އަލްބޭނިއާ


އަލްބޭނިއާގެ އިނގިރޭސި ނަމަކީ، (Albania) އެވެ. ޢަރަބި ނަމަކީ، އަލްބާނިޔާ (ألبانيا) އެވެ. އަލްބޭނިއަން ނަމަކީ، Shqipëri/Shqipëria އެވެ. އަލްބޭނިއާގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް އަލްބޭނިއާ (Republic of Albania) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު އަލްބާނިޔާ (جمهورية ألبانيا) އެވެ. އަލްބޭނިއާ ބަހުން Republika e Shqipërisë އެވެ. ކިޔާ ގޮތަކީ، ɾɛpuˈblika ɛ ʃcipəˈɾiːs މިއެވެ.

އަލްބޭނިއާ އަކީ، އިރުމަތީ ޔޫރަޕްގައިވާ ގައުމެކެވެ. އަލްބޭނިއާ އާ އިންވެފައިވާ ގައުމުތަކަކީ، އުތުރު ހުޅަނގުން މޮންޓެނީގްރޯ (Montenegro) އެވެ. އިރު އުތުރުން ކޮސޯވޯ (Kosovo) އެވެ. އިރުމަތިން ރިޕަބބްލިކް އޮފް މެސެޑޯނިއާ (Republic of Macedonia) އެވެ. ދެކުނުނާއި އިރު ދެކުނުން ޔޫނާން (Greece) އެވެ. އަލްބޭނިއާ އަށް ހުޅަނގު ފަރާތުން އެޑްރިއާޓިކް ކަނޑު (Adriatic Sea) އިން އައްސޭރިއެއް ލިބިފައިވެ އެވެ. ހުޅަނގު ދެކުނު ފަރާތުން އަޔޮނިއަން ކަނޑު (Ionian Sea) އިން އައްސޭރިއެއް ލިބިފައިވެ އެވެ.

އަލްބޭނިއާ އަކީ، އދ. އާއި، ނޭޓޯ އާއި، ޔޫރަޕްގެ އަމްނާއި އެއްބައިވަންތަކަމާބެހޭ މުނައްޒަމާ (Organization for Security and Co-operation in Europe) އާއި، ޔޫރަޕް މަޖިލިސް (Council of Europe) އާއި ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (World Trade Organization) ގެ މެމްބަރު ގައުމެކެވެ. އަދި އޯއައިސީ (Organisation of the Islamic Conference) ގެ މެމްބަރެއް ވެސް މެ އެވެ.

އަލްބޭނީއާގެ ގިނަ ބަޔަކު ދިރިއުޅެނީ، ވެރިރަށް ޓިރާނާ ގަ އެވެ. އާބާދީއަކީ، 2986952 އެވެ. ހަލައްކަ އަށްވުރެ ގިނަ ބަޔަކު ވެރިރަށުގައި ދިރިއުޅެ އެވެ. އަލްބޭނިއާގެ ވިޔަފާރީގެ މައި މަރުކަޒަކީ ވެސް ޓިރާނާ އެވެ.


ނަން

އަލްބޭނިއާ (Albania) ގެ އަސްލަކީ، މެޑީވަލް ލެޓިން (Medieval Latin) އެވެ. މެޑީވަލް ޔޫނާން (Medieval Greek) ގައި އަލްބޭނިއާއަށް ކިޔާފައިވަނީ، އަލްބާނިއާ (Ἀλβανία) އެވެ. މިއާއެކު، އަލްބެނިޓިއާ (Albanitia) އާއި އަރބަނިޓިއާ (Arbanitia) ވެސް ކިޔާފައިވެ އެވެ.

އަލްބޭނިއާގެ ނަމަކީ، އެގަމުގެ އިލިރިއަން ގަބީލާގެ ބަހެއް ކަމަށް ވެސް ވެދާނެ އެވެ. އެ ގަބީލާގެ ވާހަކަ، މީލާދީން 150 ވަނަ އަހަރު ބަތުލައިމޫސް (Ptolemy) ކުރެއްސެވި ޗާޓެއްގައި ހިމަނުއްވާފައި ވެ އެވެ.

