އަގުހުރި ދޭހަތަކެއް
އެއްޒަމާނެއްގައި، ރަސްކަލަކު އުޅުއްވި އެވެ. އެއީ
ވަރަށް ގިނައިން ރައްޔިތުންގެ ޙާލުއަޙުވާލު ބައްލަވައި
އުޅުއްވި އޯގާވެރި ރަސްކަލެކެވެ. އެއްދުވަހަކު އެ
ރަސްގެފާނާއި، އެ ރަސްގެފާނުގެ ވަޒީރު، ރަށުތެރޭގައި
ހިންގަވަނިކޮށް، ޢުމުރުން ދުވަސްވެ، އަބަހައްދަވެފައިވާ
މުސްކުޅިއަކު ފެނިވަޑައިގަތެވެ.
ރަސްގެފާނު، އެ މުސްކުޅިޔާއާ ސަލާމްކުރެއްވިއެވެ.
"އައްސަލާމު ޢަލައިކުމް."
މުސްކުޅިއާ ސަލާމް ބަލައިގަތުމުގެ ގޮތުން ދެންނެވިއެވެ.
"ވަޢަލައިކުމުއްސަލާމް."
ރަސްގެފާނު އެއްސެވިއެވެ.
"ދެމީހުންގެ ޙާލު ކިހިނެއްހެއްޔެވެ؟"
މުސްކުޅިއާ ދެންނެވިއެވެ.
"ތިންމީހުނަށް ވެއްޖެއެވެ."
ރަސްގެފާނު އެއްސެވިއެވެ.
"ބާރުވެރިޔާގެ ޙާލު ކިހިނެއްހެއްޔެވެ؟"
މުސްކުޅިއާ ދެންނެވިއެވެ.
"އޭނާ ބަލިކަށިވެއްޖެއެވެ."
ރަސްގެފާނު އެއްސެވިއެވެ.
"ދުރަށްދާ ދަތުރުވެރިޔާގެ ޙާލު ކިހިނެއްހެއްޔެވެ؟
މުސްކުޅިއާ ދެންނެވިއެވެ.
"ކައިރިއަށް އަތުވެއްޖެއެވެ."
ރަސްގެފާނު ވިދާޅުވިއެވެ.
"ހެޔޮއަގުގައި ނުވިއްކާށެވެ!"
މުސްކުޅިއާ ދެންނެވިއެވެ.
"ތިޔަކަމަށް ބާރު ނޭޅުއްވިއަސް އެންމެރަނގަޅެވެ."
ރަސްގެފާނާއި މުސްކުޅިއާއާ ދެމެދުގައި ދެކެވުނު ވާހަކަ
އަޑުއަހަން ވަޒީރު ހުންނެވީ ނުހަނު
ޙައިރާންކަންމަތީގައެވެ. ރަސްގެފާނު ވިދާޅުވި އެއްޗަކާއި،
މުސްކުޅިއާ ދެންނެވި އެއްޗެއްގެ ދޭހަ ވަޒީރަކަށް
އެނގިވަޑައެއް ނުގަތެވެ.
ރަސްގެފާނުގެ އަރިހުގައި، ރަށުތެރޭގައި އުޅުއްވުމަށްފަހު،
ރަސްގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، މުސްކުޅިޔާގެ
ގާތަށް ވަޒީރު ވަޑައިގެންނެވިއެވެ. ރަސްގެފާނާއި
މުސްކުޅިޔާ އާ ދެމެދުގައި ދެކެވުނު ވާހަކައިގެ ދޭހަ
ހޯއްދެވުމަށްޓަކައެވެ.
ވަޒީރު އެއްސެވިއެވެ.
"ރަސްގެފާނު ސުވާލުކުރެއްވީ ކޮން ދެމީހަކާ ބެހޭ
ގޮތުންތޯއެވެ؟"
މުސްކުޅިޔާ ދެންނެވިއެވެ.
"ތިޔަ ސުވާލުގެ ޖަވާބު ދެވޭނީ އަގު ދެއްވީމައެވެ."
ދެން ވަޒީރު، އެއްހާސް ރުފިޔާ ދެއްވާފައި ވިދާޅުވިއެވެ.
"ޖަވާބު ދެއްވާށެވެ!"
މުސްކުޅިޔާ ދެންނެވިއެވެ.
"އެ ދެމީހުންނަކީ ދެފަޔެވެ. ތިންވަނަ މީހަކީ ތިމަންނާ
މިގެންގުޅޭ އަސާގަނޑެވެ."
ވަޒީރު އެއްސެވިއެވެ.
"ބާރުވެރިޔަކީ ކާކުތޯއެވެ؟"
މުސްކުޅިޔާ ދެންނެވިއެވެ.
"ފުރަތަމަ ދެއްވި އަގުގެ ދެގުނަ ދެއްވައިފިނަމަ، ޖަވާބު
ދީފާނަމެވެ."
ދެން ވަޒީރު، ދެހާސް ރުފިޔާ ދެއްވުމުން، މުސްކުޅިޔާ
ދެންނެވިއެވެ.
"ބާރުވެރިޔަކީ، އަޑުއިވުމުގެ ޙިއްސެވެ. މިހާރު އެ
ޙިއްސުވަނީ، ބަލިކަށިވެފައެވެ."
ވަޒީރު އެއްސެވިއެވެ.
"ދުރަށްދާ ދަތުރުވެރިޔަކީ ކޮބައިތޯއެވެ؟"
މުސްކުޅިޔާ ދެންނެވިއެވެ.
"ދެވަނައަށް ދެއްވި އެއްޗެއްގެ ދެގުނަ ދެއްވައިފިނަމަ،
ޖަވާބު ދީފާނަމެވެ."
ދެން ވަޒީރު ހަތަރު ހާސް ރުފިޔާ ދެއްވުމުން، މުސްކުޅިޔާ
ދެންނެވިއެވެ.
"އެއީ ލޮލަށް ފެނުމެވެ. މިހާރަކު ދުރެއް ނުފެނެ އެވެ.
މިހާރު ފެންނަނީ ކައިރިއެވެ."
ދެން ވަޒީރު، އެންމެ ފަހު ސުވާލުގެ ދޭހައަކީ ކޮބައިތޯ
ސުވާލުކުރެއްވުމުން މުސްކުޅިޔާ ދެންނެވިއެވެ.
"އެއްލައްކަ ރުފިޔާ ދެއްވުމުން ނޫނީ އެ ސުވާލުގެ ދޭހައެއް
ނުދަންނަވާނަމެވެ."
ވަޒީރު، އެއްލައްކަ ރުފިޔާ ދެއްވުމުން މުސްކުޅިޔާ
ދެންނެވިއެވެ.
"މިވާހަކަތަކުގެ ދޭހަ ހޯއްދަވަން ވަޒީރު
ވަޑައިގަންނަވާނެކަމަށް ރަސްގެފާނު ލަފާފުޅުކުރެއްވި އެވެ.
ހެޔޮއަގުގައި ނުވިއްކުމަށް ރަސްގެފާނު ވިދާޅުވީ، މި
ދޭހަތަކެވެ."