ނައިޖީރިއާ
ނައިޖީރިއާގެ އިނގިރޭސި ނަމަކީ، Nigeria އެވެ. ޢަރަބި
ބަހުން ކިޔަނީ، نيجيريا އެވެ. ނައިޖީރިއާގެ ރަސްމީ ނަމަކީ،
އިނގިރޭސި ބަހުން، ފެޑެރަލް ރިޕަބްލިކް އޮފް ނައިޖީރިއާ
(Federal Republic of Nigeria) އެވެ. ޢަރަބި ބަހުން،
ޖުމްހޫރިއްޔަތު ނައިޖީރިއާ އަލްއިއްތިޙާދިއްޔާ (جمهورية
نيجيريا الإتحادية) އެވެ. އެއީ ހުޅަނގު އެފްރިކާ (West
Africa) ގައިވާ ގައުމެކެވެ. އާބާދީގެ ގޮތުން ބަލާއިރު،
އެއީ އެފްރިކާގެ ބައްރުގައިވާ އެންމެ ބޮޑު ގައުމެވެ. އެ
ގައުމުގެ އާބާދީ، 154 މިލައަނަށް އަރަ އެވެ.
ނައިޖީރިއާއާ ބޯޑަރުވެފައިވާ ގައުމުތަކަކީ،
ހުޅަނގުފަރާތުން ރިޕަބްލިކް އޮފް ބެނީން (Republic of
Benin) އެވެ. އިރުމަތި ފަރާތުން ޗާޑް (Chad) އާއި،
ކެމެރޫން (Cameroon) އެވެ. ދެކުނު ފަރާތުން ނައިޖިރު
(Niger) އެވެ. ދެކުނު ފަރާތުން ގީނިއާ ކަނޑުއޮޅި (Gulf of
Guinea) އެވެ. މި ކަނޑުއޮޅި އޮންނަނީ އެޓްލާންޓިކް ކަނޑު
(Atlantic Ocean) އަށެވެ.
ތާރީޚު
ތާރީޚާބެހޭ މަޞްދަރުތައް ބުނާގޮތުގައި، ނައިޖީރިއާގެ
ސަރަޙައްދަށް އިސްލާމްދީން ވާޞިލުވާން ފަށާފައިވަނީ،
މީލާދީން އަށްވަނަ ގަރުނުގެ ތެރޭގަ އެވެ. އެ ސަރަޙައްދަށް
އިސްލާމްދީން ގެންދިޔައީ ޢަރަބި ވިޔަފާރިވެރިންނެވެ.
ނައިޖީރިއާގެ ސަރަޙައްދަށް އިސްލާމްދީން މޫލައި،
މުސްލިމުންގެ އާރާއި ބާރު ގަދަވީ، މީލާދީން ތޭރަވަނަ
ޤަރުނުގަ އެވެ. މިކަމުގެ ސަބަބަކަށްވީ، މުވައްޙިދުންނާއި،
މުރާބިޠުންގެ ނުފޫޒެވެ. މުވައްޙިދުންގެ ދައުލަތާއި،
މުރާބިޠުންގެ ދައުލަތް ޤާއިމުވީ ޢަރަބިކަރައިގެ ހުޅަނގުގަ
އެވެ.
ނައިޖީރިއާގެ ހުޅަނގުގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ
ތެރޭގައި އިސްލާމްދީން ފެތުރި، އެމީހުންގެ އިޖުތިމާޢީ
ދިރިއުޅުމަށާއި، ސަގާފީ ދިރިއުޅުމަށް ބަދަލުތަކެއް އަޔެވެ.
އެކަމުގެ ސަބަބުން އެމީހުންނަކީ އުޅުމާއި، ގުޅުމާއި،
އާދަކާދައިގެ ގޮތުން ވަކި ޚާއްޞަ ޝަޚުޞިއްޔަތެއް
ލިބިގެންވާ މުސްލިމު ބަޔަކަށްވި އެވެ. ކުރިން
އެމީހުންތިބީ، އެފްރިކާގެ ބުދު ދީނުގެ އިޢުތިޤާދުތަކަށް
އީމާންވެގެންނެވެ.
