އެކަލޭގެފާނުގެ ނަންފުޅަކީ ތަބްރޭޒެއް ނޫނެވެ.


ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅަކީ، ތަބްރޭޒް ކަމަށާއި، އެބޭކަލެއްގެ ރަށުގެ ނަމަކީ ވެސް ތަބްރޭޒް ކަމަށް ބައެއް ފަރާތްތަކުން ބުނެއުޅެއެވެ. އެހެނަސް އެފަދަ ފަރާތްތަކުން ލިޔާ ލިޔުންތައް ބިނާކޮށްފައިވަނީ ހަރުދަނާ މަޞްދަރެއްގެ މައްޗަކަށެއް ނޫނެވެ. ތަބްރޭޒެވެ، އެކިޔަނީ، އީރާނުގެ (Tabriz) ތަބްރީޒަށެވެ. ފާރިސީ ބަހުން ކިޔަނީ (تَپَریز) އެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅަކީ، ތަބްރޭޒެއް ނޫނެވެ. އަދި އެއީ ތަބްރީޒެއް ވެސް ނޫނެވެ. އެކަމަކު، ބައެއް ފަރާތްތަކުން އެ ބޭކަލަކު، ތަބްރީޒަށް ނިސްބަތްކުރެވެއެވެ. އެކަމަށްޓަކައި، އެ ބޭކަލެއްގެ ނަންފުޅުގެ ފަހަތަށް "އައްތަބްރީޒީ" އިތުރުކުރެއެވެ. އައްތަބްރީޒީ ގެ މާނައަކީ، ތަބްރީޒަށް ނިސްބަތްވާ މީހާއެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅަކީ، ތަބްރޭޒު ނުވަތަ ތަބްރީޒު ކަމަށް ވަނީނަމަ، އެކަލޭގެފާނުގެ ނަންފުޅަކީ، ބަރްބަރް ކަމަށް ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ، ހުކުރު މިސްކިތުގައިވާ އަޞްލު ފިލާގައި، އެބޭކަލެއްގެ ނަންފުޅުގެ ފަހަތަށް އިތުރުކުރެވިފައިވަނީ އަލްބަރްބަރީއެވެ. ޔޫނާނީންނާއި ރޫމީންގެ ނަޒަރުން ބަލާއިރު، ތަބްރީޒު މީހުންނާއި، ޢަރަބިކަރައިގެ (މިހާރުގެ ސަޢޫދީ ޢަރަބިއްޔާގެ) އަހުލުވެރިންނަކީ ވެސް ބަރްބަރީންނެވެ. ޔޫނާނީންގެ ޤަދީމީ މުއައްރިޚު، ހީރޯޑޮޓަސް ވެސް ފާރިސީންނާމެދު ވިދާޅުވެފައިވަނީ، އެ މީހުންނަކީ ބަރުބަރީން ކަމަށެވެ. އިހުޒަމާނުއްސުރެ ދިވެހިރާއްޖެ އަށް ވެސް ވަނީ، ޔޫނާނީ ސަގާފަތާއި، ރޫމީ ސަގާފަތުގެ އަސަރު ކޮންމެވެސް ވަރަކަށް ވާޞިލުވެފަ އެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ދެންނެވެން އޮތީ، ތަބްރީޒީ އާއި، ބަރްބަރީ އަކީ، ނުވަތަ ތަބްރީޒް އާއި ބަރްބަރް އަކީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅު ނޫން ކަމަށެވެ. އެކަމަކު، ތަބްރީޒާއި ބަރްބަރަކީ، އެކަލޭގެފާނު ނިސްބަތްކުރެވޭ ދެ ތަނަކަށް ކިޔޭ ދެ ނަމެކެވެ. ތަބްރީޒަކީ، ފާރިސްކަރައިގެ ތަބްރީޒެވެ. ބަރްބަރަކީ، ބަރްބަރީން ދިރިއުޅޭ ކޮންމެ ތަނެވެ. އެކަލޭގެފާނުގެ ނަންފުޅުގެ ފަހަތަށް، އައްތަބްރީޒީ އިތުރުކުރެވިފައިވަނީ، ތަބްރީޒަށް ނިސްބަތްކުރުމުގެ ގޮތުންނެވެ. އަލްބަރްބަރީ އިތުރުކުރެވިފައި ވަނީ، ބަރްބަރީން ދިއިރުޅޭ ތަނަކަށް ނިސްބަތްކުރުމުގެ ގޮތުންނެވެ. އަބުލްބަރަކާތާއި، ޝަމްސުއްދީނަކީ ވެސް އެ ބޭކަލެއްގެ ނަންފުޅެއް ނޫނެވެ. އެކަމަކު އެއީ، އެކަލޭގެފާނުގެ ޤަދަރު މަތިވެރިކުރުމަށްޓަކައި އެކަލޭގެފާނަށް ދެވިފައިވާ ދެ ދެ ލަޤަބުފުޅެކެވެ. އެކަލޭގެފާނުގެ ޙަޤީޤީ ނަންފުޅަކީ، ޔޫސުފު (يوسف) އެވެ.

ފެންނަންހުރި ހެކިތަކަށް ބަލާއިރު، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ ޢަރަބި ޖަޒީރާގެ ބޭކަލެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އެކަލޭގެފާނަކީ، މާތް ވަލީވެރިޔާ ޢަބްދުލްޤާދިރުލް ޖީލާނީގެ ދަރިވަރެއް ކަމަށް ދަލީލުލިބޭތީއެވެ. އެ މާތް ވަލީވެރިޔާގެ އަރިހުން، އެކަލޭގެފާނަށް ތަޢުލީމު ލިބިވަޑައިގެންފައިވަނީ، ޢަރަބި ބަހާއި ފާރިސީ ބަހުންނެވެ. އެކަލޭގެފާނަށް ފާރިސީ ބަސް އެނގިވަޑައިގަންނަވާތީ އާއި، ބައެއް ޒަމާންތަކުގައި ފާރިސްކަރައިގެ ތަބްރީޒު، ވަރަށް ބޮޑަށް މަޝްހޫރުވެފައިވާތީ، އެކަލޭގެފާނު ތަބްރީޒަށް ނިސްބަތްކުރެވެއެވެ. މިކަމުގެ އެހެން ސަބަބުތަކުގެ ތެރޭގައި، ތަބުރީޒުން މަޝްހޫރު ޢިލްމުވެރިން އުފެދިފައި ވުމާއި، އެ ޢިލްމުވެރިންނަށް ވެސް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ފަދަ ނަންފުޅުތަކާއި ލަޤަބުފުޅުތައް ލިބިވަޑައިގެންފައި ވުން ހިމެނެއެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ އަކީ، ޢިރާޤާއި ޔަމަނާ ދެމެދުގައިވާ ސަރަޙައްދުގެ ބޭކަލެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ދެ ޤައުމުގެ ދެމެދުގައި ވަނީ، މިޒަމާނުގެ ސަޢޫދީ ޢަރަބިއްޔާއެވެ. މާތް ވަލީވެރިޔާ ޢަބްދުލްޤާދިރުލް ޖީލާނީގެ އަރިހުން، އެކަލޭގެފާނު ތަޢުލީމު ޙާޞިލުކުރެއްވިއިރު، އެ މާތް ވަލީވެރިޔާ ހުންނެވީ ޢިރާޤުގެ ބަޣުދާދުގައެވެ. ތާރީޚީ ހެކިތަކުން އިލްހާމުވާ ގޮތުގައި، އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ، މި ޒަމާނުގެ ސަޢޫދީ ޢަރަބިއްޔާއާ އިންވެގެންވާ ޔަމަނުންނެވެ.

ދިވެހިރާއްޖެ އިސްލާމްވި ޒަމާނުގައި ޢަރަބިކަރައިގައި އޮތް ދީނީ ފިކުރާއި، ދިވެހިރާއްޖެއަށް އައި ދީނީ ފިކުރު ދިރާސާކުރުން ވަރަށް މުހިންމެވެ. އެއިން މި މައުޟޫޢަށް އާ އަލިކަމެއް ނުލިބި ނުދާނެތީއެވެ. އެފަދަ ދިރާސާއެއް ނުކުރެވުނު ކަމުގައިވިޔަސް، އެކަލޭގެފާނުގެ ނަންފުޅަކީ، "ތަބްރީޒީ" ނުވަތަ "ތަބްރޭޒީ" ނޫންކަން ކަށަވަރުވެއެވެ.

މާތްﷲ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ އަށް، ޖަންނަތުލްފިރުދައުސްގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!