ދިރުމަށް ނަޒަރެއް
ދިރުމާއި ދިރު
ދިރުމުގެ މާނަ އެތައް ގޮތަކަށް ކުރެވެއެވެ. އެއާމެދު
ހިންގޭ ނަޒަރު ތަފާތުވުމުން އޭގެ ދޭހަ ތަފާތުވެއެވެ. ދިރޭ
އެއްޗެއްގެ ނިސްބަތުން ބަލާއިރު، ދިރުމުގެ އާންމު
މާނައަކީ، "ދިރޭ އެއްޗެއް އުފަންވުމާއި މަރުވުމާ
ދެމެދުގައި ހޭދަކުރާ މުއްދަތު" ކަމަށް ބައެއް ފަރާތްތަކުން
ބުނެފައި ވެއެވެ. ދިރުމުގެ މި ނޫން މާނަތަކާއި
ތައާރަފުތައް ވެސް ވެއެވެ.
ދުނިޔޭގައިވާ ދިރޭތަކެއްޗަށް ބަލާއިރު، އޭގެ ސައިޒުތައް
ތަފާތެވެ. އޭގެ ބައްޓަންތައް ތަފާތެވެ. އޭގެ ކުލަތައް
ތަފާތެވެ. އޭގެ ވެށިތައް ތަފާތެވެ. އޭގެ ބާވަތްތައް
ތަފާތެވެ. އާދޭހެވެ. ދުނިޔޭގައި އެތައް މިލިޔަން
ބާވަތެއްގެ ދިރޭ ތަކެތި ވެއެވެ. އެހެނަސް އެ އިން ކޮންމެ
އެއްޗެއްގެ ހަށިގަނޑު ބިނާވެފައިވަނީ ދިރުތަކަކުންނެވެ.
ދިރަކީ، އޭގެ ހަށިގަނޑު ބިނާކޮށްދޭ އެންމެ ކުޑަ
އެތިކޮޅެވެ.
ދިރޭތަކެތި އުފެދިފައިވަނީ، ދާދި އެއްކަހަލަ
ދިރުތަކަކުންނެވެ. އެއީ، ބައްޓަމުގެ ގޮތުންނާއި،
މުރައްކަބުގެ ގޮތުން ދާދި އެއްކަހަލަ ދިރުތަކެކެވެ. އެ
ދިރުތައް ބައިބައިވެ، ގިނަވެ، އެއިން ދިރޭ އެއްޗެހި އުފެދޭ
ގޮތާމެދު، އެއާބެހޭ ޢާލިމުން ސުވާލު އުފައްދަވާފައި
ވެއެވެ. އޭގެ ޙަޤީޤަތްތައް ހޯއްދެވުމަށް މަސައްކަތް
ކުރައްވާފައި ވެއެވެ.
ދިރު ހެދިބޮޑުވުން
އެންމެހައި ދިރޭތަކެތި އުފެދެން ފަށަނީ އެންމެ
ދިރަކުންނެވެ. ދެބައިވެ، އެއް ދިރު، ދެ ދިރަށް ވެއެވެ. ދެ
ދިރު، ހަތަރު ދިރަށް ވެއެވެ. ހަތަރު ދިރު، އަށް ދިރަށް
ވެއެވެ. މި ގޮތުގެ މަތިން ދިރުތައް ބައިބައިވެ،
ގިނަވެއެވެ. ދިރޭ އެއްޗެއްގެ ހަށިގަނޑު ބިނާކުރުމަށް
ބޭނުންވާނެ ހުރިހާ ދިރުތަކެއް އުފެދެއެވެ. ބައެއް
ޙާލަތުތަކުގައި އޭގެ ޢަދަދު އެތައް ހާސް ބިލިޔަނަށް
އަރައެވެ. އެހެނަސް އުފެދޭ ކޮންމެ ދިރެއްމެ ވަނީ
ހަށިގަނޑުގައި އެއަށް ޚާއްޞަވެގެންވާ ތަނުގައެވެ. ދިރުތައް
ބައިބައިވެ ގިނަވަމުންދަނީ، ޙައިރާންކުރުވަނިވި އީޖާދީ
ގޮތެއްގައެވެ. އެންމެ ޙައިރާންކުރުވަނިވި އެއްކަމަކީ،
ދިރުން ދިރު އުފެދޭކަމެވެ. މީހެއްގެ ބާރަކާ ނުލައި އޭގެ
އަމިއްލަ ޒާތުގައެވެ. އެކަމަށްޓަކައި، ޢަމަލުކުރަންޖެހޭ
ގޮތް މާތް ﷲ ވަނީ އޭގެ ތެރޭގައި ވަރަށް މޮޅަށް ރާއްވަވައި
ހަމަޖައްސަވާފައެވެ.
އާދޭހެވެ. ދިރޭ އެއްޗެއް އުފެދެން ފަށާ ފުރަތަމަ ދިރުގެ
ތެރޭގައި ވެސް ކަން އޮތީ ހަމަ އެގޮތަށެވެ. ތަކުރާރުކޮށް
ދިރުތައް ބައިބައިވެ، އެކި ބާވަތްބާވަތުގެ ދިރުތައް
އުފެއްދުމުގެ ޤާބިލުކަން އޭގައި ލައްވާފައި ވެއެވެ. ދިރޭ
އެއްޗެއް އުފެއްދުމަށް އެކަށޭނަ ވެށްޓެއްގައި އޮންނައިރު،
ބޭރުން އެއަށް ބޭނުންވާ ހަމައެކަނި އެއްޗަކީ ކާނާއެވެ.
ކާނާ ލިބުމުން، އެއިން އެހެން ދިރުތައް އުފައްދައެވެ.
މިކަން މިގޮތަށް ލައްވާފައިވާ ކަމީ، މާތް ﷲ ގެ
ކަށަކުޅަދުންވަންތަކަމުގެ ދަލީލެކެވެ.
ކީރިތި ޤުރުއާނުގެ އަލީގައި
ދިރޭތަކެތީގެ ތެރެއިން އިންސާނުން ހެއްދެވި ގޮތް ކީރިތި
ޤުރުއާނުގައި ބަޔާންކުރައްވައި ވެއެވެ. ދިރުން އުފެދޭ
މަރްޙަލާތައް އެއިން އެނގެއެވެ. މާތް ﷲ ވަޙީކުރައްވާފައި
ވެއެވެ.
(وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ سُلَالَةٍ مِنْ
طِينٍ)
(ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ)
(ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا
الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا
فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ
خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ)
އަލްމުއުމިނޫން: 12-14
މާނައީ:
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން
(އެބަހީ: މަށީން އުފެއްދެވި އުފެއްދެވުމަކުން) އިންސާނާ
(އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ."
"ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރި
ތަނެއްގައި، ނުޠުފާއެއްގެ ގޮތުގައި ލެއްވީމެވެ."
"ދެން ތިމަންރަސްކަލާނގެ އެ ނުޠުފާ، ޢަލަޤާއަކަށް
ހެއްދެވީމެވެ. ދެން އެ ޢަލަޤާ މަސްކޮޅަކަށް ހެއްދެވީމެވެ.
ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ
ކަށީގައި މަސް ލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން
އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް
ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެ އެވެ."
ދިރުން އުފެދޭ މަރްޙަލާތައް މި އާޔަތްތަކުން ވަރަށް
ސާފުކޮށް އެބަ އޮޅުންފިލައެވެ. ޚާއްޞަކޮށް، މާތް ﷲ،
އިންސާނާ ހެއްދެވި މަރްޙަލާތަކެވެ.
ޑީއެންއޭގައި ލައްވާފައިވާ ސިއްރު
ދިރުމަކީ ކޮބައިތޯ އާއި، ދިރުމާބެހޭ ޙަޤީޤަތްތައް
ހޯއްދެވުމަށްޓަކައި ކަމާބެހޭ ޢާލިމުން ދިރާސާތައް
ކުރެއްވިއެވެ. އެ ދިރާސާތައް ގޮސް ހުއްޓުނީ ޑީއެންއޭ (DNA)
އާ ހަމައިގަ އެވެ. އެއީ، ދިރުގެ މަރުކަޒުގައިވާ
އެއްޗެކެވެ. ޑީއެންއޭ އަކީ ކޮން އެއްޗެއްކަން އެންމެ
ކުރުކޮށް ބުނާނަމަ ބުނެވޭނީ، އެއީ، ދިރުގެ ތެރޭގައި
ލައްވާފައިވާ މަޢުލޫމާތުގެ މައިގަނޑު ޚަޒާނާ ކަމަށެވެ.
މީލާދީ ސަނަތުން 1869 ވަނަ އަހަރު ޑީއެންއޭ ހޯއްދެވީ،
ސްވިޓްޒަލޭންޑްގެ ޑަކުޓަރެއް ކަމަށްވާ، ފްރީޑްރިކް މަޔަޝަރ
(Friedrich Miescher) އެވެ. އޭރު ކަމާބެހޭ ޢާލިމުން
ހީކުރައްވާފައި ވަނީ، ދިރޭތަކެތީގެ އެއް ޖީލުން އަނެއް
ޖީލަށް ވިރާސީ ސިފަތައް ނަގުލުކުރަނީ، ޑީއެންއޭ ކަމަށެވެ.
މީލާދީ ސަނަތުން 1953 ވަނަ އަހަރު، ދެ ޢާލިމަކު ޑީއެންއޭގެ
މުރައްކަބު ހޯއްދެވިއެވެ. އެއީ، ފްރާންސިސް ކްރިކް
(Francis Crick) އާއި، ޖޭމްސް ވަޓްސަން (James Watson)
އެވެ. އެ ދެ ޢާލިމުން އެކަން ކުރެއްވީ، އެކްސްރޭ
ބޭނުންކުރައްވައިގެންނެވެ. އެ ހޯދުމުން އެނގުނު ގޮތުގައި،
ދިރޭތަކެތީގެ ހަށިގަނޑުގެ ސިފަތައް ވަނީ، ޑީއެންއޭގެ
ހިމަހިމަ، ނުހަނު ދިގު ފީތާއެއްގައި ފުރޭފުވެފައެވެ. އެ
ފީތާ ވަނީ، ދިރުގެ މަރުކަޒުގަ އެވެ. އެ ފީތާގެ ކުޑަކަމުން،
އެންމެ ބާރުގަދަ ލައިޓް މައިކްރޮސްކޯޕުން ވެސް އެޔެއް
ނުފެނެއެވެ.
މިދެންނެވި ހޯދުން ވެގެންދިޔައީ، ދިރުމުގެ ސިއްރުތަކުގެ
ތެރެއިން ހޯދުނު އެންމެ ބޮޑު ސިއްރު ކަމަށެވެ. އެއިން
ކަޝްފުވެގެންދިޔައީ، ދިރޭތަކެތީގެ ހަށިތަކުގެ ސިފަތައް
އޭގެ ދަރިފަސްކޮޅުތަކަށް ވާރުތަކުރާ ގޮތެވެ. އަދި އެންމެ
ދިރެއް ބައިބައިވެގެން އެއިން އާ ދިރޭ އެއްޗެއް އުފެދޭ
ގޮތެވެ. ޑީއެންއޭގެ މުރައްކަބު ހޯއްދެވި ދެ ޢާލިމުންނަށް
އެކަމަށްޓަކައި، 1962 ވަނަ އަހަރު، "ގުނަވަންތަކުގެ
ވަޒީފާގެ ޢިލްމު" (Physiology) ގެ ރޮނގުން ނޯބެލް އިނާމު
ލިބިވަޑައިގެންފައި ވެއެވެ.
ޑީއެންއޭގެ ފީތާފަށް، ޢާލިމުން ދިރާސާކުރެއްވި އެވެ. އޭގެ
މުރައްކަބެވެ. ވާރުތަކުރެވޭ މަޢުލޫމާތު އޭގައި
ރައްކާކުރެވޭ ގޮތެވެ. އަދި އޭގައި ފުރޭފުވެފައިވާ
ޕުރޮގްރާމު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތްތަކެވެ.
އެ ދިރާސާތަކުން އެނގުނު ގޮތުގައި، އެ ކަންކަމުގައި ވާ
ސިއްރުތައް ކަޝްފުކުރުމަކީ، ދުނިޔޭގައިވާ އެންމެ މޮޅު
ސިކުނޑިތަކުގެ އަހުލުވެރިންނާ ވެސް ނުބައްދަލު ކަމެކެވެ.
އެއީ، އިންސާނީ ސިކުނޑިއާ ނުބައްދަލު މުޢުޖިޒާތްތަކެކެވެ.
މިކަން ބަޔާންކުރައްވަމުން، ފްރާންސިސް ކްރިކް (Francis
Crick) ވިދާޅުވެފައި ވެއެވެ.
"ދިރުން އުފެދުނީ، މުޢުޖިޒާތެއް ފަދަ ގޮތެއްގައި ކަމަށް
ބުނުން ފިޔަވައި އިތުރު އެއްޗެއް، މިހާރު ދުނިޔޭގައިވާ
ހުރިހާ މަޢުރިފާތަކެއް ލިބިފައިވާ އަމާނާތްތެރިޔަކު
ނުބުނާނެކަން ކަށަވަރެވެ."
ނިންމުން
ދިރުމުގެ މައްޗަށް ހިންގައިލެވުނު މި ކުޑަކުޑަ ނަޒަރުން
ހާމަވެގެންދިޔަ މުހިންމު ނުކުތާތަކެއް ވާކަން
ފާހަގަކޮށްލަންޖެހެ އެވެ. ދިރޭ އެއްޗެއްގެ ނިސްބަތުން
ބަލާއިރު، ދިރުމުގެ އާންމު މާނައަކީ، "އެ އެއްޗެއް
އުފަންވުމާއި މަރުވުމާ ދެމެދުގައި ހޭދަކުރާ މުއްދަތު"
ކަމަށް ބެލެވިފައި ވެއެވެ. ދުނިޔޭގައިވާ ތަފާތު
ބާވަތްބާވަތުގެ ދިރޭތަކެތި އުފެދިފައިވަނީ
ދިރުތަކަކުންނެވެ. ދިރަކީ، އޭގެ ހަށިގަނޑު ބިނާކޮށްދޭ
އެންމެ ކުޑަ އެތިކޮޅެވެ. ދިރޭ އެއްޗެއްގެ ހަށިގަނޑު
ބިނާވެގެންދަނީ، ދިރު ސިލްސިލާކޮށް ބައިބައިވެ،
އުފެދިގެންދާ ދިރުތަކުންނެވެ.
ދިރުން އުފެދޭ މަރްޙަލާތައް ކީރިތި ޤުރުއާނުގައި
ބަޔާންކުރައްވާފައި ވެ އެވެ. އަލްމުއުމިނޫން ސޫރަތުގެ 12
ވަނަ އާހަތުން ފެށިގެން އެ ސޫރަތުގެ 14 ވަނަ އާޔަތުގެ
ނިޔަލަށެވެ. ދިރުން އުފެދޭ މަރްޙަލާތައް އެ އާޔަތްތަކުން
ވަރަށް ސާފުކޮށް އޮޅުންފިލަ އެވެ. ޚާއްޞަކޮށް، މާތް ﷲ،
އިންސާނާ ހެއްދެވި މަރްޙަލާތަކެވެ.
މާތް ﷲ، ދިރުމުގެ ސިއްރު ލައްވާފައިވަނީ، ދިރުގެ
މަރުކަޒުގައި ލައްވާފައިވާ ހިމަދިގު ފީތާފަށެއްގެ ތެރޭގައި
ކަން ހޯދިފައި ވެ އެވެ. ހޮޅިބުރަށް ބައްޓަންކުރައްވާފައިވާ
އެ ފީތާފަށަށް ކިޔަނީ، ޑީއެންއޭ (DNA) އެވެ. ދިރޭތަކެތީގެ
ހަށިގަނޑުގެ ސިފަތައް ފުރޭފުކުރައްވާފައިވަނީ އޭގައެވެ.
އެއީ، ދިރުމުގެ ސިއްރުތަކުގެ ތެރެއިން ހޯދުނު އެންމެ ބޮޑު
ސިއްރެވެ. އެއާބެހޭ ގޮތުން ހޯދިފައިވާ މަޢުލޫމާތުގެ
މައްޗަށް ނަޒަރު ހިންގައިލުމުން ހާމަވެގެންދަނީ، މާތް ﷲ ގެ
ކަށަކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ދުނިޔޭގައިވާ އެންމެ
މޮޅު ސިކުނޑިތަކުގެ އަހުލުވެރިންނާ ވެސް ނުބައްދަލު
މުޢުޖިޒާތެއްގެ ގޮތުގައި، އެކަލާނގެ ދިރުން ލައްވާފައިވާ
ކަމެވެ.
ޚާލިޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާ
އެވެ!
<><><><><>
ބައެއް ލަފުޒުގެ މާނަ:
މުރައްކަބު: އެކުވެގެންވާ ބައިތައް.
ފުރޭފު: ލިޔާލިޔުން.