ނައިޖީރީއާގެ ދެކުނުގެ ރަށްތަކަކަށް އޭރަކު އިސްލާމްދީން
ވާޞިލެއް ނުވެ އެވެ. ސަބަބަކީ، ހުޅަނގާއި ދެކުނާ
ދެމެދުގައިވާ ބޯ ޖަންގަލިތަކެވެ. އެ ޖަންގަލިތައް
ހުރަސްކޮށް ދެކުނަށް ދިއުމަކީ ފަސޭހަކަމަށް ނުވި އެވެ.
މީލާދީން ފަނަވަނަ ގަރުނާއި ސޯޅަވަނަ ގަރުނުގައި،
ފުށެތިކާލުންނާއި، އިނގިރޭސީން، ނައިޖީރިއާގެ ދެކުނަށް
ހަމަލަދެމުން ގެންދިޔަ އެވެ. އެއީ އިސްތިޢުމާރު
ފެތުރުމަށްޓަކަ އެވެ.
ނައިޖީރިއާގައި އިސްލާމްދީން ފެތުރުމަށް އެންމެ މުހިންމު
ދައުރެއް އަދާކޮށްފައިވަނީ ޞޫފީންނެވެ. ޞޫފި ޠަރީޤާތަކުގެ
ތެރޭން ޚާއްޞަކޮށް ޤާދިރިއްޔަ ޠަރީޤާ ފާހަގަކޮށްލެވެ އެވެ.
އެއީ ނައިޖީރިއާގައި އެންމެ ދުވަސްވީ ޞޫފި ޠަރީޤާ އެވެ. އެ
ޠަރީޤާ ނައިޖީރިއާއަށް ތަޢާރުފުކުރެއްވީ، އައްޝައިޚު
ޢުޘްމާން ބްނު ފޫދީ އަލްފޫލާނީ އެވެ.
ދީން
ނައިޖީރިއާގެ ރައްޔިތުންގެ 50 އިންސައްތަ އަކީ
މުސްލިމުންނެވެ. 40 އިންސައްތަ އަކީ ނަޞާރާއިންނެވެ.
އެހެނިހެން ދީންތަކާ ތަބާވާ މީހުންގެ ނިސްބަތަކީ، 10
އިންސައްތަ އެވެ.
އެހެނިހެން ދީންތަކުގެ ތެރޭގައި ހިންދޫ ދީނާއި، އެފްރިކާގެ
ބައެއް ބޯދާ ދީންތަކާއި ފަހުން އުފެދިފައިވާ ދީންތައް
ހިމެނެ އެވެ. ފަހުން އުފެދިފައިވާ މީހުން މަދު އެއް
ދީނަކީ، "ކްރިސްލާމް" އެވެ. މިއީ، އިސްލާމް ދީނާއި
ކްރިސްޓިއަން ދީން މައްސުނިކޮށްގެން ހަދާފައިވާ ދީނެކެވެ.
މި ދީނުގެ މީހުން ކީރިތި ޤުރުއާނަށާއި މުޤައްދަސް ބައިބްލް
އަށް އެއްވަރަކަށް އިޙުތިރާމުކުރެ އެވެ. އަދި މުސްލިމުން
ފަދައިން ރޯދަ ހިފުމާއި، ގެފުޅަށް ޠަވާފުކުރުން ވެސް
ޤަބޫލުކުރެ އެވެ. އެމީހުން އަޅުކަންކުރަނީ ހަފުތާއަކު ދެ
ދުވަހު އެވެ. އެއީ، ހުކުރު ދުވަހާއި، އާދީއްތަ ދުވަހެވެ.
ގިންތިތައް
މުޅި ދުނިޔޭގެ އާބާދީގައި ހިމެނޭ ކަޅު މީހުންގެ 20
އިންސައްތައަކީ ނައިޖީރިއާ މީހުންނެވެ. ނައިޖީރިއާގައި
ނަސްލީ ގޮތުން 250 ގިންތި ދިރިއުޅެ އެވެ. އޭން އެންމެ
ނުފޫޒުގަދަ ގިންތިތަކަކީ، އެންމެ ބައިބޯ ގިންތިތަކެވެ.
އެންމެ ބައިބޯ، އަދި ސިޔާސީ މަސްރަޙުގައި އެންމެ
ނުފޫޒުގަދަ ގިންތިތަކަކީ:
1. ހައުސާ އާއި ފުލާނީ (Hausa and Fulani): 29 އިންސައްތަ.
