ކަހުފު ބާގައިގެ މީހުންގެ ވާހަކަ ރީތިވި ސަބަބު


އިސްލާމް ގަޑީގައި ހުރިހާ ކުދިން މޭޒުމަތީގައި ބޯއަޅައިގެން ތިބޭތީ، ކުދިން ލައްވާ ވާހަކަ ދައްކުވަން ޓީޗަރު ގަސްދުކުރެއްވިއެވެ. އެކަމަށް މަގުފަހިކުރެއްވުމަށްޓަކައި އޭނާ ކުދިންނާ ސުވާލެއްކުރެއްވިއެވެ.

"ތިމަންނާ ވާނީ ހުރިހާ ނަބީބޭކަލުންގެ ވާހަކަތަކާއި، ދީނީ އެތައް ވާހަކަތަކެއް ތިޔަ ކުދީންނަށް ކިޔައިދީފައެވެ. އެ ވާހަކަތަކުގެ ތެރެއިން ތިޔަ ކުދީންނަށް އެންމެ ރީތީ ކޮން ވާހަކައެއް ހެއްޔެވެ؟"

ޖަވާބުދޭން އަތް އުފުލި ފުރަތަމަ ދަރިވަރު ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ދެވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ތިންވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ހަތަރުވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ފަސްވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ހަވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ހަތްވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

އަށްވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ނުވަވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ދިހަވަނަ ދަރިވަރު ވެސް ބުންޏެވެ.
"ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ."

ކްލާހުގައި ތިބި ތިރީސް ދަރިވަރުން ދިނީ ހަމަ މިޖަވާބެވެ. އެ ހުރިހާ ކުދިންނަށް އެންމެ ރީތި ވާހަކައެއް ކަމުގައިވީ، ކަހުފު ބާގައިގެ މީހުންގެ ވާހަކައެވެ.

ދަރިވަރުން ދިން ޖަވާބާ މެދު ޓީޗަރު ނުހަނު އުފަލާއެކު ވާހަކަދެއްކެވިއެވެ. ކަހުފު ބާގައިގެ މީހުންނަކީ އީމާންތެރިކަން ވަރަށް ވަރުގަދަ، ހެޔޮލަފާ ބަޔަކު ކަމުގައި ވީތީއެވެ. އެމީހުންގެ އީމާންތެރިކަން ކްލާހުގައި ތިބި ހުރިހާ ދަރިވަރުންގެ ހިތްތަކަށް ވެސް ވާޞިލުވެއްޖެ ކަމަށް ޓީޗަރު ހީކުރެއްވިއެވެ. މިހެން ހީކުރައްވައި، މިޖަވާބު ދަރިވަރުންގެ އަތުން ލިބޭނެ ކަމުގެ އުންމީދުގައި އެހެން ސުވާލެއް ކުރެއްވިއެވެ.

"ކަހުފު ބާގައިގެ މީހުންގެ ވާހަކަ ރީތިވީ ކީއްވެހެއްޔެވެ؟"

ހުރިހާ ކުދިން އެއް އަޑަކުން ޖަވާބުދިނެވެ.
"އެމީހުން ތިން ސަތޭކަ އެތައް އަހަރެއް ވަންދެން ނިދީތީއެވެ!"