ތަސްބީޙަ ނަމާދު


ތަސްބީޙަ ނަމާދަކީ، ކުޅަދާނަ ވެގެންވާ މީހާ، ކޮންމެ ދުވަހަކު ކުރުން އައުލާވެގެންވާ ނަމާދެކެވެ. ކޮންމެ ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ ހުކުރު ދުވަހަކު ކުރާނީ އެވެ. ކޮންމެ ހުކުރު ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ އަހަރަކު އެއްފަހަރު ކުރާނީ އެވެ. ކޮންމެ އަހަރަކު އެއްފަހަރު ނުކުރެވިއްޖެ ނަމަ، ޢުމުރުގައި މަދުވެގެން އެއްފަހަރު ކުރެވޭތޯ ބަލާނީ އެވެ.

މި ނަމާދުގައި ވަނީ، ހަތަރު ރަކުޢަތެވެ. މި ނަމާދު ދެރަކުޢަތުން ދެރަކުޢަތުން ކުރެވިދާނެއެވެ. އަދި ހަތަރު ރަކުޢަތް ނަމާދެއްގެ ގޮތުގައި ވެސް ކުރެވިދާނެއެވެ.

މި ނަމާދުގައި ކިޔާ ތަސްބީޙައަކީ:

سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ اللهُ وَاللهُ أَكْـبَرُ އެވެ.

މި ނަމާދު ކުރާގޮތް ތިރީގައި މިވަނީއެވެ.

1. އަލްޙަމްދަށްފަހު، ސޫރަތެއް ކިޔަވާށެވެ! ކިޔަވާކަށް ވަކި ސޫރަތެއް ނެތެވެ. ކޮންމެ ސޫރަތެއް ކިޔެވިޔަސް ނަމާދު ޞައްޙަވާނެ އެވެ.

2. އަލްޙަމްދާއި ސޫރަތް ކިޔެވުމަށްފަހު، ތަސްބީޙަ ކިޔާނީ، ފަނަރަ ފަހަރު އެވެ.

3. ރުކޫޢުގައި ކިޔާ ތަސްބީޙަ ކިއުމަށްފަހު، ރުކޫޢުގައި އޮވެ، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

4. ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުރެ ކިޔާ ދުޢާ ކިއުމަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

5. ފުރަތަމަ ސަޖިދަކޮށް، ސަޖިދައިގައި ކިޔާ ތަސްބީޙަ ކިއުމަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

6. ދެ ސަޖިދަ ދެމެދުގައި އިނދެ ކިޔާ ދުޢާ ކިއުމަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

7. ދެވަނަ ސަޖިދަ ކޮށް، ސަޖިދައިގައި ކިޔާ ތަސްބީޙަ ކިއުމަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

8. ސަޖިދައިން ތެދުވެ، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

9. ދެވަނަ ރަކުޢަތުގައި މެދު އައްތަޙިއްޔާތަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

10. ހަތަރު ވަނަ ރަކުޢަތުގައި ފަހު އައްތަޙިއްޔާތަށްފަހު، ތަސްބީޙަ ކިޔާނީ، ދިހަ ފަހަރު އެވެ.

11. ތަސްބީޙަ ނުކިޔައި އެއްވެސް ފަހަރެއް ފާއިތުވެއްޖެނަމަ، ހަނދާންވީ އިރަކުން، ނުކިޔުނު ޢަދަދު ހަމަވަންދެން ތަސްބީޙަ ކިޔާނީ އެވެ.