2. ޔޮރޫބާ (Yoruba): 21 އިންސައްތަ.
3. އިގްބޯ (Igbo): 18 އިންސައްތަ.
4. އިޖާވު (Ijaw): 10 އިންސައްތަ.
5. ކެނުރީ (Kanuri): 4 އިންސައްތަ.
6. އިބިބިއޯ (Ibibio): 3.5 އިންސައްތަ.
7. ޓިވް (Tiv): 2.5 އިންސައްތަ.
މައްސަލަތައް
ނައިޖީރިއާއަކީ، އިސްތިޤުރާރުވުމެއް ނެތް ގައުމެކެވެ. އެ
ގައުމުގައި ހަމަނުޖެހުން ވަރަށް ބޮޑެވެ. ވެރިކަން
ބިނާވެފައިވަނީ، ޢަސްކަރީ މަދަނީ ނިޒާމަކަށެވެ. މިކަމުގެ
ސަބަބުން އުފެދޭ ކޯޅުންތައް ވެ އެވެ. ދަރިކޮޅުތަކާއި
ޤަބީލާތައް އެއްގަލަކަށް ނާރަ އެވެ. ގައުމުގެ އެއްބައި
އަނެއްބަޔާ ވަކިވެގެންފި ކަން ތަކުރާރުކޮށް އިޢުލާންކުރެ
އެވެ. ނުވަތަ ވަކިވެގަތުމުގެ އިންޒާރު ދެ އެވެ. ސިޔާސީ
ގޮތުން ވަކި ދަރިކޮޅެއްގެ ބަޔަކު ހިތްހަމަނުޖެހޭ ކަމެއް
ކުރިމަތިވާއިރަށް މިފަދަ ވާހަކަތައް ދައްކައި މައްސަލަތައް
އުފެދެ އެވެ.
ނައިޖީރިއާ އާ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު
މައްސަލައަކީ، ދީނީ ކޯޅުމެވެ. އިސްލާމް ދީނާއި މުސްލިމުން
ބަދުނާމުކުރުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ފިކުރީ
ހަނގުރާމަކުރެވެ އެވެ. އެކަން އެންމެ ގަދަޔަށް ހިނގަނީ
މީޑިއާގަ އެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ފަރާތްތަކުން
ނެރޭ ރިޕޯޓުތައް ކަންބޮޑުކޮށްގެން ފެތުރުމާއި،
ނައިޖީރިއާއަކީ މުސްތަގުބަލުގައި އިސްލާމީ އުޞޫލުތައް
ފަތުރާނޭ މައިމަރުކަޒު ކަމަށް އަޑުއުފުލެ އެވެ. މިކަންކަން
މިހެން ކުރެވެނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ.
ނައިޖީރިއާގެ އުތުރުގެ ވިލާޔަތްތަކުގައި ބޮޑު
އަޣުލަބިއްޔަތެއް ލިބިފައިވަނީ މުސްލިމުންނަށެވެ.
ޙައްދުތަކަށް އަރައިގަންނަ މީހުންގެ މައްޗަށް އެމީހުން
ޙައްދު ޤާއިމުކުރަން ބޭނުންވެ އެވެ. ޒިނޭކުރާ މީހުން
ރަޖަމުކޮށް، ވައްކަންކުރާ މީހުން އަތްކަނޑައި، ބަނގުރާ
މަނާކޮށް، އިސްލާމީ ޙުކުމު ތަންފީޒުކުރުމަށް އެމީހުން ވަނީ
އިޢުލާންކޮށްފަ އެވެ. މިކަމުގެ ސަބަބުން، އިންސާނީ
ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން އެމީހުން ކުށްވެރިކުރެ
އެވެ.
އިޤުތިޞާދު
ވޯލްޑްބޭންކުން ބުނާ ގޮތުގައި، ނައިޖީރިއާ ވަނީ، މިޑްލް
އިންކަމް ސްޓޭޓަސް (middle income status) އަށް ވާޞިލުވެފަ
އެވެ. ނައިޖީރިއާގެ އިޤުތިޞާދު ތަޞްނީފުކުރެވިފައިވަނީ،
މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ
އެއް އިޤުތިޞާދު ކަމަށެވެ.