ޚަލީފާ ޢަބްދުލްމަޖީދު، ބަޤީޢުގައި ފަސްދާނުލުން


އިސްލާމީ ޚިލާފަތުގެ އެންމެ ފަހުގެ ޚަލީފާއަކީ، އައްސުލްޠާން ޢަބްދުލްމަޖީދު ޚާން އައްޘާނީ (السلطان عبدالمجيد خان الثاني) އެވެ. އިސްލާމީ ޚިލާފަތު ވެއްޓުމުން އޭނާ އަރުވާލެވުނީ، ފަރަންސޭސިވިލާތުގެ ނީސް (Nice) އަށެވެ. އެކަން އެހެން މެދުވެރިވީ، އޭރުގެ މިޞްރު ރަސްގެފާނު ކަމުގައިވާ، ކިންގ ފުއާދު (الملك فؤاد) ޢުޘްމާނީ ދަރިކޮޅުގެ އެއްވެސް މީހަކަށް މިޞްރުން އިސްތިޤުބާލުކުރުމަށް ދެކޮޅުހެއްދެވުމުންނެވެ. އޭރު މިޞްރުގެ ސިޔާސަތަކީ، އެ ދަރިކޮޅުގެ ފިރިހެނަކަށް ނުވަތަ އަންހެނަކަށް ނުވަތަ ކުޑަކުއްޖަކަށް ވިޔަސް މިޞްރަށް ވަނުމުގެ ފުރުޞަތު ނުދިނުމެވެ. އެހެންކަމުން، އައްސުލްޠާން ޢަބްދުލްމަޖީދުއްޘާނީ އަށް ޖެހިވަޑައިގަތީ، ފަރަންސޭސިވިލާތުގެ ނީސް ގައި ދިރިއުޅުއްވުމަށެވެ. 1939 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ޤާއިމުވެވަޑައިގެން ހުންނެވީ އެ ރަށުގަ އެވެ.

އިސްލާމީ ޚިލާފަތު އުވާލެވުނީ، 27 ރަޖަބް 1342 ގައި (މީލާދީ ސަނަތުން 1924 ވަނަ އަހަރުގަ) އެވެ. އިސްލާމީ ޚިލާފަތު އުވާލީ، ހުޅަނގުގެ ޖާސޫސެއް ކަމަށް ބެލެވޭ، މުޞްޠަފާ ކަމާލެވެ. ޢަބްދުލްމަޖީދުއްޘާނީ، މުސްލިމުންގެ ޚަލީފާގެ މަޤާމުގައި ހުންނެވީ، 1922 އިން 1924 އަށެވެ. އިސްލާމީ ޚިލާފަތު އުވާލެވުނު ދުވަހު، އައްސުލްޠާން ޢަބްދުލްމަޖީދުއްޘާނީ، ތުރުކީވިލާތުން ބޭރުކޮށްލެވުނެވެ. އެމަނިކުފާނު އަވަހާރަވީ، ފަރަންސޭސިވިލާތުގެ ޕެރިހުގައި، 23 އޮގަސްޓް 1944 ގަ އެވެ.

އެމަނިކުފާނު ވަޞިއްޔަތްޕުޅުކުރައްވާފައިވަނީ، އިސްތަންބޫލުގެ "ތުރުބާ" (تربة) އެވެ، ކިޔާ ޤަބުރުސްތާނުގައި ފަސްދާނުލުމަށެވެ. އެ ޤަބުރުސްތާނުގައި، އެމަނިކުފާނުގެ ކާފާފުޅު މަރްޙޫމް ޚަލީފާ މަޙްމޫދުއްޘާނީއާއި، ބައްޕާފުޅު މަރްޙޫމް ޚަލީފާ ޢަބްދުލްޢަޒީޒާއި، ބޮޑުބޭބޭފުޅުގެ ދަރިކަލުން މަރްޙޫމް ޚަލީފާ ޢަބްދުލްޙަމީދުއްޘާނީ، ފަސްދާނުލެވިފައިވާ މަޤްބަރާތަކުގެ ކައިރީގައި ފަސްދާނުލުމަށެވެ. އެހެނަސް އެމަނިކުފާނު އަވަހާރަވުމުން ވެސް، ތުރުކީވިލާތުގެ ބިމަށް ނޭރުވުމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައެޅި އެވެ. އޭގެ ދިހަ ވަރަކަށް އަހަރު ފަހުން، އެމަނިކުފާނުގެ ސަންދޯއްޕުޅު އެ ޤައުމުގެ ބިމަށް އެރުވުމާމެދު، ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރެވުނެވެ. އެންމެ މެންބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރން އެކަމަށް އެއްބަސްވެ އިއްތިފާޤުވި އެވެ. އިދިކޮޅު ހެދި މެމްބަރު " قيرشهر" އަކީ، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެކެވެ. (އޭރުވެސް އެ ޑިމޮކްރެޓިކް ޕާޓީގައި އޮތް ޑިމޮކްރެސީ އަކީ، ދިމާކުރުމާއި ޖެއްސުންކުރުން ފިޔަވައި އެހެން ކަމެއް ނޫނެވެ!)

މިކަން މިހެން ހިނގާފައި ވަނިކޮށް، ސުލްޠާން ޢަބްދުލްމަޖީދުއްޘާނީ ވަޞިއްޔަތްޕުޅު ކުރައްވާފައިވާ ގޮތަށްވުރެ މާ މޮޅު ގޮތެއް، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެކަލާނގެ ތަނަވަސްކުރެއްވި އެވެ. އެއީ، ނޫރާނީ މަދީނާގެ ބަރަކާތްތެރި ޤަބުރުސްތާން ކަމުގައިވާ އަލްބަޤީޢުގައި އެމަނިކުފާނު ފަސްދާނުލުމުގެ ޝައުޤުވެރިކަން، ސަޢޫދީ ރަސްގެފާނު ކިންގ ސަޢޫދު (الملك سعود بن عبدالعزيز رحمه الله) ގެ ހިތްޕުޅަށް ވެއްދެވުމެވެ. ފަހެ، ސަޢޫދީގެ ޢިއްޒަތްތެރި ރަސްގެފާނު އެކަމަށް އެއްބަސްވެވަޑައިގަތުމުން، ސުލްޠާން ޢަބްދުލްމަޖީދުގެ ސަންދޯއްޕުޅު، ނޫރާނީ މަދީނާއަށް ގެންދެވުނެވެ. އަދި އެ ސަންދޯއްޕުޅު، ބަރަކާތްތެރި ބަޤީޢުގައި ފަސްދާނުލެވުނެވެ. މިކަން ހިނގީ، 25 ރަޖަބް 1373 އާ ދިމާވި 30 މާޗް 1954 ގަ އެވެ.

ސުލްޠާން ޢަބްދުލްމަޖީދުއްޘާނީ އަށް ލިބިވަޑައިގަތީ، ދަރިކަނބަލަކާއި، ދަރިކަލެކެވެ. ދަރިކަނބަލުންގެ ނަންފުޅަކީ، ޚަދީޖާ (خديجة) އެވެ. އެކަމަނާގެ މަޝްހޫރު ނަންފުޅަކީ، "ދުއްރު ޝެހުވާރު" (در شهوار)، (Durru Shehvar) އެވެ. މި ނަންފުޅުގެ މާނައަކީ، "ރަސްރަސްކަލުންގެ މުތީ" ކަމަށް ބުނެވެ އެވެ. އެކަމަނާއަކީ، ކުޅަދާނަ ޢަރަބި އަތުލިޔުންތެރިއެކެވެ. ލާމަސީލު ކުރެހުންތެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ދުނިޔޭގެ މަޝްހޫރު ބަސްތަކުގެ ތެރެއިން 8 (އަށެއް) ބަސް ދެނެވަޑައިގަންނަވަ އެވެ. އެކަމަނާ އެ ބަސްތަކުން ދޫފަސޭހަކަމާއެކު ވާހަކަފުޅުދެއްކެވި އެވެ. އެކަމަނާ އަވަހާރަވީ، 7 ފެބްރުއަރީ 2006 ގައި، ލަންޑަނުގަ އެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 92 އަހަރެވެ. ފަސްދާނުލެވުނީ، އެކަމަނާ ވަޞިއްޔަތްޕުޅުކުރައްވާފައިވާ ފަދައިން އިނގިރޭސިވިލާތުގެ ލަންޑަނުގެ (Brookwood) ގަ އެވެ.

ސުލްޠާން ޢަބްދުލްމަޖީދުއްޘާނީގެ ފިރިހެން ދަރިކަލުންގެ ނަންފުޅަކީ، ޢުމަރު ފާރޫޤު އަފަންދީ (عمر فاروق افندي) އެވެ. އޭނާ ތުރުކީވިލާތް ދޫކުރެއްވިއިރު، ހުންނެވީ ބްރިގޭޑިއަރެއްގެ މަޤާމުގައި ކަމަށް ބުނެވެ އެވެ. 1969 ވަނަ އަހަރު އޭނާ އަވަހާރަވުމުން، ތުރުކީވިލާތުގައި އިސްތަންބޫލުގައި ފަސްދާނުލެވުނެވެ.

މާތް ﷲ، ސުލްޠާން ޢަބްދުލްމަޖީދުއްޘާނީ އަށާއި، އެމަނިކުފާނުގެ ދެ ބޭފުޅުންނަށާއި، ކިންގ ސަޢޫދަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ!