ރަނގަޅު ތަކެތިން ޞަދަޤާތްދިނުން
ޢިބްރަތްތެރި ވާހަކައެއްގައި ވެއެވެ.
އެއްދުވަހަކު ސުލައިމާނުގެފާނު ކާވެނީގެ ޙަފުލާއަކަށް
ވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގަތެވެ. އެއީ،
އެކަލޭގެފާނުގެ ޤައުމުގެ ކަމުވޮށިވެގެންވާ މީހެއްގެ
ދަރިއެއްގެ ކާވެނީގެ ޙަފުލާއެކެވެ. އެކަލޭގެފާނު އެ
ޙަފުލާއަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް
މަލަކުލްމައުތު ވަޑައިގެން އެކަލޭގެފާނުގެ އަރިއަހުގައި
ވިދާޅުވިއެވެ.
"ކަލޭގެފާނު ވަޑައިގަންނަވަން
ތިޔައުޅުއްވަނީ ކޮންތާކަށްތޯއެވެ؟"
ސުލައިމާނުގެފާނު ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނު
ވަޑައިގަންނަވަން މިއުޅުއްވަނީ، މިވެނި މީހެއްގެ
ދަރިފުޅުގެ ކާވެނީގެ ޙަފުލާއަށެވެ."
އެހިނދު
މަލަކުލްމައުތު ވިދާޅުވިއެވެ.
"ތިޔަ ވިދާޅުވާ
ކާވެނީގެ ޒުވާން ފިރިމީހާގެ ފުރާނަ ހިއްޕެވުމަށް
ތިމަންކަލޭގެފާނާ ވަނީ ޙަވާލުކުރެއްވިފައެވެ.
ތިމަންކަލޭގެފާނު އެކަން ކުރެއްވުމަށް ހަމަޖެހިފައިވަނީ،
އެ ޙަފުލާގައެވެ."
މާތް ނަބިއްޔާ
ސުލައިމާނުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން
ހިތާމަފުޅުކުރެއްވިއެވެ. އެކަލޭގެފާނު ވަޑައިގަންނަވާ
ކާވެނީގެ ޙަފުލާއެއް، ހިތާމައިގެ ޙަފުލާއަކަށް
ބަދަލުވެގެން ހިނގައިދާނެތީއެވެ. މިހެންވެ، އެކަލޭގެފާނު
އެ ޙަފުލާއަށް ވަޑައެއްނުގެންނެވިއެވެ.
ޖެހިގެން
އައި ދުވަހު، ކައިވެނިކުރި ޒުވާނާގެ ބައްޕައާ
ސުލައިމާނުގެފާނާ ދިމާވިއެވެ. އޭނާ އެކަލޭގެފާނުގެ
އަރިހުގައި ދެންނެވިއެވެ.
"ތިމަންނާގެ ދަރިފުޅުގެ
ކާވެނީގެ ޙަފުލާއަށް ވަޑައިގެންނެވުމަށް ކަލޭގެފާނަށް
ދަޢުވަތު އެރުވީމެވެ. ކަލޭގެފާނު އެ ޙަފުލާއަށް
ވަޑައިނުގެންނެވީތީ ތިމަންމެން މިތިބީ ވަރަށް ބޮޑަށް
ދެރަވެފައެވެ."
އެހިނދު ސުލައިމާނުގެފާނު އޭނާއާ
މުޚާޠަބުކުރައްވައި އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
އެކަމަކު، މަލަކުލްމައުތާ މުޚާޠަބުކުރައްވައި
ވިދާޅުވިއެވެ.
"އޭ މަލަކުލްމައުތެވެ!
ތިމަންކަލޭގެފާނު އެ ކާވެނީގެ ޙަފުލާއަށް
ވަޑައިނުގެންނެވީ، ކާވެނިކުރި ޒުވާނާގެ މަރު ހިއްޕެވުން
ކަލޭގެފާނާ ޙަވާލުކުރެއްވިފައިވާ ކަމަށް ވިދާޅުވުމުން
ނޫންތޯއެވެ؟ ކަލޭގެފާނު އަދިވެސް އޭނާގެ މަރު
ނުހިއްޕަވަމެއް ނޫންތޯއެވެ؟ ކަލޭގެފާނު އޭނާގެ މަރު
ހިއްޕަވާނެ ކަމަށް ވިދާޅުނުވި ނަމަ، ތިމަންކަލޭގެފާނު އެ
ޙަފުލާއަށް ވަޑައިގެންނެވީމުހެވެ."
ސުލައިމާނުގެފާނަށް ރައްދުދެއްވަމުން މަލަކުލްމައުތު
ވިދާޅުވިއެވެ.
"އޭނާގެ މަރު ހިއްޕެވުމަށްޓަކައި
ތިމަންކަލޭގެފާނު އެ ޙަފުލާއަށް ވަޑައިގެންނެވީމެވެ.
ނަމަވެސް އެކަން ނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް
ތިމަންކަލޭގެފާނަށް އެންގެވުނެވެ.
އެއީ، އެ ޒުވާނާގެ
މައްޗަށް މުސްކުޅި ފަޤީރު އަންހެނަކު ކުރި ދުޢާއެއްގެ
ސަބަބުންނެވެ.
އެ މުސްކުޅި އަންހެންމީހާ އިނީ ކާވެނީގެ
ޙަފުލާ ބޭއްވުނު ތަނުގެ އެއްފަރާތެއްގައެވެ.
އޭނާގެ
ޙާލު ފެނިފައި ސަހަރޯވެރިވެގެން، ކާވެނިކުރި ޒުވާނާގެ
ބައްޕަ އޭނާގެ ގާތަށް ގޮސް އެއްސެވެ.
"ދައްތަގެ
ޙާލަކީ ކޮބައިހެއްޔެވެ؟ ދައްތަގެ މުހުތާދަކީ
ކޮބައިހެއްޔެވެ؟"
އެ މުސްކުޅި އަންހެން މީހާ
ބުންޏެވެ.
"ތިމަންދައްތަގެ ޙާލު ވަރަށް ދެރައެވެ.
ތިމަންދައްތަ މިހާރު ވެސް މިއިނީ
ބަނޑުހައިކަންމަތީގައެވެ."
ދެން ޒުވާނާގެ ބައްޕަ އެ
މުސްކުޅި އަންހެންމީހާ އަށް އެ ޙަފުލާއިން ކާއެއްޗެހި
ގެންގޮސްދިނެވެ.
އޭނާ ގެންގޮސްދިނީ ޙަފުލާގައި
އާންމުންނަށް ތައްޔާރުކޮށްފައިވާ ކާއެއްޗިއްސެއް ނޫނެވެ.
ކިޔެއްތަ! އޭނާ ގެންގޮސްދިނީ އެ ޙަފުލާގައި
ކަލޭގެފާނަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްޞަ
ކާއެއްޗިއްސެވެ!
މިހެންވެ، އެ މުސްކުޅި އަންހެންމީހާ
ވަރަށް ބޮޑަށް އުފާވިއެވެ.
އަދި އޭނާ މާތް ﷲ ގެ
ޙަޟުރަތަށް ދުޢާ ދެންނެވިއެވެ.
"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މި ޙަފުލާގައި
ކާވެނިކުރެވޭ ދެ ޒުވާނުންގެ ޢުމުރު ދަންމަވައި، އެ
ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިކުރައްވައި، އެ
ދެމަފިރިންގެ ކާވެނީގައި ބަރަކާތް ލައްވައިފާންދޭވެ!"
ހަމައެހިނދު، މާތް ﷲ، އޭނާގެ ދުޢާ ވަގުތުން
އިޖާބަކުރެއްވިއެވެ!!! ތިމަންކަލޭގެފާނަށް އެ ޒުވާނާގެ
މަރު ނުހިއްޕެވުނީ މި ސަބަބަށްޓަކައެވެ."
<><><>
މި ވާހަކަ ވިދާޅުވާ ޢިއްޒަތްތެރި އަޚުންނާއި
އުޚުތުންނޭވެ! ރަނގަޅު ތަކެތިން ޞަދަޤާތް ދެއްވުމަށް
ފަސްޖެހިވަޑައިނުގަންނަވާށެވެ! ޞަދަޤާތް ދެއްވުމަކީ، ތިޔަ
ބޭފުޅުންނަށާއި ތިޔަ ބޭފުޅުންގެ މުދަލަށް އުނިކަމެއް
ލިއްބައިދޭނެ ކަމެއް ނޫނެވެ. އެކަމަކު، އޭގެ ސަބަބުން،
ހިސާބު ނުކުރެވޭނެހައި ގިނަގުނަ ލާބައާއި މަންފާއާއި
ދަރުމަ ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ.