ސަލާމްލެއްވި އިދުރީސުގެފާނު


ސަލާމްލެއްވި އިދުރީސުގެފާނަކީ، އާދަމުގެފާނުގެ ދަރިފަސްކޮޅުގެ 6 ވަނަ ޖީލަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ޢުމުރުފުޅުން 365 ވަނަ އަހަރު، އެކަލޭގެފާނު އުޑަށް އުފުއްލެވުނު ކަމަށް ވާރިދުވެފައި ވެ އެވެ. އެކަލޭގެފާނު އެއްހާސް އަހަރު ވަންދެން ދިރިއުޅުއްވި ކަމަށާއި، އަވަހާރަވީ އުޑުގައި ކަމަށް ވެސް ރިވާވެފައި ވެ އެވެ. އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅު، ދަރިކަލުން މަތޫޝާލަޙު (مَتُوشَالَحَ) އާ ޙަވާލުކުރެއްވި ކަމަށް ވެސް ވާރިދުވެފައި ވެ އެވެ.

ސަލާމްލެއްވި އިދުރީސުގެފާނުގެ ތަފާތު ނަންފުޅުތައް އެކިއެކި މަޞްދަރުތަކުގައި ވެއެވެ. އަހުލުކިތާބީންގެ ފޮތްފޮތުގައި، އެކަލޭގެފާނުގެ ނަންފުޅު ކަމަށް ވާރިދުވެފައިވަނީ، ޙަނޫކް (حنوك) ނުވަތަ ޚަނޫޚު (خنوخ) އެވެ. މި ނަންފުޅުގެ ޢަރަބި ގޮތަކީ، އަޚްނޫޚު (أَخْنُوخُ) އެވެ. ޔޫނާނީ ސަގާފަތުގައި އެކަލޭގެފާނުގެ ނަންފުޅަކީ، ޠަރްމީސް (طرميس) ނުވަތަ އަރްމީސް (أرميس) އެވެ. މި ނަންފުޅުގެ ޢަރަބި ގޮތަކީ، ހުރުމުސް (هُرمس) އެވެ. މިޞްރުގެ ޤަދީމީ ސަގާފަތުގައި، އެކަލޭގެފާނުގެ ނަންފުޅަކީ، އުޒުރީސް (اوزوريس) އެވެ. މިއީ، ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެކަލޭގެފާނުގެ ނަންފުޅާ ނުހަނު ގާތް ނަންފުޅެއްކަން ފާހަގަކުރެވެ އެވެ. އައްޒަމަޚުޝަރީ ވިދާޅުވެފައިވާ ގޮތުގައި، އެކަލޭގެފާނަށް އިދުރީސްގެ ނަމުން ނަންފުޅު ދެއްވިފައިވަނީ، އެކަލޭގެފާނު ކުރެއްވި ދިރާސާތަކުގެ ގިނަގުނަކަމުންނެވެ.

މުސްލިމު ޢިލްމުވެރިންގެ މެދުގައިވާ ރައުޔެއް ބުނާ ގޮތުގައި، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ، ސަލާމްލެއްވި އިދުރީސުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެއް ނޫނެވެ. މިކަމުގެ ދަލީލަކީ، މިޢުރާޖުގެ ދަތުރުފުޅުގައި، ސަލާމްލެއްވި އިދުރީސުގެފާނު، އިތުރުއެކަލޭގޭފާނާ މުޚާޠަބުކުރެއްވި ގޮތެވެ. އިދުރީސުގެފާނު ވިދާޅުވީ، (مرحباً بالأخ الصالح والنبي الصالح)، "ޞާލިޙު އަޚާ އަދި ޞާލިޙު ނަބިއްޔާ އަށް މަރްޙަބާ!" މިހެންނެވެ. އިތުރުއެކަލޭގެފާނަކީ، އިދުރީސުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެއް ކަމުގައިވީނަމަ، މުޚާޠަބުކުރައްވާނީ، (مرحبا بالإبن الصالح). "ޞާލިޙު ދަރިކަލުންނަށް މަރްޙަބާ!" މިހެން ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މި ރައުޔުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ، ސަލާމްލެއްވި ނޫޙުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެކެވެ. އަދި ނޫޙުގެފާނަކީ، ސަލާމްލެއްވި އިދުރީސުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެއް ނޫނެވެ.

އެހެނަސް އުފެދޭ ސުވާލަކީ، މިޢުރާޖުގެ ދަތުރުފުޅުގައި، ސަލާމްލެއްވި އިދުރީސުގެފާނު، ކީރިތި މާތް ނަބިއްޔާއާ މުޚާޠަބުކުރެއްވީ، ނަބީބޭކަލެއްގެ ހައިސިއްޔަތުންތޯއެވެ؟ ނުވަތަ ދަރިކަލެއްގެ ހައިސިއްޔަތުންތޯއެވެ؟ މި ސުވާލަށް ޖަވާބުދޭ ރައުޔެއް ބުނާ ގޮތުގައި، ބޮޑަށް ޤަބޫލުކުރެވެނީ، ނަބީބޭކަލެއްގެ ހައިސިއްޔަތުން، އަދި ނަބީކަމުގެ އުޚުއްވަތްތެރިކަމުގެ ހައިސިއްޔަތުން މުޚާޠަބުކުރެއްވީ ކަމަށެވެ.

ޢުމުރުފުޅުން 65 އަހަރުގައި އިދުރީސުގެފާނަށް މަތޫޝާލަޙު (مَتُوشَالَحَ) ލިބިވަޑައިގަތެވެ. އެއަށްފަހު، އެކަލޭގެފާނު 800 އަހަރު ދުނިޔޭގައި އުޅުއްވިއެވެ. މަތޫޝާލަޙު ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.