޮށް އުޅޭ މުވައްޒަފެއްގެ ޝަކުވާ، މެނޭޖަރާ ހަމައަށް ދިޔައެވެ. އެމުވައްޒަފާމެދު މެނޭޖަރު ނިންމެވީ، އޭނާއަށް އިންޒާރުދެއްވައި، ވަޒީފާއިން ވަކިކުރައްވާކަށެއް ނޫނެވެ. އެކަމަކު އޭނާއަށް ރަނގަޅަށް އުޅެން ދަސްކޮށްދެއްވުމަށެވެ. އިދި މީހެއްގެ ގޮތުގައި ނޫޅެ، ފަހި މީހެއްގެ ގޮތުގައި އުޅޭނެ ގޮތް ބުނެދެއްވުމަށެވެ!

މެނޭޖަރުގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހިގެން އޭނާގެ ގާތަށް ގޮސް ނަންގަތީމެވެ.

ތިބާ ތިޔަގޮތަށް ނިންމެވީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނުވިސްނުނެވެ.
އެއީ ކިހާ ގޯސް މުވައްޒަފެއްތޯއެވެ؟
އޭނާ މިތާނގައި ބަހައްޓަން ހެޔޮވާނެތޯއެވެ؟
އެއްވެސް މީހަކަށް އަބަދާއަބަދު، ފަހި މީހެއްގެ ގޮތުގައެއް ނޫޅެވޭނެއެވެ.
ވީއިރު، ގޯސްކޮށް އުޅޭ މީހަކަށް، މިފަދަ ވެށްޓެއްގައި ރަނގަޅަށް އުޅެވޭނީ ކިހިނަކުންތޯއެވެ؟

މެނޭޖަރު ޖަވާބުދެއްވިއެވެ.

ތިމަންނާ ކޮންމެ ދުވަހަކު ހޭލާއިރު، ތިމަންނާގެ ކުރިމަތީގައި ދެ އިޚުތިޔާރެއް ވެއެވެ.
ފުރަތަމަ އިޚުތިޔާރަކީ، ރަނގަޅު މިޒާޖެއްގައި މޫޑް ރަނގަޅުކޮށްލައިގެން އުޅުމެވެ.
ދެވަނަ އިޚުތިޔާރަކީ، ނުރަނގަޅު މިޒާޖެއްގައި މޫޑް ގޯސްކޮށްލައިގެން އުޅުމެވެ.
މި ދެ އިޚުތިޔާރުން ތިމަންނާ އަބަދުވެސް އިޚުތިޔާރުކުރަނީ، ފުރަތަމަ އިޚުތިޔާރެވެ.

ތިމަންނާއަށް ދެރަކަމެއް މެދުވެރިވާއިރު ވެސް، ތިމަންނާގެ ކުރިމަތީގައި ދެ އިޚުތިޔާރެއް ވެއެވެ.
ފުރަތަމަ އިޚުތިޔާރަކީ، ކުރިމަތިވި ދެރަކަމާމެދު ހިތާމަކުރުމެވެ.
ދެވަނަ އިޚުތިޔާރަކީ، ކުރިމަތިވި ދެރަކަމުން ކަމެއް ދަސްކުރުމެވެ.
މި ދެ އިޚުތިޔާރުން ތިމަންނާ އަބަދުވެސް އިޚުތިޔާރުކުރަނީ، ދެވަނަ އިޚުތިޔާރެވެ.

މުވައްޒަފަކު ޝަކުވާއެއް ހިފައިގެން އަންނައިރު ވެސް ތިމަންނާގެ ކުރިމަތީގައި ދެ އިޚުތިޔާރެއް ވެއެވެ.
ފުރަތަމަ އިޚުތިޔާރަކީ، ބަލައިލުމެއްނެތި އޭނާގެ ޝަކުވާއަށް އިޖާބަދީ ހަރުކަށި ފިޔަވަޅު އެޅުމެވެ.
ދެވަނަ އިޚުތިޔާރަކީ، އެ ޝަކުވާއާމެދު ރަނގަޅަށް ބަލައި، ފައިދާހުރި ފަހިގޮތަކަށް ޢަމަލުކުރުމެވެ.
މި ދެ އިޚުތިޔާރުން ތިމަންނާ އަބަދުވެސް އިޚުތިޔާރުކުރަނީ، ދެވަނަ އިޚުތިޔާރެވެ.

މެނޭޖަރަށް ނަންގަތީމެވެ.

ތިބާ ތިޔަބުނުއްވާފަދަ ލުއިލުއި ގޮތަކަށް އަބަދަކު ގޮތެއް އިޚުތިޔާރެއް ނުކުރެވޭނެއެވެ.

މެނޭޖަރު ބުނުއްވިއެވެ.

ތިބާއަށް އަދި ނުވިސްނެނީއެވެ. އަސްލުގައި، ދުންޔަވީ ޙަޔާތް ބިނާވެފައިވަނީ އިޚުތިޔާރުތަކެއްގެ މައްޗަށެވެ. ތިބާގެ ކަންތައް ކުރިޔަށްދާނީ، ތިބާ އިޚުތިޔާރުކުރާ ގޮތެއްގެ މަތީގައެވެ. ވަކި ކަމެއް މެދުވެރިވުމުން، އެ ޙާލަތުގައި ތިބާ ކުރާނެ ކަމެއް އިޚުތިޔާރުކުރަނީ ތިބާ އަމިއްލައަށެވެ. ތިބާ އަނެކުންނާ މުޢާމަލާތްކުރާނެ ގޮތް ވެސް އިޚުތިޔާރުކުރަނީ ތިބާ އަމިއްލައަށެވެ. އަދި، ރަނގަޅު މޫޑެއްގައި ހުރުމާއި، ގޯސް މޫޑެއްގައި ހުރުން ވެސް އިޚުތިޔާރުކުރަނީ ތިބާ އަމިއްލައަށެވެ. މި މޭރުމުން، ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އިޚުތިޔާރުކުރަނީ ވެސް ހަމަ ތިބާ އަމިއްލައަށެވެ.

މެނޭޖަރާއެކު މި ބީދައިން އިރުގަނޑެއް ވަންދެން ވާހަކަދައްކާލުމުގެ ފުރުޞަތު ލިބުނެވެ. ދެކެވުނު ވާހަކަތަކުން އެއްޗެއް އޮޅުންފިލިއެވެ.

ކޮންމެ ދުވަހަކު ހޭލާއިރު، ކުރިމަތީގައި ދެ އިޚުތިޔާރެއް ވާނެއެވެ.
ރީތިކޮށް އުޅުމެވެ. ނުވަތަ ހުތުރުކޮށް އުޅުމެވެ.
ދުންޔަވީ ޙަޔާތާމެދު ފަހި ގޮތަކަށް ދުށުމެވެ. ނުވަތަ ދުންޔަވީ ޙަޔާތާމެދު އިދިގޮތަކަށް ދުށުމެވެ.
ދުނިޔެ ހިނގާ ގޮތާ އެމުނި އެކުލެވިގެން އުޅުމެވެ. ނުވަތަ ދުނިޔެ ހިނގާ ގޮތާ އިދިކީލިވެގެން އުޅުމެވެ.

އެމީހެއްގެ ދިރިއުޅުން ބިނާވެފައިވާނީ، އެމީހަކު މި ޙަޔާތާމެދު ދެކޭ ގޮތެއްގެ މައްޗަށްކަން ވެސް އެނގުނެވެ. އެމީހަކު ދެކޭނެ ގޮތް އެނގޭނީ އެމީހަކަށެވެ. އެއީ އެމީހެއްގެ އަމިއްލަ އަތުގައިވާ، އެމީހެއްގެ މިލްކެކެވެ. މި ޙަޔާތާމެދު ރަނގަޅަށް ދެކެފި މީހަކަށް ދުނިޔެއަކީ ރީތި ތަނެއް ކަމުގައިވާނެއެވެ. މި ޙަޔާތާމެދު ގޯސްކޮށް ދެކެފި މީހަކަށް ދުނިޔެއަކީ ހުތުރު ތަނެއް ކަމުގައިވާނެއެވެ.

ކޮންމެ މީހެއްގެ ކުރިމަތީގައި ދެ އިޚުތިޔާރެއް ވެއެވެ.
އެއް އިޚުތިޔާރަކީ، ފަހި މީހެއްގެ ގޮތުގައި ރީތިކޮށް އުޅުމެވެ.
އަނެއް އިޚުތިޔާރަކީ، އިދި މީހެއްގެ ގޮތުގައި ހުތުރުކޮށް އުޅުމެވެ.

މި ދެ ގޮތުންކުރެ އެމީހަކު އިޚުތިޔާރުކުރާނެ ގޮތެއް ކަނޑައަޅާނީ އެމީހެކެވެ. އެމީހެއްގެ ދިރިއުޅުން ބިނާވާނީ އެމީހަކު އިޚުތިޔާރުކުރި ގޮތެއްގެ މަތީގައެވެ.

ޢިއްޒަތްތެރި ކިއުންތެރިޔާއެވެ!
މި ވާހަކަ ތިބާއާ ހަމައަށް ވާޞިލުވި ހިނދު، ތިބާގެ ކުރިފުޅުމަތީގައި ވަނީ ދެ ގޮތެކެވެ.
އެއް ގޮތަކީ، މި ވާހަކަ ވިދާޅުވުމެވެ.
އަނެއް ގޮތަކީ، މި ވާހަކަ ވިދާޅުނުވުމެވެ.
ވަކި ގޮތެއް އިޚުތިޔާރުކުރެއްވީ ތިބާ އަމިއްލަފުޅަށެވެ.

<><><><>

ރެސްޓޯރެންޓްގެ މެނޭޖަރަކީ ކިހާ ފައްކާ މީހެއްތޯއެވެ؟ ހުރިހާ ވެރިންނަކީ އެފަދަ މީހުން ކަމަށް ވެއްޖެނަމަ، ހުރިހާ ކަމެއް ބަރާބަރުވާނެއެވެ. ނަމަވެސް، ބައެއް ވެރިންނަކީ، މުވައްޒަފުންނަށް ހިކިއަމުރުކުރާ ބަޔެކެވެ. އެމީހުން އުޅޭނީ ގުންޑާއިން އުޅޭ ގޮތަށެވެ. އެފަދަ ވެރިން އިސްކުރާނީ ރުޅިއެވެ. ދައްކާނީ ބިރެވެ. ދޭނީ އިންޒާރެވެ. ކަންކަން ނިންމާނީ ގޮށްމުށުގެ ބާރުންނެވެ. ނަމަވެސް، އެއިން މީހަކަށްވުރެ އެތެއް މާވަރުގަދަވާނެއެވެ. އެތަކަށްވުރެ ފަރުބަދައެއް މާވަރުގަދަވާނެއެވެ. ފަރުބަދައަކަށްވުރެ ދުނިޔެ މާވަރުގަދަވާނެއެވެ. ދުނިޔެ ވަނީ ޚާލިޤުވަންތަ ރަސްކަލާނގެ ޔަދުޤުދުރަތްފުޅުގައެވެ. މާތް ﷲ ގެ ނިޔާފުޅުގައި އަނިޔާއެއް ނުވާނެއެވެ! ކޮންމެ އަނިޔާވެރިއަކަށް ހިތި ނިމުމެއް ވާނެއެވެ!