އެހެން ރައުޔެއް ބުނާ ގޮތުގައި، އަލްބޭނިއާގެ ނަމުގެ އަސްލަކީ، މެޑީވަލް ޒަމާނުގައި ކިޔާފައިވާ ނަމެއް ކަމަށްވާ އަލްބެނަން (Albanon) ނުވަތަ އަރބަނަން (Arbanon) އިން އުފެދިގެން އައިސްފައިވާ ނަމެކެވެ. ނަމަވެސް އޭރު އެނަން ކިޔާފައިވަނީ، މިހާރުގެ އަލްބޭނިއާ އޮތްތަނަށް ކަމެއް ނޭނގެ އެވެ. އަލްބާނުއި (Albanoi) އަށް އެންމެ ފުރަތަމަ އިޝާރަރް ކުރެއްވި މުއައްރިޚަކީ، މައިކަލް އެޓެލިއާޓިސް (Michael Attaliates) އެވެ. އޭނާއަކީ، ބައިޒަންޓީން (Byzantine) މުއައްރިޚެކެވެ. އޭނާ 1079-1080 ގައި އެކުލަވާލެއްވި ތާރީޚު ފޮތުގައި ލިއުއްވާފައިވަނީ، 1043 ވަނަ އަހަރު، ގުސްތަންތީނިއްޔާ އާ ދެކޮޅަށް ނުކުތް ނުކުތުމުގައި އެ ސަހަރު ބައިވެރިވި ކަމަށެވެ. މިޑްލް އޭޖް (Middle Age) ގައި އަލްބޭނިއާ މީހުން، އެމީހުންގެ ގައުމަށް ކިޔާފައިވަނީ، އަރބީރް (Arbër) ނުވަތަ އަރބީން (Arbën) އެވެ. އެމީހުންގެ އަމިއްލަ ނަފުސަށް ކިޔާފައިވަނީ، އަރބީރިޝް (Arbëresh) ނުވަތަ އަރބްނިޝް (Arbnesh) އެވެ.

ސޯޅަވަނަ ގަރުނު ފެށުމާއެކު، އަރްބީރިއާ (Arbëria) ނުވަތަ އަރްބީރީޝް (Arbëresh) މަޑުމަޑުން ބަދަލުވަމުން ދިޔައީ، ޝްގިޕީރިއާ (Shqipëria) އަށާއި، ޝްގިޕްޓެރީ (Shqiptarë) އަށެވެ. މި ދެނަމުގެ މާނައަކީ، ބާޒުގެ ބިމާއި، ބާޒުގެ ދަރީން ކަމަށް މާނަކުރެވެ އެވެ. ނަމަވެސް މި ދެ ނަމުގެ އަސްލު ކަމަށްވާ ޝްގިޕް (shqip) ގެ މާނައަކީ، "އެއްބަޔަކު އަނެއް ބަޔަކަށް އެނގިދެނިވެ ތައާރުފުވެގެން އުޅުމެވެ."

އުސްމާނީ ދައުލަތުގެ ޒަމާނުގައި، އަލްބޭނިއާއަށް ކިޔާފައިވާ ނަމަކީ، އަރުނައޫތުލޫކު (أرناؤوطلوك)، (Arnavutluk) އެވެ. އަލްބޭނިއާ މީހުނަށް ކިޔާފައިވަނީ، އަރުނައޫތީން (Arnauts) އެވެ. މި ނަމުގެ އަސްލަކީ، ޔޫނާނީ ބަހުގެ އަރްވަނިޓް (Arvanite) ކަމަށް ބެލެވެ އެވެ. އެއީ، މެޑިވަލް ޔޫނާން (Medieval Greek) ގައި އަލްބޭނިއާ މީހުނަށް ކިޔާފައިވާ ނަމެވެ.


ތާރީޚު

ސްޓޯން އޭޖުއްސުރެ އަލްބޭނިއާގައި މީހުން ދިރިއުޅެފައިވާ ކަމުގެ އާސާރީ ހެކިތައް ފެންނަން އެބަހުއްޓެވެ. އަލްބޭނިއާގެ ފަހުގެ ތާރީޚު ފެށިފައިވަނީ މީލާދު ހަތަރު ގަރުނު ކުރިއާ ހިސާބުންނެވެ. މީލާދުގެ ކުރީގެ 165 ވަނަ އަހަރުގައި، މިހާރުގެ އަލްބޭނިއާގެ ބިންތައް އޮތީ ރޫމީންގެ ބާރުގެ ދަށުގަ އެވެ. ރޯމަން އެމްޕަޔަރ ދެބައިވެ، އިރުމަތީ ބަޔަކާއި ހުޅަނގު ބަޔެއް އުފެދުމުން، އަލްބޭނިއާ އޮތީ، އެ އެމްޕަޔަރ ގެ އިރުމަތީ ބައިގެ ބަޔެއްގެ ގޮތުގަ އެވެ. މީލާދީން ސާދަވަނަ ގަރުނާ ހަމައަށް އަލްބޭނިއާ އޮތީ ބީޒަންޓީންނާއި ބަލްގޭރީންގެ އަތްދަށުގަ އެވެ.

މީލާދީން 1460 ވަނަ އަހަރު އައިއިރު، ބީޒަންޓީންގެ ގިނަ ބިންތައް ވަނީ، އުސްމާނީ ދައުލަތަށް ލިބިފަ އެވެ. މުސްލިމުން އަލްބޭނިއާ ފަތަޙަކުރީ، އުސްމާނީ ދައުލަތުގެ ސުލްޠާން މުޙައްމަދުލް ފާތިޙުގެ ޒަމާނުގައި، ހިޖުރައިން 885 ވަނަ އަހަރުގަ އެވެ. ނަމަވެސް އޭގެ މާކުރިން އަލްބޭނިއާގެ އަހުލުންގެ ހިތްތަކަށް ވަނީ އިސްލާމީ ހިދާޔަތު ލިބިފަ އެވެ. 1914 މ. ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނުއިރު ވެސް، އަލްބޭނިއާ އޮތީ، އުސްމާނީ ދައުލަތުގެ ބަޔެއްގެ ގޮތުގަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އަލްބޭނިއާ ވަނީ، ބައިނަލްއަގުވާމީ ވަގުންނާއި ލުޓޭރުންގެ އަނިޔާވެރިކަމަށް ހުށަހެޅިފަ އެވެ. ނަމަވެސް އަލްބޭނިއާ މީހުން އެމީހުންގެ ގައުމުގެ އެއްބައިވަންތަކަން ހިފަހައްޓައި، ވެރިރަށް ޓައިރާނާ (Tirana) ބިނާކުރި އެވެ.

1928 މ. ވަނަ އަހަރު، އަހުމަދު ޒޫގޫ ގެ ވެރިކަން ފެށުމާއެކު، ސްކޫލްތަކުގައި އިސްލާމްދީން ކިޔަވާދިނުން ހުއްޓާލެވުނެވެ. އަދި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުން ވެސް މަނާކުރެވުނެވެ. އެއަށްފަހު، އަލްބޭނިއާގައި ދީނީ ތަޢުލީމު ދެމިއޮތީ ބައެއް ޢިލްމުވެރިން އަމިއްލަފުޅަށް ކުރެއްވި މަސައްކަތްޕުޅުތަކުންނެވެ.

1939 މ. ވަނަ އަހަރު، އިޓަލީވިލާތުގެ އިސްތިޢުމާރުގެ ދަށަށް އަލްބޭނިއާ ދިޔަ އެވެ. އެއަށްފަހު، އަލްބޭނިއާގައި ގަދަކަމުން ނަޞާރާދީން ފެތުރުމުގެ ހަރަކާތެއް ފެށުނެވެ. އެއާއެކު ވަރަށް ގިނަ މިސްކިތްތަކާއި މަދުރަސާތައް ތަޅާލެވުނެވެ. އެތައް މުސްލިމު ޢިލްމުވެރިންނެއް ޝަހީދުކޮށްލެވުމެވެ. އެތައް މުސްލިމުންނެއް ޖަލުތަކަށް ލެވުނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމިއްޖައުމަށްދާންދެން އެމީހުން ޖަލުތަކުގައި ތިބެން ޖެހުނެވެ.

