އެކުވެރިކަމަކީ ވަރުގަދަ ބާރެކެވެ.


ވާހަކަ: 1

ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.

ބުއްދިވެރި މުސްކުޅިޔަކު، އޭނާގެ ދަރިންތައް ގެނެސް، އެކުދިންގެ އަތަށް ބަނދެފައިވާ ދަނޑި ބޮޑިއެއް ދިނެވެ. އަދި އެ ދަނޑި ބޮނޑި ބިންދާލުމަށް އެއިން ކޮންމެ ކުއްޖެއްގެ ގާތުން އެދުނެވެ. ދެން އެއިން ކޮންމެ ކުއްޖަކު، އެ ދަނޑި ބޮނޑި ބިންދާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެއިން އެއްވެސް ކުއްޖަކަށް އެކަމެއް ނުކުރެވުނެވެ.

ދެން މުސްކުޅިޔާ، އެ ދަނޑިބޮނޑި މޮހާލާފައި އޭގައިވާ ދަނޑިތައް، ވަކިވަކިން ބިންދާލުމަށް އެ ކުދިންގެ އަތަށް ދިނެވެ. އެހނިދު، ނުހަނު ފަސޭހަކަމާއެކު، އެކުދިން އެހުރިހައި ދަނޑިތަކެއް ބިންދާލިއެވެ. އެކުދިން މިކަން ކުރުމުން، އެކުދިންގެ ބުއްދިވެރި ބައްޕަ، ވަރަށް އަގުހުރި ނަސޭހަތެއް ދިނެވެ.

"ތިޔަކުދިންގެ މިސާލަކީ، މި ދަނޑިބޮނޑީގެ މިސާލެވެ. އެކުވެރިވެ އެއްބަޔެއްގެ ގޮތުގައި ދިރިއުޅޭހައި ހިނދަކު، ތިޔަ ކުދިން ބަލިކޮށްލުމަކީ، އެހެން މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ތިޔަކުދިން ބައިބައިވެ، ތިޔަކުދިންގެ މެދުގައިވާ އެއްބައިވަންތަކަން ނަގާލައިފިނަމަ، ތިޔަކުދިން ބަލިކޮށްލުމަކީ، އެހެން މީހުންނަށް ނުހަނު ފަސޭހަކަމެއް ކަމުގައި ވާނެއެވެ."


ވާހަކަ 2

ކަޢުބަތު ﷲ ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވިއެވެ. އެހިނދު، އެކަލާނގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމުގެފާނު ފެށްޓެވިއެވެ. އެކަމުގައި އެކަލޭގެފާނާ އެހީތެރިވެވަޑައިގެންނެވުމަށް، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދެން ނުހަނު ކިޔަމަންތެރިކަމާއެކު، އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެގޮތުގެ މަތިން، އެ ދެ ބަފައިކަލުން، އެކުވެރިކަމާއެކު، ގެފުޅު ބިނާކުރައްވައި، މާތް ﷲ ގެ ޙަޟުރަތަށް ހެޔޮ ދުޢާ ކުރެއްވިއެވެ.

މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ. (وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ) އަލްބަޤަރާ: 127. މާނައީ، "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރައްވާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާންދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މައިންބަފައިންނާއި ދަރިން، އެކުވެރިކަމާއެކު މަސައްކަތްކޮށްގެން، ދިރިއުޅުން ބިނާކޮށް އާރާސްތުކުރުމަށް މިވާހަކައިން އިރުޝާދުލިބެއެވެ. އަދި މައިންބަފައިން ކުރާ މަސައްކަތްތަކުގައި ދަރިން ބައިވެރިވެ، މައިންބަފައިންނަށް އެހީތެރިވެ ދިނުމަކީ، ދަރިން ކުރަންޖެހޭ ކަމެއް ކަން ވެސް މިވާހަކައިން އެނގެއެވެ.


ވާހަކަ 3

މާތް ﷲ، މޫސާގެފާނަށް ރަސޫލުކަން ދެއްވައި، ފިރުޢައުނުގެ ގާތަށް ވަޑައިގެންނެވުމަށް އެންގެވިއެވެ. އެހިނދު، އެކަލޭގެފާނު އެކަލާނގެ ޙަޟުރަތުގައި ދެންނެވީ، އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ފޮނުއްވައި ދެއްވުމަށެވެ. މާތް ﷲ އެކަލޭގެފާނާ ޙަވާލުކުރެއްވި ރިސާލަތު އަދާކުރެއްވުމުގައި، ބޭބޭފުޅުގެ އެހީތެރިކަން ހޯއްދެވުމަށްޓަކައެވެ.

މިވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ. (وَاجْعَل لِّي وَزِيرًا مِّنْ أَهْلِي، هَارُونَ أَخِي، اشْدُدْ بِهِ أَزْرِي، وَأَشْرِكْهُ فِي أَمْرِي) ޠާހާ: 29-32. މާނައީ، "އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާގިވެރިޔަކު، ތިމަންކަލޭގެފާނަށް ލައްވާނދޭވެ! (އެއީ) ތިމަންކަލޭގެފާނުގެ އަޚު ހާރޫނުގެފާނެވެ. އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނު ބާރުގަދަ ކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: ރަސޫލުކަމާއި، އެކަން ތަބުލީޣުކުރެއްވުމުގެ މަސްއޫލިއްޔަތުގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!"

ގާތް ތިމާގެ މީހުންގެ މެދުގައި ބަދަހި ގުޅުންތައް ބޭއްވުމަށާއި، އެބައިމީހުންނަކީ، ތިމާމެން ކުރަންޖެހޭ ބޮޑެތި ކަންތައްތަކަށް ވާގިވެރިވާ މީހުން ކަމުގައި ހެދުމަށް މި ވާހަކައިން އިރުޝާދު ލިބެއެވެ. މިއީ، މާތް ﷲ ގެ އިރުޝާދެވެ. އެކަލާނގެ ދައްކަވާފައިވާ ތެދުމަގެވެ. މި މަގާ ތަބާވެއްޖެ މީހަކަށް މަލާމާތް ކުރެވޭނެ ޖާގައެއް ނެތެވެ. މި މަގުން އެއްކިބާވެ، ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލިއްޖެ މީހަކަށް ލިބޭނެ ކާމިޔާބެއް ނެތެވެ.


ވާހަކަ 4

ޛުލްޤަރުނައިނި ރަސްގެފާނަށް ވަރަށް ބޮޑު ރަސްކަމެއް މާތް ﷲ ދެއްވިއެވެ. ނަމަވެސް، އެމަނިކުފާނު، އެކަލާނގެ ދެއްވި އާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިއްޕަވައެވެ. ބިމުގެ ކަންކޮޅުތަކަށް ދަތުރުކުރައްވައި، ދުނިޔޭގައި ޢަދުލުވެރިކަން ޤާއިމުކުރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެމަނިކުފާނުގެ ޒަމާނުގައި ފަސާދަކުރާ ބަޔަކު އުޅުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. އެ މީހުންނަކީ، އެމީހުންގެ ރަށާ އިންވެގެން އޮންނަ ރަށްތަކަށް އަރައި، އެ ރަށްތައް ލޫޓުވައި އުޅުނު ބަޔެކެވެ.

ޛުލްޤަރުނައިނި ރަސްގެފާނު، އެ ސަރަޙައްދަށް ވަޑައިގެންނެވުމުން، އެ ރަށްތަކުގެ އަހުލުވެރިން އެމަނިކުފާނުގެ މަދަދަށް އެދި ދެންނެވިއެވެ. އެބައިމީހުން އެމަނިކުފާނުގެ އަރިހުގައި ދެންނެވީ، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ، އެބައިމީހުންގެ ރަށްތަކާ ދެމެދުގައި އުސް ފާރެއް ބިނާކޮށްދެއްވުމެވެ. މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ. (قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَى أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا) އަލްކަހުފު: 94. މާނައީ، "އެއުރެން ބުނެފޫއެވެ. އޭ ޛުލްޤަރުނައިނި އެވެ! ހަމަކަށަވަރުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟"

ދެން އެބައިމީހުންނަށް ޛުލްޤަރުނައިނި ދެއްވި ޖަވާބު، ނަންގަނެވި ދިޔަ އާޔަތާ ޖެހިގެން އޮތް އާޔަތުގައި ވެއެވެ. (قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا) އަލްކަހުފު: 95. މާނައީ، "އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ."

