ބުރޫނާއީ ދާރުއްސަލާމް
ބުރޫނާއީ ގެ އިނގިރޭސި ނަމަކީ، Brunei އެވެ. މެލޭބަހުން
ކިޔަނީ، ނެގާރާ ބުރޫނާއީ ދާރުއްސަލާމް (Negara Brunei
Darussalam) އެވެ. ޖާވީ ބަހުން ކިޔަނީ، ބުރޫނީ
ދާރުއްސަލާމް (Brunei Darussalam) އެވެ. ބުރޫނާއީ ގެ
ރަސްމީ ނަމަކީ، ސްޓޭޓް އޮފް ބުރޫނާއީ ދާރުއްސަލާމް (State
of Brunei Darussalam) އެވެ. ބުރޫނާއީ އަށް އުންމަތު
ބުރޫނާއީ (Nation of Brunei) ކިޔެ އެވެ. އަދި ސުލްހައިގެ
ބިން (Abode of Peace) ވެސް ކިޔެ އެވެ.
ބުރޫނާއީ އޮންނަނީ، ބޯރނިއޯ ޖަޒީރާގެ އުތުރު އައްސޭރީގަ
އެވެ. އެއީ އިރު ދެކުނު އޭޝިއާގެ ޤައުމެކެވެ. ބުރޫނާއީ
އެކުލެވިގެންވަނީ ވަކިވަކިން އޮންނަ ދެ އޭރިއާއެއްގެ
މައްޗަށެވެ. އެދެ ބައި ވަކިކުރަނީ މެލޭޝިއާގެ ސުރާވިގު
ޕްރޮވިންސެވެ. ކަނޑުގެ އައްސޭރި ފިޔަވައި ބުރޫނާއިގެ
ހުރިހާ ފަރާތަކުން އޮންނަނީ އެ ޕްރޮވިންސް އެވެ. ބުރޫނާއީ
އަށް ލިބިފައިވާ ކަނޑުގެ އައްސޭރި އޮންނަނީ ޗައިނާގެ
ދެކުނު ކަނޑަށެވެ. ބޯރނިއޯ ޖަޒީރާގައިވާ ހަމައެކަނި
މުސްތަޤިއްލު ޤައުމަކީ، ބުރޫނާއީ އެވެ. އެޖަޒީރާގެ
ބޮޑުބައިން އެއްބައިވަނީ، އިންޑޮނީޝިއާއަށެވެ.
އަނެއްބައިވަނީ، މެލޭޝިއާ އަށެވެ.
ބުރޫނާއީ ވުޖޫދަށް އައިސްފައިވަނީ، މީލާދީން ސަތާރަވަނަ
ޤަރުނުގެ ތެރޭގަ އެވެ. އޭރު އެއީ ސިރިވިޖާޔަން އެމްޕަޔަރ (Srivijayan
empire) ގެ ސްޓޭޓެކެވެ. އޭރު އެ ސްޓޭޓަށް ކިޔަނީ ޕޯނީ (Po-ni)
އެވެ. އެއަށްފަހު އެއީ މެޖަޕާހިތު އެމްޕަޔަރ (Majapahit
empire) އާ ތަބާވެގެން އޮންނަ ސްޓޭޓެއް ކަމުގައިވި އެވެ.
އެ ސްޓޭޓްގެ އަހުލުވެރިން އިސްލާމްދީނަށް ވަނީ، މީލާދީން
ފަނަވަނަ ޤަރުނުގަ އެވެ. އެ އެމްޕަޔަރގެ ނުފޫޒު ބޯރނިއޯ
ޖަޒީރާގެ އުތުރު އައްސޭރީގައިވާ ރަށްތަކަށް ފެތުރިފައިވި
އެވެ. މީލާދީން 1512 ވަނަ އަހަރު، ފުށެތިކާލު މާލިމީ،
ފަރޑިނަންޑް މެގެލަން ކަނޑުގެ އައްސޭރީގައި އޮންނަ އެ
ސްޓޭޓަށް ޒިޔާރަތްކޮށްފައިވެ އެވެ. ހުޅަނގުގެ އިސްތިޢުމާރު
އެ ސަރަޙައްދުގައި ފެތުރެން ފެށުމުން، އެ އެމްޕަޔަރގެ
އާރާއި ބާރު ދަށްވަމުން ދިޔަ އެވެ. ހުޅަނގުގެ އިސްތިޢުމާރީ
ބާރުތަކާއެކު ކުރެވުނު ހަނގުރާމަތަކުގައި އެ އެމްޕަޔަރގެ
ބާރުތައް ފަހަތަށް ޖެހުމުގެ ސަބަބުން ޕޯނީ އިސްތިޢުމާރުގެ
ދަށަށް ދިޔަ އެވެ.
އެންމެފަހުން، 1888 ވަނަ އަހަރު، ބުރޫނާއީ އަކީ،
އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށުގައި އޮންނަ ޤައުމެއް
ކަމަށްވި އެވެ. އެއަށްފަހު، 1906 ވަނަ އަހަރު
އިނގިރޭސިވިލާތުގެ ޙާކިމަކު އެ ގައުމުގައި ގާއިމުވެ
ހުންނަން ފެށި އެވެ. ޖަޕާނުގެ އަސްކަރިއްޔާއިން
ބުރޫނާއީއަށް އަތްގަދަކޮށްގެން އުޅުން ނިމުމަކަށް
އައުމާއެކު، އާ ދުސްތޫރެއް ބުރޫނާއީ އިން އިޢުލާންކުރި
އެވެ. އަދި ހަތިޔާރު އަޅައިގެން ނުކުމެ އިނގިރޭސި
އިސްތިޢުމާރާ ދެކޮޅުވެރިވުމަށްފަހު، މިނިވަންކަން ލިބުނީ،
1984 މ. ގަ އެވެ. ބުރޫނާއީގެ އިޤުތިޞާދީ ކުރިއެރުންވަނީ،
ހަތްދިހައިގެ އަހަރުތަކާއި، ނުވަދިހައިގެ އަހަރުތަކުގައި
56 އިންސައްތައަށް އިތުރުވެފަ އެވެ. އެކަމުގެ ސަބަބުން
މިހާރު ބުރޫނާއީ އަކީ، ޒަމާނީ ޞިނާޢަތުގައި މައިދާނުގައި
ފައިތިލަ ސާބިތުކޮށްފައިވާ ގައުމެއް ކަމަށް ވަނީ ވެފަ
އެވެ.
ބުރޫނާއީ އަކީ، އިރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭން،
ސިންގަޕޫރަށްފަހު ހިއުމަން ޑިވެލޮޕްމަންޓްގެ ގޮތުން
ދެވަނައަށް އެންމެ ކުރިއަރާފައިވާ ގައުމެވެ. ބުރޫނާއީ
ތަޞްނީފުކުރެވިފައިވަނީ، ތަރައްޤީވެފައިވާ ގައުމެއްގެ
ގޮތުގަ އެވެ. އައިއެމްއެފް (International Monetary Fund)
އިން ބުނާ ގޮތުގައި، ބުރޫނާއީ އަކީ ގައުމީ އުފެއްދުން
(GDP) އާބާދީގެ ބޮލަކަށް ޖެހޭވަރަށް ބަލާއިރު ދުނިޔޭގެ 4
ވަނަ އަށް އެންމެ ކުރިއަރާފައިވާ ޤައުމެވެ.
ނަންކިއުނު ގޮތް
ބުރޫނާއީ އަށް ބަރޫނާއި (Barunai) ގެ ނަން ދެވުނީ މީލާދީން
14 ވަނަ ޤަރުނުގަ އެވެ. މިނަމުގެ އަސްލަކީ، ސާންސްކިރިތު
ބަހުގެ varunai (वरुण) ކަމަށް ވެދާނެ އެވެ. މި ލަފުޒުގެ
މާނައަކީ، "ކަނޑު އަސްވާރު" ނުވަތަ "ދަތުރުވެރިން" އެވެ.
އެއަށްފަހު ބަރޫނާއި، ބުރޫނާއީ އަށް ބަދަލުވީ އެވެ.
ބޯރނިއޯ ގެ ނަން ވެސް އައިސްފައިވަނީ ހަމަ މި
އަސްލުންނެވެ. މެލޭބަހުން ކިޔާ، ނެގާރާ ބުރޫނާއީ
ދާރުއްސަލާމް (Negara Brunei Darussalam) ގެ ނެގާރާގެ
އަސްލަކީ، ސާންސްކިރިތު ބަހުގެ Nagara (नगर) އެވެ. މި
ލަފުޒުގެ މާނައަކީ ގައުމެވެ. ނުވަތަ ސަހަރެވެ.
ދާރުއްސަލާމަކީ ޢަރަބި ނަމެކެވެ. ދާރުގެ މާނައަކީ ގެ އެވެ.
ނުވަތަ ވަޒަނެވެ. ސަލާމުގެ މާނައަކީ ސުލްހައާއި
ރައްކާތެރިކަމެވެ. ދާރުއްސަލާމުގެ މާނައަކީ، ސުލްހައިގެ
ބިމެވެ. ނުވަތަ އަމާން ސަހަރެވެ.
ސިޔާސަތާއި ސަރުކާރު
ބުރޫނާއީގެ 1959 ވަނަ އަހަރުގެ ދުސްތޫރުގައިވާ ގޮތުގެ
މަތިން، ޞާޙިބު ޕެޑޫކާ ސިރީ ބެގިންޑާ އައްސުލްޠާނުލްޙާއްޖު
ޙަސަނުލްބުލްޤިޔާ މުޢިއްޒުއްދީން ވަޢުދު ﷲ އަކީ ދައުލަތުގެ
އެންމެ އިސްވެރިޔާ އެވެ. އޭނާގެ މިނަންފުޅު އިނގިރޭސި
ބަހުން ލިޔާ ގޮތަކީ:
His Majesty Paduka Seri Baginda Sultan Haji Hassanal
Bolkiah Mu'izzaddin Waddaulah
މިއެވެ.
ތަންފީޒީ ހުރިހާ ބާރެއް އޮންނާނީ އޭނާގެ ބެއްލެވުމުގެ
ދަށުގަ އެވެ. 1962 ވަނަ އަހަރުން ފެށިގެން ކުއްލި
ޙާލަތާބެހޭ ހުރިހާ ބާރެއް ވެސް ވަނީ އޭނާގެ ބެއްލެވުމުގެ
ދަށަށް ގެނެވިފަ އެވެ. "މަލާޔޫ އިސްލާމް ބަރާޖާ" (Melayu
Islam Beraja) ނުވަތަ އިސްލާމީ މެލޭގެ މިލްކިއްޔަތު އެވެ
ކިއުނު ބުރޫނާއީގެ ގައުމީ އައިޑިއޮލޮޖީގައިވަނީ،
ރަސްގެފާނަށް ވަރަށް މަތިވެރި މަޤާމެއް ދެވިފަ އެވެ.
ލަފާކުރެވޭ ގޮތުގައި މިހާރު ބުރޫނާއީ ހިނގަމުންދަނީ 1962
ވަނަ އަހަރުގެ އިންގިލާބަށްފަހު، އާދަކާދައާއި ޢުރުފުގެ
ހަމަތަކުގެ މަތިންނެވެ.
ޚާރިޖީ ގުޅުން
ބުރޫނާއީ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮންނަނީ ވަރަށް
ބަދަހި ގުޅުމެކެވެ. ބުރޫނާއީ އަކީ ކޮމަންވެލްތުގެ 49 ވަނަ
މެމްބަރު ގައުމެވެ. 1 ޖެނުއަރީ 1984 މ. ގައި މިނިވަންކަން
ލިބުމާއެކު، ބުރޫނާއީ ވަނީ ކޮމަންވެލްތުގައި ބައިވެރިވެފަ
އެވެ. 7 ޖެނުއަރީ 1984 ގައި ވަނީ، އާސިއާން (Association
of Southeast Asian Nations) އަށް ވެސް ވަދެފަ އެވެ. އެއީ،
އެ މުނައްޒަމާގެ 6 ވަނަ މެމްބަރު ގައުމެވެ. އެއަށްފަހު، އދ
(United Nations) ގެ 39 ވަނަ ޖެނެރަލް އެސެމްބްލީގައިވަނީ،
އދ. ގެ މެމްބަރަކަށް ވެސް ވެފަ އެވެ. ބުރޫނާއީ އަށް އދ ގެ
ފުރިހަމަ މެމްބަރުކަން ލިބުނީ 21 ސެޕްޓެމްބަރ 1984 ގަ
އެވެ. ބުރޫނާއީ އަކީ އިސްލާމީ ޤައުމެއް ކަމަށްވާތީ،
އޯއައިސީ (Organisation of the Islamic Conference)
ހަތަރުވަނަ އިސްލާމިކް މަހާސިންތާގައި ވަނީ، އެ
އޯގަނައިޒޭޝަންގެ މެމްބަރަކަށް ވެސް ވެފަ އެވެ. އެ
މަހާސިންތާ ބޭއްވުނީ، ޖެނުއަރީ 1984 ގައި މޮރޮކޯގަ އެވެ.
ބައިނަލްއަގުވާމީ މުޖުތަމަޢުގައި ބުރޫނާއީ ފައިތިލަ
ސާބިތުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އެއީ ފުރިހަމަ
މުސްތަޤިއްލު ޤައުމެއްކަން ސާބިތުކޮށްދިނުމެވެ. އަދި
އެކަން ބައިނަލްއަގުވާމީ މުޖުތަމަޢުން ގަބޫލުކުރުމެވެ.
ބުރޫނާއީ ވަނީ ދުނިޔޭގެ ޙައްސާސީ މުހިންމު ވަރަށް ގިނަ
އޯގަނައިޒޭޝަންތަކުގައި ބައިވެރިވެފަ އެވެ. އޭގެތެރޭގައި
ޑަބްލިއުޓީއޯ (World Trade Organization) އާއި، އީސްޓް
އޭޝިއަން ގްރޯތު އޭރިއާ (BIMP-EAGA) ހިމެނެ އެވެ. އޭޝިއާގެ
އިރުމަތީ ބިތުގެ ވިޔަފާރިއާއި އިޤުތިޞާދީ މައިދާނުގައި
ބުރޫނާއީއަކީ ކުރީ ސަފުގައިވާ އިސް ކުޅުންތެރިއެކެވެ.
ފިލިޕީންސާ އެކު ބުރޫނާއީ ވަނީ ދަނޑުވެރިކަމާއި ވިޔަފާރީގެ
އެމްއޯޔޫއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްފަ އެވެ.
ސިންގަޕޫރާ އެކު ވެސް ވަނީ އެފަދަ ގުޅުންތައް ބަދަހިކޮށްފަ
އެވެ. އަދި އިނގިރޭސިވިލާތާއެކު ގުޅުން
ބަދަހިކުރިފަދައިން، ޔޫއެސްއޭ އާ އެކުގައި ވެސް
ބުރޫނާއީވަނީ ބަދަހި ގުޅުމެއް ޤާއިމުކޮށްފަ އެވެ.
އިދާރީ ދާއިރާތައް
ބުރޫނާއީ ވަނީ އިދާރީ ގޮތުން ހަތަރު ޑިސްޓްރިކްޓަކަށް
ބަހާލެވިފަ އެވެ. އެއީ، (Belait) އާއި (Brunei and Muara)
އާއި (Temburong) އާއި (Tutong) އެވެ. މިއިން ކޮންމެ
ބަޔެއްވަނީ، ކުދިކުދި އިތުރު 38 ބަޔަށް ބަހާލެވިފަ އެވެ.
ރީޖަނަލް މައްސަލަތައް
އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ ބައެއް ބިންތައް
ހޯދުމަށް ބުރޫނާއީން މަސައްކަތްކުރެ އެވެ. އެގޮތުން (Limbang)
ގެ މިލްކުވެރިކަމާމެދު ބުރޫނާއީ ދައުވާ ކުރެ އެވެ. 1890
ވަނަ އަހަރުއްސުރެ އެތަން އޮންނަނީ (Sarawak) ގެ ދަށުގަ
އެވެ. ކަނޑުގައިވާ ބައެއް ޖަޒީރާތަކުގެ މިލްކުވެރިކަމާމެދު
ވެސް ބުރޫނާއީ ދައުވާކުރެ އެވެ. މިކަމުގެ ސަބަބުން
މެލޭޝިއާ އާއި ބުރޫނާއީ އާ ދެމެދުގައި ސިޔާސީ ކޯޅުންތައް
އުފެދިފައިވެ އެވެ.
މީޑިއާ އާއި ނޫސްވެރިކަން
ބުރޫނާއީގެ މީޑިއާއަކީ ސަރުކާރު އެއްޗެކެވެ. އެހެންކަމުން،
މީޑިއާ ވަނީ، ރަސްގެފާނުގެ އާއިލީ ބޭފުޅުންގެ ބެއްލެވުމުގެ
ދަށުގަ އެވެ.
ބުރޫނާއީގެ ނޫސްވެރިކަމުގައި ސަރުކާރަށާއި ރަސްކަމުގެ
ނިޒާމަށް ފާޑުކިއުމަކީ ނާދިރު ކަމެކެވެ. ނޫސްވެރިކަން ވަނީ
ވަކި އިމެއްގެ ތެރޭގައި ބަންދުކޮށްފައެއް ނޫނެވެ. ނަމަވެސް
ނޫސްވެރިން މަސައްކަތްކުރަނީ ކުރިޔަށްދަނީ ސަރުކާރާ
ޖައްސާލައިގެން އުޅޭ ބަޔެއްގެ ގޮތުގައެއް ނޫނެވެ.
ބުރޫނާއީގައި ނެރޭ އެންމެ މަޝްހޫރު ނޫހަކީ، (Borneo
Bulletin) އެވެ. މި ނޫސް ފުރަތަމަ ނެރެވުނީ ހަފުތާ
ނޫހެއްގެ ގޮތުގަ އެވެ. މިނޫސް ދުވަހު ނޫހަކަށް ބަދަލުވީ
1990 ވަނަ އަހަރު އެވެ. މިއީ، ބުރޫނާއީގެ ރައްޔިތުންނަށް
ގައުމުގެ ދާޚިލީ މަޢުލޫމާތާއި ޚާރިޖީ މަޢުލޫމާތު
ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. މިނޫހުގެ އިތުރުން ވެސް
އިނގިރޭސި ބަހުން ނުކުންނަ ދުވަހު ނޫސްތައް ވެ އެވެ.
ޓީވީ ޗެނަލްތައް
ބުރޫނާއީގައިވާ ޓީވީ ޗެނަލްތަކުގެ ޢަދަދަކީ ހަޔެކެވެ. އެ
ޗެނަލްތައް ހިންގަނީ ސަރުކާރުންނެވެ.
ގައުމުގެ އަކަމިން
ބުރޫނާއީ އެކުލެވިގެންވަނީ ވަކިވަކިން އޮންނަ ދެ ބިމެއްގެ
މައްޗަށެވެ. އެ ދެ ބިމުގެ ޖުމުލަ އޭރިއާ އަކީ، 5766 އަކަ
ކިލޯމީޓަރެވެ. (ނުވަތަ 2225 އަކަ މޭލެވެ.)
އާބާދީ
2010 ވަނަ އަހަރު ޖުލައިމަހުގެ ބޯހިމެނުމުން ދައްކާ
ގޮތުގައި، ބުރޫނާއީގެ ޕޮޕިއުލޭޝަނަކީ، 408000 އެވެ.
ވެރިރަށް (Bandar Seri Begawan) ގެ އާބާދީއަކީ، 150000
އެވެ.