އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ މި ޢަދަދު ވުޖޫދަށް އަންނައިރު، އިވެމުންދާ ބައެއް އަޑުތަކަށް އިސްލާމީ ނަޒަރެއް ހިންގައިލާނަމެވެ. އޭގެ ބުރަދަން ވަޒަންކޮށްލުމަށްޓަކައެވެ. އޭގައި އާރުލާ ވަރެއްވެސް ބަލައިލުމަށްޓަކައެވެ. އެއީ، މި އިސްލާމީ މުޖުތަމަޢުގެ ޝަޚުޞިއްޔަތާ ފުށުއަރާ އަޑުތަކެއް ކަމުގައިވީތީއެވެ. ފަށާނީ އަލްޙަމްދުގެ މޫރިތި އާޔަތަކުންނެވެ. އަލްޙަމްދަކީ، ފުރިހަމަ މުސްލިމަކު ރެއާއިދުވާލު މަދުވެގެން ފަސްފަހަރު ކިޔަވާނެ ސޫރަތެކެވެ. އެ ސޫރަތުގެ 5 ވަނަ އާޔަތުގައި ވެއެވެ.

(إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) އަލްފާތިޙާ: 5

މާނައީ، "އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."

ކަންއޮތްގޮތް ވަރަށް ސާފުކޮށް މި އާޔަތުން އެބަ އެނގެއެވެ. ބައެއް ފަރާތްތަކުން އުފުލާ ފުރެއްދެ އަޑުތައް މި އާޔަތުގެ ކުރިމަތީގައި ބާޠިލުވެއެވެ. އެފަދަ އެއް އަޑަކީ، "އެކަކު އަނެކެއްގެ ކިބައިން ބާރު ހޯދުމަށް" ގޮވައިލާ އަޑެވެ. ބާރަކީ، މާތް ﷲ ދެއްވާ އެއްޗެކެވެ. އެއީ، އެކަކަށް އަނެކެއްގެ ކިބައިން ހޯދޭނެ އެއްޗެއް ނޫނެވެ.

ކީރިތި ޤުރުއާނުގައިވާ ފާޅުކަންބޮޑު އުސްލޫބުތަކުގެ ތެރެއިން އެއް އުސްލޫބަކީ، ތަރުޣީބާއި ތަރުހީބުގެ އުސްލޫބެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެ އުސްލޫބު ވެއެވެ. (تَرْغِيبُ) ތަރުޣީބަކީ، ކަމަކަށް ހިތްޖައްސުވައި، ހިތުގައި އެކަމަކަށް ލޯބި އުފެއްދުމެވެ. (تَرْهِيبُ) ތަރުހީބަކީ، ކަމަކާމެދު ބިރުވެތިކަން އުފައްދައި، އެކަމަކާމެދު ޚަބަރުދާރުވެރިކުރުވުމެވެ.

ތަރުޣީބާއި ތަރުހީބު ހިމަނުއްވާފައިވާ އާޔަތްތަކުގެ މިސާލެއްގެ ގޮތުން އަލްޙިޖުރު ސޫރަތުގެ އޮނަފަސްސާސް ވަނަ އާޔަތާއި، ފަންސާސްވަނަ އާޔަތް ފުދެއެވެ.

(نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ) އަލްޙިޖުރު: 49
(وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ) އަލްޙިޖުރު: 50

މާނައީ:
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ!"
"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު، އެއީ، ވޭންދެނިވި ޢަޛާބެއް ކަމަށް ވެސް މެއެވެ."

މި ދެ އާޔަތުންކުރެ ފުރަތަ އާޔަތަކީ، ތައުބާވެ ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ ލޯބި ހިތުގައި އުފައްދައިދޭ އާޔަތެކެވެ. ދެވަނަ އާޔަތަކީ، މާތް ﷲ ގެ ޢަޛާބާމެދު ބިރުވެތިވުން ހިތަށް ވައްދައިދޭ އާޔަތެކެވެ. އެހެންވީމާ، މުސްލިމެއްގެ ހިތުން ބިރުވެތިކަން ފިލުވައިލުމާއި، މުސްލިމަކު ބިރުފަހަނަޅައި ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން އެބަ އެނގެއެވެ. އާދޭހެވެ. ބިރުފަހަޅައިދިއުމަށް ގޮވާލުމަކީ، މަގުފުރެދުމުގެ ތެރެއިންވާ ގޮވާލުމެކެވެ. އެފަދަ ގޮވާލުމަކަށް އިޖާބަދިނުމަކީ، މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

