ޢިރާޤު


ޢިރާޤުގެ އިނގިރޭސި ނަމަކީ، އިރާގް (Iraq) އެވެ. ޢަރަބި ނަމަކީ، އަލްޢިރާޤް (العراق) އެވެ. ޢިރާޤުގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން ރިޕަބްލިކް އޮފް އިރާގް (Republic of Iraq) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތުލް ޢިރާޤް (جمهورية العراق) އެވެ. އިހުޒަމާނުގައި ޢިރާޤަށް ކިޔާފައިވާ ތަފާތު ނަންތައް ވެ އެވެ. އާރާމީ (Aramaic) ބަހުން ކިޔާފައިވަނީ، ބައިތު ނަހުރައިން (Beth Nahrain) އެވެ. މާނައަކީ، ދެކޯރުގެ ބިމެވެ. ޔޫނާނީ (Greek) ބަހުން ކިޔާފައިވަނީ މެސޮޕޮޓޭމިއާ (Mesopotamia) އެވެ. މާނައަކީ، ދެ ކޯރުގެ ދެމެދުގައިވާ ބިމެވެ. ކުރިން ޢަރަބި ބަހުން ކިޔާފައިވަނީ، ބިލާދު މާބައިނައް ނަހުރައިނި (بلاد ما بين النهرين) އެވެ. މާނައީ، ދެ ކޯރުގެ ދެމެދުގައިވާ ގައުމެވެ. ދެ ކޯރަކީ، ފުރާތު ކޯރާއި ދިޖުލާ ކޯރެވެ.

ޢިރާޤު އޮންނަނީ، (Arabian Gulf) ޢަރަބި ކަނޑުއޮޅީގެ އުތުރުގަ އެވެ. އެއީ، އަޞްލުގައި ފާރިސީ ކަނޑުއޮޅި (Persian Gulf) އެވެ. އެ ކަނޑުއޮޅީގެ ނަން އަރަބިކުރީ ޖަމާލު ޢަބްދުއްނާޞިރެވެ. ޢިރާޤާ އިންވެފައިވަނީ، ދެކުނުން ކުވޭތު (Kuwait) އާއި، ސުޢޫދީ ޢަރަބިއްޔާ (Saudi Arabia) އެވެ. އުތުރުން ތުރުކީވިލާތް (Turkey) އެވެ. ހުޅަނގުން ސީރިއާ (Syria) އާއި އުރުދުން (Jordan) އެވެ. އިރުމަތިން އީރާން (Iran) އެވެ. ކުވޭތަކީ، ކުރިން ޢިރާޤުގެ އިމުގެ ތެރޭގައި ހިމެނޭ ބިމެކެވެ. އަދި މިހާރުގެ ސީރިއާއާއި، ތުރުކީވިލާތުގައި ހިމެނޭ ބައެއް ބިންތައް ވެސް ކުރިން އޮތީ ޢިރާޤުގެ އިމުގެތެރޭގަ އެވެ.


ނަން

މީލާދީން 6 ވަނަ ޤަރުނުގެ ކުރިއްސުރެ، ޢިރާޤަށް، އަލްޢިރާޤު (العراق) ގެ ނަން ކިޔެމުންދެ އެވެ. ޢިރާޤުގެ ނަމުގެ އަޞްލަކީ، އުރުކް (Uruk) ކަމަށް ބުނެވެ އެވެ. އުރުކް (Uruk) އަކީ، ސުމޭރިއަނުން ގެ ރަށެއް ކަމަށްވާ އުނުގް (Unug) އަށް އައްކާދީ ބަހުން ކިޔާ ނަމެވެ. އުރުކް ގެ މާނައަކީ ތަނެވެ. އުނުގް ގެ މާނައަކީ މީހުން ދިރިއުޅޭ ވަޒަނެވެ. ޢިރާޤުގެ ބިމަކީ، އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ބިމެވެ.

ޢަރަބި ބަހުން ޢިރާޤު (العراق) ގެ މާނައަކީ، އައްސޭރިފަށުގައިވާ ބިމެވެ. މިނަން ކިޔަނީ ޢިރާޤާ ކަނޑުގެ އައްސޭރިއާ ކައިރިކަމުން ކަމަށް ބުނެވެ އެވެ. އަދި ފުރާތުކޯރާއި ދިޖުލާ ކޯރުގެ އައްސޭރިއާ ޢިރާޤުގެ ބިން ގުޅިފައިވާތީ ކަމަށް ވެސް ބުނެވެ އެވެ. ޙިޖާޒުކަރައިގެ އަހުލުވެރިން ޢިރާޤެވެ ކިޔަނީ، ކަނޑުގެ އައްސޭރީގައިވާ ރަށަށެވެ. ޢިރާޤުގެ މާނައަކީ، ދުރަށް ފެތުރިފައިވާ ބިން ކަމަށް ވެސް ބުނެވެ އެވެ.

އެހެން ރައުޔެއް ބުނާ ގޮތުގައި، ޢިރާޤުގެ މާނައަކީ، ފަރުބަދައިގެ ދާރަ އެވެ. ނުވަތަ ފަރުބަދަމައްޗެވެ. މި ރައުޔު ބުނާ ގޮތުގައި، ޢިރާޤުގެ ނަން ނެގިފައިވަނީ، ފަރުބަދައިގެ ދާރަ އާއި، ފަރުބަދަ މަތިންނެވެ. މިރައުޔުގެ އަހުލުވެރިން ބުނާ ގޮތުގައި، ޢިރާޤަށް ނަންދެވިފައިވަނީ، ދެކުނުގައިވާ ތިރި ބިންތަކުން ފުރައިގެން، އުތުރަށާއި، އިރު އުތުރަށް ދަތުރުކޮށްފައިދާ މީހަކަށް ފުރަތަމަ ފެންނާނީ ފަރުބަދަކުގެ ދާރަތަކާއި ފަރުބަދަމަތި ކަމަށްވާތީ އެވެ.

އަލްޚުވާރިޒަމީ ވިދާޅުވާ ގޮތުގައި، ޢިރާޤުގެ އަޞްލަކީ ފާރިސީ ބަހުގެ އޭރާކް (ايراك) އެވެ. ޢިރާޤުގެ ނަމާއި އިރާނުގެ ނަން ނެގިފައިވަނީ، އޭރާކުންނެވެ. އޭރާކުގެ މާނައަކީ، ތިރި ބިމެވެ.


ތާރީޚު

ޢިރާޤަކީ ދުނިޔޭގެ އެންމެ ޤަދީމީ ޙަޟާރަތުގެ ބިންތަކުގެ ތެރެއިން ބިމެކެވެ. ބައެއް މުއައްރިޚުންގެ ނަޒަރުގައި އެންމެ ފުރަތަމަ އިންސާނީ ޙަޟާރަތެއް ޤާއިމުވީ ޢިރާޤުގެ ފުރާތުކޯރާއި ދިޖުލާ ކޯރުގެ އައްސޭރީގަ އެވެ. މީލާދުގެ ކުރީގެ 6000 ވަނަ އަހަރު، ޢިރާޤުގެ ބިމުގައި މީހުން ވަޒަންވެރިވެ، އަވަށްތައް އުފެދެންފެށި އެވެ. މީލާދުގެ ކުރީގެ 4000 ވަނަ އައިއިރު އެ އަވަށްތައް ވަނީ، ބޮޑެތި ރަށްތަކަށްވެފަ އެވެ.

ޢިރާޤުގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވީ، ދެކުނުގެ ދެރަށް ކަމުގައިވާ އިރިދޫ (Iridu) (إيريدو) އާއި އުރުކް (أوروك) (Uruk) ނުވަތަ ވަރްކާ (Warka) (وركاء) ގަ އެވެ. އެ ދެ ރަށުގައި، ކިސަޑުން ހަދާފައިވާ ގަލުން ބިނާކޮށްފައިވާ ފައްޅިތައް ވެ އެވެ. އެތަންތަން ވަނީ، ރީތި ހިލަތަކައި ތަފާތު މަޢުދަންތަކުން ޒީނަތްތެރިކޮށްފަ އެވެ. އެ ދެ ރަށުގައި މިސްމާރީ ނުވަތަ ކިއުނިފޯރމް (Cuneiform) ލިއުން އުފެއްދުނެވެ. އެންމެ ފުރަތަމަ އިންސާނީ ސަގާފަތެއް އުފެއްދީ ސުމޭރިއަނުން (Sumerian) ނެވެ. އެމީހުނަށް ސަމަރިއަނުން (Sumerian) ވެސް ކިޔެ އެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ލިޔެކިއުމާއި ހޭލުންތެރިކަމާއި ސަގާފަތު ފެތުރިގެން ދިޔައީ އެމީހުންގެ ކިބައިންނެވެ. އެމީހުންގެ ސަގާފަތު އެންމެ ފުރަތަމަ ދަތުރުކުރީ، ފުރާތުކޯރުގެ އުތުރަށެވެ.

ސުމޭރިއަނުން (Sumerian) ގެ އެންމެ މުހިންމު ރަށަކީ، އިޒިން (ނުވަތަ އައިޒިން) (Isin) އެވެ. މިހާރު ޢިރާޤުގައިވާ އިޒީދީއްޔަ (Ezidi) ދީނަކީ އެރަށުގެ ދީން ކަމަށް، އެ ދީނުގެ މުއައްރިޚުން ބުނެ އެވެ.

މީލާދުގެ ކުރީގެ، 2350 ވަނަ އަހަރު، އަކައިޑިއަނުން (Akkadian) ޢިރާޤުގެ ރަށްތަކަށް ވެރިވި އެވެ. އެމީހުންނަކީ، ނޫޙުގެފާނުގެ ސާމުގެ ދަރިކޮޅުން އައި އާރާމީންގެ ތެރޭން އެންމެ ކުރިން ޢިރާޤުގައި ވަޒަންވެރިވި މީހުންނެވެ. އެމީހުން ޢިރާޤުގައި ވަޒަންވެރިވީ ގާތްގަނޑަކަށް މީލާދުގެ ކުރީގެ 4000 ވަނަ އަހަރާ ހިސާބުގެ ޒަމާނެއްގަ އެވެ. އެމީހުން ޢިރާޤަށް ހިޖުރަކުރީ، ވަކިތަނެއްގައި ވަޒަންވެރިވެގެން ނުތިބޭ ދަތުރުވެރި ގަބީލާތަކެއްގެ ސިފައިގަ އެވެ. އެމީހުން ޢިރާޤުގައި ދިރިއުޅެމުން ގެންދިޔައީ ސުމޭރިއަނުންނާ (Sumerian) އެކުގަ އެވެ.

މީލާދުގެ ކުރީގެ 2350 ވަނަ އަހަރާ ހިސާބުގައި އަކައިޑިއަނުންނަށް (Akkadian) އާރާއިބާރު ލިބުނީ، އެމީހުންގެ ވެރިއަކަށް ހުރި ސަރުޖޫން (Sargon) (سرجون) ގެ ހިންމަތާއިމިންނަތުންނެވެ. ސުމަރ ނުވަތަ ސަމަރ (Sumer) ސަހަރަށް ވެރިވުމަށްފަހު، އެހިސާބުގައިވާ ހުރިހާ ރަށްތަކެއް އޭނާގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އޭނާގެ ދައުލަތުގެ ވެރިރަށެއް ކަމުގައި ހެދީ އަކޭޑް (Akkad) ސަހަރެވެ.

