މޮޔަމީހާ އާއި، ޚަލީފާ ހާރޫނުއްރަޝީދު
ބަހުލޫލަކީ، ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި އުޅުނު
މޮޔަމީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ، މޮޔަމީހުންގެ
ތެރެއިން ބުއްދިވެރި މީހެއްގެ ގޮތުގައެވެ. އެކަން
ބަޔާންކޮށްދޭ މުޙާވަރާއެއް އޭނާއާއި ޚަލީފާ ހާރޫނުއްރަޝީދާ
ދެމެދުގައި ހިނގާފައިވެއެވެ. އެ މުޙާވަރާގެ ވާހަކަ
ކިޔައިއުޅެނީ މިދަންނަވާ ފަދައިންނެވެ.
އެއްދުވަހަކު ޚަލީފާ ހާރޫނުއްރަޝީދު ރަށުތެރެ
ބައްލަވައިލައްވަމުން ވަޑައިގަންނަވަނިކޮށް،
ޤަބުރުސްތާނެއްގެ ތެރޭގައި ބަހުލޫލު އިންދާ
ފެނިވަޑައިގަތެވެ. ދެން ބަހުލޫލަށް ގޮވައިލައްވާފައި
ޚަލީފާ ވިދާޅުވިއެވެ.
"އޭ ބަހުލޫލެވެ! ތިބާ ހޭބުއްދި ޖެހޭނީ ކޮންދުވަހަކުން
ހެއްޔެވެ؟"
ޚަލީފާ މިހެން ވިދާޅުވުމުން ބަހުލޫލު އިންތަނުން
ތެދުވެގެން ދުވެފައިގޮސް އެތާހުރި އެންމެ ދިގު ގަހުގެ
ކުރިއަށް އަރައިއޮވެ، އޭނާއަށް ގޮވައިލެވޭ އެންމެ
ހަރުއަޑުން ގޮވާލާފައި ބުންޏެވެ.
"އޭ ހާރޫނު މޮޔަމީހާއެވެ! ތިބާ ހޭބުއްދި ޖެހޭނީ ކޮން
ދުވަހަކުން ހެއްޔެވެ؟"
ދެން ޚަލީފާ ހާރޫނުއްރަޝީދު އެ ގަސްދަށަށް ވަޑައިގެން،
ބަހުލޫލަށް ގޮވައިލައްވާފައި ވިދާޅުވިއެވެ.
"މޮޔަމީހަކީ ތިމަންމަނިކުފާނު ހެއްޔެވެ؟ ނުވަތަ
ގަބުރުސްތާނުގައި ދިރިއުޅޭ ތިބާ ހެއްޔެވެ؟"
ބަހުލޫލު ބުންޏެވެ.
"ތިމަންނާއަކީ، ހޭބުއްދި ސަލާމަތުންހުރި
ޙިކުމަތްތެރިއަކީމެވެ."
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"ތިބާއަކީ ހޭބުއްދި ސަލާމަތުންހުރި ޙިކުމަތްތެރިއެއް
ކަމުގައި ވާނީ ކިހިނަކުން ހެއްޔެވެ؟"
ބަހުލޫލު ބުންޏެވެ.
"ޚަލީފާ ހާރޫނުއްރަޝީދުގެ ގަނޑުވަރަކީ، ފަނާވެގެންދާނެ
ތަނެއްކަން ތިމަންނާއަށް ކަށަވަރުވެއެވެ. އަދި ފަނާވެގެން
ނުދާނެތަނަކީ، ޤަބުރުސްތާނުގެ ތެރެއިން ލާފައިދެވޭ
އާޚިރަތުގެ ގޮވަތިކަން ވެސް ތިމަންނާއަށް ޔަޤީންވެއެވެ.
މިހެންވެ، ތިމަންނާ ދިރިއުޅެނީ ގަނޑުވަރު ބިނާކުރުމެއް
ނެތި ޤަބުރުސްތާނުގައެވެ. މިއާ ޚިލާފަށް ތިބާ ދިރިއުޅެނީ
ޤަބުރުސްތާނުގެ މަތިން ހަނދާން ނެއްތައިލައިފައި،
ގަނޑުވަރު ބިނާކޮށްގެން އެތަނުގެ އުފަލާއި އަރާމުގެ
ހުވަފެންތަކުގެ ތެރޭގައެވެ. ގަނޑުވަރުގެ ދިރިއުޅުން
ދޫކޮށްފައި، ގަބުރުސްތާނުގައި ދިރިއުޅުމަކީ ތިބާ ކުރާނެ
ކަމެއް ނޫނެވެ. އެހެނަސް އާޚިރުގައި ތިބާވެސް ދާންޖެހޭނެ
ތަނަކީ، ހަމަ ޤަބުރުސްތާނެވެ! ވީއިރު، މޮޔަމީހަކީ
ގަނޑުވަރުގެ ލައްޒަތާއި އަރާމުގެ ހުވަފެންތަކުގެ ތެރޭގައި
ދިރިއުޅޭ ތިބާ ހެއްޔެވެ؟ ނުވަތަ އުޚުރަވީ ދުނިޔެއަށް
އެދިގެން ގަބުރުސްތާނުގައި ދިރިއުޅޭ ތިމަންނާ ހެއްޔެވެ؟"
ބަހުލޫލުގެ މިވާހަކަތައް އަޑުއިވިވަޑައިގަތުމުން، ޚަލީފާ
ހާރޫނުއްރަޝީދުގެ ހިތްޕުޅަށް ވަރަށް ފުން އަސަރު ކުރިއެވެ!
ތުނބުޅިފުޅު ތެމިއްޖައުމަށްދާންދެން އެދުވަހު،
އެމަނިކުފާނު ކީރިތިކުރެއްވިއެވެ. އަދި ބަހުލޫލާ
މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.
"ބަހުލޫލެވެ! ތިބާ ދެއްކި އެއްވެސް ވާހަކައެއްގައި ދޮގެއް
ނެތެވެ! ބަހުލޫލެވެ! އަދިވެސް އިތުރަށް، ތިބާގެ
ޙިކުމަތްތެރި ބުއްދިން ތިމަންމަނިކުފާނަށް ނަސޭހަތްކޮޅެއް
ދީބަލާށެވެ!"
ބަހުލޫލު ބުންޏެވެ.
"އެއޮތީ މާތް ﷲ ބާވައިލެއްވި ފޮތެވެ. އެފޮތުގައިވާ
ނަސޭހަތާއި އިރުޝާދާ އެއްގޮތަށް ދިރިއުޅެން ދާށެވެ!"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"ތިމަންމަނިކުފާނުގެ އަރިހުން، ތިބާ އެދޭނެ އެއްވެސް
މުހުތާދެއް އެބައޮތް ހެއްޔެވެ؟"
ބަހުލޫލު ބުންޏެވެ.
"އާނއެކެވެ! ތިބާގެ ކިބައިން ތިމަން އެދޭނެ ތިންކަމެއް
އެބައޮތެވެ. އެ ތިންކަންތައް ކޮށްދީފިނަމަ، ތިބާއަށް
ތާރީފުކޮށް ޝުކުރުވެރިވާނަމެވެ!"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"ލަސްނުކޮށް އަވަހަށް އެދޭށެވެ!"
ބަހުލޫލު ބުންޏެވެ.
"ތިމަންނާގެ ފުރަތަމަ މުހުތާދަކީ، ތިބާ ތިމަންނާގެ ޢުމުރު
ދިގުކޮށްދިނުމެވެ!"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"ތިޔަކަމަކީ، ތިމަންމަނިކުފާނާ އަރާއަރަފޯދިގެންވާ ކަމެއް
ނޫނެވެ!"
ބަހުލޫލު ބުންޏެވެ.
"ތިމަންނާގެ ދެވަނަ މުހުތާދަކީ، މަލަކުލްމައުތުގެ ކިބައިން
ތިބާ ތިމަންނަ ސަލާމަތްކޮށްދިނުމެވެ!"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"ތިޔައީވެސް ތިމަންމަނިކުފާނާ އަރާއަރަފޯދިގެންވާ ކަމެއް
ނޫނެވެ!"
ބަހުލޫލު ބުންޏެވެ.
"ތިމަންނާގެ ތިންވަނަ މުހުތާދަކީ، ތިބާ ތިމަންނަ
ނަރަކައިން މުއްތިކޮށް ސުވަރުގެއަށް ވައްދައިދިނުމެވެ!"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"ތިޔައީވެސް ތިމަންމަނިކުފާނާ އަރާއަރަފޯދިގެންވާ ކަމެއް
ނޫނެވެ!"
އެހިނދު ބަހުލޫލު ބުންޏެވެ.
"ދަންނާށެވެ! ތިބާއަކީ، މީހެއްގެ މުހުތާދެއް
ފުއްދައިދެވޭނެ އާރާއިބާރު ލިބިގެންވާ ފަރާތެއް ނޫނެވެ!
މީހުންގެ މުހުތާދުތައް ފުއްދަވައިދެއްވާނެ ފަރާތަކީ،
ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ތިބާއަކީ،
އެކަލާނގެ ރަސްކަންފުޅަށް މަމްލޫކުވެގެންވާ ނިކަމެތި
އަޅެކެވެ! ތިޔަކަހަލަ އަޅެއްގެ ކިބައިން ތިމަންނާ
ބޭނުންވާނެ އެއްވެސް މުހުތާދެއް ނޯންނާނެއެވެ!!!"