1943 މ. ވަނަ އަހަރު އިޓަލީވިލާތް ހަނގުރާމައިގައި ބަލިވުމާވިދިގެން، އަލްބޭނިއާއިން އިޓަލީވިލާތުގެ އިސްތިޢުމާރު ބޭރުވާން މަޖުބޫރުވި އެވެ. އޭގެ ބަދަލުގައި، ޖަރުމަނުވިލާތުގެ އިސްތިޢުމާރު އެ ގައުމަށް ވެރިވި އެވެ. ޖަރުމަނުވިލާތުގެ އިސްތިޢުމާރުން އަލްބޭނިއާ މިނިވަން ކުރެވުނީ، 28 ނޮވެމްބަރ 1944 ގަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި އަލްބޭނިއާ ވަނީ، ސޮވިއެޓް އިއްތިޙާދާ އެކުގަ އެވެ. އެ އިއްތިޙާދުން އަލްބޭނިއާ ވަކިވީ، 1960 ވަނަ އަހަރުގަ އެވެ. އެއަށްފަހު، ޗައިނާއާއެކު ގުޅުން ބަދަހިކުރި އެވެ. ޗައިނާއިން ގިނަގުނަ އެހީތައް، އަލްބޭނިއާ އަށް ލިބުނެވެ. ނަމަވެސް 1978 ވަނަ އަހަރު، ޗައިނާގެ ސިޔާސަތަށް އަލްބޭނިއާ އިން ފާޑުކިޔެވެ. އެކަމާވިދިގެން، ޗައިނާގެ އެހީ ކެނޑުނެވެ.

އަލްބޭނިއާގައި ހަތަރު ދިހަ ވަންދެން ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން ގެންދިޔަ ޑިކްޓޭޓަރ އަންވަރު ޚޫޖާ ނިޔާވީ، 11 އޭޕްރީލް 1978 ގަ އެވެ. މިނިވަންކަމާއެކު ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އަލްބޭނިއާގެ ރައްޔިތުންނަށް ސަރުކާރުން ދިނީ، 1991 ވަނަ އަހަރުގަ އެވެ.

1991 ވަނަ އަހަރު މާޗްމަހުގައި ބޭއްވުނު އިންތިޚާބު ކާމިޔާބުކުރީ އަލްބޭނިއާގައި ކުރިން ވެސް ނުފޫޒު ގަދަ ކޮމިއުނިސްޓުންނެވެ. މިކަމުގެ ސަބަބުން ދާޚިލީ ހަމަނުޖެހުމާއި ގަޑުބަޑު އުފެދުނެވެ. މިކަމުގެ ސަބަބުން ވަގުތީ ސަރުކާރެއް އުފެއްދުނެވެ. ނަމަވެސް 1992 ވަނަ އަހަރު މާޗް މަހުގައި ބޭއްވުނު އިންތިޚާބު ކާމިޔާބުކުރީ ވެސް ކޮމިއުނިސްޓުންނެވެ. ނަމަވެސް 1997 ވަނަ އަހަރު އުފެދުނު އުފެދުނު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި، ސަރުކާރުގެ މުއައްސަސާތަކުގެ ބާރު ކެނޑުނެވެ. އެއަށްފަހު، އަލްބޭނިއާގެ ކަންތައް ހަމަޖެއްސުމަށްޓަކައި، އިޓަލީވިލާތް އިސްކޮށްފައި ޔޫރަޕުގެ އިއްތިޙާދުން އަލްބޭނިއާއަށް އަސްކަރީން ފޮނުވި އެވެ.

2009 ވަނަ އަހަރު، އަލްބޭނިއާ، ނޭޓޯއަށް ވަނެވެ.


ދީން

ހިޖުރައިން ފުރަތަމަ ގަރުނުގައި، މުސްލިމުން އަންދަލުސް ފަތަޙަކުރުމާ ވިދިގެން، އަލްބޭނިއާ އަށް އިސްލާމްދީން ވާޞިލުވި އެވެ. އެގައުމަށް އިސްލާމްދީން ގެންދިޔައީ މުސްލިމުންގެ ވިޔަފާރިވެރިންނާއި ފަތުރުވެރި ދާޢީންނެވެ.

ވަރލްޑް ކްރިސްޓިއަން މައުލޫމާތުގައިދާ (World Christian Database) ބުނާ ގޮތުގައި، އަލްބޭނިއާގެ އާބާދީގެ ގާތްގަނޑަކަށް 64 އިންސައްތައަކީ މުސްލިމުންނެވެ. 29.8 އިންސައްތައަކީ ނަޞާރާއިންނެވެ. 5.3 އިންސައްތައަކީ ލާއަދުރީންނެވެ. 0.7 އިންސައްތައަކީ ވަކި ދީނެއް ގަބޫލުނުކުރާ މީހުންނެވެ. 0.2 އިންސައްތައަކީ ބަހާއީންނެވެ.

އަލްބާނިއާގެ ގިނަ ބަޔަކު ވަކި ދީނަކަށް ނިސްބަތްވެގެން އުޅުނަސް، އެމީހުންނަކީ ދީނީ ކަންތަކަށް ފަރުވާތެރިވާ ބަޔެއް ނޫނެވެ. ޔޫއެސްއޭއިން ނެރެފައިވާ ތަފާސްހިސާބުތައް ބުނާ ގޮތުގައި، އަލްބޭނިއާގެ ގިނަބަޔަކީ ވަކި ދީނަކަށް އުޅޭ ބަޔެއް ނޫނެވެ.

1912 ވަނަ އަހަރު އުސްމާނީ ދައުލަތުން ވަކިވުމަށްފަހު، އަލްބޭނިއާގައި ޖުމްހޫރި ނިޒާމުތަކަށް ގައުމު ހިންގަން ފެށި އެވެ. އެއަށްފަހު، ރަސްކަމުގެ ނިޒާމަށާއި ކޮމިއުނިސްޓް ނިޒާމު އެ ގައުމަށް ތައާރުފުވި އެވެ. މި ދެ ވައްތަރުގެ ވެރިކަމުގައި، ދީނާއި ދައުލަތް ވަކިކުރެވުނެވެ. އެއާއެކު، ރަސްމީ ކަންތަކާއި ސަގާފީ ކަންތައް މުޅިން ދީނާ ވަކިވެގެންދިޔަ އެވެ.

ޖުމްހޫރި ނިޒާމު އޮތް އިރު ވެސް، އަދި ރަސްކަމުގެ ނިޒާމު އޮތް އިރު ވެސް، އަލްބޭނިއާގެ ރަސްމީ ދީނެއް ނެތެވެ. ރަސްކަމުގެ ނިޒާމު އޮތް އިރު، ސަރުކާރުން ހުރިހާ ދީންތަކެއްގެ ދީނީ މީހުން ބަލިކަށިކުރި އެވެ. ވިހިވަނަ ގަރުނުގެ ސާޅީހާއި ފަންސާހުގެ ތެރޭގައި ދީނީ މީހުން މުޅިން ނެއްތައިލެވުނެވެ. އެކަންކުރެވުނީ، އަލްބޭނިއާގެ އިމުގެ ތެރޭގައި، ދީނީ ހިދާޔަތުގެ އަލިކަން މުޅިން ނިއްވާލުމަށްޓަކަ އެވެ. އިސްލާމް ދީނުގެ އަސަރު އަލްބޭނިއާއިން ފިލަމުން ދާވަރަކަށް، ނަޞާރާ ދީން ފެތުރެމުން ދިޔަ އެވެ. އެކަން ހުއްޓުވުމަށްޓަކައި، އަލްބޭނިއާއަކީ، އެއްވެސް ދީނެއް ގަބޫލުނުކުރާ ގައުމެއްކަން ރަސްމީކޮށް އިޢުލާންކުރެވުނެވެ.

ދީނީ ޝިޢާރު ފާޅުކުރުމުގެ މިނިވަންކަން (Religious freedom) އަލްބޭނިއާގެ ރައްޔިތުންނަށް ލިބުނީ، 1992 މ. ވަނަ އަހަރުގަ އެވެ. މިހާރު މުޅި އަލްބޭނިއާގައިވާ މުސްލިމުންގެ ނިސްބަތަކީ، 65 އިންސައްތަ އާއި 70 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. އޯތޮޑޮކްސް ނަޞާރާއިންގެ ނިސްބަތަކީ، 20 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. އެމީހުން ގިނައީ ދެކުނުގަ އެވެ. ކެތޮލިކް ނަޞާރާއިންގެ ނިސްބަތަކީ، 10 އިންސައްތަ އެވެ. އެމީހުން ގިނައީ އުތުރުގަ އެވެ. ދީނަށް ކަމޭހިތައިގެން އުޅޭ މީހުންގެ ނިސްބަތް ސާފުކޮށް އެނގޭކަށް ނެތެވެ. ލަފާކުރެވޭ ގޮތުގައި ދީނަށް އުޅޭ މީހުންގެ ނިސްބަތަކީ 25 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރެކެވެ.

ބޮޑު ހަނގުރާމައިގެ ކުރިއަށްވުރެ، ބޮޑު ހަނގުރާމައިގެ ފަހުން، އަލްބޭނިއާގައި ޔަހޫދީން ގިނަކަން ފާހަގަކުރެވިފައިވެ އެވެ. ހިޓްލަރުގެ ސިފައިންގެ އަތްދަށުވެ މަރުވެފައިވަނީ، އަލްބޭނިއާއިން އެންމެ ޔަހޫދީ އާއިލާއެކެވެ. އަލްބޭނިއާ މީހުން، އެގައުމުގައި ތިބި ޔަހޫދީންނާއި އާއި، އެގައުމަށް ބޭރުން އައި ޔަހޫދީން ހިމާޔަތްކޮށް ފޮރުވި އެވެ. އެކަން ކޮށްފައިވަނީ، އެމީހުންގެ އާއިލާތަކުގެ ތެރޭގައި ޔަހޫދީން ގެންގުޅެ، އެއީ އެ އާއިލާތަކުގެ މީހުން ކަމަށް ދައްކައިގެންނެވެ.

އަލްބޭނިއާގެ ޒުވާނުންނަކީ ދީނަށް ލޯބިކުރާ ބަޔެއް ކަމުގައި މިހާރަކު ނުބުނެވޭނެ އެވެ.


މީޑިއާ

އަލްބޭނިއާގައި ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް ދެވެ އެވެ. އެގައުމުގައި ރޭޑިއޯ ތެލެވިޒަނީ ޝްގިޕްތާރް (Radio Televizioni Shqiptar) އުފެދުނީ، 1938 ވަނަ އަހަރުގަ އެވެ. އިނގިރޭސި ބަހުން ނަމަ (Albanian Radio and Television) އެވެ. އެ މުއައްސަސާގެ ދަށުން ތިން ޓީވީ ސްޓޭޝަނާއި ރޭޑިއޯ ޓައިރާނާގެ ނަމުގައި ތިން ރޭޑިއޯ ސްޓޭޝަނާއި އިތުރު ހަތަރު ރޭޑިއޯ ސްޓޭޝަން ހިނގަ އެވެ. ގައުމީ ރޭޑިއޯ ސްޓޭޝަންތަކަކީ:

1. ރޭޑިއޯ ޓައިރާނާ 1
2. ރޭޑިއޯ ޓައިރާނާ 2
3. ރޭޑިއޯ ޓައިރާނާ 3 އިންޓަރނޭޝަނަލް ސަރވިސް
4. ޓޮޕް އަލްބޭނިއާ ރޭޑިއޯ
5. ޕްލަސް ޓޫ ރޭޑިއޯ

އަލްބޭނިއާގައި މިނޫނަސް ކިތަންމެ އަމިއްލަ ރޭޑިއޯ ސްޓޭޝަންތަކެއް ވެ އެވެ. ގައުމީ ޓީވީ ސްޓޭޝަންތަކަކީ، ޓީވީއެސްއެޗް، (TVSH) ޓީވީއެސްއެޗް 2 (TVSH 2) ޓީވީއެސްއެޗް ސެޓް (TVSH Sat) އެވެ.

އަލްބޭނިއާގައި ރޭޑިއޯއާއި ޓީވީގެ ޚިދުމަތުގައި ގައުމީ ބަހުގެ އިތުރުން އަވަށްޓެރި ގައުމުތަކުގެ ބަސް ވެސް ބޭނުންކުރެ އެވެ. އެއީ އެގައުމުތަކުގެ މީހުނަށް އަމާޒުކޮށްގެން ފޮނުވޭ ޕްރޮގްރާމްތަކުގަ އެވެ. އަލްބޭނިއާގައި މީޑިއާގެ 257 ވަސީލަތާއި 66 ރޭޑިއޯ ސްޓޭޝަނާއި 65 ޓީވީ ސްޓޭޝަން ވެ އެވެ. ގައުމީ ތިން ޓީވީ ސްޓޭޝަން ފިޔަވައި އަނެއް 62 ޓީވީ ސްޓޭޝަނަކީ ލޯކަލް ޓީވީ ސްޓޭޝަންތަކެކެވެ.


ދަތުރުފަތުރާއި މުވާސަލާތު

އެއްގަމު މަގުންނާއި ވައިގެ މަގުންނާއި ކަނޑުމަގުން އަލްބޭނިއާއަށް ދަތުރުފަތުރު ކުރެވެ އެވެ. އަލްބޭނިއާގައިވަނީ، ބައިނަލްއަގުވާމީ އެންމެ އެއަރޕޯޓެކެވެ. އެއީ (Tirana International Airport) އެވެ. 1991 ވަނަ އަހަރުން ފެށިގެން ޓައިރާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޔޫރަޕުން ދަތުރުކުރެ އެވެ. އަލްބޭނިއާގައި އިންތިޒާމުކޮށްގެން ވައިގެ މަގުން ދާޚިލީ ދަތުރުފަތުރެއް ނުކުރެ އެވެ.

އަލްބޭނިއާގައި އެއްގަމު މަގުން ދަރުރުފަތުރު ކުރުމަށް ރޭލްދަގަނޑު ވަނީ އަޅާފަ އެވެ. ދާޚިލީ ދަތުރުތައް އިންތިޒާމުކޮށްގެން ރޭލުގައްޔާއި ހައިވޭތަކުގައި ކުރެވެ އެވެ.

އަލްބޭނިއާގައި ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ވަނީ ގާއިމުކުރެވިފަ އެވެ.


އިޤުތިޞާދު

އަލްބޭނިއާ އަކީ، އިގުތިސާދީ މައިދާނުގައި ކުރިއަރަމުން އަންނަ ގައުމެކެވެ. އަލްބޭނިއާ އަކީ ހަކަތަ (Energy) އެކްސްޕޯޓްކުރާ ގައުމެކެވެ. މި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުން ދަނީ، ނިއުކްލިއަރ ހަކަތައިގެ މަރުކަޒެއް (Nuclear power plant) ބިނާކުރުމަށް ރާވަމުންނެވެ. ނަމަވެސް މި މަޝްރޫޢަށް ބައެއް ފަރާތަކުގެ ފާޑުކިއުންތައް ރައްދުވެފައިވެ އެވެ.


ފައިސާ

އަލްބޭނިއާގެ ފައިސާ އަކީ (Lek) އެވެ. މީގެ ގިނަ ގޮތަކީ (Leke) އެވެ.