އެބައިމީހުންގެ ގާތުން ޛުލްޤަރުނައިނި އެދިވަޑައިގެންނެވީ، އެއްބައިވަންތަކަމާއެކު، އެބައިމީހުން އެމަނިކުފާނަށް އެހީތެރިވުމަށެވެ. އެ އެންމެންނަކީ، އެކެއްގެ އަމުރަށް ކިޔަމަންވާ ބަޔެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. އެހެނީ، އެފަދަ ހުރަހެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށްވެސް ބޮޑެވެ. އެކަމަށްޓަކައި، ބިމުގެ ކަންކޮޅުތަކުން ހިލައާއި މަޢުދަނާއި އެނޫންތަކެތި ގެންނަން ޖެހެއެވެ. ދެން އެބައިމީހުން، ޛުލްޤަރުނައިނިއަށް ފުރިހަމަ ތާއީދާއި އެއްބާރުލުން ދިނެވެ. އެމަނިކުފާނުގެ އެންގެވުންތަކަށް އިޚުލާޞްތެރިކަމާއެކު އިޖާބަދިނެވެ. ނަތީޖާއަކަށްވީ، މާތް ﷲ ގެ ވާގިފުޅާއެކު، އެ ހުރަސް ބިނާކުރެވި، އެބައިމީހުންނަށް އަމާންކަން ލިބުމެވެ.


ވާހަކަ 5

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ، މިސްކިތެއް ބިނާކުރެއްވުމެވެ. އެކަމުގައި އިތުރު އެކަލޭގެފާނުގެ މިތުރު އަޞްޙާބު ބޭކަލުން، ފުރިހަމަ ތާއީދާއި އެއްބާރުލުން، އިތުރު އެކަލޭގެފާނަށް ދެއްވިއެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ހިލައާއި އެނޫންތަކެތި އެއްތަން ކުރުމުގައި ނުހަނު އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އެބޭކަލުން މަސައްކަތްކުރެއްވިއެވެ.

އެއަށްފަހު، މުޝްރިކުންގެ އަނިޔާވެރިކަން މަދީނާއަށް ކުރިމަތިވަމުން ދިޔައެވެ. މަދީނާގައި ތިބި މުސްލިމުންނާ ހަނގުރާމަކުރުމަށް އެބައިމީހުން ޤަޞްދުކުރިއެވެ. މުސްލިމުންނަށް އެކަން އެނގުމުން، މަދީނާގެ ވަށައިގެން ޚަންދަޤެއް ކޮނުމުގެ ވިސްނުންފުޅު، ސަލްމާނުލް ފާރިސީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވިއެވެ. އެ ވިސްނުންފުޅަށް، އިތުރު އެކަލޭގެފާނު ތާއީދުކުރެއްވިއެވެ. ދެން މަދީނާގައި ތިބި އެންމެހައި މުސްލިމުން ނުހަނު އެކުވެރިކަމާއެކު، ޚަންދަޤު ކޮނުމުގެ މަސައްކަތް ފެށިއެވެ. ދެން އިސާހިތަކު މުސްލިމުން އެ މަސައްކަތްކޮށް ނިންމިއެވެ. (އެ ޚަންދަޤަކީ ރަށުގެ ވަށައިގެން ފުޅާކޮށް ފުންކޮށް ކޮނެވުނު ވަޅުގަނޑެކެވެ.) ނަތީޖާއަކަށްވީ، މުޝްރިކުން ހީކުރި ގޮތާ ޚިލާފަށް، އަޙުޒާބު ހަނގުރާމައިގައި، މުސްލިމުންނަށް ނަޞްރާއި ނަސީބު ލިބުމެވެ.


އެކުވެރިކަމަކީ ކޮބާ؟

އެކުވެރިކަމަކީ، ހެޔޮކަންތައް ކުރުމުގައި އެކަކު އަނެކަކާ އަދި އެއްބަޔަކު އަނެއް ބަޔަކާ އެހީތެރިވެ، އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ) އަލްމާއިދާ: 2. މާނައީ، "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

މީސްތަކުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަކީ، ޟަރޫރީ ކަމެކެވެ. އެހެނީ، އެއްވެސް މީހަކަށް އެކަނިމާއެކަނި ހުރިހައި ކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އުޅުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައިވެއެވެ. ކީއްތޯއެވެ. ޚާދިމުން ކުރާ މަސައްކަތުގައި ސާހިބުން ބައިވެރިވެ، ޚާދިމުންނަށް ވެސް އެހީތެރިވުމަށް އިތުރު އެކަލޭގެފާނު ނަޞީޙަތްތެރިވެ ވަޑައިގެންފައި ވެއެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި ވެއެވެ. (وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ) މާނައީ، "އެއުރެންނަށް (އެބަހީ: ޚާދިމުންނަށް) ނުކުރެވޭވަރުގެ ބުރަ މަސައްކަތްތައް، ތިޔަބައިމީހުން އެއުރެންނާ ޙަވާލުނުކުރާށެވެ! ބުރަމަސައްކަތެއް އެއުރެންނާ ޙަވާލުކޮށްފިނަމަ، ތިޔަބައިމީހުން އެއުރެންނާ އެހިތެރިވާށެވެ!"


އެކުވެރިކަމަކީ ޠަބީޢީކަމެއް

އެކުވެރިކަމަކީ، މާތް ﷲ ޚަލްޤުކުރައްވާފައިވާ އެންމެހައި މަޚުލޫޤުންގެ ކިބައިގައި ލައްވާފައިވާ ޠަބީޢީ ކަމެކެވެ. މިސާލަކަށް، ހިނީގެ ދިރިއުޅުމަށް ބައްލަވާށެވެ! ނުވަތަ މާމުއި ކުޅަނދުރުގެ ދިރިއުޅުމަށް ބައްލަވާށެވެ! އެތަކެތީގެ މެދުގައިވާ ފުރިހަމަ އެކުވެރިކަމާއި އެއްބަޔެއްވަންތަކަން ފެނިވަޑައިގަންނަވާނެއެވެ. އެއްގަމުގައި ދިރިއުޅޭ ބިޔަ ޖަނަވާރުތަކާއި ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި ޖައްވުގައި ދިރިއުޅޭ ދޫނިސޫފާސޫފީގެ މެދުގައި ވެސް، އެކުވެރިކަން ލައްވާފައިވެއެވެ.

މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، އެކަލާނގެ ވަނީ، އިންސާނުންގެ މެދުގައި ވެސް އެކުވެރިކަން ލައްވާފައެވެ. ނަމަވެސް، އިންސާނުންގެ ކިބައިން އެ މާތް ސިފަ ނިގުޅައިގަތުމަށް، ޝައިޠާނާ މަސައްކަތްކުރެއެވެ. އެކަމުން މީސްތަކުން ސަލާމަތްކުރެއްވުމަށްޓަކައި ރަޙުމަތުގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، އެތަކެއް އިރުޝާދުތަކެއް ދެއްވާފައެވެ.

އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. (مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى) ރިވާކުރެއްވީ މުސްލިމު. މާނައީ، "އެކަކު އަނެކަކަށް އޯގާވެރިވުމާއި ރަޙުމަތްތެރިވުމާއި ލޯބިކުރުމުގައި މުއުމިނުންގެ މިސާލަކީ، ހަށިގަނޑުގެ މިސާލެވެ. އެއިން އެންމެ ގުނަވަނަކަށް ވޭނެއް ލިބި ޝަކުވާ ކުޅަޔަސް، އެކަމަށްޓަކައި ހޭލާ ހުރުމާއި ހުންއައުމުން، ހަށިގަނޑުގެ އެހެން ގުނަންތައް ބަލިވެދެއެވެ." މިޙަދީޘުގައި އިރުޝާދު ދެއްވާފައި ވަނީ، އެންމެހައި މުއުމިނުން އެއް ހަށިގަނޑެއްގެ މިސާލުގައި ދިރިއުޅުމަށެވެ.

އެހެން ޙަދީޘެއްގައި ވެއެވެ. (الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމު. މާނައީ، "އެއް މުއުމިނު، އަނެއް މުއުމިނާ ގުޅި ލާމެހިފައިވަނީ ބިނާއެއް ފަދައިންނެވެ. އޭގެ އެއްބައި، އަނެއް ބައި ވެއްޓުނަ ނުދީ ހިފަހައްޓައެވެ."

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މި އުންމަތަށް ބަޔާންކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި ވެއެވެ. މުސްލިމަކު އޭނާގެ އަޚު އަނެއް މުސްލިމެއްގެ މުހުތާދުތައް ފުއްދައިދޭހައި ހިނދަކު، މާތް ﷲ އޭނާގެ މުހުތާދުތައް ފުއްދަވައިދެއްވާނެއެވެ. މިދުނިޔޭގައި މީހަކާ ކުރިމަތިވެފައިވާ ދަތިކަމަކުން އޭނާ ސަލާމަތްކޮށްދީފި މީހަކަށް، އާޚިރަތް ދުވަހުގައި މާތް ﷲ ދަތިކަމެއް ލުއިކޮށް ދެއްވާނެއެވެ. މީހަކު އޭނާގެ އަޚު އަނެކާއަށް އެހީތެރިވެ ދިނުމުގައި ދެމިހުރިހައި ހިނދަކު، މާތް ﷲ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެއެވެ.