އިބްނު ތައިމިއްޔާގެ އަރިހުން ބައެއް ޙިކުމަތް
އިބްނު ތައިމިއްޔާއާ ކުރިމަތިވެވަޑައިގެންނެވި ބައެއް
ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބްނުލް
ޤައްޔިމު ވިދާޅުވެފައިވެއެވެ.
އިބްނު ތައިމިއްޔާ ވިދާޅުވި އަޑު އެއްސެވީމެވެ.
"މިދުނިޔޭގައި ސުވަރުގެއެއް ވެއެވެ. މިދުނިޔޭގައި އެ
ސުވަރުގެއަށް ނުވަންނަ މީހަކަށް، އާޚިރަތުގެ
ސުވަރުގެއަކަށް ނުވަދެވޭނެއެވެ."
އިބްނު ތައިމިއްޔާ އެއްފަހަރަކު ވިދާޅުވިއެވެ.
"ދުޝްމަނުންގެ ކިބައިން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް
ލިބޭނެ ދަތިކަމެއް ނޯންނާނެއެވެ. ތިމަންކަލޭގެފާނުގެ
ސުވަރުގެ ވަނީ، ތިމަންކަލޭގެފާނުގެ މޭފުޅުގަ އެވެ.
ތިމަންކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކަށް، އެ
ސުވަރުގެ ތިމަންކަލޭގެފާނާއެކު ދެއެވެ. ދުޝްމަނުން
ތިމަންކަލޭގެފާނު ހުރަގެއަށް ލައިފިނަމަ، އެއީ
ތިމަންކަލޭގެފާނުގެ ޚަލްވަތެވެ. އެމީހުން ތިމަންކަލޭގެފާނު
ޤަތުލުކޮށްފިނަމަ، ތިމަންކަލޭގެފާނަށް އެލިބިވަޑައިގަތީ
ޝަހީދެއްގެ ދަރަޖަ އެވެ. އެމީހުން ތިމަންކަލޭގެފާނު ރަށުން
ބޭރުކޮށްފިނަމަ، ތިމަންކަލޭގެފާނަށް އެލިބިވަޑައިގަތީ
ފަތުރުވެރިކަމެކެވެ."
އިބްނު ތައިމިއްޔާ، ކިއްލާގެ ބަންދުގައި ހުންނެވިއިރު
ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނަށް މި ލިބިވަޑައިގަތީ ވަރަށް ބޮޑު
ނިޢުމަތެކެވެ. ތިމަންކަލޭގެފާނު، މި މާލަން ފުރޭވަރަށް
ރަން ދެއްވިޔަސް، މި ނިޢުމަތުގެ ޝުކުރު
އަދާނުކުރެއްވޭނެއެވެ.
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.
"ހުރަގެއަށް ލެވިފައިވާ މީހަކީ، މާތް ﷲ ގެ ޙަޟުރަތަށް
ކުއްތަން ނުވެވޭވަރަށް އެމީހެއްގެ ހިތް ކަސްތޮޅު
އެޅިފައިވާ މީހާއެވެ. އަސީރުވެފައިވާ މީހަކީ، ހަވާނަފުސުގެ
ވަސްވާހުން އެމީހެއްގެ ނަފުސު އަސީރުވެފައިވާ މީހާއެވެ."
މިމޭރުމުން ވާހަކަދައްކަވަމުން އިބްނުލް ޤައްޔިމު
ވިދާޅުވިއެވެ.
އިބްނު ތައިމިއްޔާއަށްވުރެ ބޮޑަށް ހިތް ހަމަޖެހިގެން
އުޅުނު މީހަކު، ތިމަންކަލޭގެފާނު ދުވަހަކުވެސް
ދެކެވަޑައެއް ނުގގަންނަވަމެވެ. އެކަލޭގެފާނު ދިރިއުޅުއްވީ،
ނުހަނު ދަތި ޙާލުކޮޅެއްގައެވެ. ދުންޔަވީ އުފަލާއި އަރާމުގެ
ތެރެއަށް އެކަލޭގެފާނު ވެދެވަޑައެއް ނުގަންނަވަ އެވެ.
ހައްޔަރުކުރުމާއި، ބިރުދެއްކުމާއި، އަނިޔާކުރުން، ފަދަ
އެތައް އަދަބެއް އެކަލޭގެފާނަށް ދެވުނެވެ. އެހެންކަމާއެކު
ވެސް، އެކަލޭގެފާނަކީ، ނުހަނު ހިތްޕުޅު ހެޔޮ، ނުހަނު
ހިތްވަރުފުޅު ގަދަ ބޭކަލެއް ކަމުގައިވިއެވެ. ހިތްޕުޅު
ހަމަޖެހުމާއި، މޫނުފުޅު އަލިކަން އެކަލޭގެފާނާ
އެކުގައިވިއެވެ. ތިމަންބޭކަލުން ކަމަކާމެދު
ކަންބޮޑުވެވަޑައިގެންފިނަމަ، އެކަލޭގެފާނުގެ އަރިހަށް
ވަޑައިގަންނަވަމުއެވެ. އެކަލޭގެފާނުގެ ބަސްފުޅު
އިވިވަޑައިގަތުމުން، ތިމަންބޭކަލުންގެ ހިތްޕުޅުން
ނުތަނަވަސްކަން ފިލައިދެއެވެ. އަދި ޔަޤީންކަމާއި
ހިތްހަމަޖެހުން ލިބިވަޑައިގަނެއެވެ.