ޚަލީފާގެ ޙިކުމަތްތެރިކަން


ޚަލީފާ ޢުމަރު ބްނު ޢަބްދުލްޢަޒީޒަކީ، އޯގާވެރިކަމާއި ޙިކުމަތްތެރިކަމަށް މަޝްހޫރު ބޭކަލެކެވެ. އެއްދުވަހަކު، އެކަލޭގެފާނުގެ ދަރިކަލަކު އެކަލޭގެފާނުގެ އަރިހުގައި ދެންނެވި އެވެ.

"ބައްޕާފުޅާ އެވެ! މީސްތަކުން ކުރާ ބައެއް ނޭދެވޭ ކަންތައްތަކާމެދު، ބައްޕާފުޅު އަޅާނުލައްވަނީ ކީއްވެތޯ އެވެ؟ ހުވާކުރައްވާފައި ދަންނަވަމެވެ. ބައްޕާފުޅުގެ މަޤާމުގައި ތިމަންދަރިކަލުން ހުންނެވިނަމަ، ޙައްޤަށް ނިޔާކުރެއްވުމުގައި އެއްވެސް މީހަކު ދެކެ ވެސް ޖެހިލުންވެވަޑައެއް ނުގަންނަވާނަމެވެ."

ޙިކުމަތްތެރި ޚަލީފާ ވިދާޅުވި އެވެ. "ދަރިކަލުންނޭވެ! ކަންކަމުގައި މާބޮޑަށް އަވަސްވެނުލައްވާށެވެ! މާތް ﷲ ކީރިތި ޤުރުއާނުގައި، ދެފަހަރު ބަނގުރާއާ މެދު ރުހިވޮޑިނުގަންނަވާ ކަން އެންގެވި އެވެ. ބަނގުރާ ޙަރާމްކުރެއްވީ، އެއަށްފަހު، ތިންވަނަ ފަހަރު އެވެ. އެއްފަހަރާ ހުރިހާ ކަމެއް ރަނގަޅުކުރަން މީސްތަކުންނަށް އެންގެވުމަށް، ބައްޕާފުޅު ބިރުވެތިވެވަޑައިގަންނަވަމެވެ. އެގޮތަށް އަމުރުކުރައްވައިފިނަމަ، އެމީހުން އެއަމުރާ ކަނޑައެޅިގެން ދެކޮޅުހަދާފާނެތީ އެވެ. އޭރުން، އެކަންތައް ވާނީ، މާބޮޑު ފިތުނައެއް ކަމަށެވެ."

ބައްޕާފުޅުގެ ދޫފުޅުން މި ޖަވާބު ލިބިވަޑައިގަތުމުން، ދަރިކަލުންގެ ހިތްޕުޅު ހަމަޖެހުނެވެ. ބައްޕާފުޅުގެ ޙިކުމަތުޢަމަލީއާ މެދު ރުހިވަޑައިގަތެވެ. އަދި ބައްޕާފުޅު މީސްތަކުންނަށް ދޫދެއްވަނީ، ކެރިވަޑައިނުގަންނަވާތީ ނޫންކަމާއި، ދީނުގެ ކަންތައްތައް ފަހުމުވެވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމުން ކަން ވެސް ޤަބޫލުފުޅުކުރެއްވި އެވެ.


މަޞްދަރު: http://www.alzaker.com