ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބު
ސުވާލު
ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބަކީ ކޮބައިތޯއެވެ؟ އަދި
މާތް ﷲ، އެމީހުންނަށް މިދުނިޔޭގައި އަޒާބުދެއްވުން
އަވަސްކުރައްވާނެތޯއެވެ؟
ޖަވާބު
ދޮގުހުވާކުރުމަކީ، ބޮޑުފާފައިގެ ތެރެއިން ބޮޑުވެގެންވާ
ފާފައެކެވެ. ދޮގުހުވާކުރާ މީހާއަށް ޤިޔާމަތްދުވަހު
ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. މާތް ﷲ، އޭނާއަށް ހުރި
އަޒާބު މިދުނިޔޭގައި ވެސް އޭނާއަށް ދެއްވާފާނެއެވެ.
ފަޤީރުކަން ނުވަތަ ހަލާކުވުން ފަދަ ބަލާއެއް އޭނާއާ
ކުރިމަތިކުރައްވާފާނެއެވެ. އެހެންނަމަވެސް އާޚިރަތުގައި
އޭނާއަށް ހުރި އަޒާބު އެއަށްވުރެ މާބޮޑުވެގެންވެއެވެ.
އެހެން މީހުންގެ މުދާ ކެއުމަށާއި، އެހެން މީހުންގެ
ޙައްޤުތަކަށް އަރައިގަތުމަށްޓަކައި، ޤަޞްދުގައިކުރާ ދޮގު
ހުވަޔަކީ، ބޮޑުވެގެންވާ ފާފައެކެވެ. އެފާފައަކީ،
އެފާފަކުރާ މީހަކު ނަރަކައަށް ވެއްދެވުން ވާޖިބުކުރާ
ފާފައެކެވެ. ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ (ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން ދަލީލު ލިބެނީ
މިގޮތަށެވެ. އަންނަނިވި އާޔަތަކީ އެފަދަ ދަލީލެކެވެ.
(إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ
وَأَيْمَانِهِمْ ثَمَنًا قَلِيلاً أُوْلَئِكَ لاَ خَلاقَ
لَهُمْ فِي الآخِرَةِ وَلاَ يُكَلِّمُهُمُ اللَّهُ وَلاَ
يَنظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ
وَلَهُمْ عَذَابٌ أَلِيمٌ)
އާލުޢިމްރާން: 77
މާނައީ، "ހަމަކަށަވަރުން، ﷲ ގެ ޢަހުދާއި، އެއުރެންގެ
ހުވާތައް ދީފައި، ކުޑަ އަގެއް ހިފާ މީހުންނީ، އާޚިރަތުގައި
އެއުރެންނަށް އެއްވެސް ނަޞީބެއް ނެތް ބަޔެކެވެ. އަދި،
ޤިޔާމަތްދުވަހުން، ﷲ، އެއުރެންނަކަށް ބަސް ވަޙީއެއް
ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް
ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން)
އެއުރެން ޠާހިރެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް
ވޭންދެނިވި ޢަޛާބު ހުށްޓެވެ."
އެހެން މީހުންގެ މުދަލާއި ޙައްޤުތައް
ނިގުޅައިގަތުމަށްޓަކައި، ޤަޞްދުގައި ދޮގުހުވާކުރާ
މީހުންނަށް ހުރި ކަމަށް މިއާޔަތުގައި އަންގަވާފައިވާ
އަޒާބުތަކަކީ:
1. ދޮގުހުވާކުރާ މީހުންނަށް އާޚިރަތުގެ ނަސީބު ނުލިބުމާއި
މާތް ﷲ ރަޙުމަތްފުޅުން އެއްކިބާވުން.
2. މާތް ﷲ، އޯގާވަންތަވެރިކަމާއެކު އެމީހުންނަށް ބަސްފުޅު
ވަޙީނުކުރެއްވުން.
3. މާތް ﷲ، ރަޙުމަތްވަންތަކަމާއެކު އެމީހުންނަށް
ބައްލަވާވޮޑިނުގަތުން.
4. ކުށްފާފަތަކުން އެމީހުން ޠާހިރު ނުކުރެއްވުން.
5. އެމީހުން ކޮށްފައިވާ ފާފަތަކުގެ ޖަޒާއެއްގެ ގޮތުން،
އެމީހުންނަށް ގަދަފަދަވެގެންވާ އަޒާބު ދެއްވުން.
ސުންނަތުގެ ދަލީލުތަކަށް ބަލާއިރު އަންނަނިވި ޙަދީޘްތައް
ހިމެނެއެވެ.
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)
ޙަދީޘްކުރެއްވިއެވެ.
(مَنْ حَلَفَ عَلَى يَمِينٍ وَهُوَ فِيهَا فَاجِرٌ
يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ لَقِىَ اللَّهَ
وَهُوَ عَلَيْهِ غَضْبَانُ)
ރިވާކުރެއްވީ: އަބޫދާވޫދު، އިބްނު މާޖާ، (މިއީ ޞަޙީޙު
ޙަދީޘްފުޅެކެވެ.)
މާނައީ، "މުސްލިމެއްގެ މުދާ ނިގުޅައިގަތުމަށްޓަކައި
ދޮގުހުވަޔެއް ކޮށްފި މީހާ، ﷲ ގެ ޙަޟުރަތަށް ދާނީ އެކަލާނގެ
އޭނާގެ މައްޗަށް ކޯފާވެވޮޑިގެންވާ ޙާލުގައެވެ."
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)
ޙަދީޘްކުރެއްވިއެވެ.
(لاَ يَقْتَطِعُ رَجُلٌ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ
إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَأَوْجَبَ
لَهُ النَّارَ. فَقَالَ رَجُلٌ مِنَ الْقَوْمِ: يَا رَسُولَ
اللَّهِ وَإِنْ كَانَ شَيْئًا يَسِيرًا قَالَ: وَإِنْ كَانَ
سِوَاكًا مِنْ أَرَاكٍ)
ރިވާކުރެއްވީ: އިބްނު މާޖާ (އަލްބާނީގެ އަރިހުގައި މިއީ
ޞަޙީޙު ޙަދީޘްފުޅެކެވެ.)
މާނައީ، "ހުވަޔެއްކޮށްގެން މުސްލިމެއްގެ ޙައްޤެއް
ނިގުޅައިގެންފި މީހާގެ މައްޗަށް ﷲ ސުވަރުގެ
ޙަރާމްކުރައްވާނެތެވެ. މީހަކު ދެންނެވިއެވެ. ﷲ ގެ
ރަސޫލާއެވެ! އެއީ ކިތަންމެ ކުޑަ ޙައްޤެއް
ކަމުގައިވިޔަސްތޯއެވެ؟ އިތުރުއެކަލޭގެފާނު
ޙަދީޘްކުރެއްވިއެވެ. އެއީ، އަރާކި ގަހުން ސިވާކު
ދަނޑިކޮޅެއް ކަމުގައިވިޔަސްމެއެވެ."
އަރާކި ގަހުގެ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅަން
ބޭނުންކުރާ ދަނޑިކޮޅެވެ.
މިނޫނަސް، ދޮގުހުވާކުރާ މީހާއަށް އާޚިރަތުގައި ހުރި
އަޒާބުގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްތައް ވެއެވެ.
އާޚިރަތުގެ އަޒާބަށްވުރެ ކުރިން، މިދުނިޔޭގައި އަޒާބު
ދެއްވުން އަވަސްކުރެއްވުމާމެދު ސުވާލުކުރައްވާފައިވާތީ
ދަންނަވަމެވެ. ބައެއް ފާފަތައް ކުރުމުން، އަޒާބުދެއްވުން
މިދުނިޔޭގައި އަވަސްކުރެއްވުމަކީ ވެދާނެ ކަމެއްކަން
ބަޔާންވާ ދަލީލުތައް ވެއެވެ. ތިމާގެކަމުގެ ގުޅުން ކަނޑާލާ
މީހާއަށާއި، އަނިޔާވެރިވާ މީހާއަށާއި، ދޮގުހުވާ ކުރާ
މީހާއަށް އަޒާބު އަވަސްކުރައްވާނެ ކަމަށް
ވާރިދުވެފައިވެއެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވާ
ޙަދީޘްފުޅެއްގައި ވެއެވެ.
(لَيْسَ شَىْءٌ أُطِيعَ اللَّهُ فِيهِ أَعْجَلَ ثَوَابًا
مِنْ صِلَةِ الرَّحِمِ وَلَيْسَ شَىْءٌ أَعْجَلَ عِقَابًا
مِنَ الْبَغْىِ وَقَطِيعَةِ الرَّحِمِ وَالْيَمِينِ
الْفَاجِرَةِ تَدَعُ الدِّيَارَ بَلاَقِعَ)
ރިވާކުރެއްވީ: އަލްބައިހަޤީ.
މާނައީ، "ﷲ އަށް ކިޔަމަންގަތުމުގެ ތެރެއިން، ރަޙިމުގެ
ގުޅުން ބަދަހިކުރުމަށްވުރެ އަވަހަށް ސަވާބުދެއްވާ ކަމެއް
ނެތެވެ. (އުރެދުމުގެ ތެރެއިން) ފާޙިޝް ޢަމަލު ހިންގުމާއި،
ރަޙިމުގެ ގުޅުން ކަނޑައިލުމާއި، ދޮގުހުވާކުރުމަށްވުރެ
އަވަހަށް އަޒާބު ދެއްވާ ކަމެއް ނެތެވެ. ދޮގުހުވާކުރުމަކީ
ގެދޮރު ފަޅުކޮށްލާ ކަމެކެވެ."
މި ޙަދީޘުފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
"ދޮގުހުވާކުރުމަކީ ގެދޮރު ފަޅުކޮށްލާ ކަމެއް" ކަމަށް އޮތް
ބަސްފުޅުގެ މާނައަކީ، ދޮގުހުވާކުރާ މީހާ ފަޤީރުވެ، އޭނާގެ
ގެދޮރު ނިކަމެތިވެދާ ވާހަކައެވެ. އެއީ، މާތް ﷲ އޭނާއަށް
ދެއްވާފައިވާ ތަނަވަސްކަމުގެ ނިޢުމަތް، އޭނާގެ އަތުން
ބީވެގެންދާ ވާހަކައެވެ.
ޢަބްދުއްރަޙުމާން ބްނު ޢައުފުގެ އަރިހުން ރިވާވެފައިވާ
ޙަދީޘެއްގައިވެއެވެ.
(الْيَمِينُ الْفَاجِرَةُ تُذْهِبُ الْمَالَ)
ރިވާކުރެއްވީ: އަލްބައްޒާޒު
މިއީ ޞަޙީޙު ސަނަދަކުން ރިވާވެފައިވާ ޙަދީޘުފުޅެކެވެ.
މާނައީ، "ދޮގުހުވަޔަކީ، (ހުވާކުރާ މީހާ) ގެ މުދާތައް
ނެތިކޮށްލާ އެއްޗެކެވެ."
ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބާއި، އެމީހުންނަށް
އަޒާބު ދެއްވުން އަވަސްކުރައްވާނެ ކަމަށް، ވާރިދުވެފައިވާ
މިނޫން ކިތަންމެ ޙަދީޘްފުޅެއް ވެސް ވާރިދުވެފައި ވެއެވެ.