މާތް ﷲ ގެ ޙަޟުރަތުގައި ދީނަކީ، އިސްލާމްދީނެވެ. އާލުޢިމްރާން ސޫރަތުގެ އޮނަވިހި ވަނަ އާޔަތުން އެކަން އެނގެއެވެ.

(إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ) އާލުޢިމްރާން: 19

މާނައީ، "ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެވެ."

މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީންތަކަކީ، ޙައްޤު ދީންތަކެއް ނޫންކަން މި އާޔަތުން އެބަ އެނގެއެވެ. އެހެނަސް، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ އުޞޫލުތަކަށް ފުރަގަސްދީ، އިސްލާމީ ސަގާފަތަށް ބަދުބަސްބުނެ އަޑުއުފުލާ މީހުން އެބައުޅެއެވެ. އެފަދަ މީސްމީހުން އުފުލާ އަޑުތަކަށް ހެއްލުމަކީ ގެއްލުމެކެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، މުސްލިމެއްގެ ޙަޔާތުގެ ހުރިހައި ކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމުކުރައްވާފައެވެ. މުސްލިމަކު އާންމު ދިރިއުޅުމުގައި ދުލުން ކިޔަންވީ ހެޔޮ ދުޢާތަކާއި ޒިކުރުތައް ވެސް އުނިކުރެއްވުމެއްނެތިއެވެ! އެތަކެތި ބަޔާންކުރައްވާފައިވަނީ، އެކިއެކި އިރުވަރުތަކާއި މުނާސަބަތުތަކުގައި ކިއުމަށެވެ. މިސާލަކަށް، ކަމެއް ފަހިވުމުންނާއި، ކަމެއް ދަތިވުމުންނެވެ. ... ކާންފެށުމުގެ ކުރިންނާއި، ކެއުމަށްފަހުގައެވެ. ... ނިދާއިރުގައްޔާއި، ނިދިން ހޭލާއިރުގައެވެ. ... ފާޚާނާއަށް ވަންނަމުންނާއި، ނިކުންނަމުންނެވެ. ... ދުޅަހެޔޮކަމުގައްޔާއި، ބައްޔެއްވުމުންނެވެ. ... މިފަދަ މިފަދަ އެކިއެކި އިރުވަރުތަކާއި މުނާސަބަތުތަކުގައި ކިޔާނެ، ގިނަގުނަ ދުޢާ އާއި، ޒިކުރު އިސްލާމްދީނުގެ މަޞްދަރުތަކުގައި ވާރިދުވެފައިއެވެ. އެއާ ދެކޮޅަށް އުފުލޭ އަޑުތަކަށް އިޖާބަދިނުމަކީ، މަގުފުރެދުމެވެ.

އިސްލާމީ ނަޒަރަކުން ކުރުކޮށް މި އަލިއަޅުވައިލީ، ބަޙުރު އީމަޖައްލާގެ މި ޢަދަދު ވުޖޫދަށް އަންނައިރު، މުޖުތަމަޢުން އިވެމުންދާ ދެތިން އަޑެއްގެ މައްޗަށެވެ. އިސްލާމްދީނާ ޚިލާފު މިނޫން އަޑުތައް ވެސް އެބަ އިވެއެވެ. އެއާމެދު ހޭލުންތެރިވާން އެބަ ޖެހެއެވެ. ބަޔާންވެގެންވާ ހަލާކެއްގެ ތެރެއަށް ވެއްޓުމުގެ ކުރިންނެވެ. ... ބަޙުރުގެ މި ޢަދަދަކީ ވެސް، ތިޔަ ޢިއްޒަތްތެރި ކިއުންތެރިންނަށް ލާބަ އާއި، މަންފާ ހުރި އެއްޗެއް ކަމުގައި، މާތް ﷲ ލައްވާށިއެވެ! އާމީން!