ކިބުރުވެރި ހައިވަކަރު ގަސް
ގަސްގަހާގެހީގެ ބުސްތާނެއްގައި، ހައިވަކަރު ގަހެއް
ހެދިބޮޑުވަމުން ދިޔައެވެ. އެ ގަހުގެ ވަށައިގެން،
ހެދިފޯދިފައިވާ ގަސްތަކާއި ހެދެމުންދާ ގަސްތައްވިއެވެ.
ހައިވަކަރު ގަސް ހެދިބޮޑުވެ، ފުރާފުރިހަމަވުމުން،
ވަށައިގެންވާ އެހެން ގަސްތަކަށް ކަޅިއަޅާލިއެވެ.
ހައިވަކަރު ގަހަށް ފެނުނީ އެހެން ގަސްތަކަށްވުރެ، އެ ގަސް
މާ މޮޅުކަމަށެވެ. ދެން ނުހަނު ކިބުރުވެރިކަމާއެކު
ބުންޏެވެ.
"މިހިރަ ވައްތީނި ގަހާ ހެދި މަށަށް އެބަ އުނދަގޫވެ އެވެ.
މިގަސް އުފުރާލާށެވެ!"
ދެން އެ ގަސް އުފުރާލެވުނެވެ.
އެޔަށްފަހު އެހެން ދުވަހަކު، ހައިވަކަރު ގަސް، އެހެން
ގަސްތަކަށް ބަލާފައި ބުންޏެވެ.
"މީންދަ ރުކުން ފައިބާ ކުނިބުނިން މަށަށް އެބަ އުނދަގޫވެ
އެވެ. މި ރުއް ކަނޑާލާށެވެ!"
ދެން އެ ރުއް ކަނޑާފައި އެއްލާލެވުނެވެ.
ދެން އެހެން ދުވަހަކު، ހައިވަކަރު ގަސް، ބުސްތާން ތެރަށް
ނަޒަރު ހިންގާލާފައި ބުންޏެވެ.
"އޭންދަ އާފަލު ގަހުގެ ހިޔަލާ ހެދި މަށަށް އަތްވެއް ނުލިބެ
އެވެ. އެގަސް މަރާލާށެވެ!"
ދެން އެގަސް މަރާލެވުނެވެ.
ކިބުރުވެރި، ރުންކުރުން، ހައިވަކަރު ގަސް، ގަހަކަށްފަހު
ގަހެއް އުފުރައި، ކަނޑައި، މެރުމަށް އަމުރުކުރަމުން
ގެންދިޔައެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވެދިޔަ
އިރު، ބުސްތާނުގައި ހުރީ ހަމައެކަނި ހައިވަކަރު ގަސް
ކަމުގައި ވެއްޖެއެވެ. އެކަމަށްޓަކައި އެ ގަސް ނުހަނު
ކިބުރުވެރިކަމާއެކު ދުވަސްތައް ގުނަމުން ގެންދިޔައެވެ.
ނަމަވެސް ދާދިއަވަހަށް މޫސުމް ބަދަލުވެއްޖެއެވެ.
ބާރުވަޔާއެކު ކޮޅިގަނޑުތައް އަންނަން ފަށައިފި އެވެ.
ދުވަހެއް ދުވަހަކަށްވުރެ ދިޔައީ ވައި ބާރުވަމުންނެވެ.
އެއްދުވަހަކު ވަރަށް ބާރަށް ވައިޖެހެން ފަށައިފިއެވެ.
ވަށައިގެން ހެދި ފޯދެމުން ދިޔަ އެހެން ގަސްތައް
ނެއްތައިލެވުނު ކަމީ، މޮޅުކަމެއް ނޫންކަން އެދުވަހު
ހައިވަކަރު ގަހަށް ވިސްނުނެވެ.
ބާރުގަދަ ވައިރޯޅިތައް އައިސް ހައިވަކަރު ގަހުގައި ހިފައި،
އެގަސް އަތްއަތަށް ހަލުވާލިއެވެ. އަދި އެސާހިތަކު މުލުން
ލުހެލާފައި އެގަސް ބިންމައްޗަށް ވައްޓާލިއެވެ. އެހެން
ގަސްތައް ބުސްތާނުގައި ހެދި ފޯދުމަށް ފުރުޞަތު ނުދެވުނީތީ
ހައިވަކަރު ގަސް އެދުވަހު ހިތާމަކުރިއެވެ. ނަމަވެސް
އެދުވަހު ހިތާމައަކުން ކުރާނެ ފައިދާއެއް ނެތެވެ.
މަރުވުމުގެ ކުރިން ހައިވަކަރު ގަހަށް ބުނެލެވުނެވެ.
"އަނެކުންނަށް ފުރުޞަތު ނުދިނުމަކީ، ތިމާގެ ހަލާކެވެ."