އެއަށްފަހު އޭނާގެ އާރާއި ބާރު އެ ސަރަހައްދުގެ ދުރު ހިސާބުތަކަށް ފޯރުވި އެވެ. އެގޮތުން، ބާބިލާއި، ބައިތު ނަހުރައިން (Beth Nahrain) ގެ އުތުރުގައިވާ ރަށްތަކާއި، އީލާމާއި، ސީރިއާ އާއި، ފަލަސްޠީނާއި، އަނަޓޯލިއާ (Anatolia) އިން ބިންތަކެއް އޭނާގެ ބާރުގެ ދަށަށް ގެނަ އެވެ. އަދި ފާރިސީ ކަނޑުއޮޅި ވެސް އޭނާގެ ވެރިކަން ހިނގާ ސަރަހައްދުގައި ޝާމިލުކުރި އެވެ. އެގޮތުގެމަތިން މުޅި އެ ސަރަޙައްދު އޭނާގެ ވެރިކަމުގެ ދަށަށް ގެންދިޔަ އެވެ. އޭނާ އުފެއްދި ދައުލަތަކީ، ނޫޙުގެ ފާނުގެ ޒަމާނުގައި އައި ޠޫފާނަށްފަހު، ދުނިޔޭގައި ފުރަތަމަ އުފެދުނު އެމްޕަޔަރެވެ.

އެދުވަސްވަރު، އިޤުތިޞާދީ ގޮތުން ޢިރާޤު ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ. އެކަމުގެ ސަބަބަކަށްވީ ވިޔަފާރި ފުޅާވެ، ދަތުރުފަތުރުކުރުމުގެ މަގު އަމާންވެ ތަނަވަސްވުމެވެ. އޭރު ޢިރާޤުގެ މެދުތެރެއާއި މިހާރުގެ ތުރުކީވިލާތުގެ ބިމާ ދެމެދުގައިވަނީ މަގުހަދާފަ އެވެ. އެއީ ތުރުކީވިލާތުގެ ބިމުން ލޮއި ނެގުމަށްޓަކައި ހެދި މަގުތަކެކެވެ. އެޒަމާނުގައި ހިފާގެންގުޅޭ ތަކެއްޗާއި ހަނގުރާމައިގެ އާލާތްތައް ހަދަނީ ލޮއިންނެވެ.... އަކައިޑިއަނުން (Akkadian) ގެ އާރާއިބާރު ގަދަވެ، ނުފޫޒު ފެތުރުމުގެ ސަބަބުން، ސުމޭރިއަނުން (Sumerian) ގެ ބަސް ވަޅުޖަހައި، އަކައިޑިއަނުން (Akkadian) ގެ ބަސް ފެތުރި، އާންމުވި އެވެ.

މީލާދުގެ ކުރީގެ 2218 ވަނަ އަހަރު، ގޮތިން (Gothi) އައިސް، އަކައިޑިއަނުން (Akkadian) ގެ ވެރިކަން ވައްޓާލި އެވެ. (ގޮތިންނަކީ، އިރުމަތީ އުސްބިންތަކުގައި ދިރިއުޅުނު ގަބީލާތަކެކެވެ. އެމީހުންނަކީ އިހުގެ ކުރުދީންނެވެ. ޖޫދިއްޔަ ފަރުބަދައާއި އެނޫން ފަރުބަދަތަކުގައި އެމީހުން ދިރިއުޅުނެވެ.) އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް ސުމޭރިއަނުން (Sumerian) ގެ ވެރިކަން ބައިތު ނަހުރައިން (Beth Nahrain) ގެ ބިމަށް ފެތުރުނެވެ. އެގޮތުން އޫރު (Ur) ސިޓީއަށް ތިންވަނަ ޒަމާނެއް ފެށިގެން ދިޔަ އެވެ.

މީލާދުގެ ކުރީގެ 2000 ވަނަ އަހަރު، އިލަމައިޓުން (Elamites) (عيلام) އައިސް ސުމޭރިއަނުން (Sumerian) ގެ މައްޗަށް ގަދަވެގަތެވެ. އިލަމައިޓުންނަކީ އެއްވެސް ކަމެއް ތަރައްގީކޮށް ކުރިއަރުވަން އުޅުނު ބަޔެއް ނޫނެވެ.

މީލާދުގެ ކުރީގެ 1792 ވަނަ އަހަރު ހަމުރާބީ (Hammurabi) (حمورابي) ގެ ވެރިކަން ފެށުނެވެ. އޭނާއަކީ ކިލްދާނީއެކެވެ. އޭނާ ވެރިކަމަށް އައިއިރު، ބައިތު ނަހުރައިން (Beth Nahrain) ގައިވާ ރަށްތައްވަނީ ކުދިކުދި ދައުލަތްތަކަކަށް ބެހިފަ އެވެ. އެ ދައުލަތްތަކުގެ މެދުގައި ވަނީ އަރާރުމާއި ހަމަނުޖެހުމެވެ. އޭނާ އެރަށްތައް އެއްބައިވަންތަކުރި އެވެ. އަދި ޝާމުކަރައާއި މެދުތެރޭ ކަނޑުގެ ސަރަޙައްދުގައިވާ ބައެއް ރަށްތަކާއި އީލާމް ވެސް އޭނާގެ ބާރުގެ ދަށަށް ގެނަ އެވެ. ހަމުރާބީ (Hammurabi) އަކީ، ހިންގުންތެރި އަސްކަރީ ޝަޚުޞިއްޔަތެކެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ލިޔެވިފައިވާ ޝާމިލު ޤާނޫނެއް އެކުލަވާލީ ހަމުރާބީ (Hammurabi) އެވެ. އޭނާގެ ޤާނޫނު ލިޔެފައިވަނީ ހިލައިން ހަދާފައިވާ މަސައްލާ (Stela) އެއްގަ އެވެ. އެ ޤާނޫނުގައި 282 މާއްދާ ހިމެނެ އެވެ. މުޖުތަމަޢުގެ ހުރިހާ ކަމެއް އިންތިޒާމުކޮށް ހިންގުމަށްޓަކައި ބޭނުންވާ ނުކުތާތައް ވަރަށް ސާފުކޮށް އޭގައި ލިޔެފައިވެ އެވެ. ރައްޔިތުން އަދާކުރަންޖެހޭ ވާޖިބުތަކާއި އެމީހުނަށް ލިބިގެންވާ ޙައްޤުތައް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ.

ހަމުރާބީ ނިޔާވީ، މީލާދުގެ ކުރީގެ 1750 ވަނަ އަހަރު އެވެ. އޭނާއަށްފަހު އޭނާ ބިނާކުރި ދައުލަތުގައި ފަސް ރަސްކަލުން ރަސްކަންކުރި އެވެ. އެންމެ ފަހު ރަސްކަލަކީ، ސަމްސޫ ދިތާނާ (Samsu-Ditana) (سمسو ديتانا) އެވެ. އޭނާގެ ޒަމާނުގައި، އަނަޓޯލިއާ (Anatolia) އިން އައި ހިޓައިޓުން (Hittites) (الحيثيون)، ބާބިލީންގެ ދައުލަތް ވައްޓާލި އެވެ. ބާބިލްގައިވާ ޚަޒާނާތައް ފޭރިގަތުމަށްފަހު، އެމީހުން ދިޔައީ، ޓޯރަސް (Taurus) (طوروس) ފަރުބަދަތަކަށެވެ. އެއާ ވިދިގެން ކަސައިޓުން (Kassites) (الكوشيون) ބާބިލަށް އަތްގަދަކޮށް، ހަތަރު ގަރުނު ފާއިތުވަންދެން ވެރިކަންކުރި އެވެ.

އެއަށްފަހު، ވެރިކަމަށް އެރީ، މިޓާނިއަނުން (Mitannians) (الميتانيون) ނެވެ. އެމީހުންނަކީ ސާމީ ދަރިކޮޅަކުން އައި ބަޔެއް ނޫނެވެ. އެމީހުނަށް، ހޫރިއަނުންނޭ (Hurrians) (حوريون) ކިޔެ އެވެ. އަދި ޙޫރާނީންނޭ (الحوريانيون) ވެސް ކިޔެ އެވެ. އެމީހުން އައީ ކޯކަސަސް (Caucasus) ސަރަޙައްދުންނެވެ. އެތައް ޤަރުނެއް ވަންދެން އެމީހުން ބައިތު ނަހުރައިން (Beth Nahrain) ގައި ވެރިކަންކުރި އެވެ. މީލާދުގެ ކުރީގެ 1700 ވަނަ އަހަރުން ފެށިގެން މިޓާނިއަނުން (Mitannians) ގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އުތުރު ބިންތަކަށާއި އަނަޓޯލިއާ (Anatolia) އަށް ފެތުރުނެވެ.

މީލާދުގެ ކުރީގެ 1225 ވަނަ އަހަރު، އާޝޫރީން (Assyrians) (الآشوريون) ގެ އަތުން މިޓާނިއަނުން (Mitannians) (الميتانيون) ބަލިވެ، ބާބިލުގެ ވެރިކަމަށް އާޝޫރީން އިސްވި އެވެ. މީލާދުގެ ކުރީގެ 1100 ވަނަ އަހަރު، އަސީރިއަނުން ނުވަތަ އާޝޫރީން (Assyrians) (الآشوريون) ފާރިސްކަރައިގެ މައްޗަށް ވެރިވެގަތެވެ. އަދި މެދުތެރޭ ކަނޑުގެ ސަރަހައްދަށް އެމީހުންގެ ނުފޫޒު ފޯރުވި އެވެ.

ބައިތު ނަހުރައިން (Beth Nahrain) ގައި ދިރިއުޅުނު މީހުން އެތައް ބަހަކުން ވާހަކަދެއްކި އެވެ. އެމީހުންގެ މެދުގައި އެއްބަހުން އަނެއް ބަސް ތަރައްގީވެފައިވާ މައިގަނޑު ތިން ބަހެއް ވި އެވެ. އެ ތިން ބަހަކީ، ސުމޭރިއަން (Sumerian) ބަހާއި، އަކައިޑިއަން (Akkadian) ބަހާއި، އާރާމީ (Aramaic) ބަހެވެ. ސުމޭރިއަން ބަސް އޮތީ ކުރު މުއްދަތަކަށެވެ. އަކައިޑިއަން ބަސް، އަކައިޑިއަނުންނާއި ބާބިލީންނާއި އަސީރިއަނުން ބޭނުންކުރި އެވެ. ގާތްގަނޑަކަށް މީލާދުގެ ކުރީގެ 500 ވަނަ އަހަރާ ހަމައަށް އެބަސް ދެމިއޮތެވެ. އެބަހުގެ މައްޗަށް ގަދަވެގަތީ އާރާމީ (Aramaic) ބަހުގެ އިރުމަތީ ގޮފި ކަމަށްވާ ސުރިޔާނީ ބަހެވެ. މީލާދުގެ ކުރީގެ 640 ވަނަ އަހަރާ ހަމައަށް ސުރިޔާނީ (Syriac) ބަސް ދެމިއޮތެވެ. ޢަރަބި ބަސް އުފެދުނީ ސުރިޔާނީ ބަހުންނެވެ. ޢަރަބި ބަސް އުފެދުމަށްފަހު، އެސަރަހައްދަށް ފެތުރުނެވެ. ޢަރަބި ބަހުގެ އަޞްލަކީ އާރާމީ ބަސް ކަމަށް ވީފަދައިން، ޢަރަބި އަކުރުގެ އަޞްލަކީ ވެސް އާރާމީ އަކުރެވެ. ޢަރަބި އަކުރާއި ލެޓިން އަކުރަކީ، އާރާމީ އަކުރުން އުފެދުނު ދެ އަޚުންނެވެ.


ދީން

ޢިރާޤުގެ ރައްޔިތުންގެ 97 އިންސައްތައަކީ މުސްލިމުންނެވެ. މުސްލިމުންގެ ތެރެއިން 60-65 އިންސައްތައަކީ ޝީޢީންނެވެ. 32-37 އިންސައްތައަކީ ސުންނީންނެވެ. 3 އިންސައްތައަކީ، ނަޞާރާއިންނާއި ޞާބިއީންނާއި ޔަޒީދީންނެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، ޢިރާޤުގައި ތިބި ޔަހޫދީންގެ ޢަދަދު 4 އިންސައްތައަށްވުރެ ގިނަ އެވެ. ނަމަވެސް، ޢިރާޤުގެ ރަސްކަމުގެ ފަރާތުން އެމީހުނާ ކުރިމަތިކުރި ފިއްތުންތަކުގެ ސަބުން އެމީހުން އެކިތަންތަނަށް ހިޖުރަކޮށް، އެމީހުންގެ ޢަދަދު، ދިހަ ހާހަށް ތިރިވި އެވެ. އެއަށްފަހު، ޢަބްދުލްކަރީމު ޤާސިމުގެ ޒަމާނުގައި އެމީހުންގެ ޙާލަތު ރަނގަޅުވި އެވެ. ނަމަވެސް ބައަސް ޕާޓީގެ އިންގިލާބަށްފަހު، އަނެއްކާވެސް ސަރުކާރުން އެމީހުނާ ފިއްތުންތައް ކުރިމަތިކޮށް، އެމީހުނަށް އަނިޔާވެރިވާން ފެށި އެވެ. ނަތީޖާއަކަށްވީ، އެންމެ ހަތް ޔަހޫދީން ފިޔަވައި ދެންތިބި ހުރިހާ ޔަހޫދީން ޢިރާޤުން ފައިބައިގެން ދިއުމެވެ.


ދަތުރުފަތުރާއި މުވާސަލާތު

ޢިރާޤުގައި އެއްގަމު މަގުންނާއި ވައިގެ މަގުންނާއި ކޯރުގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރެވެ އެވެ. ޢިރާޤާއި ތުރުކީވިލާތް ވަނީ ރޭލްދަގަނޑުން ގުޅާލެވިފަ އެވެ. އަވަށްޓެރި އެހެން ޤައުމުތަކާއެކު ވެސް އެއްގަމު މަގުން ޢިރާޤުން ދަތުރުކުރެވެ އެވެ.

ޕޯސްޓްގެ ޚިދުމަތާއި މުވާޞަލާތުގެ އެހެނިހެން ޚިދުމަތްތައް ޢިރާޤުގައިވަނީ ވަރަށް ކުރިއްސުރެ ޤާއިމުކުރެވިފަ އެވެ. ނަމަވެސް ކުރެވުނު ހަނގުރާމަތަކުގެ ސަބަބުން ޢިރާޤުގެ މުވާޞަލާތުގެ އިންފްރާ ސްޓްރަކްޗަރ ވަނީ ބަލިކަށިވެފަ އެވެ. އަދި ޞައްދާމު ޙުސައިނުގެ ޒަމާނުގައިވަނި، އިންޓަރނެޓާއި ފޯނު ބޭނުންކުރުން ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ޞައްދާމުގެ ސަރުކާރު ވައްޓާލުމަށްފަހު، މިހާރު ވަނީ އިންޓަރނެޓާއި ފޯނުގެ ޚިދުމަތް އާންމުކޮށް ހުޅުވާލާފަ އެވެ.


އިޤުތިޞާދު

ޢިރާޤުގެ އިޤުތިޞާދު ބިނާވެފައިވީ، ދަނޑުވެރިކަމާއި، އުފެއްދުންތެރިކަމާއި، ތެލުގެ މައްޗަށެވެ. ނަމަވެސް މިހާރުވަނީ، ދަނޑުވެރިކަން ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެއީ، މޫސުމަށް އައި ބަދަލުތަކާއެކު، ޢިރާޤުގެ މެދުތެރެއިންނާއި ދެކުނުން ފެން ލިބުން ދަތިވުމުގެ ސަބަބުންނެވެ.

ޢިރާޤަކީ ތެލުގެ ގޮތުން ނުހަނު މުއްސަނދި ގައުމެކެވެ. މިހާރު ދުނިޔޭގައި ތެލުގެ އެންމެ ބޮޑު ރިޒާވެއް ޚަޒާނާވެފައިވާ ދެވަނަ ޤައުމަކީ ޢިރާޤެވެ.
ފައިސާ

ޢިރާޤުގެ ފައިސާ އަކީ، ދީނާރެވެ.